16 ނޮވެމްބަރ 2022 - 10:52
ދުނިޔޭގެ އާބާދީ އިއްޔެ 8 ބިލިއަނަށް އަރާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
އެކަމާ ގުޅޭ ގޮތުން އދ. ގެ، އާބާދީގެ ކަންކަމާބެހޭ ޑިވިޝަންގެ ޑިރެކްޓަރު ޖޯން ވިލްމޮތު ވިދާޅުވީ އެއީ އިންސާނުންނަށް ލިބުނު ކުރިއެރުމެއް ކަމަށް ވިޔަސް، އާބާދީ އިތުރުވުމުގެ ސަބަބުން މުސްތަގުބަލުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުން ވެސް އެކަށީގެންވާ ކަމަށެވެ.
އާބާދީ އެންމެ ބޮޑަށް އިތުރުވެފައި ވަނީ އޭޝިއާގެ ގައުމުތަކުގަ އެވެ. އެ ގައުމުތަކުގައި 2011 ވަނަ އަހަރުން ފެށިގެން 700 މިލިއަން މީހުން އިތުރުވެފައިވާ ކަމަށް ދައްކަ އެވެ.
އިންޑިއާގެ އާބާދީއަށް 180 މިލިއަން މީހުން އިތުރުވެފައިވެ އެވެ. އދ. އިން ލަފާކުރާ ގޮތުގައި އަންނަ އަހަރު އިންޑިއާގެ އާބާދީ، ދުނިޔޭގައި މިހާރު އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ޗައިނާ އަށް ވުރެ ވެސް އިތުރުވާނެ އެވެ.
ޗައިނާގައި އުފަންވާ ކުދިންގެ އަދަދު މަދުވަނީ އެ ގައުމުން ގެންގުޅޭ "ވަން ޗައިލްޑް ޕޮލިސީ"ގެ ސަބަބުން ކަމަށް ބުނެ އެވެ. އުފަންވާ ރޭޓް އެންމެ ދަށް ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ޖަޕާން އަދި ޔޫރަޕްގެ ގައުމުތައް ހިމެނެ އެވެ.
އެފްރިކާ ބައްރުގެ އެންމެ ފަގީރު ގައުމުތަކުގައި ވެސް އާބާދީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އދ. އިން ބުނި ގޮތުގައި، ދުނިޔޭގެ އާބާދީ އިތުރުވަމުން އަންނަނީ އާއްމު ސިއްހަތު ރަނގަޅުވެ، ފައިދާ ހުރި ކާނާ އާއި ބޭސް ފަރުވާ ލިބި އަދި އަމިއްލަ ސާފުތާހިރުކަން ފަދަ ކަންކަމުގައި ވެސް އިންސާނުން ކުރިއެރުންތައް ހޯދަމުން އަންނާތީ ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ދަރިމައިވުމުގެ ސިއްހަތު ރަނގަޅުވެ، ހާއްސަކޮށް ފަގީރު ގައުމުތަކުގެ "ފާޓިލިޓީ ރޭޓް" މަތިވުމަކީ އާބާދީ އިތުރުވާ ސަބަބެއް ކަމަށެވެ.
އދ. އިން ލަފާކުރާ ގޮތުގައި 2030 އަށް ދާއިރު ދުނިޔޭގެ އާބާދީ 8.5 ބިލިއަނަށް އަރާނެ އެވެ. އަދި 2050 ވަނަ އަހަރު އާބާދީ 9.7 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ.
17 November 2022
އަހަރުމެންވެސް އެބަޖެހޭ ފަސް ހަދަރިން ހޯދުމުގެ ބަދަލުގައި އެމީހަކަށް މޭނޭޖު ކުރެވޭވަރަށް ދެތިން ކުދިންނަށް ތިރިކުރަން. މުޅި މާލޭ ސަރަހައްދަށް މީހުން ޖަމާމެ، މާލެ ތޮއްޖެހިފައިވާއިރު މާލެ މިހާރު ބަދަލުވެފައި ވަނީ ވާޓިކަލް ސިޓީއަކަށް. ކޮންމެ ގެއެއް 10 ބުރިއަށް ނެގެނުންދަނީ. ގެތައް ވަކިން ހަދަން ބޭނުންވާ މީހުން ދަރިންނަށް ބައިބައި ކުރުމުން ކުއްޖަކަށް ލިބެނީ އަލިފާން ފޮއްޓެއް.