ރިޕޯޓް / ޖިނާއީ އަދުލުގެ ނިޒާމު

ދެ ފިރިހެނުންގެ ހެކިބަސް ނެތް ނަމަ މަރުގެ އަދަބުން ރެކެވެނީ!

ހެއްކާބެހޭ އާ ގާނޫނު އޮތްގޮތުން ދެ ފިރިހެނުންގެ ހެކިބަސް ނުލިބޭ ނަމަ މަރުގެ އަދަބެއް ނުދެވޭނެ. މިއީ އެތައް ބަޔަކު މަރުގެ އަދަބުން ރެކެވިދާނެ ބަދަލެއް.

މީހަކު މަރާލި މައްސަލައެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ދެ ފިރިހެނުންގެ ހެކިބަސް ނެތްނަމަ މަރުގެ އަދަބު ނުދެވޭ ގޮތަށް ވަނީ ގާނޫނުގައި ހިމަނާފައި --- ފޮޓޯ/މިހާރު

ކުށުގެ ވެށި ބަދަލުވެ، މިހާރު މީހުން މަރަނީ ނުފެންނާހެން ރޭވިގެންނެވެ. މަދު ހާލަތެއްގައި މީހުންނަށް މަންޒަރު ފެނުނަސް، ހެކިބަސް ދޭކަށް ބޭނުމެއް ނުވެ އެވެ. އެ މީހުންނަށް ދައުލަތުން ރައްކާތެރި ކަމެއް ނުދެވޭތީ އެވެ. މަރުގެ އެތައް މައްސަލައެއް ސާބިތުނުވެ، ކުށްވެރިންތައް ދޫވެއްޖެ އެވެ.

މި ހާލަތުގައި ކުށުގެ ވެށި އޮއްވާ ދާދިފަހުން ވުޖޫދަށް ގެނައި ރާއްޖޭގެ އާ ހެއްކާބެހޭ ގާނޫނު އޮތީ މަރުގެ އެތައް މައްސަލައަކަށް އަސަރުކޮށް އަދި މަރުގެ އަދަބުން އެތައް ބަޔަކު ރެކެވޭ ގޮތަކަށެވެ.

ހެއްކާ ބެހޭ އާ ގާނޫނުގެ 140 ވަނަ މާއްދާގެ ނ. ގައި ބުނެފައިވަނީ ޒިނޭގެ ކުށް ފިޔަވައި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަރުގެ އަދަބު ދެވޭ ކުށެއް ދެން ސާބިތު ކުރެވޭނީ ހަމައެކަނި "ދެ ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތު ކުރެވޭ މީހާގެ އަމިއްލަ އިއުތިރާފުން" ކަމަށެވެ.

ދެ ފިރިހެނުންގެ ހެކިބަސް ނެތްނަމަ، އެ ގާނޫނު ބުނާގޮތުން ދެވޭނީ ގާނޫނީ އަދަބެކެވެ. މާނައަކީ މަރުގެ މައްސަލައެއްގައި ކިތަންމެ ވަރުގަދަ ވީޑިއޯ އާއި ފޮރެންސިކް ހެކި ހުއްޓަސް، މަންޒަރު ފެނުނު ދެ ފިރިހެނުން ނެތްނަމަ، އިސްލާމީ ޝަރީއަތުގެ ދަށުން ގާތިލަށް ދެވޭ މަރުގެ އަދަބު ދެނެއް ނުދެވޭނެ އެވެ.

ކުށުގެ މާހައުލު އޮތްގޮތުން މިއީ މަރުގެ އަދަބުން އެތައް ބަޔަކަށް ފަސޭހައިން ރެކޭނެ ބަދަލެކެވެ.

"އެ ބާވަތުގެ މައްސަލައެއް ސާބިތުކުރުން އެއީ މުސްތަހީލް ހާލަތެއްގައި އޮންނާނެ"

ސަބަބަކީ ދެ ފިރިހެނުންނަށް ނުފެންނާނެ ގޮތަށް ކުށްކުރުމުން ނުވަތަ ދެ ފިރިހެނުން ތިއްބަސް، އެ މީހުން ހެކިބަސް ކިރިޔާ ފުށުއެރިޔަސް، މަރުގެ އަދަބުން ސަލާމަތްވީ އެވެ. ދެން ގާނޫނީ އަދަބެއްގެ ގޮތުން 25 އަހަރަށް ޖަލަށް ލިޔަސް، ކޮންމެވެސް ނިޒާމެއްގެ ތެރެއިން މުޖްތަމައުގެ އެ މީހުން ދޫވާނެ އެވެ.

ދެ ހެކިންނަށް ފެނުން ލާޒިމްތަ؟

ކުށުގެ ވެށްޓަށް އައިސްފައިވާ ބަދަލުތަކާ އެކު މަންޒަރު ރަނގަޅަށް ފެންނަ އަދި ކޯޓުގައި ތެދަށް ހެކިބަސް ދޭނެ ހެކިން ހޯދުމަކީ ކަނޑަށް ވެއްޓޭ ފެން ތިއްކެއް ހޯދުން ފަދަ އުނދަގޫ ކަމަކަށްވެއްޖެ އެވެ. އެހެންވެ، މަރުގެ މައްސަލަތަކުގައި މިހާރު އެންމެ އިސްކަން ދެނީ ފޮރެންސިކް އަދި އެހެނިހެން ބާވަތުގެ ހެކިތަކަށެވެ.

މަރުގެ މައްސަލަތަކުގައި ފޮރެންސިކް ހެކި ފަދަ ގަރީނާތައް ބޭނުން ކުރެވޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން އެތައް މައްސަލައެއްގައި މިހާރު އޮތީ ނިންމައިފަ އެވެ. ބައެއް މައްސަލަތަކުގައި ކުށް ސާބިތުކުރަނީ ހަމައެކަނި ގަރީނާއަށް ރިއާޔަތްކޮށެވެ. އެކަމަކު ހެއްކާބެހޭ ގާނޫނުން ހުރިހާ ކަމެއް ނިމުމަކަށް އަންނާނެ އެވެ.

ހައި ކޯޓުގެ މަރުގެ އެތައް މައްސަލައެއް ބެއްލެވި ކުރީގެ ފަނޑިޔާރު އަލީ ސަމީރު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން މަންޒަރު ފެނުނު ދެ ހެކިން ނެތަސް، މަރުގެ ކުށްތައް އިސްލާމީ ޝަރީއަތުގެ ދަށުން ސާބިތު ކުރެވޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތުގައި ކަންކަން ސާބިތު ކުރަނީ ހަރުދަނާ ހެކިތަކަށް ބިނާކޮށެވެ. އެހެންވެ، ޒިނޭގެ ކުށް ފިޔަވައި އެހެން ކަމުގައި ވަކި ޖިންސެއް ނުވަތަ ވަކި އަދަދަކަށް ހެކިން ތިބުން ލާޒިމް ނޫން ކަމަށް އޭނާ ވިދާޅުވެ އެވެ.

"މިއީ އިސްލާމީ ޝަރީއަތުގައި އެކަން އޮތީ އެގޮތަށް ކަމަށް ވިސްނައިގެން ކުރި ކަމެއް ނަމަ އެއީ އެންމެ ރަނގަޅު މާނަ ކުރުމެއް ކަމުގައި ބުނެވޭކަށް ނެތެވެ." ހެއްކާބެހޭ ގާނޫނުގައި އެ މާއްދާއާ ގުޅިގެން ސަމީރު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ކްރައިމް ސީނަކުން ފުލުހުން ހެކި ހޯދަނީ --- ފޮޓޯ/މިހާރު

ހައި ކޯޓުން ވެސް ނިންމާފައި އޮތީ މަރުގެ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ވެސް ގަރީނާ ބޭނުން ކުރެވޭނެ ކަމަށެވެ.

"ގިސާސް ހުއްދަވާ މަރުގެ މައްސަލަތަކުގައި އަދި އެ ނޫން ވެސް މަރުގެ މައްސަލަތަކުގައި ގަތުއީ ގަރީނާއަކީ ސާބިތު ކުރުމުގެ ވަސީލަތެއް ކަމާއި އަދި ބައެއް ހާލަތްތަކުގައި އެއީ ދެ ހެކިންގެ ހެކިބަހަށް ވުރެ ވެސް ވަރުގަދަ ހެއްކެއް." މިދިޔަ އަހަރު ހައި ކޯޓުން އިއްވި މަރުގެ ހުކުމެއްގައި ބުނެފައިވެ އެވެ.

"ރާއްޖެއިން މި ގެނައި ބަދަލަކީ ހުރިހާ ޚިލާފްތަކުން އެކަހެރިވުން. އެއީ ހައްދު ގާއިމް ކުރުމުގައި ޝައްކުން ދުރުވާން ޖެހޭނެ ކަމަށް ބުނާ އަސާސްގެ ދަށުން"

އެންމެ ފަހު ބަސް ބުނާ ސުޕްރީމް ކޯޓުން ވެސް ނިންމާފައި އޮތީ އެގޮތަށެވެ. އެގޮތަށް ނިންމީ މީގެ 12 އަހަރު ކުރިން މާލޭގައި މަރާލުމަށްފަހު އެއްލާލާފައި އޮތް މަރިޔަމްގެ ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްސަލާގަ އެވެ.

އެއީ މަންޒަރު ފެނުނު އެއްވެސް ހެއްކަކު ނެތީސް، ގުޅުވާލެވޭ ގަރީނާއިން ކުށް ސާބިތުކުރި މައްސަލަ އެކެވެ.

"އިލްމުވެރިން ވިދާޅުވާ ގޮތުން ގަރީނާތަކަކީ ވަރުގަދަ އަދި ޔަގީނާ ގާތްކުރާ ގަރީނާއެއް ނަމަ މަރުގެ މައްސަލަތައް ގަރީނާގެ މައްޗަށް ރިއާޔަތްކޮށް ސާބިތު ކުރެވޭނެ." އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަހަރު ކުރެއްވި ހުކުމުގައިވެ އެވެ.

މަރުގެ އަދަބު ކަނޑައެޅުން ނާދިރު ކަމަކަށް!

މިއީ މިހާރު ކޯޓުތަކުގައި ހިނގަމުންދާ މަރުގެ އެތައް މައްސަލައަކަށް އަސަރުކޮށް، އެތައް ބަޔަކު މަރުގެ އަދަބުން ސަލާމަތްވުމުގެ ފުރުސަތު އޮތް ކަމެކެވެ. އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ވާރިސުން ބޭނުންވިޔަސް، މަރުގެ އަދަބު ކަނޑައެޅޭ މައްސަލަތައް ރާއްޖޭގައި ދެން ވަރަށް ބޮޑަށް މަދުވާނެ އެވެ.

ސަމީރު ލިޔުއްވާފައިވާ ގޮތުން މިއީ ޖިނާއީ އަދުލުގެ ނިޒާމުގައި ފަހަތަށް އެޅޭ ފިޔަވަޅެކެވެ. މިހާރު ކުށުގެ ވެށި އޮތްގޮތުން ދެ ފިިރިހެނުންގެ ހެކިބަސް ހޯދުމަކީ ދައުލަތަށް ނުއުފުލޭނެ ވަރުގެ ބޮޑު ބުރައަކަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އެ ބާވަތުގެ މައްސަލައެއް ސާބިތުކުރުން އެއީ މުސްތަހީލް ހާލަތެއްގައި އޮންނާނެ" އޭނާ ލިޔުއްވާފައިވެ އެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހެއްކާބެހޭ ގާނޫނުގައި ދެ ފިރިހެނުންގެ ހެކިބަސް އޮތުން ލާޒިމްކުރީ މަރުގެ އަދަބު ކަނޑައެޅުމުގައި އިލްމުވެރިންގެ މެދުގައި ހުރި ޚިލާފްތައް އެއް ފަރާތްކޮށް، ހަރުކަށި އުސޫލެއްގެ ތެރެއިން އެކަން ކުރުމަށެވެ.

"ޑީއެންއޭ ނުވަތަ ފޮރެންސިކް ހެއްކެއް ވިއްޔާ އޭގެ ކްރެޑިބިލިޓީއާ މެދު ސުވާލެއް އުފައްދާނެ އަބަދުވެސް."

"ގިސާސް (މަރަށް މަރު) ހިފުމުގައި ގަރީނާ ބޭނުން ކުރެވޭނެކަމާ މެދު އިސްލާމީ އިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް އެބަހުރި. އެހެންވީމަ ރާއްޖެއިން މި ގެނައި ބަދަލަކީ އެ ހުރިހާ ޚިލާފްތަކުން އެކަހެރިވުން. އެއީ ހައްދު ގާއިމް ކުރުމުގައި ޝައްކުން ދުރުވާން ޖެހޭނެ ކަމަށް ބުނާ އަސާސްގެ ދަށުން." އޭނާ ވިދާޅުވި އެވެ.

ހެއްކާބެހޭ އާ ގާނޫނު މިހާރު އޮތްގޮތުން ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅޭ މައްސަލަތައް ދެން ވަރަށް މަދު އުނދަގޫވާނެ ކަމަށް އޭނާ ވެސް އެއްބަސްވަޑައިގަންނަވަ އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހެދުމުން މަރުގެ އަދަބު ކަނޑައެޅޭ މިންވަރު މަދުވިޔަސް، ދެ ފިރިހެނުންގެ ހެކިބަސް ލިބޭ ހާލަތްތަކުގައި މަރުގެ އަދަބު ކަނޑައަޅަން ލާޒިމްވާނެ އެވެ.

"ކުރީގައި ޑީއެންއޭ ނުވަތަ ފޮރެންސިކް ހެއްކެއް ވިއްޔާ އޭގެ ކްރެޑިބިލިޓީއާ މެދު ސުވާލެއް އުފައްދާނެ އަބަދުވެސް. އެހެންވީމަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ޚިޔާލު ތަފާތުވެފައި އޮންނަނީ. މިހާރު މި ހެދި ގޮތުން، އަދުލުވެރި ދެ ފިރިހެނުންގެ ހެކިބަސް ލިބިއްޖެއްޔާމު ގިސާސް ހިފަން ހުކުމް ކުރަން ޖެހޭނެ. ލާޒިމްވީ އޭރުން." އެ ބޭފުޅާ ވިދާޅުވި އެވެ.

ގާނޫނަށް މި ބަދަލު ގެނައި ސަބަބު ސާފެއް ނޫނެވެ.

އަންހެނުންގެ ހެކިބަސް ގަބޫލެއް ނުވޭ!

މީގެކުރިން މަރުގެ އަދަބު ކަނޑައެޅި މައްސަލަތަކުގައި އަންހެނުންގެ ހެކިބަސް ކޯޓުތަކުން ގަބޫލު ކުރެ އެވެ. އަދި ހައި ކޯޓުން ވެސް އެގޮތަށް ނިންމާފައިވެ އެވެ.

"ވަކި ބާވަތެއް ނުވަތަ ވަކި ޖިންސެއްގެ ހެއްކަކަށް ނުވާތީ އެ ހެކިތަކަކީ ބަލައިގަނެވެން ނެތް ހެކިތަކެއް ކަމުގައި ކަނޑައެޅިގެން ދިއުމަކީ ގޯސް މާނަ ކުރުމެއް"

"ލޭގެ މައްސަލަތަކާއި ހައްދުގެ މައްސަލަތަކުގައި އަދި މުދަލުގެ މައްސަލަތަކުގައި ވެސް ހަމައެކަނި ދެ ފިރިހެނުންގެ ހެކިބަހަށް ބުރަވުމަކީ ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގޮތެއް ނޫން." ހުކުމުގައި ބުނެފައިވެ އެވެ.

އެކަމަކު ހެއްކާބެހޭ ގާނޫނު މިހާރު އޮތްގޮތުން މީހަކު މަރާލި މަންޒަރު އަންހެނުންނަށް ފެނުނަސް، އެ ހެކިބަސް ގަބޫލެއް ނުކުރެވޭނެ އެވެ. މަރުގެ އަދަބު ކަނޑައަޅަން ގަބޫލު ކުރެވޭނީ އެ ގާނޫނު އޮތްގޮތުން ފިރިހެނުންގެ ހެކިބަހެވެ. މިއީ ވެސް އެތައް މައްސަލައަކަށް އަސަރު ކުރާނެ ކަމެކެވެ.

މީހަކު މަރާލި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު

މިކަމާ ބެހޭގޮތުން ސަމީރު ލިޔުއްވާފައިވާ ގޮތުން ޒިނޭ ނޫން ކުށްތަކުގައި އަންހެނުންގެ ހެކިބަސް ގަބޫލު ކުރުމަކަށް އިސްލާމީ ޝަރީއަތުގައި ހުރަހެއް ނެތެވެ. އަދި އިސްލާމީ އިލްމުވެރިންގެ އަރިހުގައި ހެކީގެ މިންގަނޑު ކަނޑައެޅިގެން ދަނީ އެކަމެއްގެ ޒާތާއި ބާވަތުން ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

"ވަކި ބާވަތެއް ނުވަތަ ވަކި ޖިންސެއްގެ ހެއްކަކަށް ނުވާތީ އެ ހެކިތަކަކީ ބަލައިގަނެވެން ނެތް ހެކިތަކެއް ކަމުގައި ކަނޑައެޅިގެން ދިއުމަކީ ގޯސް މާނަ ކުރުމެކެވެ." އަލްއިމާމް އިބްނުލްގައްޔިމްގެ ލިޔުއްވުމަކާ ހަވާލާ ދެއްވައި، ސަމީރު ލިޔުއްވާފައިވެ އެވެ.

ސަމީރު ލިޔުއްވާފައިވާ ގޮތުން އަންހެނުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ބުނާ އިލްމުވެރިން ވެސް އިސްތިސްނާ ހާލަތުގައި އަންހެނުންގެ ހެކިބަސް ގަބޫލު ކުރެވޭނެ ކަމަށް ވިދާޅުވެ އެވެ. މިސާލަކަށް ހަމައެކަނި އަންހެނުން ތިބި ތަނެއްގައި ހިނގާ ހާދިސާތަކުގަ އެވެ.

"ކުޑަކުދިންގެ ހެކިބަހަކީ ބަލައިގަނެވެން ނެތް ހެކިން ކަމަށް ބުނާ ފަރާތްތަކުން ވެސް ކުޑަކުދިންގެ ތެރޭގައި ހިނގާ ކަންކަމަށް ކުޑަކުދިންނަށް ހެކިބަސް ދެވިދާނެ ކަމަށް ބުނެފައިވެ އެވެ." އެފަދަ އެހެން މިސާލެއްގެ ގޮތުން އޭނާ ލިޔުއްވާފައިވެ އެވެ.

އެކަމަކު ހެއްކާބެހޭ ގާނޫނު އޮތްގޮތުން ނަމަ، ހަމައެކަނި އަންހެނުން ތިބި ތަނެއްގައި މީހަކު މަރާލިޔަސް، މަންޒަރު ފެނުނު ދެ ފިރިހެނުން ނެތްނަމަ ކުށްވެރިޔާއަށް ދެވޭނީ ގާނޫނީ އަދަބެކެވެ.

ހެއްކާބެހޭ ގާނޫނުން ގެނައި މި ބަދަލަކީ މަރުގެ އަދަބު ކަނޑައެޅުމުގެ އުސޫލު ހަރުކަށިވެގެން ގޮސް އެތައް ބަޔަކު މަރުގެ އަދަބުން ރެކެވޭ ގޮތަކަށް އޮތް ބަދަލެކެވެ. ވަކި ޖިންސެއްގެ އަދި ވަކި އަދަދަދެއްގެ ބަޔަކަށް މަންޒަރު ނުފެންނަނީސް، މަރުގެ އަދަބު ނުދެވޭ ގޮތަށް އޮތުމަކީ އޭގެ ނާޖާއިޒް ފައިދާ ނަގާނެ ކަމެކެވެ.

62 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 8%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

hasan

24 November 2022

ހެޔޮ ވަރަށް ލިބާސް ފަހާ ނިންމާލީ !

The name is already taken The name is available. Register?

ތުމް

23 November 2022

އެހެންވީމައޭ ބުނަނީ މޭންމޭޑޭ؟

The name is already taken The name is available. Register?

ދެކޮޅު

23 November 2022

ދިވެހި ޒުވާނުން މިކަހަލަ ކަންތައްތަކާ އަދި ސަލަފިސޓުން، ވައްހާބީންނާ ދެކޮޅަށް އަޑު އުފުލާ ނިކުންނަން ޖެހޭ. މިގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް!

The name is already taken The name is available. Register?

އެސްޓީއޯސީ

23 November 2022

މަރުގެ މައްސަލައިގައި އަންހެނުންނަށް ހެކިބަސް ދެވިފަ ޒިނޭގެ މައްސަލައިގައ ނުދެވޭނެ ސަބަބެއް މަށަކަށް ހަމަ ނުވިސްނުނު.

The name is already taken The name is available. Register?

ހށނ

23 November 2022

ބުންޏޭ ބުންޏޭ ފެނުނޭ އަކީ ހެއްކަކަށް ނުވާނެ. ސަބަބަކީ އިންސާނާ ދައްކާވާހަކަތަކުގެ ނުވަދިހަޕަސެންޓަކީ އޭނަޔަށް އެދައްކާވާހަކަތަކުގެ ހަގިގަތް ނޭގޭވާހަކަ، ދެވަނަސަބަބަކީ އިންސާނާގެ އާންމު ބަސްމަގު ހުންނާނީ ތިމާހިތްއެދޭގޮތަށް ނުވަތަ ތިމާއަށް މަންފާހުރިގޮތަކަށް. އެނޫންގޮތަކަށް އިންސާނާ ވާހަކަ ނުދައްކާނެ. ތިޔަބާވަތުގެ ކަންކަމުގަޖެހޭނީ ފޮރެންސިކް ނުވަތަ އޮބްޖެކްޓިވް ހެކި ހޯދަން. ޒަމާނީ އަދުލުއިންސާފު އިންސާނާއަށް ބަރޯސާވަނީ ވަރަށްކުޑަމިންވަރަކަށް.

The name is already taken The name is available. Register?

ލޮލްް

12 January 2023

ދީނީ ގޮތުން ބަލާއިރު ލަވަ އަޑުއަހާ މީހާގެ ހެކިބަހަކީ އަދުލުވެރި ހެކިބަހަކަށް ނުވާނެ. ވީމާ މިގައުމުގެ 99 އިންސައްތަ މީހުންގެ ހެކި ބަސްވާނީ ރައްދު ކުރެވިގެންވާ ހެކިބަހެއް ކަމުގައެވެ.

The name is already taken The name is available. Register?

ލަދުވެތި

23 November 2022

ލަދުވެތި. ފިރިހެނުންނާ އަންހެނުންގެ ހެކިބަހުގެ ބަރުދަން ތަފާތު ވެގެން ނުވާނެ. ކޮބާ ހިއުމަން ރައިޓްސް ތަކާ ހުރިހާ ޖަމާއަތެއް؟ މިކަން މިގޮތަށް ކުރަން ޖާގަ ދީގެން ނުވާނެ. އަހަރުމެން މީ ސައުދީ އަރަބިއާ އެށ ނޫން.

The name is already taken The name is available. Register?

1206

24 November 2022

މުއާމަލާތުގެ މައްސަލަތަކުގައި ފިރިހެނަކުގެ ހެކި ބަސް ދެ އަންހެނުންގެ ހެކި ބަހާ، ޤުރުއާނުގެ ސާފު ސަރީޙަ ނައްސުން އެއް ފަދަ ކުރައްވާފައި ވުން، އެ ފަދަ މައްސަލަތަކުގައި އަންހެނުންގެ ހެކި ބަސް ފިރިހެނުންނާ އެއްފަދަ ނޫން ކަމުގެ އަލިގަދަ މިސާލެއް. ގަޒުފުގެ މައްސަލައިގައި ކަނޑައެޅިގެން ހަތަރު ފިރިހެނުން ހެކިބަސް ލާޒިމުކޮށްފައި އެބައޮތް. 4 ހެކި ނުގެނެވުނު ނަމަ، ލިޢާނުގެ މައްސަލަތައް އޮތީ ހުވައިން ނިންމަވާފައި. ދީން ރަނގަޅަށް ދަސްކުރޭ.

The name is already taken The name is available. Register?

1206

23 November 2022

އިސްލާމްދީނުގައި މަންޒަރު ދުށް މީހުންގެ ހެކި ބަހަށް ބިނާކޮށް ހުކުމް ކުރަނީ ވަރަށް މަތިވެރި އަސާސެއް އޭގައި އޮތީމާ. މިހާރު ޚިޔާލު ތިޔަ ހުރީ ހަގީގަތުގައި އިސްލާމްދީން ބަދުނާމުވާ ގޮތަށް. ހެކިން ހެކި ބަސް ދޭން ދެކޮޅު ހަދާ ވާހަކަ ބުނާ އިރު، އެ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލެއް ނުއުފައްދާ. ހެކިން ހެކި ބަސް ދިނުމަށް އެންމެ ޖެހިލުންވާ ސަބަބަކީ ޢަދުލު ތަންފީޒު ކުރާނެ ކަމާ މެދު ދައުލަތާއި ވަލިއްޔުލް އަމްރުގެ މައްޗަށް އިތުބާރު ނެތުން.

The name is already taken The name is available. Register?

އެސްއެލް

23 November 2022

މަގުމަތިން ދަނިކޮށް ތިމާ މީހާ ނޫނީ އާއިލާ މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ދީފާނެތީކީ ނޫން ދޯ؟ ގިނަ ކުށް ކުރަނީ މީހުންނަށް ނުފެންނަ ގޮތަށް.

The name is already taken The name is available. Register?

1206

24 November 2022

އިސްލާމްދީނުގައި ޝަރީއަތުގެ އަސްލަކީ އެއީ ބޭރުފުށަށް ފެންނަން ހުރި ކަންކަމަށް ކުރާ ހުކުމެއް. އެވަރުންވެސް އެއްވެސް ޙައްދެއް ގާއިމު ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްގެން. އެހެންވީމާ ކުޑަ ވެސް ޝައްކެއް އޮތް ނަމަ، މާތް ﷲ ކަނޑައަޅުއްވާފައިވާ ހައްދު ގާއިމު ނުކުރުން، އެ ހައްދު ގާއިމު ކުރުމަށް ވުރެ ހެޔޮކަން ބޮޑު ކަމަށް ކަނޑައަޅުއްވާފައިވޭ. އެއީ އިސްލާމީ އަދުލުގެ މަތިވެރިކަން. ހިސާބު މަޙްޝަރު އޮތް ކަމުގެ ހަނދުމައެއް.

The name is already taken The name is available. Register?

1206

24 November 2022

ކަން އޮތީ މި ބުނި ހެން ނަމަވެސް، އެ ހައްދު ޤާއިމު ނުކުރެވުން، އެއީ ހުރި ހެކީގެ ދަރަޖައިން އެ ނިސްބަތުގައި ކަނޑައެޅޭ ތައުޒީރިއްޔަ އަދަބެއް ނުދެވޭނެ ސަބަބެއް ނޫން. އެކަން އޮތީ އެހިނދެއްގައި މަގުބޫލު ވަނިވި މުސްލިމުންގެ މަސްލަހަތަށް ނިޔާކުރުމުގެ ހައްގު ވަލިއްޔުލް އަމްރަށް ނުވަތަ ޝަރުޢީ ނިޒާމަށް ދޫކޮށްލެވިފައި. އެއީ އެހިނދަކަށް ފެންނަ އެކަށޭނެ ބަދަލު ގެނެވޭނެ ގޮތަށް. ޒަމާނާއި މަކާންތަކަށް ފެތޭ ދީނަކަށް އިސްލާމްދީން ވެފައި ވަނީ މި ސަބަބަށްޓަކައި.

The name is already taken The name is available. Register?

ބޯރަނި

23 November 2022

ސަލަފިސްޓު ވިސްނުން. އަންހެނުންގެ ލޮލަށް ފެންނަ ކަމަކަށް ނުވޭ.

The name is already taken The name is available. Register?

ވަކަފޫޅު

25 November 2022

އެންމެމާތް މީހަކީ މަންމައޭ ބުނާއަޑުއިވޭ. ތެދެއްބާ؟

The name is already taken The name is available. Register?

ބޯމިރުސް

23 November 2022

އަންހެނުންގެ ލޯ ތައް ކަޑައީ ތާ އެވެ. ކަލަ ބުލައިންޑު ފިިރިހެނުން އެކަމަކު ގިނައީ. ޖޯކަކަށް މިވަނީ ޝަރިއާ ތަ ގާނޫނު ތަ.

The name is already taken The name is available. Register?

ކެމެރާ

23 November 2022

ފޯނުތަކާ އެހެނިހެން ޒާތުގެ ކެމެރާ ހަދާ ކުންފުނިތަކަށް އެބަ އަންގަންޖެހޭ އެ ކެމެރާތަކުން ރެކޯޑްވަނީ އަސްލެއް ނޫންކަން. އެއީ އެއްވެސް ފެންވަރެއް ނެތް އެއްޗެހިކަން. އެއިން ފެންނަ މީހުންނަކީ މީހުންނެއް ނޫންކަން. މިހާރު ދުނިޔޭގަ ފެންނަމުން އެދަނީ ހުސް ފޭކްވީޑިއޯކަން. މިގައުމުގެ ކޯޓަކަށް ކަމުދާ ކަހަލަ ވީޑޯއޯ ކުރެވޭ ކެމެރާއެއް ނޭނގެ ދުނިޔޭގަ ހެދޭނެކަމެއް. ސާފު ވީޑިއޯއަކުން އެއަމަލު ކުރަނިކޮށް ފެންނަ ތަން 100 ލޮލުން ބެލިއަސް 2 ފިރިހެނުން ހަމައެއްނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454