ހުޅުމާލޭގެ ބިމެއް: މާލެ ސަރަހައްދުން މާލޭ މީހުންނަށް ބިން ދޭން ހެދި އުސޫލުގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނޭ --- ފޮޓޯ/މިހާރު
24 ނޮވެމްބަރ 2022 - 16:57
މާލެ ސަރަހައްދުން މާލޭގެ މީހުންނަށް ގޯތި ދޫކުރުމުގެ އުސޫލު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ފުރަތަމަ މަރުހަލާގައި އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ، އެ މައްސަލަ ބޭރުކޮށްލަން ދައުލަތުން މިއަދު އެދެފި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމާ ބެހޭގޮތުން ހައުސިން މިނިސްޓްރީން އެކުލަވާލި އުސޫލުގައި މާލޭގެ ރައްޔިތުންގެ ކަމުގައި ބަލާނެ މިންގަނޑު ބާތިލު ކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ވަކީލު ހުސައިން ޝިހާދާއި ހަސަން ފަލާހެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުގައި މިއަދުން ފެށުމާ އެކު، އެޓާނީ ޖެނެރަލްގެ އޮފީހުން އިޖުރާއީ ނުކުތާއެއް ނެގީ އެއީ ދުސްތޫރީ މައްސަލައަކަށް ނުވާތީ ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެވެ.
ދައުލަތުން ބުނި ގޮތުގައި ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ބާތިލުކުރަން ހުށަހަޅާ މައްސަލަތައް ކަމަށް ވާއިރު، ގޯތި ދޫކުރުމުގެ އުސޫލަކީ ގަވާއިދުގެ ބައެއް ނޫނެވެ. އެއީ ގޯތި ދޫކުރުމަށް ކުރި އިއުލާނުގެ ބަޔަކަށް ވާތީ އެއީ އިދާރާއަކުން ނިންމި ނިންމުމެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުގެ ވަކީލުން ހައި ކޯޓުގައި މިއަދު ވާހަކަ ދައްކަނީ
ފަލާހް ވިދާޅުވީ އެއީ ހައުސިން މިނިސްޓްރީން ހެދި ގަވާއިދެއްގެ ދަށުން އެކުލަވާލި އުސޫލެއް ކަމަށް ވާއިރު، އެ މައްސަލަ ދުސްތޫރީ މައްސަލައިގެ މާނައިގެ ތެރެއަށް ވަންނާނެ ކަމަށެވެ. ދައުލަތުގެ އިދާރާތަކުން ނިންމާ ނިންމުންތައް ވެސް ދުސްތޫރީ މައްސަލާގެ ތެރެއަށް ވަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ އިއުލާނެއްގެ ބައެއް ކަމަށް ދައުލަތުން ބުނާތީ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވީ ގޯތި ދޫކުރުމުގެ ޝަރުތެއް އިއުލާނަކުން ކަނޑައަޅަނީ ކިހިނެއްތޯ ވިދާޅުވެ އެވެ. ފަލާހް ވެސް ވިދާޅުވީ އިއުލާނަކީ ޝަރުތު ކަނޑައަޅާ އެއްޗެއް ނޫން ކަމަށެވެ.
ދައުލަތުން ބުނީ ގޯތި ދޫކުރަން އިއުލާން ކުރާއިރު އިތުރު ޝަރުތުތަކެއް ކަނޑައެޅުމުގެ ބާރު ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ ދަށުން އޮންނަ ކަމަށެވެ.
އިތުރު ޝަރުތު ކަނޑައަޅާނީ ގަވާއިދުގެ ދަށުން ކަމަށްވާ ނަމަ، އެ ޝަރުތުތައް ގަވާއިދުގެ ބަޔަކަށް ނުވަނީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ އެ ހާލަތުގައި އެ ޝަރުތެއް ބާތިލް ކުރެވޭނީ ދަށު ކޯޓަކުން ކަމަށެވެ.
އެ މައްސަލާގައި ދެން އޮންނާނީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމާ މެދު ގޮތެއް ނިންމުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލާގައި ވަގުތީ އަމުރަކަށް އެދުނުއިރު، ލިޔުމުގެ ކުށެއް އޮތުމުން ފަނޑިޔާރުން ނިންމެވީ އަމުރާ މެދު މިހާރު ގޮތެއް ނުނިންމޭނެ ކަމަށެވެ.
މި މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ. އެއީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞބކނބހ
28 November 2022
ދިވެހިރާއްޖޭގަ ހުރި އެންމެ އަގުބޮޑުބިން ވަކި ރަށަކަށް ނިސްބަތްވީތީ ހިލޭލިބުމަކީ ނާއިންސާފެއް. ރާއްޖޭގެ އެހެން ރަށަކަށް ނިސްބަތްވުމަކީ ކުށެއްނޫން ތަފާތުކުރަންޖެހޭ ސަބަބެއްވެސްނޫން.
މާކަށް އުދަގުލެއް ނޫން
27 November 2022
މަޖިލީހަށް ބިލް އިސްލާހެއް ވައްދާ ޤާނޫނުގަ މިހާރު އޮތް މާލެ ސަރަހައްދު މާއްދާ ބާތިލް ކޮށް މާލެ ސަރަހައްދުކަމުގައި ބަލަނީ މާލެ އެކަނި ކަމުގައި ފާސް ކުރީމާ މިއުޅޭ ހުރިހާ އަރައިރުން ވުމަކާ ގޯތި ގޯތި މުދާ ކުދިން ވެސް ހުއްޓާލަން ޖެހޭނީ
ޙަބީބު.
27 November 2022
މިފަހަރުވާނެ މާލޭ ހުރިހާމީހުންނައް ގޯތިދީ ނިންމާފަ އިދިކޮޅު މީހުންނައް ފިލާވަޅެއްދޭން އަމަލީގޮތުން ނަތީޖާދައްކަން
އުސްމާނުބެ
27 November 2022
ނިމޭއިރު މާލެ މީހާ މަރުވެގެން ދުވަސްކޮޅަކުން މޫދުގަ ވަޅުލާން ނުޖެހިއްގެޔާ ރަގަޅު ، ރަށުމީހާ ރަށުގައިވެސް ވަޅުލެވޭނެތާ .... ހިޔެއް ނުވޭ މީން ޒަމާނަކު ނިމެން އޮތް ކަމެއް ހެނެއް މީކީ ...
އޮނަރަބްލް އަފީފު ދީދީ
25 November 2022
ތިކަމުގައި ދައުލަތުގެ ޕްރޮސިކިއުޓަރ އަށް ހުރިމީހާއާއި އޭނާގެ އަންހެނުން އަދި އާއިލީ މީހުން ބިމަށް ކުރިމަތިލާފައިވާނަމަ ޕީޖީގެ މަސްލަހަތު ތިކަމުގައި އޮތްކަމަށް ބެލެވޭނެ. # އެހެންކަމަށްވާނަމަ ކ.އަތޮޅު ފަޅެއް ހިއްކަން ދައުލަތުން އެތައް ސަތޭކަ ބިލިޔަން ޑޮލަރު ހޭދަކުރި ބިން މާލޭމީހުނަށް ޙާއްސަކޮށްގެން އެރަށު މީހުނަށް ލިބެންޖެހޭގޮތަށް ކޯޓްގައި ވަކާލާތު ކުރުމުގެ ޙައްޤު އޭނާއަށް އޮންނާނެތޯ.؟؟
ބަކުންބޭ
25 November 2022
އާޒިމާ ބުނާ ފަދައިން މިއީ ނަލް އެންޑް ވޮއިޑް އެބް އިނިޝިއޯ ވަކިބަޔަޔަކަށް ބިން އަތުލުމަށް އަސްލަމް ހިންގާ އުފެދުމަގަވެސް ބާޠިލް ޕްރޮޖެކްޓެއް. 15 މިލިއަން ރުފިޔާގެ ބިމެއް އަމިއްލަ މީހަކަށް ދިނުމަކީ ދައުލަތް ކޮމްޕްރޮމައިޒްކުރުން. އެއީ މީހަކަށް 15 މިލިއަން ރުފިޔާގެ ޗެކެއް ދިނުނަ ފަދަ ކަމެއް. ވަކި ތަނަކަށް އުފަންވީތީ ތިގޮތަށް ބިމެއް ނުދެވޭނެ. މި ބުނީ ނުދެވޭނެޔޭ. ތިއީ ދިވެހި އެންމެހާ ރައްޔިތުންގެ ބިމެކޭ ތީ.
ޢަރުތަ
25 November 2022
މާލޭ ބޭފުޅުންނަށް މާލެ ސަރަހައްދުން ބިން ދޫކުރަން ނިންމި ހިސާބުން މިއޮތީ ވަރަށް ބޮޑު ތަނުން ގޯސްވެފަތާ، މާލެ ނޫން ރަށްރަށުން އަތޮޅުތެރޭ ބޭފުޅުންނަށް ބިންދޫކުރިއަސް އެއްވެސް މައްސަލައަކަށް މިހާތަނަށް ނުވީ ކީއްވެބާ! މާލޭގަ ހެންވޭރުން ގޮސް މާފަންނަށް މާލެ ނޫން ރަށްރަށުގެ ބޭފުޅުންނަށް އެތަކެއް ބައިވަރު ގޯތި ދީފަހުރީ ކޮން އުސޫލަކުންބާ! އެކަމާ ބަހެއް ބުނަން ކެރޭނެ އެއްވެސް މީހަކު ނެތް، ކީއްވެބާ!
ހިޕޮކުރޭޓް
27 November 2022
މާލެ ނޫންތަނެއް ތަރައްގީ ނުކޮށް އޮތް އޮތުން އޯކޭ. ދައުލަތުގެ ބަޖެޓް 95% މާލެ ސަރަހައްދު އޯކޭ.. މިހެން ކަން ކުރީމާ ރާއްޖޭގެ އެހެންތަން ތާ ބިމަކީ މީހަކު އަގެއް ހުރި އެއްޗަކަށް ނުވުމުން އެޔާ ހިފާނެ ބަޔަކު ނުވީއެވެ. މި ތަޢުލީމީ ކޮންސެޕްޓް ނުވިސްނޭނެ އަބަދު ކުލި ލާރިން އަރާމުގަ އުޅުން ބަޔަކަށް
ނާޑުވާ
25 November 2022
ކުޑައިރު ބުނާނެ ހުވަދު އަތޮޅު މީހަކާ ވައިވެސް އެޅެކަށް ނުވާނެޔޭ. މާލޭ ރައްޔިތުން މާލޭން ފައިބާފަ ދާންދޫ ރައްޔިތުންނަށް މާލެ ދޭން ހުށަނޭޅިކަން ރަނގަޅު.
އުފެދުމުގައިވެސްބާޠިލު
25 November 2022
ގާނޫނެއް ހެދޭނީ ގާނޫނު އަސާސީއިން ބާރުލިބިގެން އަދި ގަވައިދެއް ހެދޭނީ ގާނޫނަކުން ބާރުލިބިގެން އަދި އުސޫލެއް ހެދޭނީ ގަވައިދަކުން ބާރުލިބިގެން. އެއާއި ޚިލާފު ކޮންމެ އެއްޗަކީ ބާޠިލު އެއްޗެއް. ޔައުނީ ދީނާއި، ގާނޫނު އަސާސީއާއި ޚިލާފު ކޮންމެ އެއްޗަކީ ބާޠިލު އެއްޗެކޭ. ވީމާ ތަނަކުހުރި ވަޒީރަކު، އުތުރަކަސް ދެކުނަކަސް މާލޭ ބޮޑުމީހާއަށް ވިޔަސް، ހިތުހުރި ގޮތަކަށް ކަންކަން ނުކުރެވޭނެޔޭ
ވާންޗޯސް
24 November 2022
ދައުލަތުގަ ތިބީ މާލޭ ބޭފުޅުން. އެހެންވީމަ އެބޭފުޅުން ބޭނުންވާގޮތް އެބުނީ. މިނޫން ގޮތެއް ހޯދަން މަސައްކަތް ކުރަން އެހެން ހުރިހާ ރަށްތަކުގެ ރައްޔިތުންން އުޅެންވީ. ގާނޫނުގަ ސާފުކޮށް ބުނާއިރުވެސް 40+ ބިލިއަން ރުފިޔާގެ ބިން އެއޮށް ދިރުވާލަނީ. އަޅުވެތިކަމުން ސަލާމަތް ވަމާ
ހައި ސެންސް ޓިވީ އައް ވިކޭނެ!
24 November 2022
އެހެންނޫނަސް އެމީހުން ބަލާނީ، ވަލުދޮރާށިން މިލިއަން ޑޮލަރު ވަންނާނެ ކަހަލަ މައްސަލަ ތައް. ތި މައްސަލަ ލިޔަސް، 20 އަހަރު ކުރިން ތި ބަލާވެސް ނުލާނެ!