މިދިޔަ ހަފުތާގައި ފެނުނު ލަންކާގެ މަސްބޯޓު ހއ. އުލިގަމު ބަނދަރުގައި: ގެއްލިގެން ހޯދަމުން ދިޔަ ލަންކާގެ އެހެން މަސްބޯޓެއް މިއަދު ވަނީ ފެނިފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
12 ޖެނުއަރީ 2017 - 09:30
ގެއްލިގެން ހޯދަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ހދ. މަކުނުދޫ ބޭރުން ފެނިފައިވާ ކަމަށާއި އޭގައި ތިބި ހަތަރު މީހުންގެ ތެރޭން އެކަކުގެ ހާލު ދެރަ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ މަސްބޯޓު ހޯދަން ލަންކާ ސަރުކާރުން ރާއްޖޭގެ އެހީތެރިކަމަށް މިދިޔަ ހޯމަ ދުވަހު އެދުމުން، ކޯސްޓްގާޑުން ފެށި މަސައްކަތުގައި އެ ބޯޓު ފެނުނީ ރޭ ފަތިހު 3:00 ހާއިރު އެވެ. މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުން އޮޔާދަނިކޮށް އެ ބޯޓު ފެނުނީ، އެމްއެންޑީއެފް އިން ބުނި ގޮތުގައި، ކޯސްޓްގާޑުގެ އުޅަނދު ހުރަވީ އަށެވެ.
"މި ބޯޓު ފެނުނުއިރު އޭގައި ހަތަރު މީހުން ތިއްބެވެ. އޭގެ ތެރޭން އެކަކުގެ ހާލު ދެރަ ނަމަވެސް، ދެން ތިބި ތިން މީހުންގެ ހާލު ރަނގަޅެވެ،" ބަޔާނުގައިވެ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ބޯޓު ހދ. ކުޅުދުއްފުއްޓަށް ގެންދިއުމަށް ކޯސްޓްގާޑު ޝިޕް ހުރަވީން ދަނީ މިހާރު ދަތުރުކުރަމުންނެވެ. ކުޅުދުއްފުށީ ބަނދަރަށް ވަދެވޭވަރު ވާނެ ކަމަށް ލަފާކުރެވެނީ މިރޭ 11:00 ހާއިރު ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ލަންކާގެ އެހެން މަސްބޯޓެއް ހއ. ތުރާކުނުގެ ބޭރުން އޮޔާދަނިކޮށް ވެސް މިދިޔަ ހަފުތާގައި ފެނިފައިވެ އެވެ. ދެ މީހުންނާ އެކު ފެނުނު އެ ބޯޓުގައި ތިބި އިތުރު ހަތަރު މީހަކު ގެއްލިފައިވާ ކަމަށާއި އެ މީހުން ހޯދަން ރާއްޖޭގެ އެހީތެރިކަމަށް އެދޭނެ ކަމަށް ލަންކާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން މިދިޔަ ހޯމަ ދުވަހު ބުންޏެވެ. ނަމަވެސް މިއީ މިއަދު ފެނުނު ބޯޓުގައި ތިބި ހަތަރު މީހުންގެ ވާހަކަ އެވެ. އޭރު އެހެން ބޯޓެއް ގެއްލިގެން އުޅޭ ކަމެއް މީޑިއާ އަކަށް ނޭނގެ އެވެ.
މިއަދު ފެނުނު ބޯޓު މަހަށް ނުކުތީ މިދިޔަ މަހުގެ 24 ގައި އެ ގައުމުގެ އިރުމަތީ އަވަށެއް ކަމަަށްވާ އޮލުވިލް އިންނެވެ. އެ ބޯޓުގައި ތިބީ އެ ސަރަހައްދުގެ ސިޓީއެއް ކަމަށްވާ ކަލްމުނާއީ އަށް ނިސްބަތްވާ މަސްވެރިން ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
12 January 2017
ނިމިގެން ދިޔަ އަހަރު އޮޔާ ލައްވާން ފެށީ ހުސް ކިބޫ ، މިފަހަރު ލަންކާ މަސްވެރިން ! މިވަނީ ކިހިނެއް ؟
ޙަސަން
12 January 2017
ކޯސްޓްގާޑުގެ މަސައްކަތް ރަނގަޅު. ކޮބާތަ ވާނުވާނޭގި ކޮމެންޓްކުރާ ފަރާތްތައް. ކޯސްޓްގާޑައް އިތުރު ވަސީލަތްތައް ހޯދައި ދިނުމަކީ ސާޗް އެންޑް ރެސްކިޔުގެ ޚިދުމަތް ރަނގސޅުވެ ރާއްޖެއައް ފައިދާކުރާނެ ކަމެއް
ނެޝަނަލިސްޓް.
12 January 2017
ރާއްޖެއަށް ބޭނުންވަނީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓޭ (ބޯޑަރ) ވަރުގެ ކޯސްޓްގާރޑްގެ ފުރިހަމަ ފްލީޓެއް. ހެލިކޮޕްޓަރާއި ސާރޗް އެންޑް ރެސްކިއު ކަނޑުގެ އުޅަނދުފަހަރު ހިމެނޭގޮތުން.
ނެޝަނަލިސްޓް
12 January 2017
ޙަޤީގަތަކީ މިބޯޓްތަކަކީ ރާއްޖޭގެ ސަރަޙައްދުން މަސްވެރިކަންކުރަން ނިކުންނަ ބޯޓްތައް. އެގޮތަށް ނިކުމެއުޅެނިކޮށް މާދުރަށް ދެވުމުން އެނބުރި ލަންކާއަށްދާނެހާ ތެޔޮނެތި ތެޔޮހުސްވެ ނުވަތަ އިންޖީނު މައްސަލަ ދިމާވެގެން ބޯޓް ހާލުގައި ޖެހެނީ. އެހިސާބުން ބޭނި މަސަތައް އަވަހަށް ކަނޑަށް އުކާލާފައި ބަޔަކު އެމީހުން ސަލާމަތްކުރޭތޯ ތިބެނީ. އިރވައި މޫސުމަކީ ރާއްޖޭގެ ސަރަހައްދުން މިގޮތަށް ހާލުގައި ޖެހޭ ލަންކާގެ މަސްބޯޓްތައް ގިނައިން ފެންނަދުވަސްވަރެއް.
ރޯނުއެދުރު
12 January 2017
ޙުރަވީ ގަ މަސަތްކަތްކުރާ ސެއިލަރުން މީހުން ހޯދުމުގެ އޮޕަރޭޝަން ކާމިޔާބު ކުރުމަށް ތިކުރި މަސަތްކަތަށް ސެލިއުޓް ކުރަން....މި ފަދަ އޮޕަރޭޝަން ހިންގުމުގަ އިތުރު ފަސޭހަތަކެއް ލިބުމަށްޓަކާ..ކޯސްޓްގާރޑް ފުލީޓަށް މަނަވަރެއް. ޙޯއްދެވިމަށް ސަރުކާރަށް ގޮވާލަން. .ކުރިޔަށް ދިވެހި ސިފައިން
އަލިދީދީއައްޑޫސިޓީ
12 January 2017
ލަންކާގެ މަސްބޯޓު ތައް އޮޔާ އެކު ރާއްޖެއަށް އަންނަ މޫސުމެއްގައި މިހާރަށްވުރެ ރަނގަޅަށް ކަނޑުގެ ސަރަހއްދު ބެލެހެއްޓުން ވަރަށް ވެސް މުހިންމު. 88 ނޮވެމްބަރ 3 ގެ ފަތިހުވެސް ލަންކާގެ މަސްބޯޓުތަކެއް އައީ.