ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގައި އަދި އެ އުޅަނދުގެ ވެރިފަރާތުން ހަތަރު ލައްކަ ރުފިޔާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭޕްރީލް 2018 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް އަތުލައިގަތީ ސްރީ ލަންކާގެ މަސް ބޯޓެކެވެ. އެ އުޅަނދުން ރާއްޖޭގެ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައި ވާތީ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށާއި އެ އުޅަނދު ދައުލަތަށް ނަގަން ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ އުޅަނދާއި އުޅަނދުގައި ބޭނުންކުރި ހުރިހާ ވަސީލަތްތައް ދައުލަތަށް ނެގުމާ އެކު، އެ އުޅަނދުގެ ވެރިފަރާތް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން އެ ފައިސާ ހަތް ދުވަސް ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.
މަސްވެރިކަމާ ބެހޭ ގާނޫނު ބުނާގޮތުން އެ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރާ އުޅަނދުތައް ދައުލަތަށް ނެގުމުގެ ބާރު އޮވެ އެވެ.
މީގެ ކުރިން ވެސް ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް އަތުލައިގެންފައިވެ އެވެ. ނަމަވެސް އެފަދަ އުޅަނދުތައް ދައުލަތަށް ނެގުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.