ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި މިހާރު އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރު
29 ނޮވެމްބަރ 2022 - 14:26
ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި، ކިންގް ސަލްމާން ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މާސްޓަ ޕްލޭން، އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ އިފްތިތާހް ކޮށްދެއްވައިފި އެވެ.
ސައޫދީ އަރަބިއްޔާގެ އިގްތިސާދާއި ތަރައްގީއާ ބެހޭ މަޖިލީހުގެ ރައީސް އަދި އެ ގައުމުގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުގެވެސް ރައީސް، މުހައްމަދު ބިން ސަލްމާން އިފްތިތާހްކޮށްދެއްވި މި މާސްޓަ ޕްލޭންގެ މައިގަނޑު އަމާޒަކީ، ބައިނަލްއަގުވާމީ ލޮޖިސްޓިކްގެ މައި މަރުކަޒަކަށް ރިޔާޒް ހެދުމެވެ. އަދި ބައިނަލްއަގުވާމީ ދަތުރުފަތުރާއި ސައޫދީ އަރަބިއްޔާގެ ވިޔަފާރި އާއި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަކީ ވެސް، މި މަޝްރޫއުގެ ވަރަށް މުހިންމު މަގްސަދެކެވެ.
އޭގެ އިތުރުން ދުނިޔޭގެ އިރުމަތީގައިވާ ގައުމުތަކާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ގުޅުވައިދޭނެ މައި ފާލަމަކަށް ރިޔާޒް ހެދުމަކީ ވެސް، މި މަޝްރޫއުގެ އަމާޒެއް ކަމަށް ސައޫދީން ބުނެ އެވެ. ކިންގް ސަލްމާން ވައިގެ ބަނދަރު ތަރައްގީކުރުމުގެ މި މަޝްރޫއަކީ، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ބައިނަލްއަގުވާމީ 10 ސަހަރުގެ ތެރޭގައި ރިޔާޒް ހިމެނުމަށް ސައޫދީން ކުރަމުން އަންނަ މަސައްކަތާ ވެސް ގުޅިފައިވާ މަޝްރޫއެކެވެ.
އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 10 ސަހަރުގެ ތެރޭގައި ރިޔާޒް ހިމެނުމުގެ އަމާޒަށް މަސައްކަތް ކުރާއިރު، 2030 ވަނަ އަހަރުގެ ނިޔަލަށް ރިޔާޒްގެ އާބާދީ 15-20 މިލިއަނަށް އިތުރު ކުރުމަކީ ވެސް ސައޫދީ އަރަބިއްޔާ ސަރުކާރުން ބޭނުންވާ ކަމެކެވެ.
Introducing King Salman International Airport.
— Public Investment Fund (@PIF_en) November 28, 2022
An aerotropolis centered around seamless passenger journeys, world-class efficient operations, and innovation.#KSIA#PIF pic.twitter.com/yNXbAizzFH
އިއްޔެ އިފްތިތާހް ކުރި މި މަޝްރޫއު ފުރިހަމަވާ އިރު، ކިންގް ސަލްމާން ވައިގެ ބަނދަރަކީ ޖާގައިގެ ގޮތުން ބަލާއިރު، އެންމެ ބޮޑު އެއް ވައިގެ ބަނދަރަށް ވާނެ އެވެ. އެ މަޝްރޫއު ނިމޭއިރު، އެ ވައިގެ ބަނދަރުގެ ޖާގައިގެ ބޮޑުމިނުގައި ގާތްގަނޑަކަށް 57 އަކަ ކިލޯމީޓަރު ހުންނާނެ އެވެ. އޭގެ އިތުރުން ވައިގެ ބަނދަރުގެ ޚިދުމަތްތަކާ ގުޅިފައިވާ، މުވައްޒަފުން ދިރިއުޅޭ އިމާރާތްތަކާއި ކުޅިވަރު އެކުވެނިތަކާއި ވިޔަފާރިއާއި ލޮޖިސްޓިކް ފަދަ ކަންކަމަށް އިތުރު 12 އަކަ ކިލޯމީޓަރުގެ ބިމެއް ކަނޑައެޅިފައި އޮންނާނެ އެވެ.
މިހާރު ބޭނުންކުރާ ކިންގް ޚާލިދު ޓާމިނަލްގެ އިމާރާތްތައް ވެސް ބަހައްޓައިގެން އިތުރު ޓާމިނަލްތައް ތަރައްގީކޮށް ނިންމާއިރު، އެ ވައިގެ ބަނދަރުގައި ޖުމްލަ ހަ ރަންވޭ އޮންނާނެ އެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާއިރު، 2030 ވަނަ އަހަރުގެ ނިޔަލަށް، އަހަރަކު 120 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރަށް ތަރައްގީ ކުރެވޭނެ އެވެ.
އޭގެ އިތުރުން 2050 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 185 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވި، 3.5 މިލިއަން ޓަނުގެ ކާގޯ އެތެރެކުރުމާއި ބޭރު ކުރުމުގެ ގާބިލުކަން، ކިންގް ސަލްމާން ވައިގެ ބަނދަރުގައި ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަބީބު.
29 November 2022
ސައޫދީ މިނަމަކީ އެމެރިކާއިން އުފެއްދި ގޮނޑިކޮއްކޮގެނަން
ނަންރީތި އަހައްމާދު
29 November 2022
2030 ވަނައަހަރުގެ ސައޫދީ އަންހެނުން ހެދުންއަޅާގޮތް ތިޔަ ޕްރެޒެންޓޭޝަނުން ފެނޭ! ހުޅަނގުގެ ފެޝަން ހުއްދަވީ. އިސްލާމީ ހިޖާބު އެއްލާލީ! އެކަމަކު އެންމެބޮޑު މުސްލިމު ދައުލަތް. ދުނިޔެއަށް ލޯ ހުޅުވާގޮތަކީ އެއީ؟؟
ހަސާނާ
29 November 2022
ޚަލެމެނޯ ޙީވާޚަހަލަ ދޯ