ރިލްވާނަށް އިންސާފު ހޯދައިދޭން ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ދައްތަ ޝެހެނާޒް އާއި މަންމަ އަޑު އުފުލަނީ: ކޮމިޝަނުން އިންސާފު ހޯދައިދިން މަސައްކަތްކުރާ ކަމަށް އާއިލާ އިން ގަބޫލުކުރާ ކަމަށް ޝެހެނާޒް ބުނޭ.
18 ޑިސެމްބަރ 2022 - 11:18
ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ކަރުބުރިކޮށްލައި ކަނޑު ފައްތާލި މީހުންގެ އިތުރަށް އޭނާއަށް ނުރައްކާ އޮތް ކަން އެނގި ތިބެ ފިޔަވަޅު ނާޅާއި އިހުމާލުވި އެންމެންނާއި މަރުވުމުން އެކަން ފޮރުވަން މަސައްކަތްކުރި އެންމެންނާ ދޭތެރޭގައި ވެސް އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
މީގެ 8 އަހަރު ކުރިން ވަގަށް ނެގި ރިލްވާނަށް ވީ ގޮތެއް ހޯދަން މި ސަރުކާރުގައި އުފެއްދި ކޮމިޝަނުގެ ތަހުގީގަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރިޕޯޓުގެ މުހިއްމުގެ ބައިތައް އާއްމުކޮށްފަ އެވެ. ކޮމިޝަނުން ބުނި ގޮތުގައި ރިލްވާނަށް ފާރަލާތާ އެތައް ދުވަހެއް ފަހުން ދިރިއުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންދިޔައީ ކަނޑު މައްޗަށެވެ.
ގިނަ ބަޔަކު ތިބި ކަންނެލި ދޯންޏެއްގައި އޭނާގެ ކަރު ބުރިކޮށްލައި ކަނޑު ފެއްތީ ކަމަށާއި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ހަ މީހަކު ސީރިއާ އަށް ގޮސްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އެކަމަކު އެ މީހުން މަރުވި ކަމެއް ރަސްމީ އިދާރާއަކުން ކަށަވަރެއް ނުވެ އެވެ.
ރިލްވާނަށް އިންޒާރުދިން ކަން އެނގޭ އިރު މުއައްސަސާތަކުން އަޅާނުލުމާއި އެކަން ފޮރުވައި ތުހުމަތު ކުރެވޭ މީހުންނަށް ހިމާޔަތްދޭން ދައުލަތުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިނގި ކަމަށް މަރު ކޮމިޝަނުން ބުންޏެވެ. އޭގެ ތެރޭގައި މަރުގެ އިންޒާރުދޭ ކަން އެނގި ތިބެ އަޅާނުލުމާއި ރިލްވާންގެ ފޯނު އިންޓަސެޕްޓް ކުރުމާއި އޭނާ ފުރައިގެން ދިޔައީ ކަމަށް ދައްކަން ފޭކު ޕާސްޕޯޓެއް ހަދައި މަރު ފޮރުވަން މަސައްކަތް ކުރި ބަޔަކު ހިމެނޭ ކަމަށް ކޮމިޝަނުން ބުންޏެވެ.
ރިލްވާންގެ ފޯނު އަޑު އެހުމަށް ނެރުނު ކޯޓު އަމުރުގައި އޮތީ އެ ހުއްދަ ދިނީ އޭނާގެ މައްޗަށް ކުރި ތުހުމަތަކާ ގުޅިގެން ކަމަށެވެ.
ރިލްވާން: އޭނާ ވަގަށް ނަގައި މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަ މީހަކު ފުރައިގެން ސީރިއާއަށް ދިޔަ ކަމަށް ކޮމިޝަނުން ބުނޭ.
ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން އާއިލާގެ ފަރާތުން ރިލްވާންގެ ދައްތަ، ފާތުމަތު ޝެހެނާޒް ބުނީ ރިލްވާނަށް އިންސާފު ހޯދައިދޭން ކޮމިޝަނުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އާއިލާ އިން ގަބޫލުކުރާ ކަމަށެވެ. ރިލްވާނަށް ފާރަލައި އަމަލީ ގޮތުން މަރުގައި ބައިވެރިވި ތިން މީހަކު ޖަލުގައި ތިބުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.
ރިލްވާންގެ މަރުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ މ. ލެގޫން، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް އާއި އަހުމަދު މުއާޒް (ގަޓް މުއާ) ގެ މައްޗަށެވެ.
ހ. ހިލްޓަން އަޒްލިފް ރައޫފް
ސ. މީދޫ, އިރާކް, މުހައްމަދު ހާމިދު
ސ. ހުޅުދޫ, އަތިރިއާގެ, މުހައްމަދު ސުއައިދު
ޏ. ފުވައްމުލައް ދަނޑިމަގު, ދަނޑު ފީށި އިސްމާއިލް ސަބީހް
ހއ. ދިއްދޫ ސޯސަނީގެ, އިބްރާހިމް ސޮލާހް
ތ. އޮމަދޫ ނަރުގިސްވިލާ, މުހައްމަދު މުނާޒް
ކޮމިޝަނުން ބުނި ގޮތުގައި ރިލްވާނަށް ނުރައްކާ އޮތް ކަން ސަމާލުކަމަށް އައިސްފައި އޮތުމުން ފުލުހުންނަށް އޭނާގެ މަރު ހުއްޓުވެން އޮތެވެ. އޭނާ ގެއްލުވާލި ފަހުން އެކަމުގައި ތުހުމަތު ކުރެވޭ މީހުން ސިޔާސީ ބޭފުޅުންގެ ނުފޫޒާ އެކު ކޯޓުތަކުން މިނިވަން ކޮށްފައިވާ ކަމުގެ ކަންބޮޑުވުން ކޮމިޝަނުގެ ރިޕޯޓުގައި ފާޅުކޮށްފައިވެ އެވެ.
ޝެހެނާޒް ބުނި ގޮތުގައި އެ މަރުގައި ފެންނަން އޮތް ވަށައިގެން ހުރި އިހުމާލުތައް ދޫކޮށްލާކަށް އާއިލާ އިން ނޭދެ އެވެ. އެކަން ނިޒާމުގެ ތެރޭގައި ވެސް އިތުރަށް ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުންޏެވެ.
"ރިޕޯޓް ރައީސަށް އެރުވުމާ ގުޅިގެން ރިޕޯޓްގައި ހުރި ކަންތައްތަކަށް ރިއާޔަތްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އުއްމީދުކުރަން،" އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އެދެނީ މި މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމައި އާއިލާ އަށް އިންސާފު ހޯދައިދިނުން."
މަރު ކޮމިޝަނުން ބުނެފައިވަނީ މާލޭގައި ހަރަކާތްތެރިވާ ހަރުކަށި ގޭންގުތަކަށް ނިސްބަތްވާ ބަޔަކު ގްރޫޕް ހަދައިގެން ނުކުމެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން ދިޔަ ބަޔަކަށް ބިރު ދައްކައި އިންޒާރުދީ އަނިޔާކުރިއިރު ޓާގެޓަކަށް ރިލްވާން ވެފައިވާ ކަމަށެވެ. އެކަން އޮތީ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ތަހުގީގާ ގުޅޭ ގޮތުން ކޮމިޝަނުން އާއްމުކުރީ ރިޕޯޓުގެ މުހިއްމު ބައިތަކެވެ. ޝަރީއަތަށް ހުރަސްއެޅިދާނެތީ މުޅި ރިޕޯޓް އާއްމެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީވާންް
19 December 2022
ދައްތައަަށް ކީއްވެގެންތޯ ކޮއްކޮ ގެއްލިގެން ހަފްތާއެއް ވީއިރުވެސް ގެއްލުނުކަން ނޭނގުނީ؟ ނޫނީ ގަސްތުގަ ފުލުހަށް ރިޕޯރޓް ނުކުރީތޯ؟ ކީއްވެގެންތޯ ކުށްވެރިންނަށް ހެކިފޮރުވަން ހަފްތާއެއް ދިނީ؟ އެއީވެސް އަދި ރިލްވާންގެ ފުރާނައަށް ނުރައްކާ އޮތްކަން އެނގި ތިބެ، އާއިލާއިން ވި އިހުމާލެއް ނޫންތޯ؟ ކޮންމެ އިންތިހާބަކާ ދިމާކޮށް އާއިލާއިން ތިޔަ ކުޅޭ ޑްރާމާ އެހާ އިޚްލާސްތެރިކަމަކަށް ގަބޫލެއް ނުކުރެވޭ.
އާބިދާގެ ބަޔާން
19 December 2022
ޝެހެނާޒަކީ ސިޔާސީ މީހެއް. ރިލްވާންގެ މަރުގެ ވާހަކަ ދައްކަނީ ހަމައެކަނި ކެމްޕޭނަށް. ތަހުގީގު ލަސްވެގެން އެވާހަކަ ދެއްކީމަ ބައްޕަ ގެއިން ބޭރުކޮށް މަގުމަތިކޮށްލީ. އަނެއްކާވެސް އިންތިހާބެއް ކައިރިވީމަ މަރުގެ ވާހަކަ. ކޮއްކޮއަށް އިންސާފު ބޭނުންވާކަން ހަނދާންވަނީ އިންތިހާބެއް ކައިރިވީމަތޯ؟ 100 ދުވަސްތެރޭ ނިންމަންބުނި ތަހުގީގު، އެއްވެސް ކަހަލަ ތަހުގީގުކުރުމުގެ އެކްސްޕީރިއަންސެއް ނެތް ބަޔަކު ލައިގެން 4 އަހަރަށްވުރެ ގިނަ ދުވަސްފަހުން ނިންމުމަކީ އިންސާފު؟
މުހައްމަދު 22
19 December 2022
މަގޭ ސުވާލަކީ ކިތައް ދިވެހިންތޯ ގެއްލިގެން ފަހުން މަރާލެވިފަވާކަން އެނގުނީ، ތި އާއިލާ ތިޔަ އުޅެނީ ކިހިނެއް ވެގެންތޯ؟ ތި ބޭފުޅުންނަކީ ރޯޔަލް ފެމިލިީ އެއްތޯ؟ ކޯޗެއް ހާސިލު ކުރަން ބޭނުންވެގެންތޯ ތިޔާ އުޅުއްވަނީ؟ އަހަރުމެނަކީވެސް ހަމަ ދިވެހިން ކަސޯޓީ ޑްރަމާ ކުޅެން ނޭނގުނަސް އެނގޭތޯ
ވަހީދުބެ
19 December 2022
ފިޔަވަޅު އަޅަން ގޮވާލާ މުޒާހަރާކުރަން ނުކުންނަމާ. ރިޔާސީ އިންތިޚާބު ނިމެންދެން ނުކުންނަންވާނެ ރީދޫ ބެނާ ހިފައިގެން
ސެހެޒާދީ ބަނޫ
19 December 2022
އެންމެން މަރުވެއްޖެޔޯ... އާއިލާވެސް ޑުރާމާ ... ކުރިން ރާއްޖެތެރޭ މީހަކާ އިނީޔޭ ކިޔާފައި ގެއިން ނެރެލީ... މިހާރު ތިވަނީ ގެރި ލޯބި
ޔާމީން އަބ
18 December 2022
ރިލްވާން ކުރިކަންކަން ކިޔާލަދީބަލަ ކޮންމެވެސް ކުއްޖެއް. އޭނައަށް ޙުކުމް ކުރަންޖެހޭ. މިހާރު އޮންނާނީ އިންސާފު ލިބިފަ ކަމަށް މި ބަލަނީ
ފަލަސްތީން
18 December 2022
މި ކަމަމުގަ އަޑީގަ މުޅިންވެސް ތިބީ އެމްޑީޕީ މުޒާހަރާތަކުން ފެންނަމީހުން.
ޢެމެރިކާ
18 December 2022
ފީބާ ރޭޑިއޯ ހިންގި މީހުން. ސިޔާސީ ރިޕޯޓެެއް ހެދުމަކީ ގޯގެއް.
އަލިމާ
18 December 2022
ފިޔަވަޅު އަޅަންޖެހޭ ގިނަ ބަޔަކު އެތިބީ މި ސަރުކާރުގެ ހިމާޔަތުގަ ނޫނީ ސިޔާސީ މަޤާމުތަކުގައި. ދެން ތިބި އެންމެން އެތިބީ މަރުވެފަ. ދެން ތިބީ ހެކި ނެތް ބަޔަކު ޖަލައްލައިގެން.
ކިމް
18 December 2022
ފިޔަވަޅު ނޭޅެނެ ހިސާބުގަ ތިބި މީހުން މުޅިންވެސް ކުށްވެރިވެފަ ތިބީ މި މަރު ތަހުގީގުކޮށް ނިމުނުއިރު…މަރާ ނިމުނު ޢިރު އެންމެން ތިބީ މަރުވެފަޔޯ. މި މަރުގެ ވާހަކަ މިވަރަށްވެސް ދައްކައިފިތާ….އަފްރާޝިމްގެ ގާތިލުން ކޮބާބާ