ދުނިޔެ / ސީރިއާ

ތުރުކީ އާއި ސީރިޔާ ސުލްހަކުރުމުގެ ބައްދަލުވުމެއް ރަޝިޔާގައި

29 ޑިސެމްބަރ 2022 - 15:22

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި، އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވަމުން އައި ތުރުކީ ވިލާތާއި ސީރިޔާ ސަރުކާރާ ދެމެދު ސުލްހަކުރުމުގެ ރަސްމީ ބައްދަލުވުންތަކެއް ރަޝިޔާގެ ވެރިރަށް މޮސްކޯގައި ފެށިގެން ކުރިއަށް އެބަދެ އެވެ.

ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި ތުރުކީ ވިލާތުގެ ދިފާއީ ވަޒީރު ހުލުސީ އާކާރް އާއި ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ ހާކާން ފިދާން އާއި ސީރިޔާގެ ދިފާއީ ވަޒީރު އަލީ މަހްމޫދު އައްބާސް އާއި ސީރިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ އަލީ މަމްލޫކް އިއްޔެ ވަނީ މޮސްކޯގައި ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫއާ އެކުގަ އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ސީރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ ގޮތުންނެވެ. އޭގެ އިތުރުން ސީރިޔާގެ ރެފިއުޖީންގެ މައްސަލަ އާއި ސީރިޔާގައި ހިނގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާ ބެހޭ ގޮތުން ވެސް ދެ ތިން ގައުމުގެ ދިފާއީ ވަޒީރުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ.

އިއްޔެގެ މި ބައްދަލުވުމުގައި ތިން ގައުމުން އެއްބަސްވި އެންމެ މުހިންމު ކަމަކީ، ސީރިޔާގެ ދާޚިލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ތިން ގައުމުގެ މެދުގައި އެއްބާރުލައިގެން މަސައްކަތް ކުރުމެވެ. އަދި ކުރިމަގުގައި ވަޒީރުން ފެންވަރުގެ އިތުރު ބައްދަލުވުންތައް ބާއްވައިގެން، ތިން ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަންކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަށް ވެސް އެއްބަސްވި އެވެ.

ތުރުކީ ވިލާތާއި ސީރިޔާގެ ދިފާއީ ވަޒީރުންގެ މެދުގައި އިއްޔެ ބޭއްވި މި ބައްދަލުވުމަކީ 11 އަހަރަށް ފަހު، ދެ ގައުމުގެ ވަޒީރުން ފެންވަރުގެ ބައެއްގެ މެދުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އެހެން ނަމަވެސް، ދެ ގައުމުގެ ޖާސޫސީ އިދާރާތަކުގެ ވެރިންގެ މެދުގައި މީގެ ކުރިން ވެސް މަޝްވަރާތަކެއް ބާއްވައިފި ކަމަށް، ތުރުކީ ވިލާތުގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޝްވަރާތައް ބޭއްވި އިރު ވެސް، ދެ ގައުމުގެ މެދުގައި ޚިޔާލު ތަފާތުވާ މައްސަލަތައް އެބަހުރި ކަމަށާއި، އެ މައްސަލަތައް ހައްލު ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެ ގޮތުން އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، ސީރިޔާގެ އިމުގެ އެތެރޭގައި ތުރުކީ ވިލާތުގެ ސިފައިން ތިބޭ މައްސަލަ އެވެ.

ތުރުކީ ވިލާތާއި ސީރިޔާއާ ދެމެދު އެންމެ ބޮޑަށް މައްސަލަ އުފެދެނީ، ސީރިޔާގައި ދިރިއުޅޭ ކުރުދީ ދަރިކޮޅުގެ މީހުންގެ މައްސަލައިގަ އެވެ. ކުރުދީ ދަރިކޮޅުގެ މީހުން ހަނގުރާމަވެރި ޖަމާއަތްތައް އުފައްދައިގެން މަސައްކަތް ކުރަމުން ގެންދަނީ، ސީރިޔާ އާއި ތުރުކީ ވިލާތް ގުޅޭ ސަރަހައްދުގައި ކުރުދީންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށެވެ.

ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތްތަކަކީ ޓެރަރިސްޓު ޖަމާއަތްތަކެއް ގޮތުގައި ތުރުކީ ވިލާތުން ވަނީ ކަނޑައަޅައިފަ އެވެ. ތުރުކީ ވިލާތުގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާގެ ފަހަތުގައިވަނީ ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށް ބުނެ، ތުރުކީ ވިލާތުން ވަނީ ސީރިޔާގެ އިމުގެ ތެރޭގައި ކުރުދީން އުޅޭ ސަރަހައްދުތަކަށް އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454