އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ބިދޭސީން އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
09 ޖެނުއަރީ 2023 - 10:17
ނީލަން ފިހާރާގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ 166 ބިދޭސީއަކު ހާލުގައި ޖެހިއްޖެ ކަމަށް ކައުންސިލުން ބުނެފި އެވެ.
މާލޭގެ ދެކުނު ފަރާތު، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" އިގައި އަލިފާން ރޯވީ ފަތިހު 5:30 ހާއިރު އެވެ. ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތައް ވެސް އެއްކޮށް ވަނީ އަނދައި ހުލިވެފަ އެވެ.
އެ ތަނުގައި ދިރިއުޅެމުން އައީ ސިޓީ ކައުންސިލުން ބުނިގޮތުގައި ބަންގްލަދޭޝްގެ 165 މީހަކާއި އިންޑިއާގެ އެކެކެވެ.
އަލިފާން ރޯވީ ފަތިސް ގަޑީގައި ކަމަށް ވުމުން އޭގެ ތެރެއިން ބައެއް މީހުން ތިބީ ފަތިސް ނަމާދަށް މިސްކިތަށް ގޮސްފަ އެވެ. އަނެއް ބަޔަކު އުޅުނީ ޑިއުޓީގަ އެވެ. އެހެންވެ، އަލިފާން ރޯވި ވަގުތު ހުރިހާ އެންމެންނެެއް އެކޮމަޑޭޝަން ބްލޮކްތަކުގައި ނެތެވެ.
އެ ސަރަހައްދުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ، އަލިފާންގަނޑު ބޮޑަށް ފެތުރުމުގެ ކުރިން އެކޮމަޑޭޝަން ބްލޮކްތަކުން މީހުން ނެރުނީ ކަމަށެވެ.
"ބައެއް މީހުން ގަދަކަމުން ކަހަލަ ގޮތަކަށް ނެރުނީ. އެ މީހުން ވެސް ތިބީ ވާނުވާ ނޭނގިފައި. އެއްވެސް މީހަކަށް ނަސީބަކުން އަނިޔާއެއް ނުވޭ،" އެ މީހާ ބުންޏެވެ.
މާލޭގެ މޭޔަރު ޑރ. މުއިއްޒު، ހާލުގައި ޖެހުނު މީހުންގެ މައުލޫމާތު ނައިބު ރައީސް ފައިސަލަށް މިއަދު އިމާދުއްދީން ސްކޫލުގައި ދެއްވަނީ.---ފޮޓޯ: ސިޓީ ކައުންސިލް
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ އެ މުވައްޒަފުންނަށް ވަގުތީ ހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި ގޮތެއް ހަމަޖެހިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ތަނެއް ހަމަޖައްސަން. އެހާ ގިނަ މުވައްޒަފުންވީމާ އަޅުގަނޑުމެންނަށް ވެސް ނެތް މި ވަގުތު ހަމަޖައްސައި ދެވޭކަށް. ވަރަށް ކަންތައް ބޮޑުވެފައި މި ތިބީ. އެންޑީއެމްއޭ އިން ވެސް މަސައްކަތް ކުރަނީ ތަނެއް ހަމަޖައްސަން،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، މިހާރު ކުރާ މަސައްކަތަކީ އެ މީހުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކަންކަން ކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ސިޓީ ކައުންސިލާއި ރެޑްކްރެސެންޓް ގުޅިގެން އެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުން މިވަގުތު ތިބީ އިމާދުއްދީންް ސްކޫލުގަ އެވެ. ބައެއް މީހުން ތިބީ އެކޮމަޑޭޝަން ބްލޮކްތަކުން ނެރެވުނު ބައެއް ސާމާނުތައް ހިފައިގެން ގޮހެވެ. އަނެއްބައި މީހުންގެ ހުރިހާ ސާމާނެއް ވަނީ އެއްކޮށް އަނދައި އަޅިއަށް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު7
09 January 2023
166 މީހިންގެ ތެރެއިން ކިތައްމީހުންބާ އިލީގަލްކޮށް ރާއްޖޭގައި އުޅެނީ. ޢެކަން ސާފުކޮށްލިނަމަ ލިޔުން ވަރަށް ފުރިހަމަވީސް.
ބަގަޓު
09 January 2023
ނީލަނަފިހާރަ އުވާލާކަށް ނުފެނޭބާ؟ އަބަދު ރޯވެ އަދާވާހަކައިވެނީ
ކަރު ކުރުބެ
09 January 2023
ދިވެހިންނުނަގާ ބޭރު މީހުން ތިނަގަނީ ހަމަ ޔާނަށްޓަކައިތަ؟
އެމްސް
09 January 2023
ތިޔަކަމުގަ ޞޯލިޙު ސަރުކާރުވެސް ވާ ތަފާތެއް ނެތް! އެމްޓީސީސީ، އެސްޓީއޯ، އެޗްޑީސީ، އެމްއޭސީއެލް، އެފްއެސްއެމް، މިފްކޯ، އާރުޑީސީ، ވެމްކޯ ކިޔާނެ ކަމެއް ނެތް މުޅި ސަރުކާރުގަވެސް ޑޮލަރުން މުސާ ނަގާ ބޭރަަށް ފޮނުވާ މީހުން ބައިވަރު!
އަލިބެ.
09 January 2023
މާލެ ސިޓީކައުންސިލަކީ ބަންގާޅާއި އިންޑިއާގެ އަޅުވެރިތަނެއްތަ؟ އެހާގިނަ މުވައްޒަފުން އެގައުމުތަކުން ގެނެސްގެން އެ އުޅެނި!
އެމްސް
09 January 2023
ހުރިހާ ދިމާލެއްގަވެސް ދިވެހިން އައުޓް، ބިދޭސީން އިން!