ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: އެ ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ވަނީ ދަށްވެފައި --- ފޮޓޯ/މިހާރު
17 ޖެނުއަރީ 2023 - 16:09
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން މިދިޔަ އަހަރު އުވާލުމުން އެ ކޯޓުން އެ އަހަރު ނިންމި މައްސަލަތަކުގެ އަދަދު ދަށްވެއްޖެ އެވެ.
ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ޝަރީއަތް ފެށުމުގެ ކުރިން ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނެއް 2015 ވަނަ އަހަރު އުފެއްދީ ސުޕްރީމް ކޯޓުގެ ސާކިއުލާއަކުންނެވެ. އެގޮތަށް ހަމަޖެއްސުމުން ދެ ބައިކުޅަ އެއް ބައި މައްސަލަތައް ޝަރީއަތަކާ ނުލައި ކޯޓުން ނިންމި އެވެ.
އެކަމަކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ އުވާލަން ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނަކުން ނިންމި އެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު މިހާރު ވަނީ ދަށްވެފަ އެވެ.
ސިވިލް ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރު އެ ކޯޓުން 4،600 އަށް ވުރެ ގިނަ މައްސަލަ ނިންމިޔަސް، މިދިޔަ އަހަރު ނިންމީ 2،917 މައްސަލަ އެވެ. އަހަރު ނިމުނުއިރު 4،800 އަށް ވުރެ ގިނަ މައްސަލަ ނުނިމެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސިވިލް ކޯޓަށް 5،000 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅި އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 900 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓުގައި އޮތެވެ.
ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގެ އިތުރުން މައްސަލަތަކުގެ ކުޑަބޮޑުމިނާއި ބާވަތަށް ބަލައިގެން އުފައްދާފައި އޮތް ޑިވިޝަންތައް ވެސް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އުވާލި އެވެ. އަދި ހިބަ އާއި ތަރިކަ އާއި ވަސިއްޔަތުގެ މައްސަލަތައް ފެމިލީ ކޯޓުގެ ބަދަލުގައި ސިވިލް ކޯޓުން ވެސް ބަލާގޮތަށް ހަމަޖެއްސި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
18 January 2023
އަދި އެއްކުއްޖަކުވެސް ޙަގީގަތެއް ހާމަ ނުކުރޭ! ޙަގީގަތަކީ މިހުރިހާ ސަކަރާތެއް ޖަހަން ބޭރުތިބީ އިސް ލޯފާމުތަކުގެ ލޯޔަރުން! އެމީހުން މަގުމަތިވާދުވަހު އާއްމުދަނީ ލިބޭގޮތަށް ހުރިހާ ކަމެއް ފަހި ކުރަނީ! އާއްމު މީހާ އެކަނި މަގު ނުހިނގޭވަރު ވިއްޔާ ހައްގު އެންމެ ރަނގަޅަކަށް ލިބޭނީ! ނޫންތެ؟؟؟؟
ބޭނަޒީރުބުލް
17 January 2023
ކޮބާ އެންޑީޕީ އިން ކުރަން ބޭނުންވި ކަންތައް މި ވަނީ! ކޯޓުތަކުގެ އެތެރެއަށް އަތް ބާނާފަ ޒަމާންވަންދެން ހިނގަމުން އައި އުސޫލުތައް ފުނޑާލީ! މިހާރު ތީގެ ކޯޓަކުން ވާންވީ ގޮތެއް އެ މީހުނަށްވެސް އެނގެނީއެއް ނޫން! މުޅި ނިޒާމު ގަޑުބަޑު ކޮށްފި!
ނިއަކް
17 January 2023
ހުސްނުއްސޫދު މޮޅުވާންވެގެން ހުޅަނގެގެ ފަލްސަފާ މިތަނަށް، ފަލްސަފާ ގެނެއްސަ ތޮއޮތީ.. ބައެއް މީހުންމަށް ބިރުން ދަޢުވާ ކޯޓަށް ލާންވެސް ނުކެރޭ. ވަކީލުފީއާ އެހެން ހަރަދު ނަގައިދޭތީ
ހަސަންދީ
17 January 2023
ހުސްނުސޫދެއްނޫން. ބަންޑާރަ ނައިބު ރިއްފަތު ގެނައި ބަދަލު މީ. ސުއޫދު ފޮނުވި އިސްލާހުތައްލީ ޑަސްބިނަށް!
އެނެލިސްޓް
17 January 2023
ލަސްވަންޏާ ލަސްވާ ވާހަކަ ޚަޞްމުން ދައްކާނެއެވެ. ކޯޓުގެ ލޯޑާއި ވަޞީލަތްތަކާ މުވައްޒަފުންގެ އަދަދާއި މި ކަންކަމަކީ ބޭރަށް ނުފެންނަ ކަންކަމެވެ. ޙައްލު ނުލިބޭ ކަންކަމެވެ. ޙައްލުކުރަންޖެހޭ ކަންކަމެވެ. އިންސާފު ޤާއިމުކުރެވޭނީ އޭރުންނެވެ. ނަމަވެސް އެކަމާ އަޅާލާ ހެެއްޔެވެ. ކިތަންމެ ވަރަކަށް ފަނޑިޔާރުން ބަދަލުކުރިޔަސް ޙަޤީޤީ އިންސާފު ލިބޭނީ އިދާރީ ކަންކަން ރަނގަޅުކޮށްގެންނެވެ. ޕައިލެޓަކަށް ގާޑިޔާ ދުއްވަން ހަވާލުކުރިޔަސް އުދުހިފައި އެ ނުދާނެއެވެ.
ވަކލު
17 January 2023
މޮޅު އިޖުރާއަތު ހަދައިގެން ތާހިރުވެއްޖެ
ޖިމީ
17 January 2023
ކޯޓަށް ހުށަހަޅާ މައްސަލަތައް ކުރިއަށް ނުގޮސް އެބަހުއްޓެ ޗިޓު ހަވާލު ނުކުރެވުނޭ ކިޔާފަ. މިހާރު އަލްހާން ހިންގި ސްކޭމް އަށް ފައިސާ ދީގެން އެ ނުލިބިގެން ދައުވާ ކުރަން ލައިގެން އެ މައްސަލަ ކުރިއަށް ނުގެންދެވިގެން އުޅެނީ.
އެމްސް
18 January 2023
ގިނައިން ކޯޓްތެރޭގަ ތާށިވަނީވެސް ފައިސާގެ މައްސަލަތައް! ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ މިފަދަ މައްސަލަތައް!