ދަށު ކޯޓުން އަލުން ބަލަން އަންގާ މަދަނީ މައްސަލަތަކުގައި އިސްތިއުނާފް ނިމެންދެން ޝަރީއަތް މަޑުޖައްސާލަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ބައެއް މައްސަލަތަކުގައި ދަށު ކޯޓުން އަލުން ޝަރީއަތް ހިންގުމަށް ހައި ކޯޓުން ބައެއް ފަހަރު އަންގަ އެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައިވަނީ މަދަނީ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އަންގާފައި ވަނިކޮށް އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި ނަމަ، އިސްތިއުނާފް ނިމެންދެން ދަށު ކޯޓުން ޝަރީއަތް މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ.
ޝަރީއަތް މަޑުޖައްސާލިޔަސް، އެ މައްސަލައެއް އެ ކޯޓުގެ ގަޒިއްޔާތަކުގެ ދަފްތަރުގައި ބާއްވަން ޖެހޭނެ ކަމަށް އެ ޑައިރެކްޝަންގައިވެ އެވެ.
އިސްތިއުނާފް ނިމުމުން، ސުޕްރީމް ކޯޓުން އެ މައްސަލައެއްގައި ނިންމި ގޮތަކަށް ދަށު ކޯޓުން އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.