މަޖިލީހުގެ ތަޅުމުން ސައީދު ނެރެން އުޅުމުގެ ތެރޭގައި އޭނާގެ ކޯޓު ވީދައިގެން ގޮސްފައި--
06 ފެބުރުއަރީ 2023 - 11:07
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނަށް ހުރަސް އެޅުމުން މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ކޯޓު ވީދި އަނިޔާވެއްޖެ އެވެ.
ރައީސް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާ އެކު އިދިކޮޅު މެންބަރުން ވަނީ އެ މަނިކުފާނު ހުންނެވި ޕޯޑިއަމް ކައިރިއަށް ގޮސް އަޑުގަދަކުރަން ފަށައިފަ އެވެ.
އެކަން ހުއްޓުވުމަށް ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު ވެސް އިހުތިޖާޖު ކުރިޔަށް ގެންދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު މެންބަރުންގެ ނަން އިއްވައި މަޖިލީހުން ނެރެން ސެކިއުރިޓީ އަށް އަންގަވައިފަ އެވެ.
ނަން އިއްވާ މެންބަރުން ނެރުމުގެ މަސައްކަތް އާންމުކޮށް ކުރަނީ ތަޅުމުގައި އިންނަވާ ސާޖަންޓް އެޓް އާމްސް އެވެ. ނަމަވެސް އެ މަގާމު މިހާރު ހުސްވެފައި އޮތުމުން މެންބަރުން ނެރެން ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީގައި މަސައްކަތް ކުރައްވާ އެހެން ސިފައިންނެވެ.
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ގަމީހުގައި ކުލަ ހޭކިފައި.
މަޖިލީހުގެ ލައިވް ސްޓްރީމް މެދުކަނޑާލި ނަމަވެސް ސައީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލީހުގެ ތަޅުމުން ނެރޭ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައީދު ގަދަކަމުން ނެރެނިކޮށް އޭނާގެ ހެދުންކޮޅު ވީދުނެވެ. އަދި ސިފައިންގެ ހަތަރު އޮފިޝަލަކު ވަނީ އޭނާގެ ދެއަތާއި ދެފައިގައި ހިފައި އުފުއްލާލައިގެން ތަޅުމުން ބޭރުކޮށްފަ އެވެ.
ސައީދުގެ އިތުރުން ޝިޔާމް އާއި ފަޒުލް ވެސް އުފުލާލައިގެން މަޖިލީހުން ނެރޭ ވީޑިއޯ ވަނީ އާންމުވެފަ އެވެ.
އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މަޖިލީހުގައި އަޑު އުފުލަނީ.
އިދިކޮޅު މެންބަރުން ތަޅުމުން ނެރުމާ އެކު އެ މެންބަރުން އަންނަނީ މަޖިލީހުގެ ބޭރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބެނާ ހިފައިގެން އިހުތިޖާޖު ކުރަމުންނެވެ.
މަޖިލިސް މެދުކަނޑާލައި އިދިކޮޅު މެންބަރުން ނެރުމަށް ފަހު ޖަލްސާ އަލުން ކުރިއަށް ގެންގޮސްފަ އެވެ. އަދި ރިޔާސީ ބަޔާން އިއްވުމަށް ފަހު މިހާރު ޖަލްސާ ނިންމާލައިފި އެވެ.
އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރޭގައި އިހުތިޖާޖު ކުރަމުން ދިޔަ އިރު ޕީޕީއެމް/ޕީއެންސީގެ އާންމު މެންބަރުން ދިޔައީ މަގުމަތީ މުޒާހަރާ ކުރަމުންނެވެ. މަޖިލިސް ސަރަހައްދުގައި އެއްވުމުން ފުލުހުން ވަނީ އެ މީހުން ފަހަތަށް ޖައްސައި މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮނިހިރު
07 February 2023
ހަރާން ކަންކަންކުރީމާ އަންނާނީ ހަރާން ހުކުން އެގިއްޖެތަ އަދުރޭ
ސަންފައްތަ
07 February 2023
ސަޢީދު ލާފައިހުރީ ފީވެފައިއޮތް ކޯޓެއް ތޯޗެއް.
ހާސަރު
07 February 2023
ހަދާނަށް އަންނަނީ ބައިބަލާ ކުޅޭމީހުންލާ ފަސޭހައިން ވީދޭ ޓީޝަރޓް . މިއީ އެކަހަލަ ކަމެއް
ނޭނގެމަށަކަށް
07 February 2023
ދެން ތި ސަޢީދެއްވެސް. ގޮނޑީގައި އިށީނދެ އިންނަވަނިކޮށް ވީކަމެއްތަތީ؟ ހެދުން ފެހި މީހަކު ފެހުމުގައި ވަރަށް ފަރުވާކުޑަކޮށްލާފައި ހުރިކަން އެބައިނގޭ. ރާއްޖޭގެ ރައްޔޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެދުން ފައްސާދޭ މީހުން މިފަދަ ކަަންކަމަށް ވިސްނައިގެން ދެފަތި ނުވަތަ ތިންފަތި ޖަހާ، މޮޅު ފޮތީގައި ހެދުން ފަހާދެންވާނެ ދޯ ދެން. ކޯޓު ފަޓުލޫނު ފެހި މިހުން މިކަމުގައި މަ ކުއްވެރިކުރަން
ނޭނގެމަށަކަށް
07 February 2023
ތިޔަބުނާ ޙުކުމެއް ޙަރާމްވި ގޮތެއް މަށަަށް ހަމަ ވިސްނާ ވިސްނާވެސް ނޭންގުން. މާތްﷲ ޙަރާމާ ޙަލާލް ވަރަށް ސާފުކޮށް ކަނޑައަޅުއްވާފައިވާއިރު، މިބައިމީހުން ހިތް ނުރުހޭ ކަމެއްވީމާ އެކަމެއް ޙަރާމްވުން އެއީ އިސްލާމްދީނަށް ތަބާވާ މީހުންގެ އުޞޫލެއް ނޫން. ކުފުރުގެ ބަހެއް ނުބުނެވެނީސް ތިޔަފަދަ އެއްޗެތި ބުނުން ހުއްޓާލަންޖެހޭ. ޑިމޮކްރަސީއަކީ ފިތުނަ ފަސާދައުފައްދާ އެއްޗެކޭ ބުނެވެނީ މިހެންވެ.
ނަޖްވާ
07 February 2023
މި ބުނީ މާވަށު ދާއިރާގެ މެންބަރުގައިގަ އެހެރީ ލިޕްސިޓިކް ގެ ކުލަ ބާ އުނގުޅިފަ! އެހެން މި ބުނީ އަންހެން ސިފައިންވެސް އުޅުނެއްނު މީހުން ބޭރުކުރަން!
އަލީ ހައިސަމް
07 February 2023
މިޤައުމުގައި މިކަހަލަ ވިޔާނުދާ ކަންކަން ޢާއްމުކޮށް އަދަބު އިޙްތިރާމް ނަގާލީ ކެނެރީ މުޙައްމަދު ނަޝީދެވެ. މިޅި ޤައުމަށް މިއައި ނުބައި ބަދަލުގެ ޒިންމާ ކެނެރީ ނަޝީދު އުފުލަން ޖެހޭނެއެވެ.
އަލިފުޅު3
07 February 2023
ތިޔަ ކޯޓު ތިއޮތީ ފަތިންގޮއްސަ! ރިޕެއާރ ކުރަން ހަވާލުކުރަން އެންމެ އައުލާ ކަން ބޮޑު މީހަކީ (..) އާދަނު. އޭނާ ކާރީ ބުނޭ ފަތިޖަހާލަދޭށޭ. އޭރުން ތިކަން ހަމަޖެހުނީނު!
މުހައްމަދ
07 February 2023
ޕާޓީ ނިޒާމަކީ ގައުމުގެ ހަލާކެވެ. ހީކުރިން ކަންކަން އިސްލާހްވެ ރިވެތި އާދަ ކާދަތަށް ދެމެހެއްޓެނިވި ވެއްޓެއް ލިބިގެންދާނެ ކަމަށް އެކަމަކު މީ ފަނާކުރަނިވި ގެއްލުން ބޮޑު ނިޒާމެއް ކަން ކަށަވަރުވެ ޔަގީންވެއްޖެއެވެ. މީހަމަ ބޮޑު ވަބާއެކެވެ. ގައުމަށާއި ދީނަށް ހުރި ބޮޑު ބިރުވެރި ކަމެކެވެ. މީ ޔަހޫދީ ރޭވުމެކެވެ. ޑިމޮކްރަސީއަކީ ހަލާކު ކުރަވެނި ބަލިމަޑުކަމެކެވެ. މާތްﷲ މިގައުމާއި މިގައުމުގެ ޒުވާނުން މިބަލިމަޑުކަމުން ސަލާމަތް ކުރައްވާންދެވެ. އާމީން
1233
07 February 2023
ސިފައިންނެއްނޫން. މަޖްލިސް ސެކިއުރިޓީ ސްޓާފުން
ނުރަބޯހަސަންބެ
07 February 2023
ޒުވާނުންނަށް ތިދައްކަނީ ވަރަށް ހުތުރު މިސާލެއް. މަށަކީ އެއްވެސް ޕާޓީއެއްގެ މީހެއްނޫން. ތިހުރިހާ ޕާޓީތަކެއްގެ މީހުންނަކީ މިޖީލުގެ އަޚުލާޤީ ފޭރާން ހަލާކު ކުރަމުންގެންދާ ބައެއް. އެންމެ ފަސޭހަކަމަކީ ހަޑިހުތުރު އެއްޗިހި ކިޔާ ގަދަކަން ދެއްކުން. އެންމެ އުނދަގޫކަމަކީ ޤައުމުގެ މައްސަލަތައް ޙައްލުކުރަން އެންމެން އެކުގައި މަސައްކަތްކުރުން. އެކަން ކުރާކަށް އެކަކުވެސް ބޭނުމެއްނުވޭ. ބޭނުންވަނީ އެމީހެއްގެ ޕާޓީ ލީޑަރަކީ ރާއްޖޭގަހުރި އެންމެމޮޅުމީހާކަން ދައްކަން.