އއ. މަތިވެރިން ގެއްލުނު ހަސަންފުޅު ހޯދުމުގެ މަސައްކަތުގައި އެ ރަށު ރައްޔިތުން ރަށާ ކައިރީގައި އޮތް ފިނޮޅު ބަލަން ދާން ތައްޔާރުވަނީ -- ފޮޓޯ: މަތިވެރި ފޭސްބުކް ޕޭޖް
07 ފެބުރުއަރީ 2023 - 11:50
އއ. މަތިވެރިން ގެއްލުނު ހަސަން އަލީ (ހަސަންފުޅު) ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާުނުލާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހަސަންފުޅު ގެއްލިގެން އޭނާ ހޯދަން ރަށު ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ފޮޓޯއާ އެކު އާންމުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ހޯދަން ފެށީ ހޯމަ ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވެގެންނެވެ.
ހަސަންފުޅު އެންމެ ފަހުން ފެނުނު ކަމަށް އެ ރަށުގެ ގިނަ މީހުން ބުނަނީ އެ ދުވަހު މަޣްރިބް ނަމާދުން ފޭބި ވަގުތު އެވެ. އެ ދުވަހު މެންދުރު ބަނދަރުމަތީގައި އުޅެނިކޮށް ވެސް ބައެއް މީހުންނަށް އޭނާ ފެނިފައިވެ އެވެ.
ފުލުހުން ބުނީ ހަސަންފުޅު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
ހަސަންފުޅު ހޯދުމަށް ރަށުގެ ހުރިހާ ސަރަހައްދަކާއި ގެތަކާއި ފަޅު ގޯތިތައް ވަނީ ބަލައިފަ އެވެ. އަދި ރަށުގެ ފަޅުތެރެ ވެސް ޑައިވްކޮށްގެން ބަލައި ކައިރީގައި އޮތް ފިނޮޅު ވެސް ވަނީ ބަލައިފަ އެވެ.
އއ. މަތިވެރިން ގެއްލުނު ހަސަންފުޅު ހޯދުމުގެ މަސައްކަތުގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ -- ފޮޓޯ: މަތިވެރި ފޭސްބުކް ޕޭޖް
މަތިވެރި ކައުންސިލްގެ ނައިބް ރައީސް އަލީ ނާފިޒް ވިދާޅުވީ ހަސަންފުޅު ހޯދުމުގެ މަސައްކަތުގައި މިހާރު އުޅެނީ ފުލުހުން އެކަނި ކަމަށެވެ. ނަމަވެސް އެހީއެއް ބޭނުން ވެއްޖެ ނަމަ ކޯސްޓުގާޑުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަނޑުމަތިން މިހާރު ބަލައިފި ތ. އަތޮޅާ ހަމައަށް. ފުލުހުން ވެސް ނުބުނޭ އަދި މަސައްކަތް ހުއްޓާލި ވާހަކައެއް. ޝައްކުވާ ތަނެއް ވެއްޖާ ފުލުހުން އައިސް އެ ތަނެއް ބަލައި ފާސްކުރޭ،" ނާފިޒް ވިދާޅުވި އެވެ.
އުމުރުން 73 އަހަރުގެ ހަސަންފުޅަކީ ދާ އަޅައިގެން އެކަނި މަސް ހިފަން ދާ މީހެއް ނަމަވެސް ބަލިވެ އުޅޭތީ މަސް ހިފަން ނުދާތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށް އެ ރަށު ބައެއް މީހުން ބުނެ އެވެ. އޭނާ މަސް ހިފަން ގެންދާ ދަލާއި އެހެން ބައެއް ސާމާނު ވެސް ގޭގައި އެބަހުއްޓެވެ. މަސް ހިފުމުގެ އިތުރުން އޭނާ އަކީ ގޮނޑުންނާއި އެކި ތަންތަނުން އެއްޗެހި ހޮވައިގެން އެއްޗެހި ހަދައި އުޅޭ މީހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy