ރިޕޯޓް

"ޕްލޭން ބީ" އެއް ނެތި އިދިކޮޅަށް ރިޔާސީ އިންތިހާބު ގެއްލިދާނެ؟

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އަރުވަނީ: އިދިކޮޅުން ބުނާ ގޮތުގައި އެމަނިކުފާނު ނޫން ކެންޑިޑޭޓަކު ނުނެރޭނެ -- ފޮޓޯ:ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފު ކުރުމާ ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ލަފާކުރެއްވީ އަންނަ މަހު ހައި ކޯޓުން ޔާމީން މިނިވަން ކުރާނެ ކަމަށެވެ.

އާރަށުގެ މައްސަލައިގައި ޖަލަށްލުމުގެ ކުރިން، ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެ ކޯލިޝަނުގެ ޓިކެޓު ލީޑަރު ޔާމީނަށް ދޭށެވެ. އެކަމަކު، ޖަލު ހުކުމާއެކު، ޔާމީނަށް ވާދަ ކުރެއްވޭނެ ދޮރުތައް މިހާރު ބަންދުވެއްޖެ އެވެ. އެހެންވެ، އިދިކޮޅު ލީޑަރު ޔާމީން ޖަލުން މިނިވަންކޮށް އެ މަނިކުފާނު މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދުން މިހާރު އޮތީ ޖަމީލާއި ވަކީލުންގެ ޓީމުގެ އެހެން ބޭފުޅުންގެ އަތްމަތީގަ އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވި އިރު، އޭރުގެ އިދިކޮޅު ލީޑަރު އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ އެ އިންތިހާބަށް ކުރިމަތިނުލެެއްވޭ ހާލަތެއްގަ އެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި 2018 އިގެ ޓިކެޓް ނަޝީދަށް ދިނަސް އެ މަނިކުފާނަށް އިއްވާފައި އޮތް ޓެރަރިޒަމްގެ ހުކުމާ ހެދި އިންތިހާބުގައި ވާދަކުރެއްވޭނެ ތޯ އޮތީ ސުވާލެއްގެ ތެރޭގަ އެވެ.

އެހެންވެ، އިންތިހާބަށް ތައްޔާރުވާން އެމްޑީޕީން އއ. އުކުޅަހުގައި ބޭއްވި ކޮންފަރެންސްގައި، ނަޝީދަށް ފުރުސަތު ނުލިބިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ނިންމި އެވެ. އެއީ އެފަދަ ހާލަތެއްގައި އެމްޑީޕީގެ ކޮންގްރެސް އާއި ގައުމީ މަޖިލީހަށް ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު ދިނުމަށެވެ. ނަޝީދަށް ވާދަ ކުރެއްވޭނެ ގޮތެއް ނެތުމުން، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދީ، އެންމެ ފަހުން އިންތިހާބު ވެެސް ކާމިޔާބު ކުރެއްވި އެވެ.

އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ބޭފުޅުން "ހޯޕް ކޮންފަރެންސް" ފުށުމަށް ބޭއްވި ރަސްމިއްޔާތުގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭގެ ހަތަރު އަހަރު ފަހުން މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމަށް ވެސް ވަނީ ހަމަ އެ ފަދަ ހާލަތެއް ކުރިމަތިވެފަ އެވެ. އެ ޕާޓީން ކަނޑައެޅި ރިޔާސީ ކެންޑިޑޭޓް ޔާމީން ހުރީ ޖަލަށް ލައިފަ އެވެ. އިންތިހާބާ ކައިރިވަމުން އަންނައިރު ސިޔާސީ ގޮތުން މާ ބޮޑު ކުރިއެރުންތަކެއް ނުފެނެ އެވެ. ޔާމީން މިނިވަންކުރަން ގޮވާލައި ކޮންމެ ރެއަކު މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރުން ނޫން ކަމެއް އަމަލީ ގޮތުން ފެންނާކަށް ނެތެވެ. އެކަމަކު، ޔާމީން މިނިވަން ވާން ވެސް ދެން އޮތީ އިސްތިއުނާފުގެ މަރުހަލާ އެވެ. އޭގެ ކަމެއް ވެސް އަދިއެއް ނުފެނެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމާ ގުޅުވައިގެން އިދިކޮޅުން ހާހެއްހާ މީހުން ދަރުބާރުގެ އަށް އެއްކޮށްލައިގެން ތިން ދުވަހުގެ ކޮންފަރެންސެއް ދާދި ފަހުން ބޭއްވިޔަސް އެ ކޮންފަރެންސް ނިންމައިލީ ޔާމީން ނޫން ކެންޑިޑޭޓަކު ބޭނުން ނުވާ ކަމުގެ ގޮވެލިފަތިތަކާއެކު އެވެ. މުޅި ކޮންފަރެންސް ބިނާވެފައި އޮތީ، އޭގެ ނަމުން ވެސް ރަމްޒު ކުރި ގޮތަށް، ޔާމީން މިނިވަން ވުމުގެ އުންމީދުގެ މައްޗަށެވެ. އެމްޑީޕީގެ އުކުޅަސް ކޮންފަރެންސާ ހިލާފަށް އިދިކޮޅުގެ ކޮންފަރެންސްގައި ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތަކާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުނިންމަ އެވެ.

އިދިކޮޅުގެ ލީޑަޝިޕިން ދަމަހައްޓަމުން ދަނީ ހަމައެކަނި ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އަމާޒު ހުރީ ޔާމީން މިނިވަންކޮށް، އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް ހެދުމަށް ކަމަށެވެ. ޕާޓީގެ ތެރޭގައި އެ ނޫން ހިޔާލުތަކެއް ހުރި ކަމަށް ދެއްކެވޭ ވާހަކަތައް ވެސް ދޮގު ކުރެ އެވެ. ޔާމީން ނޫން ކެންޑިޑޭޓަކާ ގުޅޭ ގޮތުން މީޑިއާ އިން ސުވާލު ކުރުން ނޫނީ އެ ބަހުސް ކުރުން ވެސް މަނާހެން ހީވާ ފަދަ އެތައް ކަމެއް ދިމާވެއްޖެ އެވެ. ޕީޕީއެމްގެ ލީޑަޝިޕުން ޖަވާބު ދެއްވަނީ އެ ސުވާލު އުފައްދާ މީހުން ކުރަނީ ބޮޑު ކުށެއްހެން ހީވާ ފަދަ ގޮތަކަށެވެ.

އެކަމަކު، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށާއި ކެމްޕެއިން ކުރެވެން އޮތް ވަގުތާއި ކޯޓުގައި މައްސަލަތައް ކުރިއަށްދާ ބާރުމިނަށް ބަލާއިރު، ހަމައެކަނި ޗޮއިސްއަކީ ޔާމީން ކަމަށް ނިންމައިގެން ތިބުމަކީ އެންމެ ބުއްދިވެރި ގޮތް ތޯ އިދިކޮޅު ކޯލިޝަނުގެ ތެރެއިން ވެސް ސުވާލު އުފައްދަ އެވެ. ފާޅުގައި އެ ވާހަކަ ތިލަކުރަން ކެރިވަޑައިނުގަންނަވާކަން ބައެއް ފަހަރު ދެއްކެވޭ ވާހަކަތަކުން އެނގެ އެވެ.

ހުރިހާ އުންމީދެއް ހައި ކޯޓުގައި

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23 އިން އޮގަސްޓު 3 އަށެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ އޮގަސްޓް ތިން ވަނަ ދުވަހުގެ ކުރިން ޔާމީން ހުކުމުން މިނިވަންވާން ޖެހެ އެވެ. މިއަދުން ފެށިގެން އެ ތާރީހަށް އޮތީ ފަސް މަހާއި 18 ދުވަހެވެ.

އިދިކޮޅުން ރިޔާސީ އިންތިހާބަށް ދެކޭ ހުވަފެންތައް މިހާރު ގުޅިފައި އޮތީ ހައި ކޯޓާ އެވެ. ޔާމީން ނޫން ކެންޑިޑޭޓަކު ނެތް ކަމަށް އިދިކޮޅުގެ އެންްމެ އިސް ލީޑަރަކަށް މިހާރު ހުންނެވި އަބްދުއްރަހީމް އަބްދުﷲ ތަކުރާރުކޮށް ވިދާޅުވެ އެވެ. އެކަމަކު، ހުރިހާ ކަމެއް ވެސް ބަރޯސާ ވަނީ ހަލުވި ސްޕީޑެއްގައި މައްސަލަ ކުރިއަށް ގެންގޮސް ހައި ކޯޓުން ޔާމީން މިނިވަންވުމުގެ މައްޗަށެވެ.

ހައި ކޯޓުން ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ނުނިމި ހުރި ވަރަށް ގިނަ މައްސަލަތަކެއް ބާރު ސްޕީޑުގައި ނިންމައިފި އެވެ. އެކަމަކު، އެ ކޯޓުން ވެސް މައްސަލަައެއް ދިގުލައިގެން ދިޔުމަކީ އަދިވެސް އެކަށީގެންވާ ކަމެކެވެ.

ކުރީގެ ރައީސް ޔާމީން ހ. ދޫވެހީގައި ހުންނަވައިގެން ސަޕޯޓަރުންނަށް އިޝާރާތް ކުރައްވަނީ -- ފޮޓޯ: މިހާރު

ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރުމަށް 60 ދުވަސް ލިބެ އެވެ. ކޯޓަށް މައްސަލަ ހުށަހަޅާ ހިސާބުން އެ މައްސަލައެއް ބަލައިގަތުމާ މެދު ގޮތެއް ނިންމަން އާންމުކޮށް އިތުރު ހަފުތާއެއްހާ ދުވަސް ހިނގަ އެވެ. މައްސަލަ ބަލައިގެންފި ނަމަ އެންމެ ފުރަތަމަ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް އަޑުއެހުން ބާއްވާނެ އެވެ. ނުކުތާތައް ތަފްސީލު ކޮށްދިނުމުން، ދައުލަތުން އެ އަށް ރައްދު ދިނުމަށް ވެސް އަޑުއެހުން ބާއްވާނެ އެވެ. ދެ ފަރާތުން ބަހުސް ކުރާ ނުކުތާތައް ގިނަ ނަމަ ދޭން ޖެހޭ ރައްދުތަކާއި އެކަމަށް ބާއްވަން ޖެހޭ އަޑުއެހުންތައް ވެސް ގިނަވާނެ އެވެ. ފަނޑިޔާރުންގެ ސުވާލުތައް ހުރި ނަމަ އަޑުއެހުމެއް އިތުރުވެދާނެ އެވެ.

އަޑުއެހުންތައް ނިމުމުން، ފަނޑިޔާރުން ނިޔާއެއް ކަނޑައެޅުމުގެ ކުރިން އިދާރީ ގޮތުން ކޯޓުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުންނާނެ އެވެ. އަދި ފަނޑިޔާރުންގެ ނިޔާ ތައްޔާރުކުރުމަށް ވެސް ބައެއް ހާލަތްތަކުގައި ދެތިން ހަފުތާ ހޭދަވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް އަންނަ މަހުގެ 23 ގައި ފަށާނެ އެވެ. އެއީ ވެސް މައްސަލަ ދިގުލައިގެން ހިނގައިދާނެ އެއް ސަބަބެވެ. ރޯދަމަހު މަސައްކަތް ކުރާ ވަގުތު ކުޑަ އިރު، އެއާ އެއްވަރަށް ކޯޓުގެ ތާވަލު ވެސް ބަދަލު ކުރެ އެވެ. އަދި ރޯދަމަހާ ދިމާކޮށް އާންމުކޮށް ބައެއް ފަނޑިޔާރުން ޗުއްޓީ ވެސް ނަންގަވަ އެވެ. މި ހުންނަނީ އިސްތިއުނާފުގެ މަރުހަލާ ލަސްވަމުން ދާއިރު ރިއާޔަތް ކުރަންޖެހޭ ކަންކަމެވެ.

ޔާމީންގެ ފަރާތުން، މިއަދު ހައި ކޯޓަށް މައްސަލަ ހުށަހެޅިޔަސް، ޖަމީލް ލަފާކުރައްވާހާ އަވަސް ސްޕީޑެއްގައި މައްސަލަ ނިންމިދާނެތޯ ސުވާލު އުފެދެ އެވެ. ޔާމީނާ ދެކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އިދިކޮޅަށް އެ ގެއްލޭނީ މުހިންމު ވަގުތާއި ފައިސާ އެވެ. އަންނަ މަހުގެ ތެރޭގައި ޔާމީން މިނިވަން ވެއްޖެ ނަމަ ކެމްޕެއިނަށް ލިބޭނީ ހަތަރު ވަރަކަށް މަހެވެ. އެކަމަކު، އެފަދަ ހާލަތެއްގައި ދައުލަތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުފާ ކޮށްފި ނަމަ ކެމްޕެއިނުގެ ތެރޭގައި ވެސް ސުޕްރީމް ކޯޓުގައި ދިފާއުވާން ޖެހިދާނެ އެވެ.

ހުކުމް ދަމަހައްޓައިފި ނަމަ ދެން ވާނީ ކިހިނެއް؟

އިދިކޮޅުގެ އިސް ބައެއް ބޭފުޅުން އަމިއްލަ ހިސާބު ޖައްސަވައި އިންތިހާބަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރިޔަސް، ޕީޕީއެމުން ރަސްމީ ގޮތެއްގައި އެ ވާހަކަތައް ނުދައްކަ އެވެ. ނަމަވެސް، ބައެއް އިސް ފަރާތްތަކުން ނަން ހާމަ ނުކުރާ ގޮތަށް ދައްކާ ވާހަކަތަކުން ހިޔާލުތަފާތުވުންތައް ހުރިކަން އެނގެ އެވެ.

ހައި ކޯޓުން ޔާމީނާ ދެކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އިންތިހާބަށް ކުރިމަތުލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ސުޕްރީމް ކޯޓަށް ގޮސްގެން މައްސަލަ ކާމިޔާބު ކުރެވޭނެހާ ވަގުތެއް ނޯންނާނެ އެވެ. އެ ހިސާބުން ޔާމީން ނޫން ދެވަނަ ވިސްނުމަކަށް ދާން އިދިކޮޅަށް މަޖުބޫރުވެދާނެ އެވެ. އެހެންވެ، ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ގަބޫލުކުރާ ގޮތުގައި ޔާމީން މިނިވަންވުމުގެ އުންމީދުގެ މައްޗަށް ރިޔާސީ އިންތިހާބު ދޫކޮށްލައިގެން ތިބުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު ނަން ހާމަނުކުރާ ގޮތަށް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިއަށް ދާން އެންމެ ރަނގަޅު ގޮތަކީ ޔާމީން ނޫން ކެންޑިޑޭޓަކު ނެރުން ކަމަށެވެ. އޭނާ ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ ގަބޫލުކުރާތޯ މަޑުކޮށްގެން ތިބޭ ނަމަ ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ކައުންސިލް ބައްދަލުވުމެއްގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަނީ --

މިހާރު ހައި ކޯޓަށް ހުށަހަޅަން ތައްޔާރުވާ ޔާމީންގެ އިސްތިއުނާފު މައްސަލަ ކާމިޔާބު ވިޔަސް، އެ މަނިކުފާނުގެ މައްޗަށް ފުއްގިރީގެ މައްސަލައިގައި ކޮށްފައިވާ ދައުވާތައް ކްރިމިނަލް ކޯޓުގައި ހިނގަމުންދާތީ އަނެއްކާ ވެސް ޖަލަށްދާން ޖެހިދާނެކަން ވެސް ފާހަގަކުރެއްވި އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅާ ފާހަގަކުރެއްވި ގޮތުގައި، ޔާމީންގެ ހުކުމް ދަމަހައްޓާ ހާލަތެއްގައި ޕީޕީއެމުން ޕްރައިމަރީއެއް ބާއްވާ ނަމަ ބާއްވަން ޖެހޭނީ އިންތިހާބާ ވަރަށް ކައިރިވެފައި ވަނިކޮށެވެ. ރޯދަމަހުގެ ކުރިން ޕްރައިމަރީއެއް ނުބޭއްވިއްޖެ ނަމަ، ކެމްޕެއިން ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބިދާނެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ނަން އެ ލިސްޓުގައި އުޅެ އެވެ. އެކަމަކު ޔާމީނަށް އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ހާލަތެއް ނޯންނާނެ ކަމުގެ އަޑު ލީޑަޝިޕްގެ ބައެއް ބޭފުޅުން އަދި ވެސް ގަދަ ކުރައްވައި އެ ގޮތަށް ވާހަކަ ދައްކަވާތީ އަސްލު މަންޒަރު ދެއްކުން ދަތިވަނީ ކަމަށް ބައެއް މީހުން ލަފާކުރެ އެވެ.

"ކެމްޕެއިނަށް ބޭނުންވާ ވަސީލަތްތައް ހޯދަން ވަގުތު ބޭނުންވާނެ. ސަޕޯޓަރުންނާ ހަމައަށް އެ ތަކެތި ފޯރުކޮށްދޭން ވެސް އެހާ ވަގުތު ނަގާނެ. އެންމެ ފަހު ވަގުތަށް މަޑުކޮށްފި ނަމަ ކުރިމަތިވާނެ އުނދަގޫތަކާއި ޕްރެޝަރު ވާނީ ހައްތާ ބޮޑު،" ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅާ ވިދާޅުވި އެވެ.

"މިހާރު އެހެން ޕާޓީތަކުން އެ ދަނީ ތައްޔާރުވަމުން. ޖުމްހޫރީ ޕާޓީ އަށް ބެލިޔަސް އެމްޑީޕީ އަށް ބެލިޔަސް އެ ބޭފުޅުންގެ ސިޔާސީ ކުރިމަގުގެ ބަހުސް ފަށައިފި. އެކަމަކު އަޅުގަނޑުމެން ޕީޕީއެމް މީހުން މި ތިބީ ޔަގީން ކަމެއް ނެތް ގޮތަށް."

އިދިކޮޅުން ޔާމީން ނޫން ކެންޑިޑޭޓަކު ނެރުމާ ބެހޭގޮތުން އެއްވެސް އިސް ބޭފުޅަކު އާންމުކޮށް ވާހަކައެއް ނުދައްކަވަ އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ޔާމީން ނޫން ކެންޑިޑޭޓަކު ނެރެން ޖެހިދާނެ ހާލަތެއްގައި ހަދާނެ ގޮތަކާ ބެހޭ ސުވާލުތަކަށް ޖަވާބު ދެއްވަނީ އަބްދުއްރަހީމެވެ. އޭނާގެ ޖަވާބަކީ އަބަދުވެސް ޔާމީން ނޫން ކެންޑިޑޭޓަކު ނެތް ކަމަށެވެ. ލީޑަޝިޕްގެ އެހެން ބޭފުޅެން ވެސް ތިއްބަވާ އެ ބައްދަލުވުންތަކުގައި އެ ބޭފުޅުންނާ ސުވާލު ކުރިޔަސް، ޖަވާބު ދެއްވަނީ އަބްދުއްރަހީމެވެ.

އެހެންވެ، އާންމުންނަށް ފެންނަ މަންޒަރަކީ ޔާމީން ނޫން ކެންޑިޑޭޓެއްގެ ވާހަކަ ދެއްކުން "ހުއްޓުވާފައިވާ" ތަނެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވުމަށް ފަހު އެ ޕާޓީގެ ލީޑަޝިޕުގެ ފަރާތުން އަބްދުއްރަހީމް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

ސަރުކާރުން ޔާމީން ޖަލުގައި ބަހައްޓަން ކޯޓުތަކަށް ނުފުޒޫ ފޯރުވާ ކަމަށް ވެސް ތުހުމަތަ ކުރައްވާ އަބްދުއްރަހީމް ދެކެވަޑައިގަންނަވަނީ، ހައި ކޯޓުން ޔާމީނާ އެއްކޮޅަށް މައްސަލަ ނިމޭނެ ކަމަށެވެ. އަދި ޔާމީންގެ ނަން ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވެ އެވެ.

ޔާމީން ނޫން ކެންޑިޑޭޓެއްގެ ވާހަކަ ދެއްކުން "މަނާ" ވިޔަސް ރައީސްކަމުގެ ގޮނޑި އަށް ޝައުގުވެރިވާ ކަމަށް އާންމުންގެ ތެރޭގައި ވާހަކަ ދެއްކެވޭ ބޭފުޅުންގެ ލިސްޓް މަދެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ނަން އެ ލިސްޓުގައި އުޅެ އެވެ. އެކަމަކު ޔާމީނަށް އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ހާލަތެއް ނޯންނާނެ ކަމުގެ އަޑު ލީޑަޝިޕްގެ ބައެއް ބޭފުޅުން އަދި ވެސް ގަދަ ކުރައްވައި އެ ގޮތަށް ވާހަކަ ދައްކަވާތީ އަސްލު މަންޒަރު ދެއްކުން ދަތިވަނީ ކަމަށް ބައެއް މީހުން ލަފާކުރެ އެވެ.

ޕީޕީއެމްގެ ތެރޭގައި އެންމެ މަގުބޫލު ލީޑަރަކީ ޔާމީންކަން އިދިކޮޅުން ބޭއްވި ހޯޕް ކޮންފަރެންސުން ވެސް ދައްކައިދިނެވެ. ކޮންފަރެންސްގައި ބައިވެރިވި ޕާޓީގެ އެކި މަގާމުތަކުގެ ހާހެއްހާ މީހުން ޔާމީން ނޫން ކެންޑިޑޭޓަކު ބޭނުންނުވާ ކަމަށް ދެއްކި ވާހަކަތަކަށް ތާއީދުކޮށް ކޮޅަށް ތެދުވެ އަތްތިލަބަޑި ޖެހި އެވެ.

އެކަމަކު، ޔާމީންގެ ޖަލު ހުކުމް ބާތިލު ކުރިއަސް، ކުރިއަށް އޮންނާނީ އުނދަގޫ ކެމްޕެއިނެކެވެ. މިނިވަން ނުވެއްޖެ ނަމަ އެންމެ ފަހު ވަގުތު އިދިކޮޅުން ކެންޑިޑޭޓަކު ހޮވަން ޕްރައިމަރީއަކަށް ދާން ޖެހި ކެމްޕެއިނުގެ މުހިންމު ވަގުތު ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. އެއާއެކު، އެހާ ލަހުން ޕްރައިމަރީއެއް ބާއްވައިފި ނަމަ ސިޔާސީ ކޯޅުމުގެ އުދާސްކަން ބޮޑުވެ ދެން ވާނެ ގޮތެއް ވެސް ބަލަންޖެހެ އެވެ.

54 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުޅުމާލެ ރިޔައްޓޭ

17 February 2023

ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަ ހުރެ މިއަދު މިވާހަކަ ބުނަން ލަދުގަނޭ.. އުސޫލެއްގެ ތެރެއިން ސިޔާސީ ހަޔަކާތް ހިންގާ ޕާޓީއެއް އެމްޑީޕީ ނޫނިއްޔާ ނެއް. ރައީސް ޔާމީން މިނިވަންކުރެވެން އޮތީ މިވެރިކަން ބަދަލުކޮށްގެން. އިންތިހާބު ކުޑަތަންވާއިރު އިތުރު މިސްނުމަކަށް ދާން މިހާރު ލަސްވެއްޖެ.

The name is already taken The name is available. Register?

ރާއްޖެތެރޭމީހާ

17 February 2023

ކޮންއޭބީކިޔާކަށް ޔާމީންއޮންނާނީޖަލުގަ

The name is already taken The name is available. Register?

ލިވާޒރ

17 February 2023

ޔާމީން އާ ވާދަކޮއްލާނެހާ ހިއްވަރު ހުރިމީހަކު އޑޕގަ ނެއް ޖަލައްލައިގެން ނޫނީ މިކަން ވާަކައްނެތް މީ ހަގީގީ ޑިމޮކުރެސީ އަކީ އަބަދުވެސް އިދިކޮޅު ލީޑަރ ހުންނާނީ ޖަލުގަ

The name is already taken The name is available. Register?

ވިވެކު

17 February 2023

ސުޕަ މެޖޯރިޓީ ލިބި ތަރައްގީ އެއް ނުގެނެވުމނު ބަޔަކައް ވުރެ ޕޕ ވެސް މާރަންގަޅު ގެނާ ތަރައްގީ އެހެރީ ފެންނަން

The name is already taken The name is available. Register?

މުކޭލ

17 February 2023

ބުޅަލެއް ލިޔަސް މުސަޅޭއް ލިޔަސް މަގޭ ވޯޓު މިފަހަރު ޕޕ އަށް .. މިހާރު މިހިރަ މީހާއައް ވޯޓު ލެވުނު މޮޔަހިތައް އަރާ މިހާުރު

The name is already taken The name is available. Register?

ޢެމެރިކާ

17 February 2023

ރައިސް ޔާމިނަކީ ވަރަައް ރަނގަޅު މީހެއް.

The name is already taken The name is available. Register?

ތައްޓޭ

16 February 2023

ޕުލޭން އޭ،ބީ އެއް އޮތަސް ޕީޕީއެމްއަށް ވޯޓް ދޭން ހިތައް އެރުވިޔަސް އިޙުސާސް ކުރެވެނީ މީގެ ހަތަރު އަހަރު ކުރި، މުޅި ޤައުމުގައި ފާޅުގައި ހިތައް އެރިގޮތަކައް ބޮޑެތި ބޮޑެތި ފަސާދަ ހިންގަމުން ގެންދިޔަ ހަދާން ޑުރަގާ މާރާމާރީއާއި މީހުން މެރުމާއި ސިޔާސީ އެތައް ބަޔަކަށް ކުރަމުން ގެންދިޔަ ލާއިންސާނީ އަނިޔާ ޕުލޭން ސީއެއް އޮތަސް ނެދެވޭނެ ވޯޓެއް ވަރަށް ސަލާމް ...

The name is already taken The name is available. Register?

ކ‫ަތީބުބޭ

16 February 2023

‫އެމްޑީޕީ އަކަށް ދޭނެ ވޯޓެއް ނެތް ދެނެއް. ވ. ވެދުން

The name is already taken The name is available. Register?

އައްޔަ ބޮޑޭ

16 February 2023

ތިހެން މޮޅުބަސް ބުނެލަ ބުނެލަ ތިއްބާ ފެންނާނީ ކަަތިވަޅި ގެއްލި ކޮށިދަނޑު ގެއްލި މަރިޔަމް ފާތުމަ ވެސްގެއްލުނުތަން,ޔާމީނައްކުރިމަތި ލެވޭނެ ކަމައް ގަބޫލު ކުރުމަކީ ...!

The name is already taken The name is available. Register?

ސަމްޕަތު

16 February 2023

ޕީޕީއެމް ގައި 40،000 މެންބަރުން ތިބި އިރު، ހަމައެކަނި ޤާބިލު މީހާ އޮތީ ވައްކަން ސާބިތުވެގެން ޖަލުގަ؟ ދެން ނެތީތަ ހަމަ މީހަކު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454