08 ފެބުރުއަރީ 2023 - 15:38
މިދިޔަ ހޯމަ ވިލޭރޭ ދަންވަރު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި، އެ ގައުމުންނާއި އަވައްޓެރި ސީރިޔާ އިން މަރުވި މީހުންގެ އަދަދު 9600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، ދިރި ހުރި މީހަކު ފެނޭތޯ ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަ ދެ އެވެ.
ތުރުކީގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި ބިންހެލުންތަކުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން، އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7108 އަށް އަރައިފަ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު އަދިވެސް މުޅިން ސާފުނުވާ ކަމަށް އެ ގައުމުން ބުނެ އެވެ.
ސީރިޔާ އިން ބުނި ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވެސް މެދުނުކެނޑި ކުރިއަށް ދާއިރު، މަރުވި މީހުންގެ އަދަދު 2530 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު މުޅިން ކަށަވަރު ނުވާ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.
The earthquake in Turkey 🇹🇷 is one of the deadliest this century but miracles continue to happen as heroic rescuers cut through the rubble in harsh weather conditions. #TurkeyEarthquake #gecmisolsunturkiye pic.twitter.com/73LXvrzbiM
— Sameer ‘Sadiq’ Bhat (@sadiquiz) February 8, 2023
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ތެރެއިން މިހާތަނަށް 8000 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތް ކުރެވިފަ އެވެ. ނަމަވެސް އިމާރާތްތައް ވެއްޓުނުތާ ތިން ދުވަސް ވެގެންދާއިރު، އިތުރު މީހުން ދިރި ތިއްބައި ފެނުމުގެ ފުރުސަތު ކުޑަ ކަމަށް، މީހުން ހޯދުމުގެ މަސައްކަތުގައި އުޅޭ ޓީމުތަކުން ބުނެ އެވެ.
ނަމަވެސް ބިންހެލުން އައިތާ 54 ގަޑިއިރު ފަހުން، އިމާރާތެއްގެ ދަށުން ކުޑަ ފިރިހެން ކުއްޖަކު ވަނީ ދިރި ހުއްޓައި ސަލާމަތް ކޮށްފަ އެވެ. މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޓީމަށް އެ ކުއްޖާ ފެނުނީ އިމާރާތެއްގެ ދަށުގައި ގާކުނޑިތަކުގެ ތެރޭގައި ތާށިވެފައި އޮއްވަ އެވެ. އެ ކުއްޖާ ފެނުމާއެކު، އެންމެ ފުރަތަމަ އޭނާ އަށް ބޯފެން ދިނީ، ފުޅިއެއްގެ މަތިގަނޑަކަށް އަޅައިގެންނެވެ. އެއަށް ފަހު، ގާކުނޑިތައް އެއްފަރާތް ކޮށް އެ ކުއްޖާ ނެގުމަށްފަހު، މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.
The last minutes of the Turkish family's life were caught on video. 💔😭
— Ahamed Inshaf (@InshafInzz) February 8, 2023
An online camera was installed to monitor the nanny.#TurkeyEarthquake #TurkeyQuake#Turkey #earthquake #earthquakes#earthquakeinturkey #earthquaketurkey #PrayForTurkey #Vikramanpic.twitter.com/kF4O22wCPP
ސީރިޔާގައި ވެސް ވަނީ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން، 45 ގަޑިއިރު ފަހުން، ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކޮށްފަ އެވެ. ސީރިޔާގެ އިދުލިބްގެ އަވަށެއްގައި ހުރި އިމާރާތެއްގައި ދިރިއުޅޭ އެ ކުއްޖާ ފެނުނީ، އޭނާ ދިރިއުޅޭ އިމާރާތް ވެއްޓި ބިމާ ހަމަވެފައި ވަނިކޮށް، އެ އިމާރާތުގެ ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި އޮއްވަ އެވެ.
ތުރުކީ ވިލާތާއި ސީރިޔާ އިން އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ އިރު، ބައިނަލްއަގުވާމީ މުޖްތަމައުގެ ސަމާލުކަން ބޮޑަށް ހުއްޓިފައިވަނީ ތުރުކީ ވިލާތަށެވެ. ހުޅަނގުގެ ބައެއް ގައުމުތަކުން ސީރިޔާ އަށް މާ ބޮޑު އަޅާލުމެއް ނުދޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ އިރު، އެހީދޭ ބައެއް ޖަމާއަތްތަކުން ވަނީ، ހާލުގައި ޖެހިފައިވާ މީހުންނަށް ހަމަހަމަކަމާ އެކު އެހީ ފޯރުކޮށްދިނުމަށް ސީރިޔާ ސަރުކާރަށް ގޮވާލައިފަ އެވެ.
ސީރިޔާ އިން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން 4.4 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު ފޮނުވަން ޗައިނާ އިން އިއްޔެ މިއަދު ވަނީ ނިންމައިފަ އެވެ. ބިންހެލުން އައުމާއެކު ޗައިނާ އިން ވަނީ ފުރަތަމަ އެހީގެ ގޮތުގައި ސީރިޔާ އަށް 5.9 މިލިއަން ޑޮލަރުގެ ސާމާނު ފޮނުވަން ނިންމައިފަ އެވެ. އޭގެ އިތުރުން ކާބޯތަކެތީގެ އެހީ ވެސް ޗައިނާ އިން ސީރިޔާ އަށް ފޮނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާ.
08 February 2023
ސުނާމީގެ ބިންހެލުން އައީވެސް ހަނދުމަހެއްގެ 15 ވިލޭރޭ. ތުރުކީއަށް މިފަހަރު ބިންހެލުން އައީވެސް ހަނދު މަހުގެ 15 ވިލޭރޭ. ދުނިޔެއަށް އައި ހުރިހާ ބޮޑެތި ބިންހެލުން ގުޅިފައިވަނީ ހަނދުމަހުގެ ސާދަ ނުވަތަ ފަނަރައާ. ސައިންސުވެރިން ކޮންމެ އެއްޗެކޭ ބުންޏަސް ހަނދާއި ބިންހެލުމާއި ވަނީ ގުޅިފައި.
ހާދަ ދެރައޭ
08 February 2023
މިފަދަ ހާދިސާތަކުން ވެސް އެނގިގެން ދަނީ އިންސާނާގެ އާރެއް ބާރެއް ނެތްކަން. މިކުޑަ ކުޑަ ގައުމު މިފަދަ ކަންކަމުން ރައްކާތެރިކޮށް ދެއްވަނީ މާތްﷲގެ އޯގާވަންތަކަމުން ކަން ކަށަވަރު. ޢެކަމަކު މިގައުމުގަވެސް ފާޅުކަން ބޮޑު ގޮތެއްގަ މާތްﷲއާއި އެއިލާހުގެ ރަސޫލާއަށް ފުރައްސާރަކުރާ ބަޔަކު އުޅޭ. މިއީ ވ.ބިރުހުރި ކަމެއް. އޭގެ އަގު އެބަޔަކު އަދާކުރަން ޖެހޭނޭ ކަމެއް.