ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސް ސުއޫދު: ފަނޑިޔާރުންނަށް ޖޭއެސްސީން ޖެއްސުން ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައި --- ފޮޓޯ/މިހާރު
11 ފެބުރުއަރީ 2023 - 15:30
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަތައް ބަލާއިރު ޖެއްސުމަށް ވެސް ސުވާލުކުރާ ކަމަށް ވިދާޅުވެ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލާއިރު ވަކި އުސޫލުތަކެއް ހިފަހައްޓަންޖެހޭނެ ކަމަށެވެ. އެކަމަކު މިހާރު ބައެއް މީހުންނާ ސުވާލު ކުރުމުގައި ޖެއްސުންކުރާ ރާގަށް ސުވާލުތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުލޫކީ މައްސަލައެއް ބަލަން ބަޔަކު ގެންގޮސްފައި، އެ ފަނޑިޔާރުންގެ މުވައްޒަފު ކައިރީގައި ބުނީ ކަލޭމެންނަށް ބާކީވި އެތިކޮޅު ވެސް ނުދީ ހެއްޔޭ ކާލީ. އެ ދުވަހު ކީއްވެހެއްޔޭ ކުކުޅު ނުގެނައީ؟ ކީއްވެ ހެެއްޔޭ ބީފް ނުގެނައީ،" ސުއޫދު ވިދާޅުވި އެވެ.
"މިއީ ޖެއްސުމަށް ސުވާލު ކުރުން. އެހެންވީމާ އަޅުގަނޑުމެންނަށް މަލާމާތްކުރާ ގޮތަކަށް، ޖެއްސުން ކުރާ ގޮތަކަށް ފުރައްސާރަކުރާ ގޮތަކަށް ސުވާލު ކުރެވިގެން ނުވާނެ." ކުރިން ބަންޑާރަ ނައިބު ކަމާއި ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވި އެވެ.
ސުއޫދު އެ އިޝާރާތް ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލާ މައްސަލައަށެވެ. އޭނާއާ ގުޅޭގޮތުން ބަލަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުގައި އޭނާ ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން ހުކުމްކުރި ދުވަހުގެ މެންދުރު ފަރިއްކުޅުވަން ގެނައި ތަކެއްޗަކީ ޔާމީން މިނިވަންވުމުގެ އުފަލުގައި ބޭއްވި ފަރިއްކޮޅެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ހުކުމްތަކާ މެދު ޖޭއެސްސީއަށް ބަސް ބުނެވިގެންނެއް ނުވާނެ އެވެ. އެކަމަކު ވެރިކަން ބަދަލުވުމާ އެކު ސުލޫކީ މައްސަލަ ބަލަން ފެށުމާއި ވަޒީފާ ގެއްލުން ފަދަ އެތައް ކަމެއް ފަނޑިޔާރުންނަށް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުރު ބަދަލުވާއިރަށް ވަޒީފާ އެބަ ގެއްލޭ. ސުލޫކީ މައްސަލައެއް ބަލަން ފަށާފާނެ. ކޮން އިރަކު ކަމެއް ނޭނގެ ކަނޑާލާނީއެއް. އެއީ ވަރަށް ދެރަ ކަމެއް." ސުއޫދު ވިދާޅުވި އެވެ.
މީގެ އިތުރުން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލަން ފަށައި އެ މައްސަލައިގެ ހަގީގަތް ރަނގަޅަށް ނޭނގި އޮއްވައި މީޑިއާގައި އެ ވާހަކަ އާންމު ކުރުމުން ވެސް ނޭދެވޭ އަސަރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާ އިން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި އަންނަނީ ފަނޑިޔާރުންނަށް ދިމާވާ އެކި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެ ކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފަނޑިޔާރުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރު
12 February 2023
އެފަދަ ސުވާލުކުރުމުން ޖޭއެސްސީގެ ހުރި ދަށް ފެންވަރު އެ ހާމަވަނީ. ބާކީއެތިކޮޅުވެސް ނުދީ ކާލީތޯ އެހުން އެއީ ކޮންމެ މީހަކާ ސުވާލުކުރި ނަމަވެސް ހަޑިކަމެއް. ސުވާލުކުރެވޭ މުވައްޒަފަށްވެސް އެފަދަ ސުވާލުން އިހްސާސްވާނެ ބައިވަރު ކަންކަން ހުންނާނެ. ފަނޑިޔާރާ މެދު މުވައްޒަފުންގެ ހިތްނުބައިކުރުވައި ދޭތެރެޖެއްސުމުގެ ގޮތުން އަހާ ކަހަލަ ސުވާލެއް އެއީ.
މަންޒިލް
12 February 2023
އަސްލު، މިއީ ޝަރުޢީ ދާއިރާގައި ބަހައްޓަން ހެޔޮވާވަރަށްވުރެ ސުލޫކު ދަށްމީހެއް! މަށަށް ގަބޫލުކުރެވޭގޮތް.
ބެހެއްޓީމަ
12 February 2023
މިހާރު އޭނައަށް އެބަ ދަސްވޭ ސުލޫކަކީ ކޮބައިކަން. ބައެއް ފަހަރު ބައެއް ކަހަލަ މަގާމު ލިބެނީ އެމީހަކު ނުދަންނަ އެއްޗެއް ދަސްވުމަށް މަގުފަހިވާން. މިހާރު ތިބި ވެރިންނަށް އެނގޭނެ ވެރިކަމުގަ ނެތްއިރު އޭރުގެ ވެރިންނަށް ގޮވިހާ ގޮވެލިފަތި އެމީހުންނާ ދިމާލަށް މިހާރު ގޮވީމަ ކިހިނެތްކަން ވަނީ.
ޖާބެ.
12 February 2023
މގުމަތީ ރިލްވާނާ ދެން ގޮތްނޭގޭ މަރުތަކުގެ ތިބި އާއިލާތައް މަގުމައްޗައް ނެރި ދުޢާކޮށް ގުންބޯހެއްދުން މިއީ ކޮންކަހަލަ ކަމެއްތޯ
ލައްކަވާހަކަ
12 February 2023
ސުއޫދުގެ ވަހަކައިން ބައެއްފަހަރަށް ހީވޭ ފަޅޮލޭ އަނެއްބައި ފަހަރު ބަރަބޮލޭ ވިދާޅުވާހެން. ތަންކޮޅެއް ޒިންމާދާރުކޮށް ވާހަކަ ދައްކަވާ. މިޒަމާނުގައި ކަމެއް ގޯސްކޮށް ހިނގިޔަ ނުދިނުމަށްޓަކައިވެސް ހާޒިރު ކުރަން ޖެހޭނެ. ސުވާލުވެސް ކުރަންޖެހޭނެ. ކަންކަން ގޯސްވީމަ ދެން ސުވާލުކުރިޔަސް އެކަން އޮންނާނީ ގޯސްވެފައި. ފަނޑިޔާރުންނަށް އެނގެން ޖެހޭނެ ސުވާލުކުރާނެކަން. އޭރުން ފަނޑިޔާރުން ހަމައިގަ ތިބެން ފަސޭހަވާނެ.
ދޭސީ ޚިޔާލު
12 February 2023
ސުޢޫދުގެ ދުލުން ތިވާހަކަ މިހާރު ނުކުތަސް ތިވާހަކަ ދިވެހިރައްޔިތުން އަޑުގެކޮޅަށް ހަޅޭއްލަވައި ގޮވަމުންދާތާ މިހާރު މިއޮތީ ފަސްވަނަ އަހަރަށް އަޅާފަ، ކޮންމެގޮތެއްވިޔަސް މިވެރިކަމުގައި ޖުޑިޝަރީއަށް ހަދާލިގޮތް ދެންއަންނަ ވަރިކަމެއްގައި ރަނގަޅު ނުކޮށްފިއްޔާ ޙައްޤު ގެއްލުވައިލި މީހުންނަށް ޙައްޤެއްނުލިބޭނެ
ދިއްދޫމީހާ
12 February 2023
ސޫދުގެ އިސްކޮޅަށް ވުރެން ބޮޑު ފޮތެއް ހިފާގެން ސްޕްރިމް ކޯޓް ދޮށަ ދިޔައީ ކީއްކުރަންބާ؟އަދި ނުވޭ ޖެއްސުން ކުރުމުގެ ވާހަކަ ދައްކާކަށް..
ނިއުމާ
11 February 2023
ސުއޫދު ތިވިދާޅުވީ ފަނޑިޔާރެއްގެ މުވައްޒަފު ކައިރީގައި ތިވިދާޅުވިގޮތަށް ސުވާލުކުރިއްޔޭ. ޖޭއެސްސީއިން ބަލަނީ ފަނޑިޔާރުންގެ މައްސަލަ، މުވައްޒަފުންގެ މައްސަލައެއް ނޫން. އެހެންކަމުން ތިބުނާ މުވައްޒަފާ ސުވާލުކޮށްފައި އެވަނީ ފަނޑިޔާރަށް ކުރެވޭ ތުހުމަތާގުޅިގެން ހެކިހޯދުމަށްކަމަށްވާތީ، ހެއްކަކަށް ތަހުގީގުގައި ސުވާލުކުރެވޭ މާހައުލަކީ ފްރެންޑްލީ މާހައުލެއްކަމަށް ހެދުމަށް އެފަދަ ކުޑަކޮށް މަޖާ ގޮތަކަށް ތަހުގީގު ފަށާ އައިސް ބްރޭކްކޮށްލުމަކީ، ފަޅޮލޭ ބަރަބޮލޭ...
ނޫން
12 February 2023
މާއެގިގެން ނޫޅޭ ، ސުވާލުކުރުމުގައިވެސް ވަކި އުސޫލް ތަކާއި ހަމަތަކެއް އޮންނާނެ ،
ފިލްމްކުޅެންވީނު
12 February 2023
އައިސްބްރޭކްކުރާނެ ރީތި ގޮތެއް ނޭނގޭ މީހުންނާ އެކަހަލަ މަސައްކަތް ހަވާލުނުކުރާނީ. މިހާރު އެ ސުވާލުކުރި ގޮތުން ސުވާލުކުރެވޭ މީހާގެ ހިތަށް ފަނޑިޔާރުންނާ ދޭތެރޭ ނަފްރަތު ވައްދުވާ ގޮތަށް ވާހަކަ އެހެރީ.
ޖަޖޭ
11 February 2023
ސުޢޫދެވެ. ތަހުޒީބު މުޖުތަމަޢުތަކުގައި ސކ ގެ ޝަރީޢަތްތަކުގައި ވެސް ޝަރީޢަތް ފެށުމާއެކު ވަކީލުންނާ ޚަސްމުން މާހައުލަށް ހޭނިލުމަށް ފަނޑިޔާރުން ވެސް ކޮންމެ ވެސް ބާވަތެއްގެ މަޖަލެއް ކޮށްލައެވެ. އަދި ބައެއް ފަހަރު އެދުވަހަކީ އެތަނުގަ އިން ފަނޑިޔާރެއްގެ އުފަންދުވަސް ނަމަ ވަކީލުންނަށް ލިބޭ ފުރުޞަތު ފެށުމުގެ ގޮތުން އެ ފަނޑިޔާރަށް މަރުހަބާ ވެސް ކިޔައެވެ އަދި ވަކީލުންނަށް ފަނޑިޔާރުންވެސް ތަހުނިޔާ ކިޔައެވެ. އެއީ އައިސް ބްރޭކަރ އެއް ގޮތަށް ކޮށްލާ ސުވާލުތަކެވެ
ގަހަރުލާދާ
11 February 2023
ސުއޫދެވެ. ތިޔަ ބުނާ ޖެއްސުންކުރުމުގެ ރާގާ، ބަރަބޮލޭ ފަޅޮލޭ ސކ ގެ ޝަރީޢަތުގެ މަޖިލީހުގައި އިން ފަނޑިޔާރަކު އެ މަޖިލީހުގަ ކޮޅަށް ހުރި ވަކީލަކާ ދިމާލަށް ބުނުމެކޭ އޮތް ތަފާތު ސުޢޫދަށް މިއަދަކު އިހުސާސެއް ނުވިއެވެ. އެއީވެސް ޖެއްސުން ކުރުމެވެ. އެހެންވީމާ ފަނޑިޔާރެކޭ ކިޔާފަ މަލާމާތްކުރާ ގޮތަކަށް، ޖެއްސުން ކުރާ ގޮތަކަށް ފުރައްސާރަކުރާ ގޮތަކަށް ވަކީލުން އަދި ކިއެއްތަ ޚަސްމުންނާ ވެސް ސުވާލު ކުރެވިގެން ނުވާނެކަން ސުޢޫދަށް އިހުސާސްވާނެ ދުވަހެއް އަދި އަންނާނެ
ތަކުރޭ
11 February 2023
އާދައިގެ މެޖިސްޓްރޭޓެއް.މިހެން ބުނިނަމަ އެ ފަކީރަށް ހަދާލާނެ ގޮތެއް ދޯ