ދުނިޔެ / ބިންހެލުން

ތުރުކީ ބިންހެލުން: މީހުން ސަލާމަތްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ

ސީރިޔާގެ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ކުޑަކުއްޖަކު ސަލާމަތް ކުރުމާއެކު އޭނާގެ ބައްޕަ ކުއްޖާއާ ހަވާލުވާން އަންނަނީ

12 ފެބުރުއަރީ 2023 - 12:43

2 comments

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ދެ ބިންހެލުމުގައި، ތުރުކީންނާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު 29000 އިން މައްޗަށް ގޮސް، އެ ހާދިސާ އަށް ހަފުތާއެއް ވެގެންދާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި އަދިވެސް ދަނީ ކުރިއަށެވެ.

ގުދުރަތީ ކާރިސާއެއްގައި ގެއްލުން ލިބުނު މީހުން ސަލާމަތް ކުރުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު ހަރަކާތް މިހާރު ކުރިއަށް ދާއިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކުރިމަތިވާ އެތައް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެ ސަރަހައްދަށް ކުރިމަތިވެފައިވާ ގަދަ ފިންޏާއި، ވެއްޓިފައިވާ އިމާރާތްތަކުގެ އަދަދު އިންތިހާއަށް މަތިވުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ.

ތުރުކީ ވިލާތުގެ 10 ޕްރޮވިންސަކަށް މި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، 12000 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. އަދި ހަތަރު މިލިއަނަށް ވުރެ ގިނަ އިމާރާތަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.

މި ބިންހެލުމުގައި ގިނަ މީހުން މަރުވެފައިވަނީ، ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެންނެވެ. ހޯމަ ވިލޭރޭގެ ފުރަތަމަ ބިންހެލުން، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި އައީ އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ.

އެ ބާރުގަދަ ބިންހެލުން އައިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގިނަ އިމާރާތްތަކެއް ވެއްޓިގެން ދިޔައިރު، ނިދިން ހޭލެވުނު މީހުންނަށް ވެސް އިމާރާތްތަކުން ނުކުންނާނެ ވަގުތެއް ނުލިބެ އެވެ. ދެވަނަ އަށް އެންމެ ބާރުގަދަ ބިންހެލުން، ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރަސް ޕްރޮވިންސަށް އައީ، ފުރަތަމަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ގިނަ ބަޔަކު އަވަދިނެތި އުޅެމުން ދަނިކޮށެވެ.

އެ ބާރުގަދަ ދެ ބިންހެލުން އައިފަހުން މިވީ ހަ ދުވަހުގެ ތެރޭގައި، އެ ސަރަހައްދަށް އެކި ބާރުމިނުގައި 1891 އަށް ވުރެ ގިނަ ލޮޅުން އަރައިފި އެވެ. އޭގެ ތެރޭގައި ރިކްޓާ މިންގަނޑުން 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ އެތައް ލޮޅުމެއް ހިމެނެ އެވެ.

ތުރުކީގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިއްބައި، އަދި ގާކުނޑިތަކުގެ ތެރޭގައި ވަޅުލެވި ޚަބަރު ހުސްވެފައި ތިއްބައި 9000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ސަލާމަތް ކުރެވިއްޖެ އެވެ. މީހުން ސަލާމަތް ކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އަންނަނީ ވަރަށް ބޮޑަށް ހިފަމުންނެވެ.

އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި އިރު، ބައެއް މީހުން ވަނީ ފޭސްބުކާއި ވައިބަ ގްރޫޕްތަކުގެ އިތުރުން ވަޓްސްއެޕާއި ޓުވިޓާ އާއި މެސެންޖާ ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އެމީހުންނާ ބެހޭ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެމީހުން ތިބި ތަންތަނާއި އެމީހުން ތިބި ހާލަތު ހިއްސާ ކުރުމުން، މީހުން ސަލާމަތް ކުރާ ޓީމުތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބުނެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގައި އެތައް ގައުމެއްގެ، މީހުން ސަލާމަތްކުރާ ޓީމުތައް ބައިވެރިވާއިރު، އެއިން ކޮންމެ ޓީމެއް ވެސް އެ ބައެއްގެ އަތުގައި ހުރި އެންމެ ފަހުގެ ވަސީލަތްތައް އަންނަނީ ބޭނުންކުރަމުންނެވެ.

އެމެރިކާގެ ޓީމުތަކުން ބޭނުން ކުރަމުން އަންނަ އެއް ވަސީލަތަކީ، ނާސާގެ ބޭނުންތަކަށް އުފައްދާފައިވާ، ސިންތެޓިކް އެޕާޗާ ރާޑަރު (އެސްއޭއާރް) ނިޒާމެވެ. މިއީ މޫސުމީ ކޮންމެ ހާލަތެއްގައި ވިޔަސް އަދި ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައިވެސް، ބިންމަތީގެ ސާފު މަންޒަރުތައް ވީޑިއޯ ކުރުމާއި ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމުތަކެކެވެ.

ނާސާއިން ދަނީ އެމެރިކާގެ ސެޓެލައިޓްތަކުގެ އެހީގައި އެ ނިޒާމުތަކުން ނަގާ، ބިންހެލުން އައި ސަރަހައްދުތަކުގެ ފޮޓޯތައް ތުރުކީ ވިލާތާ ހިއްސާ ކުރަމުންނެވެ. ނާސާގެ ސައެންސްވެރިންގެ ޓީމަކުން މިހާރު ވަނީ ބިންހެލުން އައުމުގެ ކުރިން އެ ސަރަހައްދު އޮތް ގޮތުގެ ފޮޓޯތަކާއި ބިންހެލުމަށް ފަހުގައި އެ ސަރަހައްދު އޮތް ގޮތުގެ ފޮޓޯތައް އަޅާބަލައި، ބިންގަނޑަށް އައި ބަދަލުތައް ތުރުކީ ވިލާތާ ހިއްސާކޮށްފަ އެވެ.

މީހުން ހޯދުމުގެ މަސައްކަތުގައި އެމެރިކާގެ ޓީމުން ބޭނުންކުރަމުން އަންނަ އަނެއް ވަސީލަތަކީ، ނާސާގެ ފައިންޑާ (ފައިންޑިން އިންޑިވިޖުއަލްސް ފޯ ޑިޒާސްޓާ އެންޑް އިމަޖެންސީ ރެސްޕޮންސް) ޓޫލް އެވެ. މި ވަސީލަތުގައި ބޭނުންކުރަނީ މައިކޮވޭވް ރާޑާ ޓެކްނޮލޮޖީ އެވެ.

ވެއްޓިފައިވާ އިމާރާތް ހުރި ސަރަހައްދަށް މި ފައިންޑާ އިން އޭގެ މައިކްރޮވޭވްތައް ދޫކޮށްލުމުން، އެ އިމާރާތުގެ ދަށުގައި ވަޅުލެވިފައިވާ މީހުންގެ ނޭވާ އާއި ހިތުގެ ވިންދު ދެނެގަނެވެ އެވެ. ވިހި ފޫޓު ބޯމިނުގެ ކޮންކްރީޓް ނުވަތަ ގާކުނޑިތަކުގެ އަޑިން ވެސް، އިންސާނުންގެ ނޭވާ އާއި ހިތުގެ ވިންދު ދެނެގަތުމުގެ ގާބިލުކަން މި ފައިންޑާ އަށް ލިބިގެންވެ އެވެ.

މި އާލާތް ބޭނުންކުރުމުން، ވެއްޓިފައިވާ އިމާރާތުގެ ދަށުގައި އެއްވެސް މީހަކު ދިރި އޮތް ނަމަ އެކަން އެނގޭނެ އެވެ. އަދި އެ މީހަކު އޮތީ ކޮން ހިސާބެއްގައިކަން ދެނެގަނެވުމާއެކު، އެމީހާގެ ފުރާނަ ސަލާމަތް ކުރުމަށް އަވަހަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

ބިންހެލުމުގައި ގެއްލިފައިވާ މީހުން ހޯދުމުގަ އާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިހާރު ބޭނުންކުރާ އެންމެ އާންމު އަނެއް ވަސީލަތަކީ ޑްރޯން ޓެކްނޮލޮޖީ އެވެ. ބިންހެލުންތަކުގައި ގެއްލިފައިވާ މީހުން ހޯދުމުގަޔާއި އެފަދަ މީހުން ސަލާމަތް ކުރުމުގައި ވެސް އަންނަނީ ޑްރޯންތައް ބޭނުން ކުރަމުންނެވެ.

އޭގެ އިތުރުން ބިންހެލުމުގައި ނުވެއްޓުނު ނަމަވެސް ގެއްލުން ލިބި ބަލިކަށިވެފައި ހުންނަ އިމާރާތްތަކަށް މީހުން ވަނުމުގެ ބަދަލުގައި، އެފަދަ އިމާރާތްތަކުގެ އެތެރެއަށް ޑްރޯންތައް ފޮނުވައިގެން، އެތަނުގެ އެތެރޭގައި މީހުން ދިރި ތިބިތޯ ބެލުމަށް ވެސް ޑްރޯން ބޭނުންކުރެ އެވެ. އަދި އިމާރާތަށް ގެއްލުން ލިބިފައިވާ މިންވަރު ދެނެގަތުމުގައި ވެސް ޑްރޯންތައް ބޭނުންކުރެ އެވެ.

ބިންހެލުމުގައި ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގެ މަގުތަކާއި ހައިވޭތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެހީ ފޯރުކޮށްދޭ މީހުން އެ ސަރަހައްދުތަކަށް ދިއުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. އެހެންކަމުން، އެފަދަ ސަރަހައްދުތަކުގައި ތިބި މީހުންނަށް އެންމެ ޒަރޫރީ އެހީގެ ސާމާނު ފޮނުވުމުގައި ތުރުކީ ސަރުކާރުން މިހާރު ބޭނުންކުރަމުން އަންނަނީ ޑްރޯންތަކެވެ.

އޭގެ އިތުރުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ދިރި ތިބި މީހުން ތިބިކަން ޔަގީންކުރުމަށް، ތާމަލް (ހޫނު ދެނެގަންނަ) ކެމެރާތައް ހަރުކުރި ޑްރޯންތައް އަންނަނީ ބޭނުންކުރަމުންނެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބޭ މީހުންނަށް ބޯފެނާއި ލުއި ކާނާ އަދި ބޭސް ފަދަ ތަކެތި ފޮނުވުމުގައި ވެސް ކުދި ޑްރޯންތައް އަންނަނީ ބޭނުން ކުރަމުންނެވެ.

ބިންހެލުންތަކުގައި އެންމެ ބޭނުން ހިފޭ އަނެއް ވަސީލަތަކީ، ސެޓެލައިޓް މުވާސަލާތެވެ. މިހާރު ތުރުކީ އަށް ކުރިމަތިވެފައިވާ ބިންހެލުމުގެ ހާދިސާގައިވެސް މީހުން ހޯދުމާއި އެހީ ފޯރުކޮށްދިނުމުގައި ސެޓެލައިޓް އިންޓަނެޓްގެ ބޭނުން އަންނަނީ ވަރަށް ބޮޑަށް ހިފަމުންނެވެ.

އެހީ ފޯރުކޮށްދޭ ޓީމުތަކާއި، ހާލުގައި ޖެހިފައިވާ މީހުންނާއި، ސަރުކަރުގެ އިދާރާތަކާ ދެމެދު މިހާރު ވެސް އެންމެ ބޮޑަށް މުވާސަލާތު ކުރަމުން އަންނަނީ ސެޓެލައިޓް އިންޓަނެޓްގެ ޒަރީއާއިންނެވެ. ކަމާ ބެހޭ މައުލޫމަތުތައް ހިއްސާ ކުރުމާއި ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގެ ޗާޓުތައް ހިއްސާކުރުމާއި، ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގެ ފޮޓީތައް ވަގުތުން ވަގުތަށް ހިއްސާކުރުމަށް ބޭނުންކުރަމުން އަންނަނީ ސެޓެލައިޓް އިންޓަނެޓެވެ.

މި ބިންހެލުމުގައި ތުރުކީ ވިލާތުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގައި، 56 ގައުމެއްގެ ރެސްކިޔޫ ޓީމުތަކުގެ 6479 މެމްބަރުން އަންނަނީ، ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޓީމުތަކުން އަންނަނީ، ޒަމާނީ ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތަކާއި، މީހުން ހޯދުމަށް ތަމްރީންކޮށްފައިވާ ކުއްތާތައް ބޭނުންކުރަމުންނެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައުސޫމް

14 February 2023

ތި އެމެރިކާ މީހުން މިހާރުން މިހާރަށް ބާލާ، މީހުން ސަލާމަތް ކުރުމުގެ ބަދަލުގަ އެމީހުންގެ ޓެކްނޮލޮޖީ ޓެސްޓް ކުރަނީ

The name is already taken The name is available. Register?

ދީޒާ

12 February 2023

އަޅެ ނުކެރޭނެ ބަލާކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454