12 ފެބުރުއަރީ 2023 - 16:43
އީރާންގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހުރިހާ ހަމަނުޖެހުމަކާއި ލޭ އޮހޮރުވުމަކީ ހުޅަނގުގެ ގައުމުތަކުގެ ރޭވުމުން ހިންގާ ކަންތައްތަކެއް ކަމަށް އީރާންގެ ރައީސް އިބްރާހީމް ރައީސީ ތުހުމަތު ކުރައްވައިފި އެވެ.
އީރާންގެ އިސްލާމީ އިންގިލާބަށް 44 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ސަރުކާރަށް ދާއީދު ކުރާ އާންމުން، ވެރިރަށް ތެހެރާންގެ މިނިވަންކަމުގެ މައިދާނުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރައީސީ ވިދާޅުވީ އެ ހުރިހާ ނުބައެއްގެ އަޑީގައި އޮތީ އެމެރިކާ ކަމަށެވެ.
"އަހަރެން މިއަދު މި ގައުމުގެ އަދުއްވުންނަށް ބުނެލަން ބޭނުމީ؛ މި ގައުމުގެ ރައްޔިތުންގެ އަޑު ކަލޭމެން އަހަން ބޭނުންވޭ ނޫންހޭ. މިތިބީ އީރާންގެ މަތިވެރި ރައްޔިތުން،" ވީޑިއޯ މެސެޖްގައި ރައީސީ އެހެން ވިދާޅުވުމާ އެކު، އެންމެން އެއް އަޑުން، "އެމެރިކާ އަށް މަރު، އިޒްރޭލަށް މަރު" ގޮވައި އަޑު ގަދަކުރަން ފެށި އެވެ.
ރައީސީ ވިދާޅުވި ގޮތުގައި އެ ގައުމުގެ އަދުއްވުން މަސައްކަތް ކުރީ ތަފާތު ރޮނގުތަކުން އީރާން ހޯދަމުން އަންނަ ކުރިއެރުންތައް ހުއްޓުވުމަށެވެ. އެކަމުގައި ހުޅަނގުގެ ގައުމުތަކަށް ކުރިއެރުން ނުލިބުމުން، މިހާރު ދިމާކޮށްފައިވަނީ އީރާންގެ އެތެރޭގައި ހަމަނުޖެހުން އުފައްދަން ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.
"ދުޝްމަނުންގެ އަވައިގައި ޖެހިފައިވާ މި ގައުމުގެ މީހުންނަށް ވެސް މިހާރު އެނގޭނެ، ދުޝްމަނުން އެއުޅެނީ އީރާންގެ އަންހެނުންނަށް މިނިވަންކަން ނުލިބިގެން ނުވަތަ އީރާންގައި ދިރިއުޅުމުގައި ދަތިކަމެއް ހުރެގެން ނުވަތަ އީރާންގައި މިނިވަންކަން ނުވަތަ އިންސާނީ ހައްގުތައް ނުލިބޭތީ ނޫންކަން. އޭގެ ބަދަލުގައި ދުޝްމަނުން ބޭނުންވެގެން އުޅެނީ، އީރާންގެ މިނިވަންކަމާއި އީރާންގެ ރައްޔިތުންގެ މެދުގައި އޮތް ސުލްހަވެރިކަމާއި އަމާންކަން ނަގައިލަން،" ރައީސީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީރާންގައި އަންހެނުންގެ ހައްގުތަކާއި އިންސާނީ ހައްގުތައް ނެތް ކަމަށް އަޑު ފަތުރަމުން ދާއިރު، އެ ދާއިރާތަކުގައި އީރާން މިހާރު ވެސް އޮތީ ހުޅަނގުގެ ގައުމުތަކަށް ވުރެ މާ ރަނގަޅު ހާލަތެއްގަ އެވެ.
"ކަލޭމެން އަންހެނުން ތި ބޭނުންކުރަނީ ވަސީލަތެއްގެ ގޮތުގައި އަދި ކަލޭމެން ވަނީ އަންހެނުން ވިޔަފާރި މުދަލަކަށް ހަދާފައި. އަދި ކަލޭމެން ފަތުރަމުން ތިޔަ ގެންދަނީ ފާހިޝް ކަންތައްތަކުގެ ވެސް އެންމެ ނުބައި ކަންތައް، އެއީ އެއް ޖިންސުން ގުޅުން ހިންގުން."
ރައީސީ ވިދާޅުވި ގޮތުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް އެމެރިކާ އިން ދައުވާކުރާ އިރު، އައިއެސް (އިސްލާމިކް ސްޓޭޓް) ޖަމާއަތަކީ ވެސް އެމެރިކާ އިން އުފައްދައި އެމެރިކާގެ ހަތިޔާރާއި މަދަދު ލިބިގެން ހަރަކާތްތެރިވާ ޖަމާއަތެކެވެ. އަދި އެ ޖަމާއަތުގެ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީ ވެސް އީރާނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާންގެ ހަމަނުޖެހުންތަކުގެ ގޮތުގައި ރައީސީގެ ވާހަކައިގައި އެ އިޝާރާތް ކުރެއްވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން، އީރާންގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ކުރަމުން އަންނަ މުޒާހަރާތަކަށެވެ. އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ.
މަހްސާ އަމީނީ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އޭގެ ފަހުން މުޅި އީރާނަށް ފެތުރިފައިވާ މުޒާހަރާތަކުގައި، 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ އިރު، ސަރުކާރުން ހައްޔަރު ކުރި މީހުންގެ ފުރިހަމަ އަދަދެއްގެ މުޅިން ޔަގީނެއް ނުވެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާތަނަށް 30 އަށް ވުރެ ގިނަ މީހުންގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ އިރު، މަރުގެ ހުކުމް އިއްވައި މިހާތަނަށް ހަތަރު މީހަކު ވަނީ ދަންޖައްސައި މަރާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިންބެ
14 February 2023
ބަޣާވާތް ކުރާމީހުންގެ ޙުކުމަކީ މެރުމެވެ. އެގޮތުން އީރާނަކީ އިސްލާމީ ޝަރީޢަތަށް ފުރިހަމައަށް ޢަމަލުކުރަމުން އަންނަ ޤައުމެކެވެ.
ވާންޗޯސް
12 February 2023
ކަލޭމެންގެ ވެރިންގެ ނުލަފާކަމާއި ޖާހިލުކަން ހުރިހާވެސް ކަމެއްގެ އަސްލަކީ. އަނިޔާވެރިކަމާއި އެންމެންވެސް ދެކޮޅުހަދާނެ.
ރަދީފު ބިން ރަފައިދާ
12 February 2023
އިރާނުގެ ބައެއް (މަދު) ރައްޔިތުންނަށް އެމެރިކާއަކީ މާމޮޅުބައެއްކަމަށް ފެންނާތީ މައްސަލައަކީ. ދެން މަގުތަށް ކުޑަކޮށް ރައްޔިތުންނަށް އުނދަގޫކޮށް އެބައިމީހުން ނިދިޔަނުދީ ތަން ފަސާދަކުރަނީ.
މާޒީގެ ވޭން އިރާގު ނެތިދިއުން
12 February 2023
އަހަރެން ހަނދާނުން ފިލައިގެންނުދާނެ އިރާގައް ޖެހުނުހާލު އެމަރިކާ އާއި ހުޅަނގު އިސްރާއީލު ސައޫދީގުޅިގެން ސައްދާމް ހުސައިންއާއި ހަނގުރާމަކުރުމުގެ ކުރިން އިރާގު ގަޑުބަޑުކުރަން އެޖެންޓުން މެދުވެރިކޮށް ރައްޔިތުންނަށް ލާރިޖަހައިގެން މުޒާހަރާކުރުވިހަދާން ސައްދާމްގެ ސިފައިން ރައްދުހަމަލާދީގެން މީހުން މަރުވުމުން ސައްދާމް ޓެރަރިސްޓަކަށް ހަދައިޖެހި ނުލަފާ މަޅިއެއްއެއީ ހަމައެގޮތައް އީރާނައްހަދަންވެގެން