ވިޔަފާރި / ރިޕޯޓް

ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ!

ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ރާއްޖެއަށް އަހަރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން އާދޭ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އާންމު ދިރިއުޅުމާއި ދައުލަތަށް ވަންނަ އާމްދަނީ އަށް ބަލައިލީމަ މީގެ ވަރަށް ރަނގަޅު ތަސައްވުރެއް ކޮށްލެވޭނެ އެވެ! ދުނިޔޭގެ އެންމެ އަގުބޮޑު ޓޫރިޒަމް މަންޒިލްގެ ގޮތުގައި ރާއްޖެ އޮވެ، ދައުލަތަށް ޓޫރިޒަމް ޓެކްސް އިން ލިބޭ އާމްދަނީ އަކީ އެންމެ 6.6 ބިލިއަން ރުފިޔާ އެވެ. މިއީ ގަބޫލު ކުރެވޭ ވަރުގެ އަދަދެއް ހެއްޔެވެ؟

ބައެއް ރިސޯޓްތަކުގެ މުޅި އަހަރުގެ ފައިދާ ވެސް އެތައް ސަތޭކަ މިލިއަނަކަށް އަރަ އެވެ. އެކަމަކު، ރާއްޖޭގައި 169 ރިސޯޓް އޮތް އިރު، އަހަރެއްގެ ތެރޭގައި ދައުލަތަށް ހަ ޕަސެންޓުގެ ޓެކްސްއެއް ދެއްކުމުން ވެސް ހަ ބިލިއަނުގެ އާމްދަނީއެއް އުޅޭ ނަމަ އެއީ ކޮންމެވެސް މައްސަލައެއްކަން ޔަގީނެވެ.

އޭގެ އެއްގޮތަކީ، ޓެކްސް އަށް މަކަރު ހެދުން ކަމަށް، މި ރިޕޯޓަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވި އެވެ. އަނެއް ގޮތަކީ، ޓެކްސްގެ ބާގަނޑުން ވަދެ، ރޫމް ރެންޓް އޮޅުވާލުމެވެ. އެއީ ގާނޫނުގެ ތެރެއިން "މަކަރު" ހެދުމެވެ.

ރާއްޖޭހެ ރިސޯޓަކަށް އައި ޓޫރިސްޓުންތަކެއް. ޓެކްސް ދެއްކުމުގައި ވީ އެންމެ ކުޑަ އަދަދުތަކެއް ދެއްކުމަށް ބައެއް ރިސޯޓުތަކުން މަސައްކަތް ކުރޭ-- ފޮޓޯ: މިހާރު

އެކަހަލަ އެތައް މައްސަލައެއް ކޯޓުން ވެސް އޮތީ ނިންމައިފަ އެވެ. އަދި، ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލަތަކުގައި ރިސޯޓް ކުށްވެރިވެ، މީރާ އިން އެ ފައިސާ ހޯދި މައްސަލަތަކެއް ވެސް ސިވިލް ކޯޓުން މީގެ ކުރިން ނިންމި އެވެ. އެކަހަލަ އެތައް މައްސަލައެއް ކޯޓުގައި މިހާރު ވެސް އެބައޮތެވެ.

"މިހާރު ވެސް އުޅޭނެ ޓްރައިބިއުނަލްގައި ވެސް. ކޯޓު މަރުހަލާތަކުގައި. ޓްރާންސްފާ ޕްރައިޒިން އުސޫލުން ވެސް، މަކަރު ހެދުމުގެ ގޮތުން ވެސް އެފަދަ ކަންކަން އެބަ ފާހަގަކުރެވޭ. މިސާލަކަށް އަޅުގަނޑުމެންނަށް އެނގެނީ، ވަރަށް ބޮޑަށް ޔަގީން ކުރެވެނީ. އެކަމަކު ޖިނާއީ ގޮތުން އެކަން ސާބިތުކުރެވޭ މިންގަނޑު އެބަ ތަފާތުވޭ،" މީރާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކޮޓަރީގެ އަސްލު އަގާ ކުޅުމަކީ ވަރަށް ގިނަ ރިސޯޓުތަކުން ކުރާ ކަމެކެވެ. އެކަން ސަރުކާރަށް ވެސް، އަދި ދައުލަތުގެ މާލީ އިދާރާތަކަށް ވެސް އެނގެ އެވެ. އެކަމަކު، ސަރުކާރުން އެކަން ގަބޫލު ކުރަނީ، އަދި ގަބޫލު ކުރެވެން ވެސް އޮތީ އެއީ އެކަން ކުރެވެން އޮތް ގޮތް ކަމެވެ. އެކަމަކު، އެއީ އެތައް ބައެއްގެ ހިޔާލު ތަފާތުވުން ބޮޑު މައްސަލައެކެވެ.

ކޮޓަރި ވިއްކާފައި ހުންނަނީ ޓެކްސް ދައްކާ އަގަކު ނޫން

ރާއްޖޭގެ ރިސޯޓްތަކުގެ ބޮޑު ޕަސެންޓެއް ބޭރުގެ އިންވެސްޓަރުން ވެސް ހިއްސާ ވެ އެވެ. އެހެންވެ، ބައެއް މުއާމަލާތްތައް ބޭރުގެ ބޭންކްތައް މެދުވެރިކޮށް ވެސް ހިނގަ އެވެ. އެކަން މީގެ ކުރިން އެމްއެމްއޭ އިން ފާހަގަކޮށްފައިވެ އެވެ. އެމްއެމްއޭ އިން ބުނީ ބޭރުގެ ބޭންކްތައް މެދުވެރިކޮށް ހިންގާ މުއާމަލާތްތައް ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ.

ރިސޯޓެއްގެ އިސްބޭފުޅަކު ވިދާޅުވީ، ބައެއް ރިސޯޓުތަކުން "ޓްރާންސްފާ ޕްރައިޒިން" އުސޫލުން އެކަން ކުރަނީ ވަރަށް ވެސް ރޭވުންތެރިކަމާ އެކު ކަމަށެވެ. އޭނާ ވިދާޅުވީ، ރިސޯޓުން އޭޖެންޓުންނަށް ރޫމް ވިއްކާ އަގާއި، އޭޖެންޓުން މެދުވެރިކޮށް ޓޫރިސްޓުންނަށް ރޫމް ވިއްކާ އަގުތަކުގައި ތަފާތު ގެނައުމަކީ، ރާއްޖޭގެ ގިނަ ރިސޯޓުތަކުން ކުރާ ކަމެއް ކަމަށެވެ.

ރިސޯޓެއްގެ ކޮޓަރިއެއް. ބައެއް ރިސޯޓުތަކުން ކޮޓަރިން ޖީއެސްޓީ ދައްކާ އަގާއި އޭޖެންޓު ކަސްޓަމަރަށް ކޮޓަރި ވިއްކާ އަގުގައި ބޮޑެތި ފަރަގުތައް ހުރޭ-- ފޮޓޯ: މިހާރު

މިސާލަކަށް ރާއްޖޭގެ ފަސްތަރީގެ ރިސޯޓަކުން ބޭރުގެ އޭޖެންޓަށް ރޫމު ވިއްކަނީ 500 ޑޮލަރަށެވެ. އެކަމަކު އެ ރޫމް އޭޖެންޓް ވިއްކީ 1750 ޑޮލަރެވެ. އެހެން ހެދުމުން މީރާއަށް އެ ކޮޓަރިން ޓެކްސްގެ ގޮތުގައި ލިބޭނީ 80 ޑޮލަރެވެ. އެހެން ނަމަވެސް، އެ ކޮޓަރި އޭޖެންޓު މެދުވެރިނުކޮށް ރިސޯޓުން 1750 ޑޮލަރަށް ވިއްކި ނަމަ މީރާ އަށް ޓީޖީއެސްޓީގެ ގޮތުގައި 280 ޑޮލަރު ވަންނާނެ އެވެ. އޭޖެންޓު މެދުވެރިވެގެން ކޮޓަރި ވިއްކުމުން ދައުލަތަށް ޓެކްސްގެ ގޮތުގައި އެ ގެއްލެނީ ގާތްގަނޑަކަށް 70 ޕަސެންޓެވެ.

"މިއީ ގާނޫނާ ހިލާފު ކަމެއް ނޫން. އެކަން ކުރުމުގެ ޖާގަ އެބަ އޮތް ގާނޫނުން ލިބިފައި. އެކަމަކު ބައެއް ރިސޯޓުތަކުން އެކަން އެބަކުރޭ، ޓެކްސް މަދުން ދެއްކުމުގެ ނިޔަތުގައި. މިއީ އަމިއްލަ ފަރާތްތަކުގެ ބޮޑެތި އިންވެސްޓްމެންޓްތައް. އެހެންވެ، ހަރަދު ކުޑަކުރުމުގެ ނިޔަތުގައި އެފަދަ ފިޔަވަޅުތައް އެޅުމަކީ މައްސަލައެއް ކަމަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މީރާ އަށް ބެލެން ނޯންނަ ކަމަކީ، އެ ކޮޓަރީގެ ހަގީގީ އަގެވެ. ދުއިސައްތަ ޑޮލަރުގެ ރޭޓުން ކޮޓަރި ވިއްކި ކަމަށް ބުނެ، ޓެކްސް ދައްކާ އިރު، އެ އަގަކީ ހަމައެކަނި ދައުލަތަށް ޓެކްސް ދައްކަން ވިއްކާ އަގެކެވެ. ބައެއް ރިސޯޓްތަކުން އޭޖެންޓަށް ކޮޓަރި ވިއްކީ ކަމަށް ބުނާ އިރު، އެ އޭޖެންޓަކީ ވެސް ހަމަ އެ ރިސޯޓުގެ ވެރިފަރާތުގެ މަސްލަހަތު އޮންނަ ބަޔަކަށް ވެ އެވެ.

"މީގައި މި ވާ ގޮތަކީ ރާއްޖޭގައި ޕްރޮޑަކްޓް ހުއްޓަސް އޭތި މާކެޓް ކުރުމާއި އެހެން ވަރަށް ގިނަ މަސައްކަތް އެބަ ކުރޭ ރާއްޖެ އިން ބޭރުގައި. އެހެންވެ، ޕްރޮޑަކްޓްގެ ސީދާ އަގަކީ އެ ވިކޭ އަގު ކަމަށް ވެސް ބަލައިގެން ނުވާނެ،" ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ހައްލު ކުރަން އުނދަގޫ މައްސަލައެއް

މީރާގެ ޗެއާޕާސަން އަހުމަދު ސަރުވަޝް ވިދާޅުވީ، ކަސްޓަމަރު ގަންނަ އަގާއި، ޓެކްސް ކުރާ އަގުގެ ތަފާތައް ހުރުމުގެ މައްސަލަ އަބަދުވެސް އޮންނަ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގައި މައްސަލަ ހުރި ނަމަވެސް ބައެއް ހާލަތްތަކުގައި އެކަން އެގޮތަށް ދިމާވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ސަބަބަކީ ރިސޯޓެއް ހިންގުމުގެ ބޮޑު ދައުރެއް ބައެއް ކުންފުނިތަކުން އެހެން ގައުމުތަކުގައި ވެސް ތިބެގެން ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ވިޔަފާރީގައި ހުންނާނެ އެކި ފަންކްޝަންތައް. ރާއްޖޭގެ ފަންކްޝަނަކީ އެނދު ހުރުން. އެ ޕްރޮޑަކްޓް މިހުންނަނީ ރާއްޖޭގައި. އެކަމަކު ޕްރޮޑަކްޓުގެ ބައެއް ފަންކްޝަންތައް ހުރެދާނެ އެކި ދިމާލުތަކުގައި. އޭގެ މާކެޓިންނާއި ވިޔަފާރި ހިންގުމުގެ ހެޑްކުއާޓާ ހުރެދާނެ ސެންޓްރަލައިޒްކޮށް އެހެން ތަނެއްގައި. އަދި އެނދެއް މިތާ ހުއްޓެކޭ ކިޔައިފަ ނުވެއް ވިކޭނެ. އެ މާކެޓުކޮށް ބްރޭންޑް ވެލިއު އެއަށް އެޑްކޮށްގެން ވަރަށް ގިނަ މަސައްކަތުން އެ އެނދުގެ އަގު މިސާލަކަށް 1،000 ޑޮލަރަށް މިއަރުވަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓެކްސްގެ ނިޒާމުގެ ތެރެއިން މިފަދަ މައްސަލަތައް ދެނެގަތުމުގެ ގާބިލުކަން މީރާގެ އެބަހުރި ކަމަށެވެ. އެގޮތުން މިހާރު ވެސް އެންމެ ބޮޑެތި ޓެކްސް ޕޭޔަރުންގެ ތެރޭގައި ހިމެނޭ 200 ކުންފުނި ކޮންމެ އަހަރަކު އޮޑިޓް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ގިނަ ކުންފުނިތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއް. ރާއްޖެއަކީ ލަގްޒަރީ ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ ގައުމެއް--

މީރާއަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ، އެ ކުންފުނިތައް އޮޑިޓް ކޮށްގެން، ދައުލަތުގެ ޓެކްސް އާމްދަނީ ބެލެހެއްޓޭނެ ނިޒާމެއް އެ އިދާރާގެ އެބައޮތެވެ.

"މި ބޮޑެތި ކުންފުނިތަކަކީ އާދައިގެ ކުންފުނިތަކެއް ނޫން. މަލްޓި ނެޝަލަން ކުންފުނިތައް މިއުޅެނީ. އެ މީހުންގެ ޓެކްސް ލޯޔަރުން ތިބޭ. ބައެއް ކޭސްތަކުގައި މީރާގެ ޓެކްނިކަލް ޕްރިންސިޕަލްތައް ގަބޫލުނުކުރާތީ ޓްރައިބިއުނަލަށް އަދި ކޯޓަށް ވެސް އެބަ މައްސަލަ ލާ،" އޭނާ ވިދާޅުވި އެވެ.

"މިއީ އެއްކޮށް އެލިމިޓޭޓް ކުރެވޭނެ މައްސަލައެކޭ ދުވަހަކު ވެސް ނުބުނެވޭނެ. ގާނޫނުތަކާއި ގަވައިދުތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް އެބަ ކުރަން. ޓެކްސް ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް އަދިވެސް އެބަހުރި. މިހާރު ވެސް ޖީއެސްޓީގެ އާ ގާނޫނެއް ވެސް މިދަނީ ލިޔަމުން."

ޓްރާންސްފާ ޕްރައިސިން ގަވައިދާއި އެޑްވާންސް ޕްރައިސިން އެގްރިމެންޓް ގަވައިދުގެ ތެރެއިން ވެސް މިކަހަލަ މަންފާ ހޯދާ ފަރާތްތައް މަދުކުރަން މިރާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާ އުސޫލުތަކައި ގަވައިދުތައް ގެންނަ އިރު ރާއްޖެ އަށް ޓެކްސް ލިބޭ މިންވަރާއި، އޮޅުވާލުންތައް ހުރި ވަރު ދެނެގަތުމަށް ރަސްމީކޮށް އެކަމާ ގުޅޭ ދިރާސާއެއް އަދިއެއް ހެދިފައެއް ނެތެެވެ. އެހެންވެ، ލިބެންޖެހޭ ޓެކްސް އިން މަދުވާވަރެއް ކަނޑައެޅިފައެއް ނުވެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ބުނާ ގޮތަށް ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ވެސް ދެކޭ ގޮތުގައި މިކަން އެއްކޮށް ހައްލު ކުރެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ މިފަދަ އޮޅުވާލުންތައް އޮޅުވާލަނީ، ގާނޫނީ ގޮތުން ޑިއު ޕްރޮސެސް ފުރިހަމަކޮށްގެން ކަމަށްވާތީ އެވެ. އެހެން ނަމަވެސް މިއީ ނުވާ ކަމަކަށް ހަދައިގެން ބަލަން ތިބެވޭކަށް ވެސް ނެތެވެ. ޓޫރިޒަމް ދާއިރާއިން ޓެކްސް ދެއްކުމުގައި ގެންގުޅޭ އުކުޅުތައް ދެނެ ގަނެ، ގާނޫނުތަކަށް ބަދަލުތައް ގެނެސްގެން، ޓެކްސް ގާނޫނުގައި ހުރި "ބާގަނޑުތައް" ކުޑަ ކުރަން މަސައްކަތް ކުރަން ޖެހެ އެވެ.

86 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 7%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިންނޭ!!!

09 March 2023

ރައްޔިތުން ފެލައިގެން، ގައުމަށް އަންނަ މީހުން ފެލައިގެން ގައުމު ހިންގުމުގެ ވިސްނުން ހުޓާލާފަ، ޕްރްޑަކުޓިވު ގައުމަކަށް ހަދަން ހަމަ ނުވިސްނަނީބާ!!! ކަންޑު ރޯދިން ބިލިއަން ޑޮލަރު ގައުމަށް ވަންނަން އޮވަ ހަމަ ކަމެއްނުކޮށް ފޭރެން އެންމެންވެސް ވިންނަނީ!!!

The name is already taken The name is available. Register?

އާނިރުޒ

01 March 2023

ދިވެހިންގެ އަތުން ކުންފުނި ތަކުން ޓެކްސް ކުޑަކުރީމަ ބަރާބަރުވާނެ.

The name is already taken The name is available. Register?

މަޑު

28 February 2023

މީ ސަރުކާރުތަކުން އިންވެސްޓަރުންނަށް "ފަހި މާހައުލެއް" ކަމަށް ކިޔައިން ފަހިކޮއްދީފަހިހުންނަ ކަންކަން.. ދިވެހި ރާއްޖޭގައި ކުރާވިޔަފާރި ތަކުން ދައުލަތައް މަންފާވާންޖެހޭ ވަރަށް ނުވާ ވިޔަފާރި ތަކާ އިންވެސްޓްމެންޓްތަކުގެ ބޭނުމެއް ނުވިސްނޭ! ދުނިޔޭގެ އެހެން ގައުތަކުގެ ރިސޯސަސް ބޭނުން ކޮއްގެން އެގައުމުތަކަށް ހަބޭހަށް ފައިދާވޭ! ހަމަ އަގުން ދިވެހި ދައުލަތަށް ރިސޯޓުތަކުން ޓެކްސް ވަންނަ ނަމަ މި ދިވެހި ރާށްޖެ އުޅޭނީ ގަތަރު، ދުބާއީ ފެންވަރުގައި.

The name is already taken The name is available. Register?

ގަމާރުސަރުކާރު

28 February 2023

ވިޔަފާރިން ގަދަކަމުން ދައުލަތަކަށް ފައިސާއެއްނުނެގޭނެ. އެހެންވެގެން އާޖެންޓީނާކަހަލަ ގައުމުތައް އަޑިއަޅާލީ. ވިޔަފާރިތަކަށް އިތުބާރު ހިފޭ ބޭންކެއް ހަދައި އެމީހުންނަށް ގާނޫނުންނާއި އަމަލީގޮތުން ރައްކާތެރިކަންދޭނެމަ، ޓެކްސް ނުނެގިޔަސް ތިފައިސާ ދިވެހިރާއްޖޭގެބޭންކުގަ ދައުރުވާނެ. ކޮރަޕްޝަނާ ވިޔަފާރީގަ ސަރުކާރައް އިތުބާރު ނެތީމަ ވާގޮތް. ހާއްސަކޮށް ބޭންކުގަ. އެއްވެސްމީހަކު އެއްވެސްވިޔަފާރިއެއްކުރާނީ ހެޔޮއެދިގެނެއްނޫން ފައިދާހޯދުމަށް.

The name is already taken The name is available. Register?

އިނގޭ

01 March 2023

ކަލެއަށް މާ އިނގެނީ

The name is already taken The name is available. Register?

އަމީރާ

28 February 2023

ހައްލު ކުރަން ވަރަށް ފަސޭހަ ކަމެއް. ކޮންމެ ރިސޯޓެއްގެ ވެސް ފެންވަރު ބަލާފަ އެރިސޯޓުތަކުން ބުކިންގ ޑޮޓް ކޮމް ފަދަ އޯޓީއޭ ތަކުގަ ރޫމް ވިއްކަން ހުރި އެވްރެޖް ރޭޓް ބަލާފަ އެއަގުން އެރިސޯޓެއްގެ ވިއްކާ ކޮންމެ ރޫމަކަށް ޓީޖީއެސްޓީ ދައްކަން ޖެހޭނެ ކަމަށް ހެދީމަ ނިމުނީ. އޭރުން ވަރިހަމަ އޭޖެންޓަށް ކޮންމެ ރޭޓެއްގަ ވިއްކާ ކަމަށް ހެދިޔަސް.. ދައުލަތަށް ލޯލާރިއެއްވެސް މަދުނުވާނެ..

The name is already taken The name is available. Register?

ދޮންދިން

28 February 2023

ކަލެެއަށް ބުނެލަން ވަރަށް ފސޭހަ. މިއުޅެނީ ލޯ ކުރިމަތީ މީހަކު މަރާލީމާ އެއްވެސް ކަމެއް ނުކުރެވޭ ތަނެއްގެ ވާހަކަ. މީރާއިން ތިކަން ކުރަން ކިތަންމެ ކަމެއް ކުރި ކޮރަޕްޓު ގައުމެއްގައި ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެ ޖީބުފުރުން ނޫން

The name is already taken The name is available. Register?

ލޮލްހާދަމޮޅޭ

28 February 2023

ރާއްޖޭގެ ގިނަ ރިސޯޓްތައްވިއްކަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް. ރިސޯޓް ހިންގާ ފަރާތައްވެސް އަސްލުއަގު ނޭގޭ. ލޯލާރިއުސޫލަކުންނޫން ދުނިޔެހިނގަނީ. ދިވެހިރާއްޖޭގަ ގިނަވާނީ ބޭރުމީހުންގެ އިންވެސްޓްމަންޓް، މިހާރުވެސް އެމީހުން ބޭރުވެއްޖިއްޔާ ނޫނީ ވިޔަފާރި ނުކުރެވޭގޮތްވެއްޖިއްޔާ ދިވެހިން އިނދަޖެހޭ. އަތުންފައިން ކަމެއް ކުރަންނޭގެތާ އެހެންބަޔަކު ކުރިޔަވެސްނުދޭންއުޅޭތީވާގޮތްގޮތް

The name is already taken The name is available. Register?

ޙައްލަކީ އިންޑިއާ

28 February 2023

ދިވެހިންގެ ބޮޑުން ދިވެހިންނައް ހަރާމް ކޯރުވެއްޖެ. ނިކަމެތިންނައް ވަކި އިންޑިގޯސްވާންވީކިއްވެ. ދިވެހިންގެ ވެރިން ދިވެހިންނައް މާގޯސް.

The name is already taken The name is available. Register?

ރިސޯޓް ބޯއީ

28 February 2023

ތީއެއްވެސް އުދަގޫ ކަމެއްނޫ. އޮންއަރައިވަލް ވިސާ ޖެހުމުގެ ކުރިން، ފަތުރުވެރިޔާ ހޮލިޑޭއަށް ފައިސާ ދައްކާފައިވާ ރިސިޓް ދައްކާގޮތަށް ބަދަލުކޮށްލާ. އެއިރުން އެގޭނެ ކިހާވަރަކަށް ރޫމް ވިއްކާފައި ހުރީ.

The name is already taken The name is available. Register?

ރިސޯޓް ބޯރީ

28 February 2023

ސައިހޮޓަލުގަ ގުޅަވިއްކާގޮތަށް ރޫމްގަނެގެއްނޫން ޓޫރިސްޓޫން ރާއްޖެއަންނަނީކީ.

The name is already taken The name is available. Register?

ހާސަރު

28 February 2023

ހުރިހާވެސް މައްސަލަ އަކީ ރިޒޯޓް އޯނަރުންގެ ކޮންޓްރޯލް ހުރިހާ ސަރުކާރެއްގައިވެސް އޮންނާތީ. ގާގޫނަށް ބަދަލުގެނެނެސްގެންވެސް ހައްގު މިންވަރު ހޯދަންއެބަޖެހޭ. ޓެކްސް ދައްކަންޖެހޭ އަދަދަކީ ގެސްޓްމީހާ ޕޭކުރިއަދަދުން ނަގާއެއްޗަކަށް ހަދަންވީ އޭރުން މިހާރު މިނަގާ %16 ގެ ބަދަލުގައި %10 ނެގިއަސް ލިބޭވަރު މާގިނަވާނެ. އެކަމަކު އެބަދަލު ގެނައުމުގެ ހިތްވަރެއް އެއްވެސް ސަރުކާރެއްގައި ނެތް!

The name is already taken The name is available. Register?

އަލިބެ..

28 February 2023

ކަންމަތީ ފިހާރަ ތަކުގެ ވަތްގަޑު ހާވައި އަގުހަދައި އެމީހުން ބުނާ ވަރަކަށް ޓެކްސް ދައްކަން މަޖުބޫރު ކުރެވޭ. އެކަމަކު ރިސޯޓު ރޫމެއް ވިއްކީ އެއް ޑޮލަރޭ ބުންޏަސް އެއީ ރިސޯޓަށް އޮތް ހައްޤެއް ކަމަށްވަނީ. އަޖައިބެއް މިއޮތީ!

The name is already taken The name is available. Register?

ކައްތިރި.

28 February 2023

މީރާގައި ހުރި ބާގަޑު ތަކުގައި ސިމެންތި ޖަހަން ޒިކުރާ މިސްކިތް ކައިރިން ބޮންދުން ތަކެއް ނަގަންވީ ނު.

The name is already taken The name is available. Register?

މީރާ ލަވަކިޔާ

01 March 2023

މީރާ ފޫ އަޅުވާލީ މިސަރުކާރުން. އެއީ މިހާރު ފިނޭންސް މިނިސްޓްރީގައި ހުންނަ ކުޑަވަރެއްގެ ޑެސްކެއް. ކާކު ކިހާވަރަކަށްތޯ ނިންމާނީ މިނިސްޓަރު މޭޒުކޮޅުން މިހާރު. މިހާރު ޓެކްސްއަށް މަކަރު ހަދާމީހުން ތިބީ އެމްޑީޕީ ކެމްޕެއިން އަށް ފަންޑުކުރަން. އެމީހުންނަކާއި ނުކުޅެވޭނެ. ގޮތް ނިންމާނީ މިނިސްޓަރު ކުޑަކުއްޖަކު ފުށް ޖަހާފަ ކޮޓަރިއެއްގައި ބޮޑު ގޮނޑިއެއްގައި އިންނާނެ 2 ވަނަ ފަންގިފިލާގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454