ތުރުކީގެ އިރުމަތީގައި، ސީރިއާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ގާޒީއަންތާބް އަށް އައި ބާރުގަދަ ބިންހެލުމެއްގައި އެ ސަރަހައްދަށް ބޮޑުތި ގެއްލުންތަކެއްވެފައި.-- ފޮޓޯ: އޭއެފަޕީ
16 ފެބުރުއަރީ 2023 - 11:26
މިދިޔަ ހަފުތާގެ ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބޭތާ 10 ދުވަސް ފަހުން، ތުރުކީ ވިލާތުގެ ދެ ސަރަހައްދަކުން ފަސް މީހަކު ދިރި ތިއްބައި އިއްޔެ ސަލާމަތް ކޮށްފި އެވެ.
އެ ފަސް މީހުންގެ ތެރެއިން އިއްޔެ އެންމެ ފުރަތަމަ ސަލާމަތް ކުރެވުނީ، ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު، ތުރުކީ ވިލާތުގެ ދެކުނު ސަހަރެއް ކަމަށްވާ ގަހްރަމާން މަރައަޝްގައި ވެއްޓިފައި އޮތް އިމާރާތެއްގެ ދަށުގައި ތާށިވެފައި ތިބި، 74 އަހަރުގެ އަންހެނަކާއި، 46 އަހަރުގެ އަންހެނެކެވެ. ދެން ސަލާމަތް ކުރެވުނު ތިން މީހުންނަކީ، ދެކުނުގައި އޮންނަ އެހެން ސަހަރެއް ކަމަށްވާ އަންތާކިޔާގައި ވެއްޓިފައި އޮތް އިމާރާތެއްގެ ދަށުން ސަލާމަތް ކުރި އަންހެނަކާއި އޭނާގެ ދެ ދަރިންނެވެ.
🚨 A cat led rescue teams to a building in earthquake-hit Turkey, where a mother and her two children, along with a baby, were rescued from the rubble.
— Pubity (@PubityIG) February 15, 2023
A heartwarming reminder of the power of the animal-human bond. ❤️pic.twitter.com/KwMjJtm3GG
އެ އަންހެން މީހާ އާއި ދެ ދަރިން ސަލާމަތް ކުރެވުނީ، އެމީހުންގެ ގައިމައްޗަށް ވެއްޓިފައި އޮތް އިމާރާތުގެ ގާކުނޑިތަކުގެ މަތީގައި އުޅުނު ބުޅަލެއްގެ ހަރަކާތްތައް ހުރި ގޮތުން، މީހުން ސަލާމަތް ކުރާ ޓީމުގެ މީހުން، އެ ސަރަހައްދު ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އެ ބުޅަލުގެ ހަރަކާތްތައް ހުރި ގޮތުން، އެ އިމާރާތުގެ ދަށުގައި ބަޔަކު ތާށިވެފައި ތިބި ވާހަކަ އެ ބުޅާ ބުނެދެނީ ކަމަށް، މީހުން ސަލާމަތް ކުރާ ޓީމުގެ މީހުންނަށް ގަބޫލު ކުރެވުނީ އެވެ.
މި މީހުން މި ސަލާމަތް ކުރެވުނީ ބިންހެލުމުގައި ވެއްޓުނު އިމާރާތުގެ ދަށުގައި ތާށިވެފައި ތިބޭތާ 228 ގަޑިއިރު ފަހުންނެވެ. މީހުންގެ އިތުރުން، ގޭގޭގައި ގެންގުޅޭ ގިނަ އަދަދެއްގެ ބުޅަލާއި ކުއްތާ އަދި ދޫނި ފަދަ ތަކެތި ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ.
މީހުން ސަލާމަތް ކުރާ ޓީމުތަކުން ބުނާ ގޮތުގައި އިމާރާތްތައް ވެއްޓުނުތާ 10 ދުވަސް ވިޔަސް، އިމާރާތްތަކުގެ ބައިތައް ނަގަމުން، ގާކުނޑިތައް އެއްފަރާތްކުރަމުން ދާ ވަރަކަށް، އިމާރާތްތަކުގެ ދަށުން މީހުންގެ އަޑު އިވޭ އެވެ. އެހެންކަމުން، ދިރި ތިބި މީހުން ފެނުމުގެ އުންމީދު ނުގެއްލޭ ކަމަށާއި، މީހުން ހޯދުމުގެ މަސައްކަތް ހުއްޓައިލަން ގަސްދު ނުކުރާ ކަމަށް ވެސް އެ ޓީމުތަކުން ބުންޏެވެ.
Rescue team members in earthquake-hit Turkey passed a camera hand-to-hand to capture the awe-inspiring moment when survivors were rescued from the rubble after a 9-day effort. pic.twitter.com/cfbcy9ePQy
— Daily Turkic (@DailyTurkic) February 14, 2023
މި މަހުގެ 4 ވަނަ ދުވަހު އައި ބިންހެލުންތަކުގައި ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، އެ އިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 35418 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި ސީރިޔާގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މަރުވި 5800 އަށް ވުރެ ގިނަ މީހުންނާއެކު، ދެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 41000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
އެ ދުވަހުގެ ބިންހެލުންތަކުގައި ތުރުކީ ވިލާތުގެ 10 ޕްރޮވިންސަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ހަތަރު މިލިއަނަށް ވުރެ ގިނަ އިމާރާތަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރައަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy