އަޑިއަށް ދިޔަ ސަޕްލައި ދޯނިން ހަތަރު މީހަކު ސަލާމަތްކޮށް، ކޯސްޓްގާޑު ބޯޓަށް އަރުވަނީ.-- ފޮޓޯ: އެމްއެންޑީއެފް
20 ފެބުރުއަރީ 2023 - 10:30
ލ. މާވަށު ކައިރިން މުދާ ހިފައިގެން ސަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެ، އަޑިއަށް ދިއުމުން ކަނޑުވި ހަތަރު ފަޅުވެރިން ކޯސްޓްގާޑުން މިއަދު ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރ. އަތޮޅުން ފުރައިގެން ގއ. އަތޮޅުގައި އޮންނަ ރޮބިންސަން އައިލެންޑް ރިސޯޓަށް ދަތުރުކުރި "ނޫރު-2" ދޯނީގައި އަލިފާން ރޯވެގެން ހެނދުނު 7:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭރު ދޯނި އޮތީ މާވަށު ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުގަ އެވެ.
އޭގައި އެ ވަގުތު އައްޑޫ ހުޅުދޫ މީހަކާއި ތިން ބިދޭސީން ތިއްބެވެ.
ކޯސްޓްގާޑުން އެ ތަނަށް ދިޔައިރު ދޯނި އޮތީ އަޑިއަށް ގޮސްފަ އެވެ. ނަމަވެސް، ދޯނިން ދަތުރުކުރި އެންމެން ސަލާމަތްކުރީ މާވަށުގެ ދެކުނުން ހަ ނޯޓިކަލް މޭލު ބޭރު ކަނޑުން ފެނިގެން ކޯސްޓްގާޑުންނެވެ.
އެ މީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް ވިދާޅުވީ އަޑިއަށް ދިޔަ ދޯނިން ސަލާމަތްކުރި ހަތަރު މީހުން ވެސް ކޮންމެ ވެސް ވަރަކަށް ފިހިފައިވާ ކަމަށެވެ. އެކަމަކު، އެ ތަނުން އެކަކު ތަންކޮޅެއް ބޮޑަށް ފިހިފައި އޮތަސް، އޭނާގެ ހާލު ވެސް ސްޓޭބަލް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ގިނައިރު ފެތީމަ ވަރުބަލިކަން ބޮޑަށް ފާހަގަވީ. ހާލު ރަނގަޅު. ފަރުވާ ދެމުން އަންނަނީ." އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
20 February 2023
މީހެއްގެ ފުރާނައަށް ނުރައްކާނުވިކަމަށްޓަކައި ﷲ ޙަމްދުކުރަން. ހުރިހާ އެންމެނަށް އަވަސް ޝިފާއަކަށް އެދެން. ދޯނީގެ ވެރިފަރާތަށާއި މުދަލުގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ދެއްވަވާށި.