ކުޅިވަރު

އެންމެ ކާމިޔާބު ޓީމު ތިމަރަފުށްޓާ ދެކޮޅަށް ތ. އަތޮޅު ފައިނަލްގައި ކިނބިދޫ

ކިނބިދޫ އާއި އޮމަދޫ ރޭ ބައްދަލުކުރި މެޗްގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ތ. އަތޮޅުގެ ފައިނަލް ގައި ކިނބިދޫ އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ތިމަރަފުށި ވާދަކުރަން ޖެހިއްޖެ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކިނބިދޫ އިން ވަނީ ސެމީ ފައިނަލް ގައި ފަހަތުން އަރައި 2-1 އިން މިދިޔަ އަހަރުގެ އަތޮޅު ރަނަރަޕް އޮމަދޫ ބަލިކޮށްފަ އެވެ. އޮމަދޫގެ އަހުމަދު ނަޝްވާން ފުރަތަމަ ހާފުގައި ލީޑު ނަގައިދިނަސް ކިނބިދޫއިން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. އެއްވަރުކުރި ލަނޑު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު ހަމްދާން ހުސެއިން ޖަހައިދީފައި ވަނިކޮށް ލީޑު ހޯދީ މުހައްމަދު ސަހާއު (ބޭލް) ފޮނުވާލި ހަމަލާއެއް ދިފާއު ކުރަން އުޅެނިކޮށް އޮމަދޫގެ މުހައްމަދު އަލާއު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ތިމަރަފުށިން ފައިނަލަށް ދިޔައީ ސެމީގައި 2-0 އިން ވޭމަންޑޫ ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. އަދި ފަހު ހާފުގައި ދެވަނަ ލަނޑު ޖަހައިދިނީ އިސްމާއިލް މުނީޒް އެވެ. މި މެޗުގެ މޮޅު ކުޅުލންތެރިއަކަށް ހޮވުނީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ.

ތިނަދޫ ޓީމުގެ ގަބޭ، ރޭގެ މެޗުގައި ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ތ. އަތޮޅުން ހަތް ރަށެއް މުބާރާތުގައި ވާދަކުރި އެވެ. ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިން ކުޅުނު އަތޮޅުބުރުގައި ތިމަރަފުށްޓާއި ކިނބިދޫ ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ގުރޫޕް ސްޓޭޖުގައި ތިމަރަފުށިން ވަނީ ކިނބިދޫ ބަލި ކޮށްފަ އެވެ.

ގދ. ތިނަދޫ އަށް މެޗަށް ހާޒިރު ނުވެވުނު، ފައިނަލްގެ ފަހު ޖާގަ ގައްދުއަށް

ރޭގެ ކުޅުން ފެށުމަށް އެންމެ ފުރަތަމަ ކުޅެން އޮތީ ގދ. އަތޮޅުގެ ދެ މެޗުންނެވެ. އޭގެ ތެރެއިން އަތޮޅު ފައިނަލުގެ ޖާގަ ޔަގީން ކޮށްފައިވާ ވާދޫ އާ ދެކޮޅަށް ކުޅެން އޮތް ތިނަދޫ އަށް މެޗަށް ހާޒިރު ނުވެވުމުން މެޗު ލިބުނީ ވާދޫ އަށެވެ.

މި އަތޮޅުގެ އަނެއް މެޗުގައި ބައްދަލު ކުރީ މަޑަވެއްޔާއި ގައްދޫ އެވެ. މި މެޗު 3-2 އިން ކާމިޔާބު ކުރީ ގައްދޫ އެވެ. ގައްދޫގެ ލަނޑުތައް ޖަހައިދިނީ އާލިމް އަބްދުލް އަޒީޒް އާއި ޝާރިގް އިބްރާހިމް ރަޝީދު އަދި މިރާސު މުހައްމަދު ޒުހެއިރެވެ. މަޑަވެލިން ޖެހި ދެ ގޯލު ވެސް ޖަހައިދިނީ އަހުމަދު ސިނޫ މަހްމޫދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައްދޫގެ އާލިމް އެވެ.

މި މޮޅާ އެކު އަތޮޅު ފައިނަލް ގައި ވާދޫ އާ ދެކޮޅަށް ކުޅޭ ޓީމަކަށް ހޮވިފައި މިވަނީ ގައްދޫ އެވެ.

ކ. އަތޮޅު ސެމީގެ ފަހު ޖާގަ ކާށިދޫ އަށް

ކ. އަތޮޅުގެ ސެމީގެ ފަހު ޖާގަ ކާށިދޫން ޔަގީން ކުރީ ރޭ ކުޅުނު މެޗުގައި 4-2 އިން ހިންމަފުށި ބަލިކޮށްފަ އެވެ. މި މެޗުގައި ކާށިދޫގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ހަލީމް، އަބްދުﷲ ސުޒެއިރު، އިލްވާން މުހައްމަދު އަދި އަބާން މުހައްމަދެވެ. ހިންމަފުށީގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ނާފިޒާއި އަތުޝާން އިބްރާހިމް އެވެ.

ކާށިދޫ އިން ސެމީ ފައިނަލް ގައި ވާދަ ކުރާނީ ގުރޫޕް 1 ގެ އެއްވަނަ ހޯދި ގާފަރާ ދެކޮޅަށެވެ. އަނެއް ސެމީ ގައި ވާދަކުރާނީ ދިއްފުށްޓާއި މާފުށްޓެވެ.

ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލައިލާއިރު ލ. އަތޮޅު މާމެންދޫ އިން ވަނީ 3-0 އިން ކަޅައިދޫ ބަލި ކޮށްފަ އެވެ. އަދި އެ އަތޮޅު ފައިނަލުން ޖާގަ ހޯދާފައިވާ ގަން އަދި އިސްދޫ ބައްދަލު ކުރި މެޗު 4-0 އިން ކާމިޔާބު ކުރީ ގަމެވެ.

ޅ. އަތޮޅުން ބައިވެރި ވެފައި ވަނީ ދެ ޓީމެވެ. އެއީ ހިންނަވަރާއި ކުރެންދޫ އެވެ. ދެ ޓީމު ބައިވެރި ވުމުން ޗެމްޕިއަންކަން ހޮވާނީ ދެ ޓީމު މެދުގައި ދެ ލެގު ކުޅުމަށް ފަހު އެވެ. އެގޮތުން ރޭ ކުޅެވުނު ފުރަތަމަ ލެގު 1-0 އިން ކާމިޔާބު ކުރީ ކުރެންދޫ އެވެ. ކުރެންދޫން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އަހުމަދު މާދިހެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454