ދުނިޔެ / އެމެރިކާ

އީރާނާ ދެކޮޅަށް ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ: އެމެރިކާ

އެމެރިކާގެ ސަފީރު ސަމަންތާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ރޮއިޓާސް

19 ޖެނުއަރީ 2017 - 10:55

ނަހަމަ ގޮތުގައި ހަތިޔާރުގެ ވިޔަފާރި ކުރުން ހުއްޓުވުމަށްޓަކައި އީރާނާ ދެކޮޅަށް ހަތިޔާރުގެ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އދ. އިން އަޅަން ޖެހޭ ކަމަށް، އދ.ގައި ހުންނަވާ އެމެރިކާ ސަފީރު ސަމަންތާ ޕަވަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މަގާމުގެ މުއްދަތު ހަމަ ކުރައްވައި މަގާމުން ވަކިވެވަޑައިގަތުމަށް ތައްޔާރުވެފައިވާ ސަމަންތާ މި މޭރުމުން ވާހަކަ ދެއްކެވީ، ލުބްނާންގެ ޝީއީ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ އަށް އީރާނުން މިސައިލާއި އެހެނިހެން ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ކަންބޮޑުވުންތަކެއް ހުޅަނގުގެ ގައުމުތަކުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް މީގެ އަހަރެއްހާ ދުވަސް ކުރިން އުވައިލީ، އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓައިލުމާ ގުޅޭ ގޮތުން އެމެރިކާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، ރޫސީ ވިލާތް ޗައިނާ އަދި ވިލާތުގެ އިއްތިހާދާ އެކު އީރާނުން ސޮއި ކުރި އެއްބަސްވުމުގެ ބަދަލެއްގެ ގޮތުންނެވެ. ހަތިޔާރުގެ ވިޔަފާރި ކުރުމަކީ މި އެއްބަސްވުމުގައި ހިމެނިފައި ނުވާ ކަމަކަށް ވާތީ، ހަތިޔާރުގެ ވިޔަފާރި ކުރުމާއި ހަތިޔާރު ފޯރުކޮށްދިނުން މަނާ ކުރުމުގެ ފިޔަވަޅުތަކެއް މިހާރު ވެސް އެޅިދާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.

ސަމަންތާ ވިދާޅުވީ ނިއުކްލިއާ މަޝްރޫއު ހުއްޓައިލުމުގެ ބަދަލެއްގެ ގޮތުން، ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލި ކަމުގައި ވިޔަސް، މެދުއިރުމަތީގެ ހަމަޖެހުން ނަގައިލުމަށް މަގުފަހިވެދާ ފަދަ ގޮތަކަށް ކުރެވޭ ހަތިޔާރުގެ މުއާމަލާތްތައް ހުއްޓުވުމަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަކީ ސަލާމަތީ މަޖިލީހަށް ކުރެވިދާނެ ކަމެކެވެ.

ނިއުކްލިއާ މަޝްރޫއު ހުއްޓައިލުމާ ބެހޭ އެއްބަސްވުމުގައިވާ ގޮތުން، އީރާނުން މި އެއްބަސްވުމާ މެދު އަމަލު ކުރާ ގޮތުގެ ރިޕޯޓެއް، އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ކޮންމެ ހަ މަހަކުން ސަލާމަތީ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އެ ގޮތުން ތައްޔާރު ކުރި ދެ ވަނަ ރިޕޯޓް ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވަމުން އދ.ގެ ސިޔާސީ ކަންކަމާ ބެހޭ އިދާރާގެ ވެރިޔާ ޖެފްރީ ފެލްޓަމެން ވިދާޅުވީ، ނިއުކްލިއާ ހަތިޔާރާ ގުޅޭ ގޮތުން ވެސް އަދި ބެލެސްޓިކް މިސައިލްއާ ގުޅޭ ގޮތުން އީރާނުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަން އެނގޭކަށް ނެތެވެ.

އެހެން ނަމަވެސް، ހިޒްބުﷲ އަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުމަކީ ވެސް އެ އެއްބަސްވުމާ ޚިލާފުވުން ކަމުގައި ބެލެވިދާނެ ކަމަށް އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

މާދަމާ އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު ވަނީ، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާ ކުރައްވާނެ ކަމަށް ނުވަތަ އެއަށް ވުރެ ރަނގަޅު އެއްބަސްވުމެއް އެކުލަވައިލައްވާނެ ކަމަށް، ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ބުނަމުން ދަނީ އެމެރިކާ އަށް އެކަނި އެ އެއްބަސްވުން އުވައިނުލެވޭނެ ކަމަށެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 29%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454