ބްރިޖާއި ހައިވޭން ދަތުރު ކުރާ ބަޔަކު ހެލްމެޓް އަޅައިގެން.--- ފައިލް ފޮޓޯ: މިހާރު
26 ފެބުރުއަރީ 2023 - 10:25
ހެލްމެޓް އެޅުން ލާޒިމް ނުކުރާ ތަންތަނުގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.
ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތަންތަނަށް ގެއްލުން ދިނުމާއި މާރާމާރީތައް ހިންގުމުގެ މައްސަލަ މާލެ އާއި ހުޅުމާލޭގައި ބޮޑުވުމުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމްނުކުރާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް، ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަމަށެވެ.
އެހެންވެ، ހެލްމެޓް އެޅުން ލާޒިމްކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މިހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށް ބުންޏެވެ.
"މިއީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ،" ބަޔާނުގައި ބުންޏެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ އާއްމު ގަވައިދުގައިވާ ގޮތުން، ދެ ފުރޮޅުލީ އުޅަނދު ދުއްވާއިރު، އެ އުޅަނދު ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގަ އެވެ. އެގޮތަށް ބަލާއިރު، މާލެ ސަރަހައްދުގައި ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވާއިރު އެކަންޏެވެ.
އެކަން އަންގައިދިނުމަށް އެ ސަރަހައްދުތަކުގައި ބޯޑެއް ހަރުކޮށްފައި ހުރެ އެވެ.
ހެލްމެޓް އެޅުން ލާޒިމް ނޫން ސަރަހައްދުތަކުގައި އެ އަޅައިގެން އުޅޭ ނަމަ ފާސްކުރަން ނިންމިއިރު، ހެލްމެޓް އަޅައިގެން ތިބި ދެ ފިރިހެނަކު މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލޭގެ ކެފޭއަކަށް ވަދެ އެ ތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
އޭގެ ފަހުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް މާފަންނު ފިހާރައަކަށް ވަތް ފިރިހެނަކަށް، ހެލްމެޓް އަޅައިގެން އޭނާގެ ފަހަތުން ދިޔަ ބަޔަކު ވަނީ ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާރު ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2000
27 February 2023
ފުލުހުން ބުނެބަލަ ރައްޔިތުންގެ ރައްކަލަކަށް ކުރެވުނު ކަމެއް. ހުޅުމާލެއިން ގެއްލުނު މީހަ މަރުވެ ކުނިވަސް ދުވަން ފެށީމާ ހޯދީ އާންމު މީހުން. މަގުމަތީގައި ޑްރަގް ވިއްކާތަން ސޯސަލް މީޑިއަށް ލައިގެން ހޯދީ އާއްމު މީހާ. ޖަޕާން މީހާ ސަލާން ޖަހާ އައްމުންނަށް އުދަގޫ ވާވަރު ވީމާ، ސޯސަލް މީޑިއާއަށް ލައިގެން ފުލހުންނަށް ހާވާލު ކުރީ. މަގުމަތީގައި މީހަކު ފަހައިގަނެގެން ގޮސް މަރާލަނީ. ޖެހިގެން ހުރި ފިހާރަ ވަދެ ތަޅާލަނީ، މީ އަކަ ކިލޯ މީޓަރ ހަމަވާ ރަށެއް ނޫން.
ހަސަނު
27 February 2023
މި ރާއްޖޭގެ ސަގާފަތަކީ ކުރާން ޖެހޭ ކަންކަން ބައްހައްޓާފާ ވަށައިގެން ހުރި އެހެން ހުރިހާ ކަމެއް ކުރުން.. އެންމެ ފަހުން ގޯސް މިވީ ހެލްމެޓުގަނޑު.. މަގޭ ހެލްމެޓު ފުލުހުންގެ ހައްޔަރަށް ހަވާލު ކުރަން މަމިހިރީ..
ހަސަނު
27 February 2023
ބަލަ ހެލްމެޓެްއް ނޫނޭ ގޯހީ.. ގޯސް މީހުން އެބަ އެނގޭ ފުލުހުންނަށް.. މަގެއްގެ ކޮޅުން ވެސް މަސްއޮޑިއެއް ނޫނީ ވައި ކަންމައްޗެއް ފެންނަ އިރަށް ހިފައްހައްޓާ ބަލަ.. މަސްއޮޑިއަކަށް މަގުމައްޗަށް ނުކުތުން ތަކުލީފަކަށް ވާ މިންވަރަށް ދުއްޕާން ކޮށްބަލަ..
ވޭސްޓް އޮފް ރިސޯސަސް
27 February 2023
ހެލްމެޓް އަޅައިގެން ރަށުތެރޭ ދުއްވާ މީހާ ފާސް ކުރަން ފުލުސް މީހާ ހުއްޓާ ގޭންގް މީހާ އޮންނާނީ ގޮސް އެހެން ތަނެއްގަ އެހެން މީހެއްގަޔަށް ވަޅި ޖަހާފަ. މައްސަލައަކީ ހެލްމެޓާ ލާ ހެދުމާތަ؟ ގޭންގްތަކާ ބެހޭ މައުލޫމާތު އެބަ އިނގޭ އެމީހުން ހިފާ ހައްޔަރު ކުރަންވީނު ގޮސް މީހަކު ނުމަރަނިސް.
ގޭންގް #7
26 February 2023
ރަނގަޅުކަމެއް. މިރާއްޖޭގަ ކަންތައްތައް ހިނގަމުންދާ ގޮތަށްބަލަންޏާ ތިއީ 2 ދުވަހުގެ ކަމެއް. އެހެންނޫންނަމަ ރަށްތެރޭ ހައިސްޕީޑުގަ ނަންނުގައްޗެއްހެން އޮޅެމުން އޮޅެމުން ދުއްވާ މީހުން ހުއްޓުވުނީހެއްނުން؟
ހަސަނު
27 February 2023
އެއް ކަމެއްވެސް ރަނގަޅަކަށް ނުކުރެވޭ...
ކައްކާ
26 February 2023
މިތާ ތިރީގަ ރާނާގުރޫޕެއް އެބައުޅޭ ހެލްމެޓުތަކެއް އަޅައިގެން، ހަބަރު ބަލާލަބަލަ.
ރަދީފްއޮފިޝަލް
27 February 2023
ބްރޯ އިންޖިނިއަރިން ހެލްމެޓަށް ތޯ ފުލުހުން އެ އިޝާރާތްކުރަނީ؟؟ ރާނާ ގްރޫޕް އަޅާ ހެލްމެޓް (ރީނދޫ ކުލަ) އެއީ މޫނު ފޮރުވޭ އެއްޗެއް ނޫން ދޯ.
ރައްޔިތު ކަލޯ
26 February 2023
ކަލޯމެން ދެންވެސް ކިޔަވާގެން ތިބޭ މީހުން ހޮވަމާތޯ. ގާސިމް ބަރަބަރު. ޔާނު އޯކޭ
ޤައުމީ ބަތޮލް
26 February 2023
ދެން ވަޅި އެތެރެކުރުންވެސް މަނާ ކުރަންވީނު. އަދި މޫނު ބުރުގާ އެޅުންވެސް މަނާ ކުރާނެ. ތިއީ މައްސަލަ ހައްލުނުކުރަން ދައްކާ ބަހަނާއެއް. ސިޔާސީ މަންފާއަށް ގޭންގުތައް ބޭނުންކޮށް، ހުޅަނގުގެ ގައުމުތައް ބުނާހާގޮތަކަށް ހަދާހާ ދުވަހަކު ތިކަމުގެ ހައްލެއް ނުލިބޭނެ.
ހުޅަގު
27 February 2023
ހުޅަގުގެ ގައުމަކުން ފާސްނުކުރާނެއެއްވެސްމަގަކު ހެލްމެޓު އަޅަޢިގެން ދުއްވާ އެއްޗެހި ދުއްވައިގެން . ސޭކުސްތާނުގައި ވާނެ ކަހަލަ ކަންތައްތައް ތިހިރީ. އެކަމަކު ވަރަށް ގިނަގައުމުގައި، ކުރަންޖެހޭ ކަމެއް، ސައިކަލް ނުވަތަ ބައިސްކަލުން ފައިބައިފައި ހެލްމެޓު ނެގުން. އަދި އެއަޅައިގެން ހިގާފައި އުޅުން މަނާ އަދި ތަންތަނަކަށް ހިގާފައިގޮސް ނުވަދެވޭނެ.
ޗާކުލެޓް
26 February 2023
ފުލުހުންނަށް ޝައްކުކުރެވޭ ފަރާތްތަކޭ އެބައޮތްދޯ ލިޔެފައިވެސް. ދެން ޗަކޮއެމެން އަމިއްލަ ރައްކަލަށް މައިންދަރިން ގޮވައިގެން ދުއްވަން ދާއިރު ހެލުމެޓެއް އަޅައިގެން ހުއްޓަކަށް އެފުލުސްކުދިން ކަލޭމެނެއް ހުއްޓަފާނެކަމަކަމަށް މަށަކަށް ހިއެއްނުވޭ.
ހެލްމެޓް
26 February 2023
މާލެ ތެރޭގައި ހެލްމެޓް އަޅައިގެން އުޅުން މަނާ ކުރީމަ ނިމުނީ.