ދުނިޔެ / ބިންހެލުން

ބިންހެލުމުގައި އިމާރާތްތައް ވެއްޓުމުން 612 މީހެއްގެ ތަހުގީގު ފަށައިފި

26 ފެބުރުއަރީ 2023 - 12:49

މި މަހުގެ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި ގިނަ އަދަދެއްގެ އިމާރާތްތަކެއް ވެއްޓުނު މައްސަލައިގައި 612 މީހެއްގެ މައްޗަށް ތަހުގީގު ހިންގަން ފަށާފައިވާ ކަމަށް ތުރުކީ ސަރުކާރުން އިއްޔެ ބުނެފި އެވެ.

ތުރުކީ ވިލާތުގެ އަދުލު އިންސާފާ ބެހޭ ވަޒީރު ބަކްރު ބުޒްދާޣް ވިދާޅުވި ގޮތުގައި ބިންހެލުންތަކުގައި އެތައް ހާސް އިމާރާތެއް ވެއްޓުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް، އިމާރާތްކުރުމުގެ ދާއިރާގެ މީހުންނެވެ. އެ އިމާރާތްތައް ވެއްޓުނީ، އެ ތަންތަން ބިނާކުރުމުގައި، ގެދޮރު އިމާރާތްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް ބިނާކޮށްފައި ހުރުމުން ކަމަށް ތުހުމަތުކުރެވެ އެވެ.

ތުރުކީ ވިލާތަކީ، ބިންހެލުންތައް އައުން ގިނަ ސަރަހައްދެއްގައި އޮތް ގައުމަކަށް ވާތީ، އެ ގައުމުގައި ވަނީ ގެދޮރު އިމާރާތްކުރުމުގައި ހަރުދަނާ މިންގަނޑުތަކެއް ހިފެހެއްޓުމަށް ލާޒިމުކޮށް ގަވާއިދުތަކެއް ވެސް އެކުލަވާލައިފަ އެވެ. މި މައްސަލައިގައި މިހާތަނަށް ތަހުގީގަށް ހުށަހަޅާފައިވާ 612 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 184 މީހަކު މިހާރު ތިބީ، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކޯޓުން ކޮށްފައިވާ ހުކުމެއްގެ ދަށުން ޖަލުގަ އެވެ.

ތުރުކީގެ ވަޒީރު ވިދާޅުވި ގޮތުގައި ޝަރީއަތް ނިމެންދެން ޖަލަށް ލާފައި ތިބި މީހުންގެ ތެރޭގައި އިމާރާތްކުރާ ކޮންޓްރެކްޓަރުންނާއި އިމާރާތްތަކުގެ ވެރިންނާއި އިމާރާތްތަކުގެ މެނޭޖަރުން ހިމެނެ އެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި، ބިންހެލުމުގައި ގެއްލުން ލިބުނު އިމާރާތްތަކުން ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.

ތުރުކީ ވިލާތުގެ ބައެއް ނޫސްތަކުން މިއަދު ބުނެފައިވާ ގޮތުގައި ބިންހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓުނު މައްސަލައިގެ ތަހުގީގަށް އިއްޔެ ވަނީ، ޣާޒީ އަންތާބް ޕްރޮވިންސްގެ މޭޔަރެއް ކަމަށްވާ އުކާޒް ކަވާކް ހައްޔަރުކޮށްފަ އެވެ. އޭނާއަކީ ބިންހެލުމުގެ މަރުކަޒު ހުރި ސަހަރުގެ މޭޔަރެވެ.

މައްޗަށް ކުރެވޭ ތުހުމަތަކީ، އެ ސަރަހައްދުން ވެއްޓުނު އިމާރާތްތައް ބިނާކުރީ ގެދޮރު އިމާރާތްކުރުމުގައި ކަށަވަރު ކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ކަން ކަށަވަރުނުކުރުމާއި، އިމާރާތްކުރުމުގެ މަސައްކަތް ބަލަހައްޓަންޖެހޭ މިންވަރަށް ނުބެލެހެއްޓުމެވެ. އޭނާއަކީ ވެރިކަން ކުރާ އަދާލަތު ޕާޓީގެ އިސް މެމްބަރެކެވެ.

ތުރުކީ ވިލާތުގެ ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީން ބުނި ގޮތުގައި ފެބްރުއަރީ 6 ވަނަ ދުވަހު އައި ބާރު ގަދަ ދެ ބިންހެލުމަށް ފަހު، މި ވޭތުވެ ދިޔަ 21 ދުވަހުގެ ތެރޭގައި 9470 އަށް ވުރެ ގިނަ ލޮޅުން އެ ގައުމަށް އަރައިފި އެވެ. އަދި މި ލޮޅުންތައް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހަށް ދެމިގެން ދާނެ ކަމަށް އެ އޭޖެންސީން ލަފާ ކުރެ އެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 44000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި ސީރިޔާ އިން މަރުވި މީހުންގެ އަދަދު ވަނީ 5500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

މި މަހުގެ 6 ވަނަ ވިލޭރޭ ދަންވަރު، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އަދި އެ ދުވަހުގެ މެންދުރު ފަހު 7.6ގެ ބާރުމިނުގައި ތުރުކީ ވިލާތަށް އައި ބިންހެލުމުގައި، ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. ވެއްޓުނު އިމާރާތްތަކާއި ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތަކާ އެކު، މި ބިންހެލުމުގައި ތުރުކީ ވިލާތުން ހަލާކުވި އިމާރާތްތަކުގެ ޖުމްލަ އަދަދު މިހާރުވަނީ 173000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު (ހޯމަ)ގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، ހޯމަ ވިލޭރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454