ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

ގޯލްޑަން ފުޓްސަލްގެ މާލޭ ޒޯން މެޗުތަކުގައި ބޮޑެތި ސްކޯތަކެއް

ވިލިމާލެ ޓީމުގެ ވައްޖެ ބޯޅަހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ މާލޭ ސަރަހައްދުގެ ޓީމުތައް ހިމެނޭ ޒޯން 8 ގައި ތަފާތު ބޮޑު ނަތީޖާތަކަކުން ވިލިމާލެ އާއި މާފަންނުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ހަތަރު ޓީމު ވާދަކުރާ މި ޒޯންގެ ފުރަތަމަ ރޭ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. ރޭގެ މެޗުގައި ވިލިމާލެ އިން މައްޗަންގޮޅި ޓީމާ ވާދަކޮށް ކުރި ހޯދީ 8-4 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލިމާލެ ޓީމަށް ތިން ގޯލު ޖަހައި ހެޓްރިކް ފުރިހަމަކުރި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

ވިލިމާލެ ޓީމަށް އިތުރު ގޯލުތައް ޖަހައިދިނީ އަބްދުﷲ ޝައްފާން (ޝާކާ) އާއި ހަސަން އިބްރާހިމް އަދި އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. ޝާކާ އާއި ހަސަން އިބްރާހިމް ވެސް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ހުސެއިން ސަވީލް އާއި އިސްމާއިލް ޒާން އާމިރު އަދި ހުސެއިން ޝާވިން އާއި ރިލްވާން ވަހީދު (ރިލޭ) މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މައްޗަންގޮޅި ޓީމަށް އެއް ލަނޑު ޖަހައިދީފަ އެވެ.

މާފަންނު ޓީމުގެ ސޮކޭ، ބޯޅަ ޕާސް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މާފަންނު ޓީމުން ރޭގެ މެޗު ކާމިޔާބު ކުރީ 7-3 އިން ހުޅުމާލެ ބަލިކުރުމަށް ފަހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މާފަންނު ޓީމަށް ހަތަރު ގޯލު ޖަހައިދިން ހުސެއިން ސުހެއިލް (ސޮކޭ) އެވެ. އެޓީމުގެ އިތުރު ލަނޑުތައް ޖަހައިދިނީ މުހައްމަދު ޔަފާއު (ޔާ) އާއި ހުސެއިން އަފްސަލް އެވެ. އަފްސަލް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ހުޅުމާލޭ ޓީމުގެ ތިން ލަނޑު ވެސް ޖަހައިދިނީ މުސްތަފާ އެވެ.

މި ނަތީޖާއާ އެކު ވިލިމާލެ އާއި މާފަންނު ވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި، ޒޯން ފައިނަލަށް ދިޔުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. މައްޗަންގޮޅި އާއި ހުޅުމާލެ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. މި ޒޯނުގައި ދެން އޮންނާނީ ވިލިމާލެ އާއި މާފަންނު ބައްދަލުކުރާ މެޗުގެ އިތުރުން ހުޅުމާލެ އާއި މައްޗަންގޮޅި ބައްދަލުކުރާ މެޗެވެ.

ގަން އަދި ވާދޫ އަށް ޒޯނުގައި ފުރަތަމަ މޮޅު

ޒޯން 6 ގައި ވާދަކުރާ ލ. އަތޮޅުގެ ޗެމްޕިއަން ގަން އަދި ގދ. އަތޮޅުގެ ޗެމްޕިއަން ވާދޫ ވަނީ މި ޒޯނުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. ޒޯނުގައި މި ދެ ޓީމުގެ ފުރަތަމަ މެޗުގައި، ދެ ޓީމުގެ ކުރިމަތިލުން ނިމުނީ އެއްވަރު ވެގެންނެވެ.

ވާދޫ ޓީމުގެ މުސައްނިފް (ކ) އަދި ގަން ޓީމުގެ އަހުމަދު ހަލީމް (ވ)، ވާދޫ އާއި ގަން ވެސް ވަނީ ރޭ ޒޯން ބުރުގައި ފުރަތަމަ މޮޅު ހޯދާފައި. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ވާދޫ އިން ރޭ ފުރަތަމަ މޮޅު ހޯދީ ގއ. ނިލަންދުއާ ވާދަކޮށް 4-0 އިން ކުރި ހޯދައިގެންނެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަޔާޒު އަހުމަދު (އަޔާ) އާއި އިބްރާހިމް ޝައުފް އަހުމަދު އަދި މުހައްމަދު ނާއިލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަޔާ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ގަން ފުރަތަމަ މޮޅު ހޯދީ ރޭ ގއ. މާމެންދޫއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ގަމުން ފުރަތަމަ ލީޑު ނަގާފައި ވަނިކޮށް މާމެންދޫގެ ނަޒީފް ޝަރީފް ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހައި އެއްވަރު ކޮށްފަ އެވެ. ގަން މޮޅުވީ އަހުމަދު ހަލީމް އާއި އަލީ ޝާމިސް (ތޮއްޕޭ) ޖަހައިދިން ލަނޑުތަކުންނެވެ. ގަމަށް ފުރަތަމަ ލަނޑު ޖަހައިދިނީ މޮޅު ކުޅުންތެރިޔާ ވެސް ހޯދި އަހުމަދު ހަލީމް އެވެ.

ޒޯން 1 ގެ ސެމީގެ ފަހު ޖާގަތައް ނާވައިދޫ، ނޭކުރެންދޫ އަދި ފޯކައިދޫ އަށް

ދެ ގުރޫޕަކަށް ބަހާލައިގެން ހަ ޓީމާ އެކު ކުރިއަށްދާ ޒޯން 1 އިން އެންމެ ފުރަތަމަ ސެމީ ފައިނަލުގެ ޖާގަ ޔަގީން ކުރީ ށ. ކަނޑިތީމެވެ. ރޭގެ މެޗުތަކަށް ފަހު ށ. ފޯކައިދޫ އާއި ހދ. އަތޮޅު ޗެމްޕިއަން ނާވައިދޫ އަދި ރަނަރަޕް ނޭކުރެންދޫ ވެސް ވަނީ ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ. ފުރުސަތު ގެއްލުނީ ހއ. އަތޮޅުގެ ޗެމްޕިއަން އުތީމާއި ރަނަރަޕް ފިއްލަދޫ އަށެވެ.

ޒޯން 1 ގެ ސެމީގެ ފަހު ތިން ޖާގަ ހޯދީ ނާވައިދޫ (ކ)، ފޯކައިދޫ (މ) އަދި ނޭކުރެންދޫ (ވ)،.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ސެމީ ފައިނަލުގައި ކަނޑިތީމު ބައްދަލުކުރާނީ ނޭކުރެންދޫއާ ދެކޮޅަށެވެ. އަދި ނާވައިދޫ ވާދަކުރާނީ ފޯކައިދޫއާ ދެކޮޅަށެވެ.

މި ޒޯންގެ ގުރޫޕް އޭ ގައި ރޭ އުތީމާއި ނާވައިދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އުތީމަށް ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު އައިހަމް އެވެ. ނާވައިދޫގެ ލަނޑު ޖަހައިދިނީ އަބްދުﷲ ވިސާމް އެވެ.

ގުރޫޕް ބީ ގެ ފަހު މެޗު ފޯކައިދޫ ކާމިޔާބު ކުރީ ފިއްލަދޫއާ ވާދަކޮށް 4-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު ރިސްވާން (ފުކޭ) ވަނީ ފޯކައިދޫ އަށް ދެ ގޯލު ޖަހައިދީފަ އެވެ. އަދި އިބްރާހިމް މުޝީރު އަދި އަހުމަދު ޝަމާލް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ފޯކައިދޫ އަށް އެއް ގޯލު ޖަހައިދީފަ އެވެ. ފިއްލަދޫގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ހުސާމް އާއި އާދަމް އަބްދުއްރަހީމް އެވެ. އާދަމް އަބްދުއްރަހީމް ވަނީ މި މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

ޒޯން ބުރުގައި މިރޭ ކުޅޭ މެޗުތައް:

20:00 (ރެހެންދި ޓާފް 1 - ޒޯން 4) : އދ. މާމިގިލި - އދ. މަހިބަދޫ

20:00 (ރެހެންދި ޓާފް 2 - ޒޯން 4) : މ. ނާލާފުށި - މ. ދިއްގަރު

21:00 (ރެހެންދި ޓާފް 1 - ޒޯން 5) : ފ. މަގޫދޫ - ތ. ތިމަރަފުށި

21:00 (ރެހެންދި ޓާފް 2 - ޒޯން 5) : ތ. ކިނބިދޫ - ދ. ކުޑަހުވަދޫ

22:00 (ރެހެންދި ޓާފް 1 - ޒޯން 3) : އއ. ބޮޑުފޮޅުދޫ - ޅ. ކުރެންދޫ

22:00 (ރެހެންދި ޓާފް 2 - ޒޯން 3) : ކ. ދިއްފުށި - ކ. ގާފަރު

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454