ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

މައްޗަންގޮޅި އަށް ބޮޑު މޮޅެއް، ފައިނަލުގެ ޖާގަ މާފަންނާއި ވިލިމާލެ އަށް

މާފަންނާއި ވިލިމާލެ ރޭ ބައްދަލުކުރި މެޗުގެ ތެރެއިން، ޒޯން 8 ގެ ފައިނަލުގައި ވާދަކުރާނީ މި ދެ ޓީމު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި ޒޯން 8 ގެ ލީގު ބުރުގެ ފަހު މެޗުގައި މައްޗަންގޮޅިން 7-0 އިން ހުޅުމާލެ ބަލި ކުރި ނަމަވެސް، މާފަންނާއި ވިލިމާލެ ބައްދަލު ކުރި މެޗު 2-2 އިން އެއްވަރު ކޮށްލައިގެން މި ޒޯންގެ ފައިނަލުން މި ދެ ޓީމު ޖާގަ ހޯދައިފި އެވެ.

ފަހު މެޗާ ކުރިމަތިލީ އިރު ވެސް މައްޗަންގޮޅި އަށް އޮތީ ފައިނަލުގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. ހަތަރު ޓީމު ވާދަކުރާ މި ޒޯނުގެ ލީގު ބުރުގައި ބޮޑު މޮޅަކާ އެކު މައްޗަންގޮޅި ނިންމާލީ ހަތަރު ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. މާފަންނާއި ވިލިމާލެ ވަނީ މެޗަކުން ބަލިނުވެ ފަސް ޕޮއިންޓް ހޯދައިފަ އެވެ.

ރޭގެ މެޗުގައި މައްޗަންގޮޅި ޓީމުގެ ގޯލު ބެލެހެއްޓީ ރިލްވާން ވަހީދު (ރިލޭ) އެވެ. ގޯލުގައި ހުރެ ސައްޕެއް ޖަހައި ފޮނުވާލި ބޯޅައަކުން އޭނާ ވަނީ ގޯލެއް ވެސް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝާހް، މުހައްމަދު ފާރިޝް އާދަމް، އިސްމާއިލް ޒާން އާމިރު، ހުސެއިން ޝާވިން އަދި ހުސެއިން ސަވީލް އެވެ. ސަވީލް ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

މައްޗަންގޮޅި ރޭ ކުޅުނު މެޗުގައި ގޯލަށް ކުޅުނު ރިލޭ، އެޓީމު ކޮޅަށް ގޯލެއް ނުވަތް އިރު އޭނާ ވަނީ ގޯލެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައި.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ވިލިމާލެ އާއި މާފަންނު ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ އިސްމާއިލް ވަޖީހު (ވައްޖެ) ގެ ގޯލަކުން ވިލިމާލެ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސެއިން ސުހެއިލް (ސޮކޭ) ވަނީ މާފަންނަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ދެވަނަ ހާފުގައި މާފަންނުން ލީޑު ނެގީ މުހައްމަދު ޔަފާއު (ޔާ) ޖަހައިދިން ގޯލުންނެވެ. ވިލިމާލެ އިން އެއްވަރު ކުރީ އެންމެ ފަހު ވަގުތުކޮޅު ތެރޭ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އަލީ ޝިޔާހު (ޝިޔަޅޭ) ކާމިޔާބު ކުރި ގޯލުންނެވެ.

ޒޯން 1 ގެ ފައިނަލުގައި ކުޅޭނީ ނާވައިދޫ އާއި ކަނޑިތީމު

މުބާރާތުގައި އެންމެ ގިނަ ޓީމު ވާދަކުރި ޒޯން 1 ގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބު ކޮށްގެން ފައިނަލުން ޖާގަ ހޯދީ ހދ. ނާވައިދޫ އާއި ށ. ކަނޑިތީމެވެ.

ސެމީ ފައިނަލް ގައި ނާވައިދޫ އިން ވަނީ 4-0 އިން ށ. ފޯކައިދޫ ބަލިކޮށްފަ އެވެ. ނާވައިދޫގެ ލަނޑުތައް ޖަހައިދިނީ އިސްމާއިލް ވަހީދު، އަބްދުﷲ ވިސާމް، ޔާމިން މުހައްމަދު އަދި އަހުމަދު ހަމީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާވައިދޫގެ ގޯލްކީޕަރު އަބްދުﷲ ސާމިން އެވެ.

ނާވައިދޫ (ކ) އަދި ކަނޑިތީމު (ވ) ރޭ ކުޅުނު ޒޯން 1 ގެ މެޗުތަކުގެ ތެރެއިން، މި ޒޯން ފައިނަލުގައި ވާދަކުރާނީ މި ދެ ޓީމު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ކަނޑީތީމު ފައިނަލަށް ދިޔައީ ސެމީ ގައި 2-1 އިން ހދ. ނޭކުރެންދޫ ބަލިކޮށްފަ އެވެ. ދެވަނަ ހާފުގައި ކަނޑިތީމުގެ އިބްރާހިމް ނަދާދު (ކުޑައްޓޭ) ގެ ލަނޑުން ލީޑު ހޯދި ނަމަވެސް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް މުހައްމަދު ވިލްފު ވަނީ ނޭކުރެންދޫ އަށް އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ނަދާދު ވަނީ އިތުރު ގޯލެއް ޖަހައި އަނެއްކާ ވެސް ކަނޑިތީމަށް ލީޑު ހޯދައިދީފަ އެވެ.

ޒޯން 6 ގެ ފައިނަލުގައި ގަމާ ދެކޮޅަށް ނުކުންނާނީ ވާދޫ

ޒޯން 6 ގެ ފައިނަލުގައި ވާދަކުރާނީ ލ. ގަން އަދި ގދ. ވާދޫ އެވެ. ރޭ ކުޅުނު މެޗު ކާމިޔާބު ކޮށްގެން ގއ. މާމެންދޫއަށް ވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު އޮތެވެ. އެކަމަކު ވާދޫ އަތުން 1-0 އިން ބަލި ވެގެން އެޓީމަށް ފުރުސަތު ގެއްލުނީ އެވެ.

ވާދޫ އިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ މުސައްނިފް މުހައްމަދެވެ. އޭނާ މި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު އަޔާޒު (އަޔާ) އަމިއްލަ ހާފު ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ހިފައިގެން ކުރިއަށް އަރައި ފޮނުވާލި ބޯޅަ ގޯލު އަރިމަތިން ބޭރު ވާން ދަނިކޮށް ގޯލާ އަމާޒު ކޮށްލައިގެންނެވެ.

ވާދޫ (ކ) އަދި ގަން (ވ) ރޭ ކުޅުނު ޒޯން 6 ގެ މެޗުތަކުގެ ތެރެއިން، މި ޒޯން ފައިނަލުގައި ވާދަކުރާނީ މި ދެ ޓީމު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ގަން ވަނީ ރޭ ގއ. ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު ހަލީމް ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖަހައިދިނީ ޒައިދާން އަބްދުﷲ އެވެ.

މުބާރާތުގެ އަތޮޅު ބުރުގެ ކުޅުމަށް ފަހު މިހާރު ޒޯން ބުރުގެ ކުޅުން ވެސް ނިމެން ބަމީ ގާތްވެފަ އެވެ. ޒޯން 2 އަދި ޒޯން 7 ގެ ޗެމްޕިއަން ޓީމު މިރޭ ކަނޑައެޅޭނެ އެވެ. މި ދެ ޒޯނުގައި ވެސް ދެ ޓީމު ވާދަކުރާއިރު ޗެމްޕިއަން ކަނޑައަޅާނީ ދެ ލެގުގެ ފައިނަލެއް ކުޅުމަށް ފަހު އެވެ.

ޒޯން 2 ގެ ފުރަތަމަ ލެގު މެޗުގައި ރ. އިނގުރައިދޫ އިން ވަނީ 3-1 އިން ބ. އޭދަފުށި ބަލިކޮށްފަ އެވެ. އަދި ޒޯން 7 ގައި ޏ. ފުވައްމުލަކު ދަނޑިމަގު ޓީމުން ވަނީ ހަމަ މި ނަތީޖާއިން ފުރަތަމަ ލެގުގައި ސ. ފޭދޫ ގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މި މުބާރާތުގެ ޒޯން ބުރުގެ ކުޅުން ނިމުމުން ދެން ފަށާނީ ގަދަ 16 ޓީމު ވާދަކުރާ ނޮކައުޓް ބުރެވެ. އަށް ޒޯނަކަށް މުބާރާތް ކުރިއަށް ދާއިރު، ކޮންމެ ޒޯނަކުން ވެސް ފައިނަލް ކުޅޭ ދެ ޓީމު ނޮކައުޓް ބުރުގައި ވާދަ ކުރާނެ އެވެ.

ޒޯން ބުރުގައި މިރޭ ކުޅޭ މެޗުތައް:

20:00 (ރެހެންދި ޓާފް 1 - ޒޯން 2 ފައިނަލް) : ރ. އިނގުރައިދޫ - ބ. އޭދަފުށި

20:00 (ރެހެންދި ޓާފް 2 - ޒޯން 7 ފައިނަލް) : ދަނޑިމަގު (ޏ. ފުވައްމުލައް) - ސ. ފޭދޫ

21:00 (ރެހެންދި ޓާފް 1 - ޒޯން 5) : ދ. ކުޑަހުވަދޫ - ތ. ތިމަރަފުށި

21:00 (ރެހެންދި ޓާފް 2 - ޒޯން 5) : ފ. މަގޫދޫ - ތ. ކިނބިދޫ

22:00 (ރެހެންދި ޓާފް 1 - ޒޯން 3) : ކ. ގާފަރު - ޅ. ކުރެންދޫ

22:00 (ރެހެންދި ޓާފް 2 - ޒޯން 3) : އއ. ބޮޑުފޮޅުދޫ - ކ. ދިއްފުށި

23:00 (ރެހެންދި ޓާފް 1 - ޒޯން 4) : މ. ދިއްގަރު - އދ. މަހިބަދޫ

23:00 (ރެހެންދި ޓާފް 2 - ޒޯން 4) : އދ. މާމިގިލި - މ. ނާލާފުށި

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454