ދުނިޔެ / ރަސްކަން

އިނގިރޭސި ދިފާއީ ބަޖެޓަށް 6 ބިލިއަން ޑޮލަރު އިތުރުކުރަނީ

ފެބްރުއަރީ 8، 2023؛ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ (ވ) އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި، އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުންކްގެ އަރިހުގައި، އެ ގައުމުގައި ތިބި ޔޫކްރޭން ސިފައިންނާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވަނީ. -- އޭއެފްޕީ

13 މާޗް 2023 - 14:36

ރަޝިޔާ އާއި ޗައިނާގެ ފަރާތުން އުފެދެމުން އަންނަ އަސްކަރީ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން، އިނގިރޭސި ވިލާތުގެ ދިފާއީ ބަޖެޓް ހަ ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކް އިއްޔެ ވިދާޅުވެއްޖެ އެވެ.

މިއަދު އެމެރިކާގެ ސެން ޑިއޭގޯގައި ބާއްވާ އޯކަސް ބައްދަލުވުމަށް ފުރާވަޑައިގަތުމުގެ ކުރިން ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ގައުމުގެ އަސްކަރީ ޚިދުމަތްތައް އިތުރަށް ތަރައްގީކުރަން ރާވާފައިވާ ކަމަށެވެ. އެ ގޮތުން އެ ގައުމުގެ ހަތިޔާރު ގުދަންތަކުގައި ހުރި ބޮޑުބަޑީގެ އުންޑަތަކާއި ބަޑީގެ ވަޒަންތަކުގެ ބަދަލުގައި އާ އުންޑައާއި ވަޒަން ހޯދުމަށް އިތުރު ޚަރަދުތައް ކުރާނެ އެވެ.

ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމުން ވަނީ 22/2021 މާލީ އަހަރުގެ ތެރޭގައި އެ ގައުމުގެ ޖީޑީޕީގެ ގާތްގަނޑަކަށް 2.2 ޕަސެންޓް އަސްކަރީ ކަންކަމަށް ހޭދަކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 55 ބިލިއަން އެމެރިކާ ޑޮލަރު (46 ބިލިއަން އިނގިރޭސި ޕައުންޑް) އެވެ.

އޭގެ އިތުރުން އިނގިރޭސި ކަނޑުގެ ލަޝްކަރުގައި ބޭނުންކުރާ ނިއުކްލިއާ ސަބްމެރިންތައް ޒަމާނީކޮށް ފެންވަރު މަތިކުރުމަށް ވެސް އިތުރު ހޭދަތައް ކުރާނެ އެވެ. އަދި އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާ އާއި އެމެރިކާއާ ދެމެދު 2021 ވަނަ އަހަރު ގާއިމުކޮށްފައިވާ، ރައްކާތެރިކަމާ ބެހޭ މުއާހަދާ "އޯކަސް"ގެ ދަށުން ކުރަންޖެހޭ ޚަރަދުތައް ވެސް، ދިފާއީ ބަޖެޓަށް އިތުރުކުރުމަށް ވަނީ ނިންމައިފަ އެވެ.

އޯކަސް މުއާހަދާގެ ދަށުން ތިން ގައުމުން ކުރަން ހަމަޖެހިފައިވާ ކަންތައް އިއުލާން ކުރާނީ، މިއަދު ސެން ޑިއޭގޯގައި އޮންނަ، އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އާއި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ބައްދަލުވުމަށް ފަހު ބާއްވާ ނޫސް ކޮންފަރެންސްގަ އެވެ. އޭގެ އިތުރުން، އެމެރިކާގައި އުފައްދާފައިވާ ވާޖީނިއާ ގިންތީގެ ހަތަރު ނިއުކްލިއާ ސަބްމެރިން އޮސްޓްރޭލިޔާ އަށް ވިއްކާނެކަން ވެސް މިއަދުގެ ބައްދަލުވުމުގައި އިއުލާންކުރާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާ އާއި އެމެރިކާ ގުޅިގެން އޯކަސްގެ ނަމުގައި 2021 ވަނަ އަހަރު މުޅިން އާ އިއްތިހާދެއް ގާއިމުކުރީ، އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ފެތުރެމުން އަންނަ ޗައިނާގެ ނުފޫޒާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުމުގަ އެވެ. އެ އިއްތިހާދާ ގުޅޭ ގޮތުން ޗައިނާ އިން މިދިޔަ ހަފުތާގައި ބުނެފައިވަނީ، އެ ގުޅުމުގެ ސަބަބުން ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަން އުފެދިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މި އިއްތިހާދުން އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން، އެ ސަރަހައްދުގައި ހަތިޔާރު އުފެއްދުމާއި ގެންގުޅުމާއި އަޖުމަބެލުމުގެ ވާދަވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް ޗައިނާ އިން ބުންޏެވެ. އެހެންކަމުން، ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ވިސްނުންތައް ދޫކޮށް، ބައިނަލްއަގުވާމީ ޒިންމާތައް އަދާކުރަމުން ދިއުމަށް، ޗައިނާ އިން ވަނީ އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާ އާއި އެމެރިކާ އަށް ގޮވާލައިފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454