އިނގިރޭސި ކުރީގެ ފޯވާޑް އަދި މިހާރުގެ މަޝްހޫރު މީޑިއާ ޝަހުސިއްޔަތު ގެރީ ލިނެކާ. --ފޮޓޯ: ބީބީސީ
15 މާޗް 2023 - 15:40
އިނގިރޭސި ސަރުކާރުގެ އެސައިލަމް ސިޔާސަތަށް ޓްވިޓަރުގައި ފާޑުކިޔުމާ ގުޅިގެން ބީބީސީ އިން ސަސްޕެންޑްކުރި، އެ ޗެނަލުގެ ފުޓްބޯޅަ ޕްރެޒެންޓަރު އަދި ކުރީގެ މަޝްހޫރު ފޯވާޑް ގެރީ ލިނެކާއާ އެކު، އެއްބަސްވުމަކަށް އާދެވުމުން ބީބީސީ އިން ސަސްޕެންޝަން އުވާލައިފި އެވެ.
ކަނޑު ބޯޓުފަހަރުގައި ރެފިއުޖީން، އިނގިރޭސި ކަނޑު ހުރަސްކޮށް އެ ގައުމަށް އެރުން ހުއްޓުވަން ސަރުކާރުން އިއުލާންކުރި ސިޔާސަތަކީ، އެޑޮލްފް ހިޓްލަރުގެ ނާޒީ ޖަރުމަނުގެ ނިންމުމަކާ އެއްގޮތް ކަމެއް ކަމަށް ބުނެ ލިނެކާ ޓްވީޓްކުރުމުން، ބީބީސީ އިން އޭނާ ސަސްޕެންޑްކުރީ، އެ ޗެނަލުން ގެންގުޅޭ ސިޔާސީ ގޮތުން ވަކި އަތަކަށް ނުޖެހުމުގެ ސިޔާސަތާ ލިނެކާ ހިލާފުވީ ކަމަށް ބަލަ އެވެ.
އިނގިރޭސި ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިންގާ ބީބީސީ އިން ބުނީ، އެތަނުގެ ޕްރެޒެންޓަރަކު، ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހިގެން ނުވާނެ ކަމަށެވެ. އެކަމަކު ލިނެކާ އާއި އޭނާ އަށް ތާއީދުކުރާ މީހުން ބުނަމުން ދިޔައީ، ބީބީސީގެ ދާއިމީ މުވައްޒަފުން އަމަލުކުރަން ޖެހޭ އެފަދަ އުސޫލަކަށް، ލިނެކާ ފަދަ ޕާޓްޓައިމް ޕްރެޒެންޓަރެއް ތަބާވާން ނުޖެހޭނެ ކަމަށެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާނެ ގޮތަކާ މެދު ލިނެކާއާ އެކު އެއްބަސްވުމަކަށް އާދެވެންދެން އެ ޗެނަލުން އޭނާ ސަސްޕެންޑްކުރުމުން، އޭނާއާ އެކު ދެން "މެޗު އޮފް ދަ ޑޭ" ޕްރޮގްރާމް އަށް އަރާ ކުރީގެ ކުޅުންތެރިން ކަމަށްވާ އިއާން ރައިޓް އާއި އެލަން ޝިއެރާ ވެސް ވަނީ ވަގުތީ ގޮތުން އެ މަސައްކަތާ ދުރުވެފަ އެވެ.
ބީބީސީ އާއި ލިނެކާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާ ބޭނުންކުރާ އުސޫލު، މިނިވަން ބަޔަކު ލައްވައި މުރާޖައާ ކުރަން ބީބީސީ އިން ނިންމާފައިވާ ކަމަށާއި އެހެންވެ ލިނެކާ މި ހަފުތާ އިން ފެށިގެން ޕްރޮގްރާމަށް އަރާނެ ކަމަށެވެ.
ލިނެކާ ވަނީ ކުރިއަށް ދެވޭނެ މަގެއް، ދެ ފަރާތް ގުޅިގެން ކޮށި، އޭނާ އަށް ޕްރޮގްރާމަށް އެރޭ ގޮތްވީތީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
އިންގްލެންޑް ގައުމީ ޓީމަށް 1984 އިން 1992 އަށް 80 މެޗު ކުޅެދީ 48 ގޯލް ޖެހި ލިނެކާ އަކީ އަބަދުވެސް، ރެފިއުޖީންނަށް މަރުހަބާ ކިޔަން ބާރު އަޅާ މީހެކެވެ. ލިނެކާ ވަނީ އޭނާގެ ގޭގައި ރެފިއުޖީން ބައިތިއްބައި ނަމޫނާ ވެސް ދައްކައިފަ އެވެ. އަދި އަބަދުވެސް އިނގިރޭސި ސަރުކާރުގެ ރެފިއުޖީ ސިޔާސަތާ ދެކޮޅަށް ވާހަކަ ދައްކަ އެވެ.
އިންގްލެންޑުގެ ލެސްޓާ ސިޓީ އާއި އެވަޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ފޯވާޑް ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ. އޭނާ އަކީ 1980ގެ އަހަރުތަކުގައި ކުޅުނު އިނގިރޭސި ކުޅުންތެރިންގެ ތެރެއިން، ފުޓްބޯޅަ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭކްނިއުސް
15 March 2023
ބީބީސީ އަކީވެސް ހަމަ ބަޔަސްޑް މީޑިއާ އެއް. ޒަޔަނިސްޓް ލޮބީ ގުރޫޕްތަކުގެ ދަށުވެފަ، މިކަން ވަރަށް ސާފުކޮށް ފެނުނު ގާޒާއަށް ބޮންއަޅާ ހަބަރުގެނެސްދޭއިރު
އުފާ
16 March 2023
ވަރަށް އުފާވޭ މިހާރު އަހަރުން ދިވެހިން ގެ ގިނަބަޔަކުވެސް މި ހުޅަނގާ އެމެރިކާ ދުނިޔެ ލޮލުގަ އަޅުވާ އަނދުން... އިނގި އެޔައް ނުހެއްލޭތީ..