16 މާޗް 2023 - 12:42
ޖަޕާނުން ކޮރެއާ އަޅުވެތިކުރި (1910-1945) މައްސަލައިގައި އުފެދިފައިވާ ޒަމާންވީ އަދާވާތްތެރިކަން، ރަހުމަތްތެރިކަމަށް ބަދަލުކޮށްލުމުގެ ނިޔަތުގައި، ދެކުނު ކޮރެއާގެ ރައީސް ޔުން ސުކް-ޔެއޯލް މިއަދު ޖަޕާންގެ ވެރިރަށް ޓޯކިޔޯ އަށް ވަޑައިގެންފި އެވެ.
ދެ ދުވަހުގެ މުއްދަތަށް، ރައީސް ޔުން މިއަދު މި ފެއްޓެވި ދަތުރަކީ، 12 އަހަރުގެ ތެރޭގައި ދެކުނު ކޮރެއާގެ އިސް ވެރިއަކު ޖަޕާނަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. އަދި މި ދަތުރަކީ، ދެ ވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ޖަޕާނުގެ ދެ ކުންފުންޏަކުން، ދެކުނު ކޮރެއާގެ 15 މީހަކު ލައްވައި ގަދަކަމުން މަސައްކަތް ކުރުވި މައްސަލައިގައި އެމީހުންނަށް ބަދަލު ދިނުމަށް، ދެކުނު ކޮރެއާގެ ކޯޓަކުން އަމުރުކޮށްފައި ވަނިކޮށް، ބަދަލުދިނުމުގައި ދެކުނު ކޮރެއާ އިން ލުއި ގޮތްތަކެއް ޖަޕާނަށް ހުށަހެޅުމަށް ފަހު ކުރައްވާ ދަތުރެކެވެ.
ދެކުނު ކޮރެއާ އިން ހުށަހަޅާފައިވަނީ، ކޯޓު އަމުރުގައި ކަނޑައަޅާފައިވާ ބަދަލު ދިނުމުގެ ފައިސާ، ޖަޕާންގެ ދެ ކުންފުނިން ހޯދުމުގެ ބަދަލުގައި، ދެކުނު ކޮރެއާގެ ދައުލަތުގެ ފައިސާ އިން އެ 15 މީހުންގެ އާއިލާތަކަށް ދިނުމަށެވެ. އެ މައްސަލައިގައި ހިމެނޭ 15 މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ދުނިޔޭގައި ނެތް އިރު، ތިބި މީހުންގެ އުމުރު ވެސް މިހާރު 90 އަހަރުން މަތިވެއްޖެ އެވެ.
ދެކުނު ކޮރެއާ އިން ލުއިތަކެއް ދިނުމަށް ނިންމި މައްސަލައިގައި އެ ގައުމުގެ ބައެއް އާންމު ރައްޔިތުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ނަމަވެސް އެމެރިކާ އިން ވަނީ ދެކުނު ކޮރެއާގެ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދެކުނު ކޮރެއާ އާއި ޖަޕާނާ ދެމެދު މި ފަހަކާ ޖެހެންދެން އޮތީ ވަރަށް ސުލްހަވެރި އާދައިގެ ގުޅުމެކެވެ. ނަމަވެސް ދެކުނު ކޮރެއާގެ 15 މީހަކު ލައްވައި ގަދަކަމުން މަސައްކަތް ކުރުވި މައްސަލައިގައި، ޖަޕާންގެ ނިޕޯން ސްޓީލް ކުންފުންޏާއި މިޓްސުބިޝީ ހެވީ އިންޑަސްޓްރީޒް ކުންފުނިން، އެ 15 މީހުންނަށް ބަދަލު ދިނުމަށް، ދެކުނު ކޮރެއާގެ ކޯޓުން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، ދެ ގައުމުގެ ގުޅުން ހީނަރުވާން ފެށީ އެވެ.
ކޯޓުގެ ހުކުމަށް ދެކޮޅު ހަދަމުން ޖަޕާނުން ބުނެފައިވަނީ، އިސްތިއުމާރީ ދުވަސްވަރުގެ ހުރިހާ މައްސަލަތަކެއް، ދެ ގައުމު ސުލްހަވުމަށް 1965 ވަނަ އަހަރު އެއްބަސްވި މުއާހަދާގެ ދަށުން، ހައްލުކުރެވިފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން، ޖަޕާން ސަރުކާރުން ވަނީ އޭރު ދެކުނު ކޮރެއާގައި އޮތް އަސްކަރީ ސަރުކާރަށް 800 މިލިއަން ޑޮލަރު ދީފައި ކަމަށް ވެސް ޖަޕާނުން ބުނެ އެވެ.
ރައީސް ޔުންގެ މި ދަތުރުގައި، ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމުގެ އިތުރުން، އުތުރު ކޮރެއާގެ އަސްކަރީ ނުރައްކާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ވެސް، ޖަޕާނުގެ އިސް ވެރިންނާ މަޝްވަރާ ކުރައްވާނެ އެވެ. އޭގެ އިތުރުން ކޮރެއާ-ޖަޕާން ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ ގޮތުން، އެމެރިކާއާ އެކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް ރައީސް ޔުންގެ މިދަތުރުގައި މަޝްވަރާ ކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy