ޔާމީން އެމަނިކުފާނުގެ ވަކީލުންނާ އެކު: އެމަނިކުފާނުގެ އިސްތިއުނާފް އިސްލާހުކުރުމަށްފަހު އަލުން މިހާރު ވަނީ ހައިކޯޓަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
16 މާޗް 2023 - 17:43
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް އިސްލާހު ކުރުމަށްފަހު ހައި ކޯޓަށް އަލުން ހުށަހަޅައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލަތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި އިސްތިއުނާފް އިސްލާހުކުރަން ހައި ކޯޓުން ކުރިން އެންގި އެވެ.
އެ އެންގުމާ އެއްގޮތަށް، އިސްތިއުނާފް އިސްލާހު ކުރުމަށްފަހު ޔާމީންގެ ފަރާތްޕުޅުން އަލުން ހުށަހަޅާފައިވާކަން ހައި ކޯޓުން މިއަދު ކަށަވަރުކޮށްދިނެވެ. އެކަމަކު މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
ޔާމީންގެ ޖަލު ހުކުމުގެ އިތުރުން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އަމުރެއް ނެރެފައިވާތީ އެ އަމުރު ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު އޮތީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ މިމަސް ތެރޭގައި އެމަނިކުފާނު މިނިވަންވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި މައްސަލަ ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން ބަންދުން މިނިވަންކުރަން ހައި ކޯޓުގައި އެދޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
16 March 2023
ޔާމީން އަށް އެންމެ 11 އަހަރުގެ ޖަލު ޙުކުމެއް؟ 2 ފުޅި ރިހާކުރު ނެގި މީހާ 6 އަހަރަށް ޖަލަށްލީ ޔާމީން ވެރިކަމުގަ!
ތިއޭ
17 March 2023
ތިއޭ މައްސަލަޔަކީ.. އެމީހާ އެއްޗެއް ވަގަށް ނެގިކަން އެބަ އެނގެޔޭ !! މިއީ އެހެން މީހަކު ނަގާފަ އެއިން ބައިއަޅާފަ އޮތް އެއްޗެއް. ނެގި މީހާ ހުރީ މިނިވަނެއްގެ ގޮތުގަ ގަނޑުވަރެއްގަ ބާނދީންތަކާ ޚާދިމުން ލައިގެން. އެއީ ތަފާތަކީ.