14 އެޕްރީލް 2023 - 08:13
"މި ރަށަށް ގެނައިކަން އެއީ ވަރަށް ބޮޑު ނަސީބެއް. އެހެން ނޫނީ މިއަދު ހުންނަން ޖެހުނީހީ އެއްވެސް އެއްޗެއް ނޭނގޭ މީހެއްގެ ގޮތުގައި،" އެންމެ 23 އަހަރުގެ ޒުވާން މުހަންމަދު ޖައިލަމް (މޯޑު) ބުންޏެވެ.
މީގެ އަށާރަ ވަރަކަށް އަހަރު ކުރިން، މި ރަށް، ފ. ދަރަނބޫދޫ ޖަމިއްޔާ އަކުން ރާއްޖޭގެ އެކި ރަށްރަށުގައި އަތްފުނާ އަޅަމުން ދިޔައީ މޯޑު ކަހަލަ ކުދިންތަކެއް ހޯދާށެވެ. މި ރަށު ސްކޫލުގައި ކުދިން ހަމަނުވެގެން، އޭރު އޮތީ ސްކޫލު ހުއްޓާލާ ހާލަތަށް ގޮސްފަ އެވެ. އެހެންވެ، އެ ޖަމިއްޔާ އިން ދިޔައީ މާލެ އާއި ވިލިމާލެ އަށެވެ. ސްކޫލުގައި މަދުވެގެން 100 ކުދިން ހަމަކުރަން ޖެހެ އެވެ. އެ ޖަމިއްޔާ އިން ވިލިމާލެ އަށް ގޮސް ހޯދި ފަސް ކުދިންގެ ތެރޭގައި މޯޑާއި އޭނާގެ މާމަ އަށް މާމަ ކިޔާ އިތުރު ހަތަރު ކުދިން ހިމެނުނެވެ.
"ހުރިހާ ކުދިން ގެނެސް ފުރަތަމަ ސްކޫލަށް ގެންދިޔައީ،" މޯޑު ބުންޏެވެ.
އެކަމަކު، އޭރު އޭނާގެ އުމުރަކީ އެންމެ ފަސް އަހަރުކަމުން އޭރުގެ ހަނދާންތަކެއް މިހާރަކު ނެތެވެ. މޯޑު ބުނީ، ޖަމިއްޔާ އިން މި ރަށަށް އޭނާ ގެނައިއިރު އޭނާ އަކީ ހާށަވިޔަނި ވެސް އޭބީސީޑީ ވެސް ނޭނގޭ ކުއްޖެއް ކަމަށެވެ.
"އެއްވެސް ވަރަކަށް ނުކިޔަވަން. ޕާކުތަކުގައި އަބަދު އުޅުނީ،" އޭނާ ބުންޏެވެ.
މޯޑު "މިހާރު" އާ ވާހަކަ ދައްކަނީ
އޭނާ އުޅެމުން ދިޔައީ މާމަ ކައިރީގަ އެވެ. މަންމަ އުޅުނީ މާލޭގަ އެވެ. [އޭގެ ތަފުސީލުތަކަށް ދާކަށް މޯޑު ބޭނުމެއް ނޫނެވެ].
"އަހަންނާ އެކު ދައްތައެއް ވެސް ގެނައި. އެންމެން ސްކޫލަށް ގެނެސް ހީވަނީ މި ރަށުން ބޭނުންވާ ބަޔަކު އެތަނުން ކުދިން ގެންދިޔައީހެން،" އޭނާ ބުންޏެވެ.
އެ ހުރިހާ ކުދިން ވެސް ގެންދިޔައީ މި ރަށުގެ ދެމަފިރިއެކެވެ. މޯޑު ބުނާ ގޮތުން، އޭނާގެ ނަސީބަކީ ވަރަށް ރަނގަޅު އާއިލާއެއް ކައިރި އަށް ދެވުމެވެ.
"އެހެން ނޫނީ މިހެނެއް ނުވީސްކަން ނޭނގެ،" އޭނާ ބުންޏެވެ.
މޯޑު އޭނާގެ ރަހުމަތްތެރިއަކާ އެކު
އޭނާ އޯލެވެލް ހަދައި ނިންމީ މި ރަށުން ކިޔަވައިގެންނެވެ. ހެދި ހަތަރު މާއްދާ އިން ވެސް ފާސްވި އެވެ. އޭނާއާ އެކު، މި ރަށަށް ބަދަލުވި އޭނާގެ ދައްތައެއް މި ރަށުން މީހަކާ އިނދެ ދެ ކުދިން ވެސް ލިބުނެވެ. މޯޑު ވެސް ނިންމީ، މިއީ އުފަން ރަށް ކަމަށް ބަލައި، ދިރިއުޅުމުގެ ބާކީ އޮތް ބައި މި ރަށުގައި ފުރިހަމަ ކުރާށެވެ. އޭނާ މިދިޔަ އަހަރު މި ރަށު ކުއްޖާ ކައިވެނިކޮށްފި އެވެ.
"ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން މިދަނީ،" އޭނާ ބުންޏެވެ.
މި ރަށަކީ އާބާދީ ވަރަށް މަދު ރަށެކެވެ. ބޮޑު ރަށަކަސް، ރަށުގެ އާބާދީ އުޅެނީ 500 ވަރުގަ އެވެ. މޯޑު ބުނާ ގޮތުން ބޭނުން ނަމަ، އޭނާގެ އަމިއްލަ ގެދޮރު ހުރި، ވިލިމާލެ އަށް ވެސް ބަދަލުވެވިދާނެ އެވެ. އެކަމަކު، "މިހާރު ގަބޫލު ކުރަނީ މިއީ އުފަން ރަށް" ކަމަށް އޭނާ ބުނެ އެވެ.
މޯޑް އާއި އާއި އޭނާގެ އަންހެނުން ކުއްޖަކު އުރާލައިގެން
"މިވީހާ ތަނަށް ވެސް މި ރަށުގެ އެއްވެސް މީހަކު އަަހަރެން ތަފާތެއް ނުކުރޭ. އެންމެން ވެސް ވަރަށް ހެޔޮ. އެހެންވީމަ އަހަރެންގެ ރަޖިސްޓްރީ ވެސް މިހާރު މި ރަށަށް ބަދަލުކޮށްފިން،" މޯޑު ބުންޏެވެ.
އޭނާ އަކީ މިހާރު މި ރަށުގެ ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައި ހުރި މީހެކެވެ. އޭނާ ބުނާ ގޮތުން، ރަށުގެ ކަންކަމުގައި ވެސް، އޭނާ އަށް ވީވަރަކުން އަންނަނީ ބައިވެރިވަމުންނެވެ.
"މިއީ މިހާރު އަހަރެންގެ ރަށް،" އޭނާ ބުންޏެވެ.
އޭނާގެ މާމަ ވެސް ދޭތެރެދޭތެރެއިން މި ރަށަށް އާދެ އެވެ. މަންމަ ކައިރި އަށް މޯޑު ވެސް ދެ އެވެ.
"މިދިޔަ މަހު ވެސް ދިޔައިން،" މޯޑު ބުންޏެވެ.
މޯޑުގެ ކައިވެނި
"އެ މީހުން ބޭނުންވޭ އަހަރެން ގެންދަން އަބަދު ވެސް. އެކަމަކު ކުރިން ކިޔަވަމުން ދާތީ ބަދަލުނުވީ. މިހާރު ބަދަލުވުމުގެ ވިސްނުމެއް ވެސް ނެތް،" އޭނާ ބުންޏެވެ.
އޭނާ އެންމެ ހާއްސަ ގޮތެއްގައި ފާހަގަކުރީ، އޭނާގެ ޒިންމާ ނެގި ބެލެނިވެރިންގެ އެހީތެރިކަމެވެ.
"ބޭބެ އާއި ދައްތަ މިހިސާބަށް ގެނެސްދިނީ އެ މީހުން ހުރިހާ ހަރަދެއް ކޮށްގެން. އެ މީހުން އެ މީހުންގެ ދަރިންނެކޭ އެއްގޮތަށް ބެލީ. ވަރަށް ހެޔޮ ބައެއް އެއީ. މީހަކާ އިންނަންދެން އުޅުނީ އެ ގޭގައި. އެއީ އަހަރެންގެ ނަސީބު ކަމަށް އަހަރެން ގަބޫލުކުރަނީ،" މޯޑު ބުންޏެވެ.
ސްކޫލުގައި ސަތޭކަ ކުދިން ހަމަނުވެގެން، އެ އަދަދު ހަމަކުރަން އެކި ރަށްރަށުން ގެނައި ވަރަށް ގިނަ ކުދިން އާޚިރުގައި ހަރުލީ ވެސް މި ރަށުގަ އެވެ. އެކަމަކު އެހެން ދަރިވަރުންނާ މޯޑާ ތަފާތެވެ. އޭނާ އަކީ، މާލެ އިން އައި މީހެކެވެ. އޭނާ ބޭނުން ނަމަ، އެ ރަށް ދޫކޮށްލައިފައި ވެސް އައުމުގެ ފުރުސަތު އެބައޮތެވެ.
"މި ރަށް މާ ހިތްގައިމު،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
15 April 2023
މާމަގެ ވިސްނުންތެރިކަން، މާމަ އެކަނި މިކުދިންކޮޅު ބަލަން އުޅުނުނަމަ ކަންވާނެގޮތް ޚިޔާލަށްވެސް ނުގެނެވޭ
ީަސާޖިދު
15 April 2023
ވިލިމާލޭ ކުޑަކުދިންގެ ހިޔާ ތަޅާލުމަށްފަަހު ދަރަނބޫދޫގަ އެފަދަ ހިޔާއެއް ހަދަންފެނޭ
ދޮންތައްޚާން
14 April 2023
ރާއްޖޭގެ ރައްޔިތަކަށް ވިޔަސް އެއްވެސް ގެދޮރެއް ބިމެއް ނެތް. ދަރަނބޫދޫއިން ގޯތި ދޫކޮށްފިއްޔާ ތިރަށަށް ބަދަލުވާން ތައްޔާރަށް މިހުރީ. ބޭނުންވަނީ ހަމަޖެހޭ ސާދާ ދިރިއުޅުމެއް.
އަބުދު ﷲ
14 April 2023
ކަލޯ މިމީހުން ހާދަ ޖޭ ވަޔޭދޯ މެމެން މިކުދި ރައްރަށުގައި އުފަލާއެކު ދިރިއުޅޭތީ....!!!
ބޮޑުމީހާ
14 April 2023
ތަރައްގީވާނީ އާބާދީއާއިއެކު. އާބާދީނެތި ތަރައްގީވާނަމަ މިހާރު ރާއްޖޭގެ 200 ރަށް އޮންނާނީ ތަރައްގީވެފަ. 500 މީހުން ހަމަނުވިޔަސް ސިއްޚީ، ތައުލީމީ، ޔޫޓިލިޓީ ހިދުމަތްތައް ގާއިމުކޮށް ބެލެހެއްޓުމަކީ ޚަރަދުބޮޑު ކަމެއް. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާބަން ސެންޓަރތައް ހަދައި، މީހުންނަށް ހިލޭ ގޯތިދީ، ހިޖުރަކުރުމަށް މަގުފަހިކުރުވަންވީ. އަދި ކުދި އާބާދީތަކަށް ތިކުރާ ޚަރަދުތައް ހުއްޓާލާފަ މި އާބަން ސެންޓަރުތަކުގައި ތަރައްގީގެ ބިޔަ ޕްރޮޖެކްޓްތައް ހިންގަންވ
ގޯތިދޭންވީއޭ
14 April 2023
އާބާދީ ގައި 10 ހާހުން ދަށުގައި މީހުން ދިރިއުޅޭނަމަ އެއީ އެއްގޮތަކަށް ވެސް ތަރައްގީ ވާނެ ރަށްތަކެއް ނޫނޭ އެހެން ނަމަ ކުޅުދުއްފުށި ތަރައްގީވީސްއޭ އަދި ވެސް އުޅެނީ ހަމަ ކުރީ އުޅޭ ހާލުގައޭ ކަން މިހެން ހުރުމުން ސަރުކާރުގެ ޚަރަދުކުޑަ ކޮށް ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ދިނުމަށް ޓަކައި މާލެ ސަރަހައްދުގެ ވިޔާފާރިވެރިން ސަރުކާރަށް ދައްކާ ޓެކްަސް ރާއްޖެތެރެއަށް އަޅާލާ އިސްރާފު ނުކޮށް އެފައިސާ އިން މާލެ ސަރަހައްދުގެ ފަޅު ތައް ހިއްކާ އެންމެނަަށް ގޯތި
ގޭ ދޮށު ޙަސަންބޭ
14 April 2023
މޯޑަކީ ވަރަށް ބަސް އަހާ ވަރަށް ރަނގަޅު ކުއްޖެއް!
ކޮރަލް
14 April 2023
މޯޑް ކަހަލަ ރަނގަޅު ކުދީން ގިނަ ވާނީ މޯޑް ބެލެހެއްޓި ދެމަފިރިން ކަހަލަ މީހުން ގިނަ ވެގެންނެވެ.
ހިޔާލީ
14 April 2023
މަންމަ، މާމަ ބައްޕަ ފެންނައިރަށް ދާނެ، ދަރިއެއްހެން އެތައް ހާލުން ބަލާ މީހުން މަތިން ހަނދާން ނުހުންނާނެ. އަހަރުން ނަމަ ކިތަންމެ ކުޑަ އެހީތެރިކަމެއްދޭ މީހަކަށްޓަކައި އުޅޭނީ.
ބަދަލުކުރާށޭ
14 April 2023
އާބާދީ ކުދި ރަށްރަށް އުވާލާ އެރަށްރަށު މީހުންނަށް މާލެ ސަރަހައްދުން ގޯތި ދޭން މާލޭގެ ދެކުނުން އޮތް ކަނޑުހިއްކަންވީއޭ މާލެ ސަރަހައްދުގައި ތިބޭ ވިޔާފާރިވެރިން ސަރުކާރުން ދައްކާ ޓެކްސް އިން ރާއްޖެތެރެއަށް ޑަމްޕް ކުރި ނަމަވެސް އެޑަމްޕް ކުރާ އެންމެ ރުފިޔާ އަކީ އަނބުރާ ލިބޭ އެއްޗެއް ނޫނޭ އާބާދީގައި 10 ހާސް ހަމަނުވާނަމަ ސަރުކާރުން ނުޖެހޭނެއޭ އިތުރަށް އެއްވެސް ޚަރަދެއް ކުރަން އެފަދަ ރަށަކަށް އެފަދަ ރަށްތައް ޖެހޭނީ ފަޅުކޮށްލާ އެމެން މާލެ ސަރަހައްދަށް
ހުުުުނ
15 April 2023
ހުރިހާ ފައީދަ އެއް މާލޭ ބޭފުޅުނަށް