ޝާނީ މިސް: ފުރަތަމަކޮޅު އުނދަގޫ ވިޔަސް މިރަށު ސްކޫލުގައި އޭނާ ކިިޔަވައިދެމުން އަންނަނީ ވަރަށް ހިތްހަމަޖެހިގެން.
04 އެޕްރީލް 2023 - 07:13
އެއްފަހަރާ 30 ކުދިންނަށް ކިޔަވައިދިން އައިޝަތު ޝާނީ (ޝާނީ މިސް)ގެ ގިނަ ވަގުތު މިހާރު ހޭދަވަނީ ކްލާހެއްގައި ގާތްގަނޑަކަށް ފަސް ކުދިންނާ އެކުގަ އެވެ. އަހަރުތަކަކަށް ފަހު، ކިޔަވައިދޭން ޖެހޭ ދަރިވަރުންގެ އަދަދު މާބޮޑު ތަނުން މަދުވީ އެވެ. މި ބޮޑު ބަދަލު އައީ މި ނަމްބަރަށް އެކަންޏެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުމަށެވެ.
ކޮވިޑުގެ ބިޔަ ރާޅާ އެކު އުފުލަން ޖެހުނީ ހިތަށް ސިފަކުރެވިފައި ނުވާހާ އުނދަގޫތަކެވެ. އެކި މީހުންނަށް އެކި ގޮތް މެދުވެރިވި އިރު ޝާނީ މިސްގެ ބަދަލުވީ ވިސްނުމެވެ. ކެރިއަރުގައި، އޭނާ ގަބޫލުކުރަމުން އައި ގޮތް ދޫކޮށްލައި އުފަން ރަށް، އދ. މަންދުއަށް ބަދަލުވާން ޖެހުނީ އެވެ.
ފުރަތަމަ ކުޑަ ދުވަސްކޮޅަކަށެވެ. ހާލަތު ބަދަލުވުމުން އެނބުރި މާލެދާ ގޮތަށެވެ. އެކަމަކު އެ ހިޔާލު، އޭނާ މުޅިން ދޫކޮށްލައިފި އެވެ. ޓީޗަރަކަށް އެންމެ ރަނގަޅު ފުރުސަތަކީ ދަރިވަރުން ގިނަ ސްކޫލެއްގައި ކިޔަވައިދިނުން ކަމަކަށް އޭނާއަށް މިހާރު ގަބޫލެއް ނުކުރެވެ އެވެ.
ކުދިންގެ އަދަދާއި ވަސީލަތްތައް މަދު ރަށްތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އޮންނަ ދެރައަކީ ރަނގަޅު ޓީޗަރުންނާ އެކު އެކަށީގެންވާ ތައުލީމެއް ނުލިބުމެވެ.
ޝާނީ މިސް: ކަލާފާން ސްކޫލުގައި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދިނުމަށް ފަހު ރަށަށް ބަަދަލުވާން ޖެހުނީ ކޮވިޑުގައި ދިމާވި ހާލަތާ ހެދި.
"ކިޔަވައިދޭ އިރު އަޅުގަނޑަށް ހުރިހާ ކުދިން ހަމަހަމަވާނެ. އެހެންވީމަ އެކޮޅުގައި ކިޔަވައިދިނުމެކޭ ކުދިން ކިތަންމެ މަދަސް މިކޮޅުގައި ކިޔަވައިދިނުމެކޭ ތަފާތެ އޮވެގެން ނުވާނެއޭ ވިސްނުނީ. ހަގީގަތަށް ބުނާ ނަމަ މިސާލަކަށް ގްރޭޑް 1 ގައި ފަސް ކުދިންނާ އެކު ވަރަށް ހިތްހަމަޖެހިގެން މި ކިޔަވައިދެނީ," ޝާނީ 32، ވިދާޅުވި އެވެ.
މި ރަށަށް ބަދަލުވުމުގެ ކުރިން އޭނާ ކުރިން ކިޔަވައިދިނީ ކަލާފާނު ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކަށެވެ.
އދ. މަންދޫ ސްކޫލްގެ ގޯތިތެރޭގައި ދަރިވަރުންތަކެއް މަޑުކޮށްލައިގެން.
"ދަރިވަރުން އާ އެއްޗެއް ދަސްކުރާ ކޮންމެ ފަހަރަކު އުފާވޭ. ވަރަށް ކިޔަވައިދޭ ހިތުން މި ކިޔަވައިދެނީ. މިއަށް ވުރެން ބޮޑު ހިތްހަމަޖެހުމެއް ނެތް."
ތައުލީމީ ދާއިރާއަށް ހިތް ދޫވީ ގްރޭޑް 10 އެއް ނިންމައި ވަގުތީ ޓީޗަރަކަށް މަންދޫ ސްކޫލާ ގުޅުނު ހިސާބުންނެވެ. ބޭބެއަކީ ވެސް ޓީޗަރަކަށް ވެފައި، އެ ދާއިރާގެ ކަންކަން ގާތުން ފެނި ޝައުގުވެރިވީ އެވެ.
"ފެށި ހިސާބުން ވެސް ވަރަށް އުފާވެރި ކަމަކަށް ކިޔަވައިދިނުން އަޅުގަނޑަށް ވީ," ޝާނީ ވިދާޅުވި އެވެ.
ޑިގްރީއަށް މާލެ އައި ގޮތަށް ދޭން ބޭނުންވީ މި ދާއިރާ އިން ދެވެން އޮތް އެންމެ ކުރިއަށް ދިއުމަށެވެ. ކަލާފާން ސްކޫލާ ގުޅުނީ 2016 ގަ އެވެ.
"އޭރުގައި ހިތަށް އެރީ ނާންނާނަމޭ ރަށަކަށް. މިތަނުގައި ދެތިން ކުދިންނޭ ތިބޭނީ. އަޅުގަނޑުމެން މިތަނުގައި ގްރޭޑް ހައަކާ ހަމައަށް ކިޔަވައި އިތުރަށް ކުރިއަށް ދެވެން ނެތިގެން ބަދަލުވާން ޖެހުނުއިރު ވެސް އެހާ ރަނގަޅެއް ނޫން ކިޔެވުން. އެހެންވެ ވިސްނިފައި އިނީ އެހާ ރަނގަޅެއް ނުވާނެއޭ މިކޮޅަށް ބަދަލުވެެގެން،" އޭނާ ވިދާޅުވި އެވެ.
މަންދޫ ސްކޫލްގެ ކްލާސް ރޫމެއް. ކުދިން މަދުކަމުން ކިޔަވައިދެނީ މަލްޓި ގްރޭޑްކޮށް.
ތިންސަތޭކަ މީހުން ވެސް ހަމަނުވާ މަންދޫ ދޫކޮށް، ކޮއްކޮމެންގެ ތައުލީމަށްޓަކައި އާއިލާ ވެސް މާލެ ބަދަލުވީ އެވެ. އެކަން ވީ ޝާނީއަށް އެނބުރި ރަށަށް ނުދެވުނު އިތުރު ސަބަބަކަށެވެ. ކައިވެނިކޮށް މާލޭގައި ދިރިއުޅުމެއް ފެށީ އެވެ.
ވަކި ތަރުތީބަކަށް ދިރިއުޅުން ފެތި، 24 ގަޑިއިރުގެ ބިޒީކަމުގައި އުޅެނިކޮށް ކުރިމަތިވި ކޮވިޑާއެކު ޝާނީ ސިފަކުރި ގޮތުގައި "ދިރިއުޅުން ހުއްޓުނީ" އެވެ. ކްލާސްތެރޭގައި ކިޔަވައިދިނުމުގެ ހިތްހަމަޖެހުމުން ގެއްލުނީ އެވެ. ކުދިންނާއި ޓީޗަރުންނާ ދިމާނުވެ އޮންލައިންކޮށް ފިލާވަޅު ނަގައިދިނުން ވީ ވަރަށް ބޮޑު އުނދަގުލަކަށެވެ.
އެ އުނދަގުލުގެ ތެރެއަށް ދެން ވެސް އައީ ހިތާމަވެރި ކަންކަމެވެ. ބައްޕަަ ވަޒީފާ އަދާކުރާ ތަނުން ނޯޕޭއަށް ފޮނުވާލުމާއި މުސާރަތަކަށް ވެސް ކޮވިޑުގެ ލޮޅުން އެރީ އެވެ. އެކަމަކު ކުއްޔަށް އުޅުނު ގޭގެ ވެރިމީހާ ވަރަށް ރަނގަޅެވެ.
"ކުއްޔަށް 25,000ރ. ދެއްކި ތަނުގެ ކުލި ވަރަށް ކުޑަކޮށްދީ 5,000ރ. އަށް ހަދައިދިން. އެވަރުން ހަމަޖެހިގެން އުޅެވުނީސް," ޝާނީ ކިޔައިދިނެވެ.
އެކަމަކު ގޭތެރޭގައި ބަންދުވެ، ހާސްކަމުގައި ތިބުމުން އަރައިގަނެވެން އޭރު އޮތް ގޮތަކީ ރަށަށް ބަދަލުވުމެވެ. ފިރިމީހާ ވެސް އެގޮތް ބޭނުން ވުމުން، ދުވަސްކޮޅަކަށް ވަޒީފާ މި ރަށަށް ހަމަޖައްސައި އާއިލާއާ އެކު ބަދަލުވީ އެވެ.
ޝާނީ މިސް ސްކޫލް ތެރޭގައި: އަމިއްލަ ރަށަށް ހިދުމަތް ކުރެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް ވިދާޅުވި.
"މިކޮޅަށް ހަމަ އައިތަނުން އެނގުނީ ބަނޑުބޮޑުކަން. އެހެންވެ މަޑުކުރީ. މާލޭގައި ވިއްޔާ 24 ގަޑިއިރު ކަހަލަ ގޮތަކަށް އުޅެން ޖެހެނީ ސްކޫލްގައި, ކިޔަވައިދިނުމުގެ އެކި ކަންކަމުގެ ތެރޭގައި. މި ޕްރޮފެޝަންގެ ގޮތުން ގެޔަށް އަޔަސް ޓީޗަރުން ޖެހެނީ ކޮންމެވެސް މަސައްކަތެއްގައި އުޅެން،" އޭނާ ވިދާޅުވި އެވެ.
ކުދިން ގިނަ ސްކޫލެއްގައި ކިޔަވައިދިނުން ދޫކޮށްލައި 50 ކުދިން ވެސް ހަމަނުވާ ސްކޫލެއްގައި ކިޔަވައިދޭން ރަށުގައި މަޑުކުރާނީތޯ ނިންމުންވީ އޭނާގެ ކެރިއަރުގައި އުނދަގޫ ހިސާބަކަށެވެ.
ކަލާފާން ސްކޫލުގައި ކިޔަވައިދިން ގޮތާ މި ރަށުގެ ކުދިން މަދުކަމުން ކިޔަވައިދޭ ގޮތް ވަރަށް ބޮޑަށް ތަފާތެވެ. މި ރަށުގައި ދެތިން ގްރޭޑް އެއްކޮށްލައިގެން ވެސް ކިޔަވައިދެ އެވެ.
"މާލޭގައި އެއް ގްރޭޑަކަށް ބައިވަރު ޓީޗަރުން ކިޔަވައިދީ ކޯޑިނޭޝަން ވަރަށް ރަނގަޅުވާނެ. ކޮންމެ މީހަކަށް ވަކި ސަބްޖެކްޓެއް ނަގައިދޭން ޖެހެނީ. މިކޮޅުގައި އަމިއްލައަށް ހުރިހާ އެއްޗަކަށް ރެޑީވާން ޖެހޭނީ," އޭނާ ބުންޏެވެ.
ޝާނީ ސްކޫލް ތެރޭގައި: އެނބުރި މާލެ ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި.
ފެށިއިރު ވަރަށް އުނދަގޫ ކަންކަން ދިމާވި އެވެ. އެކަމަކު އޭނާއަށް ފާހަގަކުރެވުނީ ރަށުގައި ތިބި ކުދިންގެ ތެރޭގައި ވެސް މާލޭ ސްކޫލްތަކެކޭ އެއް ފެންވަރުގެ، އާދަޔާ ޚިލާފަށް މޮޅެތި ކުދިން ވެސް ތިބި ކަމެވެ. އެ ކުދިންނަށް ވެސް ބޭނުންވަނީ ރަނގަޅު ޓީޗަރުންތަކެކެވެ.
އދ. މަންދޫ ސްކޫލަށް ދަރިވަރުންތަކެއް ވަންނަނީ: އާބާދީ މަދު މި ރަށުގެ ސްކޫލުގައި ކިޔަވާ ކުދިންގެ އަދަދު ވެސް މަދު.
އޭނާ މި ދާއިރާ އިން ކިޔެވި ސަބަބު ފެނުނީ މި ރަށުގެ ސްކޫލް ތެރެއިންނެވެ. އެހެންވެ އެނބުރި ދާން ޖެހޭ ސަބަބެއް ނެތެވެ.
ޝާނީ ދަރިފުޅާ އެކު މޫދުގައި: ރަށަށް އެނބުރި ދެވުމަކީ ނަސީބެއްގެ ގޮތުގައި އޭނާ ސިފަކުރޭ.
މާލޭގައި އުޅުމަށް ވުރެން ރަށުގެ ދިރިއުޅުން އެތައް ގޮތަކުން އޭނާއަށް ޚާއްސަ އެވެ. ތޮއްޖެހިފައި އޮތް މާހައުލަކުން ހިމޭން, ހިތްފަސޭހަ, އަރާމު ދިރިއުޅުމެއްގައި ދެ އަހަރުގެ ފިރިހެން ދަރިފުޅާ އެކު ލިބޭ އުފާވެރިކަން މާބޮޑަށް އިހްސާސްވެ އެވެ. ރަށަށް ހިދުމަތް ކުރެވުމަކީ މާ ބޮޑު ހިތްހަމަޖެހުމެކެވެ. ކޮވިޑުގެ ބިޔަ ރާޅުގެ ހިތްދަތިކަން ހަނދާން ނެތުނީ މާ އުފާވެރި މާހައުލަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން
09 April 2023
ސާނީ މިސް ގެ ނަސީބު ކާލާފާނު ސުކޫލުން ބަދަލުވެވުން ،
ނަމެއްނެތި
04 April 2023
ކިޔާ ހިތުން ކިޔައިލެވުނު ލިޔުމެއް. ޝުކުރިއްޔާ، ފަޒީނާ!
ބޮޑުމީހާ
04 April 2023
އާބާދީގައި 500 ހަމަނުވާ 50 ވަރަކަށް ރަށް އޮތްކަމަށް ބޯހިމެނުމުންވެސް ދައްކާ. މި ކުދި އާބާދީތައް ބޮޑެތި އާބާދީތަކަށް ބަދަލުކޮށް އެއްފަސްކުރުމުގެ ސިޔާސަތު ފުޅާކުރަންޖެހޭ. 300 ހަމަނުވާ ތަންތާގައި ކިތަންމެ ވަރެއް ކުރިޔަސް އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުދާނެ. މިހަގީގަތް ރައްޔިތުންވެސް ސަރުކާރުންވެސް ގަބޫލުކޮށް ހުރިހާ ރަށެއް ތަރައްގީ ކުރަން މި ގެންގުޅޭ ވިސްނުން ބަދަލުކުރަންޖެހޭ
ނާރެސް
04 April 2023
ތިބުނާ 300 ހަމަނުވާ ސްކޫލް ތަޖުން ނުކުންނަނީ ގަދަ 10 ގައި ހިމެނޭ ކުދިން. 300 ހަމަނުވާ އާބާދީން ސަރުކާރު ތަކަށްވެސް ކަމުދަނީ ވޯޓް އެކަނި ދޯ. ވޯޓަށް ވީމަ 3 މީހުން އުޅޭ ރަށްތައްވެސް ހެޔިވަރު. ތިބޭފުޅުންގެ ވިސްނުން ބަދަލު ކުރަންވީ. ތަހުޒީބު ނޭންގިގެން ތިއުޅެނީ. ދެންވީ 5 މީހުން ހަމަނުވާ އާއިލާ އެކޭ ކިޔާފަ އާބާދީ ބޮޑު އާއިލާ އަކާ އެޓޭޗް ކުރާކަންނު ތިހެންވީއިރު. އޭރުން އަމިއްލ ފަރުދުންވެސް ތަހުޒީބުވަމުންދާނު ތިބުނާހެން ?
ބާތުޑޭ
04 April 2023
މިކަހަލަ ރަށްތަކުގެ ބަނދަރާއި ނަރުދަމާއާއި ތާރުއަޅައި ބޭކާރު ކަންކަން ކުރަނީ. ރަށުގެ މީހުން އަތޮޅުގެ ބިންބޮޑުރަށަކަށް ބަދަލުކުރުން ތިޔަ ކުރާ ޚަރަދަށްވުރެން ހުރިހާ ގޮތަކުން ފައިދާ ބޮޑުވާނެ. އެކަމަކު ދެކޮޅުންކާން ބޭނުން އަމިއްލައެދުމުގެ މީހުން ތިރަށުގައިވެސް ތިބީތާ. އަދި ކޮބާ އާބާދީ 300 ހަމަނުވާ ތިރަށުގެ އެއްކަލަ ކައުންސިލްގައިވެސް ތިބޭނެ 5 ކައުންސިލަރަކާއި ނުވިތާކަށް ސެކެޓެރީ ޖެނެރަލެއްވެސް ލައިފައި ހުންނާނެ. ފަސޭހައެއްނުން. ކައިކައިގެން ނިދީމަ
ވޯޓޫ
04 April 2023
ބަލަ ވޯޓާއި ޖެހުނީމަ ނޯވޭ ތިބުނާ މަދު އާބާދީއެއް. ވީޓާއި ޖެހުނީމަ ރައްޔިތުން. ނިމުނީމަ ހިދުމަތް ދިނުން ހަރާމް. ދެ މީހު ތިން މީހުން އުޅުނަސް އެވެސް ދިވެހި ރައްޔިތުން. ރަނގަޅު މަދު އާބާދީތައް އެއްފަސްކޮށް ބޮޑު ކުރަންވީ. އެއަށް ފަހުބއެ އާބާދީތައްވެސް މާލެއަށް ވުރެ މަދުވީމަ ހުރިހާ އެންމެން މާލެއަށް ހުޅުމާލެއަށް ބަދަލުކޮއްލާ. އޭރުން މަ ފަސޭހަވާނު ރާއްޖެ ހިންގަން
ޖުހާނާ
05 April 2023
ކޮއްކޯ. ރަށުގެ މީހުން ބިން ބޮޑު ރަށަކަށް ބަދަލުކުރަން ބުނިއިރު، ކޮއްކޮއަށް މަންދޫ އެއީ ކިހާ ބޮޑުމިނެއްގެ ރަށެއްކަން އެނގޭތަ؟ އެއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ބަލާއިރު، ބިމުގެ ގޮތުން ވަރަށް ބޮޑު ރަށެއް. އެ ރަށުގެ އާބާދީ ކުޑައީ. އެހެންވީމާ، ބިމުގެ ގޮތުން ކުދި ރަށްރަށް ހިއްކުމުގެ ބަދަލުގައި އެ ރަށްރަށުގެ މީހުން މަންދުއަށް ބަދަލުކުރަންވީ.
ވޯލް
04 April 2023
ތީނަގެ ކުށްޖާއަކި ނަސީބުގަދަ ކުއްޖެއްގެ ގޮތުގައި އަހަރެން ސިފަކުރާނީ. އެ ތުއްތު ކުއްޖާ މާލޭގެ ތޮށްޖެހިފައިއޮތް ތަނުގައި ބޮޑުވުމުގެ ބަދަލުގައި މިނިވަން ހިތްގާމު ތަނެއްގައި އިޅެ ބޮޑުވުމަކީ ކުށްޖާގެ ހެދިބޮޑުވުމަށް އޭގެ ފައިދާ ކުރާނެކަމެއް. މި ކަހަލަ އާޓިކަލް ފެނުނިމަ ހިތައްއަރަނީ ހަމަ މާލޭގައި ތޮށްޖެހިގެން ނޫޅެ އަމިއްލަ ރަށުގައި މިހާރު އުޅެވޭނެ ފުރުސަތައް ގިނައޭ. ބޮޑު ކުލީގައި އުލެމަކ އަމައްލައަށް ކުރާ ކަމެއް ގިނަ މީހުން.
ނަސީބުގަދައީ ކޮންގޮތަކުން
04 April 2023
ކުއްޖަކަށް ބޭނުންވަނީ ހެދިބޮޑުވުން އެކަނިތަ؟ އޭނަ ދުނިޔޭގައި އުޅެނޫ އެކަނިއުޅޭ ދުނިޔެއެއްގައިތަ؟ ކުއްޖާއަކީ 21ވަނަ ގަރުނުގެ ހަލަބޮލި މުޖުރަމައަކަށް ނުކުންނަ ކުއްޖެއް. އޭނަ ދަސްކުރަން ބޭނުންވާ ކަންކަން 5 ކުދިންގެ ކުލާހަކުން ދަސްވާނެގޮތް ބުނެބަލަ.
ޥާނުވާގަ
04 April 2023
21 ވަނަ ގަރުނަށް ތަސައްވަރު ފުރިގެން މާލޭ ސްކޫލް ނުކުންނަ ދަރިވަރުންގެ އަހުލާގުގެ ފުރިހަމަ ކަމާ އޭ !!
ނައިވާ
04 April 2023
ވާނުވާގަ. މާލޭގެ ސްކޫލްތަކުގެ ކުލާހެއްގައި އުޅެނީ 5 ކުދިންނެއްނޫން. ސްކޫލްތައް ނިންމައި ސްކޫލްތަކުން ނުކުންނަ ގިނަ ކުދިންނަކީ ރަނގަޅު ކުދިން.
ޔޮރުބާ
04 April 2023
ނަސީބު ގަދައީ ކޮންގޮތަކުން އޭ ކިޔާފައި ކޮމެންޓް ކުރި މީހާއަށް ބުނެލަން. މިހާރު ޜައްޖޭގެ ގަދަ 10 ގައިވެސް ހިމެނެނީ މުޅިން އަތޮޅު ސްކޫލް ތަކުގެ ކުދިން. އެވެސް އެއްކަލަ އާބާދީގައި 3 މީހުނާ ފަޅި އުޅޭ ރަށްރަށުގެ ކުދިން. ތިޔަބުނާ 21 ގަރުނުގެ ހަލަބޮލި މުޖުތަމައުން ނުކުންނަ ކުއްޖާގެ ސިކުނޑީގައި އިސްލާމް ދީނުގެ ހަވާސާވެސް ފެވިލާފައި ނުހުރޭ. ސްކޫލުން ނުކުންނަނީ ސައިބޯނެ ހިކި ހަކުރާ ހަރާމް އަރާމް ތަކަށް ބޭނުންވާ ސާމާނުން ދަބަސް ފުރާލައިގެން
ނުވާނެއޭ
04 April 2023
ކްލާހެއްގެ ގްރޭޑް އެކެއްގައި އެންމެ 5 ކުދިންނަށް ކިޔަވާ ދިނުން ތިކަމަށް ޚަރަދު ކުރަނީ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ވިޔަފާރިވެރިން ސަރުކާރަށް ދައްކާ ޓެކްސް އިންނޭ ތިޔާއީ އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭނެ ކަމެއް ނޫނޭ ތިޔާ އދ. މަންދޫ އާބާދީ ނާރާ 1 ހާހަށް އެ އެންމެނަށް ހުޅުމާލޭން ގޯތި ހިލޭ ދީގެން އެމެން ހުޅުމާލެ އަށް ބަދަލު ކުރި ނަމަވެސް ދައުލަތަށް މާބޮޑަށް ފައިދާވާނެއޭ ރާއްޖެތެރޭ އާބާދީ ގައި 10 ހާހުން ދަށް ރަށްތައް ޖެހޭނީ އުވާލަން ނުކުރެވޭނެ
ބައްޗު
04 April 2023
މަންދޫގެ އާބާދީ އަކީ 500. އަދި ދިރިއުޅޭ އާބާދީ އެއަށްވުރެވެސް އިތުރުވާނެ މިރަށުގެ ސިޓީ ހޮޓެލްގަ އުޅޭ މުވައްޒަފުންތައް އެއްކޮށްލީމަ. މަޢުލޫމާތު އިސްލާހު ކޮށްލާ