އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ކިލޯއަކަށް ވުރެ ގިނަ ޑްރަގް އެތެރެކުރި ބިދޭސީއަކު ޑީޕޯޓްކޮށްލަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
21 މާޗް 2023 - 15:12
ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ ޑްރަގް އެތެރެކުރި މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރުކުރި އެމެރިކާ މީހަކަށް ކުރި ދައުވާ އަނބުރާ ގެނެސް، އޭނާ ޑީޕޯޓްކޮށްލަން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު ވައިގެ މަގުން 1.87 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އެމެރިކާ އަންހެނަކު ހައްޔަރުކޮށް، އޭނާ މައްޗަށް އޮތީ ދައުވާކޮށްފަ އެވެ. އޭނާ މިހާތަނަށް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެހެން ނަމަވެސް ދައުލަތުން މިހާރު ވަނީ އޭނާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސް، އޭނާ ޑީޕޯޓްކޮށްލަން ނިންމައިފަ އެވެ. ޕީޖީ އޮފީހުން މިއަދު ބުނީ އޭނާ ޑީޕޯޓްކޮށްލަން ނިންމީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް ދައުވާ ނުކޮށް، ޑީޕޯޓްކޮށްލެވޭ ގޮތަށް ދާދިފަހުން އިމިގްރޭޝަނުން ވަނީ ގަވާއިދެއް ހަދައިފަ އެވެ. އެކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވިޔަސް، ސަރުކާރާއި ޕީޖީ އޮފީހުން ވެސް ވަނީ އެ ގަވާއިދު ދިފާއުކޮށްފަ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބޭބެ
23 March 2023
ދިވެހި ފުލުސް އޮފީސް ހިންގަނީ އޮސްޓްރޭލިޔާގެ ފުލުސް އޮފީހުގެ ދަށުންނޭ ބުނީމަ ގަބޫލު ކުރާނެ މީހުން މަދުވާނެ. އެކަމަކު މިއީ ހަގީގަތެއް އޮތް ވާހަކައެއް.
ބޮޑުމީހާ
21 March 2023
މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް މިސަރުކާރުން އިތުރަށް މިހުޅުވަނީ އާމަންޒިލްތަކުން އެތަކެތި އެތެރިކުރެވޭގޮތަށް.
އަދަބީ މުބާރާތް
21 March 2023
މިއީ ގައުމީ ލޯބި ނެތް ކެހިވެރިން ކަންކުރާނެ ގޮތް
ކޮރަލް
21 March 2023
ޖަލަށް ދާކަށް ނުޖެހުނެވެ. ޖޫރިމަނާ ދައްކާކަށް ވެސް ނުޖެހުނެވެ. ޑިޕޯޓް ކުރަނީ އެވެ. ދެން އޭނަގެ އެހީތެރިޔާ ފޮނުވީމަ އަތުވެއްޖިއްޔާ ޑިޕޯޓެވެ. އަތުނުވެއްޖެނަމަ ވިޔަފާރި ކޮށް ފައިސާ ކޯލު ހިފައިގެން ދާނެ އެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ.