ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕަށް ކުރި 34 ދައުވާ އަށް ވެސް އިންކާރުކޮށްފި

އެޕްރީލް 4، 2023؛ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިއު ޔޯކްގެ މެންހެޓަން ކްރިމިނަލް ކޯޓުގައި އޭނާގެ ވަކީލުންނާ އެކު. --އޭއެފްޕީ

05 އެޕްރީލް 2023 - 13:23

އެމެރިކާގެ ނިއު ޔޯކްގެ މެންހެޓަން ޑިސްޓްރިކްޓް ކޯޓަށް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ހާޒިރުކޮށް އޭނާގެ މައްޗަށް އުފުލި 34 ދައުވާއަށް ވެސް އޭނާ އިންކާރު ކުރައްވައިފި އެވެ.

އެ 34 ދައުވާ ވެސް ގުޅިފައިވަނީ، ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކުގައި ޓްރަމްޕު ބޭއްވި ޖިންސީ ގުޅުމާ ބެހޭ ގޮތުން ހަނުހުރުމަށް ޝަރުތުކޮށް، 2016 ވަނަ އަހަރުގެ ރިއާސީ ކެމްޕޭންގެ ތެރޭގައި އޭނާ އަށް ފައިސާތަކެއް ދިން މައްސަލައާ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް އެ ގައުމުގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް، ޖިނާއީ ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ.

ޓްރަމްޕާ އެކުގައި އޮތް ލޯބީގެ ގުޅުމުގެ ވާހަކަ ސްޓޯމީގެ ފަރާތުން ފަޅާއަރުވައިލީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށެވެ. އެ ވާހަކަތައް އިތުރަށް ނުދެއްކުމަށް އެދި، 2016ގެ ރިއާސީ އިންތިޚާބުގެ އެއް މަސް ކުރިން ޓްރަމްޕުގެ ފަރާތުން ސްޓޯމީ އަށް 130000 ޑޮލަރު ދިން ކަމަށް، ޓްރަމްޕުގެ ކުރީގެ ވަކީލު މިޝެލް ކޮއެން ވަނީ، ހުވާ ކުރައްވައި ހެކިބަސް ދެއްވައިފަ އެވެ.

ވަކީލު މެދުވެރިކޮށް ސްޓޯމީ އަށް ދިން ފައިސާގެ ބަދަލުގައި ޓްރަމްޕުގެ ކުންފުނިން ވަކީލަށް ފައިސާ ދިން އިރު، އޭގެ އަސްލާއި އަދަދު އޮޅުވައިލުމުގެ ގޮތުން ވަކީލުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 420000 ޑޮލަރެވެ. އަދި އެއީ ވަކީލު ފީގެ ގޮތުގައި ލިޔެކިޔުންތަކުގައި ވަނީ ނޯޓުކޮށްފަ އެވެ.

ކަމެއްގައި ހަނުހުރުމަށް ފައިސާ ދިނުމަކީ އެމެރިކާގެ ގާނޫނު ބުނާ ގޮތުން އޭގެ ޒާތުގައި ކުށެއް ނޫނެވެ. ނަމަވެސް މިކަމުގައި މައްސަލަ ފެންމަތިވެގެން އުޅެނީ، އެ އަމަލު ހިންގީ ރިއާސީ އިންތިޚާބަށް ވާދަކުރައްވާ ބޭފުޅަކު ކަމަށް ވެފައި، އެ ކަން ހިނގި ގޮތުގެ އަސްލު އޮޅުވައިލުމަށް މަސައްކަތް ކޮށްފައިވާތީ އެވެ.

މައްސަލައިގެ ހަގީގަތް އުފެދެން ފެށީ، އެމެރިކާގެ ރައީސް ކަމުގެ މަގާމާ ޓްރަމްޕު ހަވާލުވެވަޑައިގަތުމަށް ފަހު އެވެ. ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި ވަކީލު މިޝެލް ކޮއެންއާ ޓްރަމްޕު ބައްދަލު ކުރައްވައި، ސްޓޯމީ އަށް ދިން 130000 ޑޮލަރުގެ ބަދަލުގައި ވަކީލަށް އެ ފައިސާ ލިބޭނެ ގޮތް ޓްރަމްޕު ހަމަޖެއްސެވި އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު މާ ގިނަ ދުވަހެއް ނުވަނީސް، ޓްރަމްޕުގެ ވިޔަފާރިއާ ގުޅިފައިވާ ފަންޑުތަކަކުން، ކޮއެން އަށް އެކި އަދަދުތަކުގެ ޗެކްތައް ފޮނުވަން ފެށި އެވެ. ދިހަ މަސްދުވަހަށް ދެމިގެން ދިޔަ އެ މުއާމަލާތްތަކުގައި، ރައީސް ޓްރަމްޕުގެ ނަމުގައި އޮތް އެކައުންޓަކުން ވެސް ކޮއެން އަށް ޗެކެއް ދޫކުރެއްވި އެވެ.

ލިޔެކިޔުންތަކުގައި އެ ހުރިހާ ޗެކްތަކެއް ވެސް ނޯޓް ކޮށްފައި ހުރީ ވަކީލު ފީގެ ގޮތުގަ އެވެ. ނަމަވެސް ވަކީލު ކޮއެންގެ މައްޗަށް ހިންގި ތަހުގީގުގެ ތެރޭގައި އޭނާ ކޯޓުގައި ބުނެފައިވަނީ އެއީ ވަކީލު ފީގެ ފައިސާ ނޫން ކަމަށާއި، އެއީ މޮޑެލް ސްޓޯމީ އަށް ދިން ފައިސާގެ ބަދަލު ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލުގެ ގޮތުގައި މަސައްކަތް ކުރައްވާ، ނިއު ޔޯކް ސިޓީގެ ޑިސްޓްރިކްޓް އެޓާނީ އެލްވިން ބްރެގް ވިދާޅުވި ގޮތުގައި ވަކީލަށް ދެއްވި ފައިސާގެ އަސްލު އޮޅުވައިލެއްވުމަށް ޓްރަމްޕު މަސައްކަތް ކުރައްވާފައިވަނީ، އެ ފައިސާއަކީ އެހެން ޖަރީމާއެއް ހިންގުވުމަށް ދިން ފައިސާއަކަށް ވާތީ އެވެ. ކަމެއްގައި ހަނު ހުރުމަށް ފައިސާ ދިނުމާއި، ރިއާސީ ކެމްޕޭނަށް ފައިސާ ހޭދަކުރުމަކީ އޭގެ ޒާތުގައި ކުށެއް ނޫން ނަމަވެސް، އެ ފައިސާ ހޭދަކުރި ކަން ސިއްރުކުރުމަކީ، ކެމްޕޭނަށް ޚަރަދުކުރުމުގެ ގާނޫނާ ޚިލާފު އަމަލެކެވެ.

މޮޑެލް ސްޓޯމީ އަށް ފައިސާ ދިން ކަން، ވަކީލު ސިއްރުކޮށްފައި އޮތުމަކީ އޭނާ ކުރި ކުށެކެވެ. އަދި އެފައިސާ އަށް ބަދަލު ދިނުމުގެ ގޮތުން ޓްރަމްޕުގެ ފަރާތުން ވަކީލަށް ފައިސާ ދިނުމުން، ޓްރަމްޕު ވެސް އެ ކުށުގައި ބެދިގެންދާ ކަމަށް ނިއު ޔޯކް ސިޓީގެ ޑިސްޓްރިކްޓް އެޓާނީ އެލްވިން ބްރެގް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް، ކެމްޕޭންގެ ތެރޭގައި ޓްރަމްޕަށް ނުރަނގަޅު އަސަރު ކޮށްފާނެ ފަދަ ވާހަކަތައް އޮއްބައިލުމަށް ޓްރަމްޕު ފައިސާ ހޭދަކުރެއްވިކަން އެނގެން އެބަ އޮތް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ކައިވެނިން ބޭރުން ޓްރަމްޕަށް ދަރިއަކު ލިބިފައިވާ ކަން ދެނަހުރި މީހަކަށް، އެވާހަކަތައް ނުދެއްކުމަށް އެދި ޓްރަމްޕުގެ ފަރާތުން 30000 ޑޮލަރު ދީފައިވުމެވެ.

އަނެއް ކަމަކީ، ޓްރަމްޕާ އެކުގައި މީގެ އަހަރުތަކެއް ކުރިން ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ އަންހެނަކަށް، އެ ވާހަކަތައް ނުދެއްކުމަށް އެދި ޓްރަމްޕުގެ ފަރާތުން 150000 ޑޮލަރު ދިން މައްސަލަ އެވެ. އެއީ، 10 މަސްދުވަސް ވަންދެން ޓްރަމްޕާ އެކުގައި ލޯބީގެ ގުޅުން ބޭއްވި، ކުރީގެ ޕްލޭބޯއީ މޮޑެލްއެއް ކަމަށްވާ ކެރިން މެކްޑޫގަލް އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454