މީހުން

ސިއްހީ ދާއިރާއަށް ހުސޭނުބެގެ އޮތް ހާއްސަ ލޯބި

ޑޑޑ

އދ. ފެންފުށިން،  ފަޒީނާ އަހުމަދު، މިހާރު

09 އެޕްރީލް 2023 - 08:01

1 comments

ރަށެއްގައި މީހަކު ބަލިވެއްޖެ ނަމަ ކަނު އަނދިރީގައި އުޅުނު ވޭނާއި ތަކުލީފާއި ކުރިމަތިވި އުނދަގޫތައް މާޒީއާ އެކުވެ ނިމިއްޖެ އެވެ. އެކަން ހަނދާން ހުންނަނީ ދުނިޔޭގައި މިވަގުތު ތިއްބެވި އޭރުގެ ބޭފުޅުންގެ ތެރެއިން މި ރަށުގެ ހުސެއިން އަބޫބަކުރު 76, (ސެންޓަރު ހުސޭނުބެ) ފަދަ ޚިދުމަތްތެރިންނެވެ.

ހިމަބިހި ރާއްޖޭގައި ފެތުރުނު ދުވަސްވަރު މި އަތޮޅު މާމިގިލީގައި ފެމިލީ ހެލްތު ވޯކަރެއްގެ ގޮތުގައި ބަލި މީހުންނާ އެންމެ ގާތުގައި ހުރި އެކަކީ ހުސޭނުބެ އެވެ. ހޮޑުލުމާއި ބޭރަށް ހިންގުން ފަދަ ބޮޑު ބަލިމަޑުކަމުގައި ވެސް އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އޭނާ ދެމިހުންނެވީ ފަރުވާދެއްވުމުގަ އެވެ. މީގެ 44 އަހަރުކުރިން, 1979 ގައި ސިއްހީ ދާއިރާއާ ގުޅިވަޑައިގަތް ހުސޭނުބެގެ ހިދުމަތް ނުފޯރާ ރަށެއް މި އަތޮޅުގައި ނެތެވެ.

ހުސޭނުބެ: މުޅި އަތޮޅުގައި ސެންޓަރު ހުސޭނުބޭގެ ނަމުން އޭނާ މަޝްހޫރުވީ ޚިދުމަތްތެރިކަމުން.

ސިއްހީ ދާއިރާއަށް ހުސޭނުބެގެ އޮތީ އާދަޔާޚިލާފު ލޯތްބެކެވެ. ޒުވާންދުވަސްވަރުން ފެށިގެން މުޅި އުމުރު އޭނާ ހުސްކުރީ މީހުންނަށް ފަރުވާ ދެއްވުމުގަ އެވެ. އޭރު ނަމަ އޭނާއަކީ މިރަށާއި މުޅި އަތޮޅުގެ ވެސް ޑޮކްޓަރެވެ. ގިނަ ބައެއްގެ އިތުބާރު އޭނާއަށް އޮވެ އެވެ.

"އެހާ ވެސް ޒިންމާ ބޮޑު. މީހެއްގެ ފުރާނައަށް ގެއްލުމެއްވާ ކަހަލަ ކަމެއް ވެއްޖިއްޔާ ޒިންމާވެސް ނަގަން ޖެހޭނެތާ. ވަރަށް ހާސްވި ދުވަހެއް އައި. މީހަކު ވިހަން ވައްދާފައި އަޅުގަނޑު ބަލާ އައީ ނުވިހިގެން. އޭރު ދަރިފުޅު މަރުވެ ހަށިގަނޑުން ބައެއް ބޭރުގައި، އަނެއްބައި ތާށިވެފައި އޮތީ. މައިމީހާ ސަލާމަތްކުރަން ވީ އެންމެ އަވަހަށް އެޅުނު ފިޔަވަޅެއް އަޅަން ޖެހުނީ," ހުސޭނުބެ ވިދާޅުވި އެވެ.

ހުސޭނުބެ ރަށްވަށައިގެން ބުރު ޖަހާ ރަށު ޕިކަޕުގައި ދުއްވާފައި ދަނީ.

ރަށްރަށުގައި ދިރިއުޅުމުގެ ހާލަތު އޭރު ދަށެވެ.

"އެއްވެސް އަލިކަމެއް ނޯންނާނެ. ފޯނެއް, ވޯކިޓޯކީއެއް ނުގެންގުޅޭ. މީހަކު ބަލިވެއްޖިއްޔާ ވެސް ކަނު އަނދިރީގައި އެ ގެއަކަށް ދަނީ. ވައިޖެހެންޔާ ބައްތި ނިވޭ. ވަރަށް ހާލަކު އޭރު އުޅުނީ. މާބޮޑު ބޭހެއް ވެސް ނުހުންނާނެ ދޭކަށް. ޕެނަޑޯލް ގުޅައަކާއި ޑިސްޕްރިން ގުޅައެއް ތަދުކަނޑުވަން ބޭހަކަށް ހުންނާނީ,"

ބޭސްދީފައި އެ މީހަކު އެ ބައްޔަކުން ރަނގަޅު ވަންދެން ގަވައިދުން ހާލު ބަލައި ހެދުމަކީ އޭނާއަށް ދޫނުކޮށްލެވުނު ކަމެކެވެ. އެތައް ބަޔަކާ އުފެދުނު ގާތްކަމުގެ ސިއްރަކީ ވެސް އެއީ އެވެ.

"އެކަނި އުޅުނީމަ ކޮންމެ ދުވަހަކު ހުރިހާ ގެއަކަށް ނުދެވޭ. އެކަމަކު މަހަކު އެއްފަހަރު ދެ ފަހަރު ނުވަންނަ ގެއެއް އޭރު މަދުވާނެ," އޭނާ ވިދާޅުވި އެވެ.

މިއީ މި ދާއިރާއަށް އޭނާގެ އޮތް ޝައުގުވެރިކަމެވެ.

އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންމެ ރަށެއްގެ އޮފީހަށް ކާތިބަކާއި މަސައްކަތު މީހެއް ނެގިއިރު ފުރަތަމަ ލިބުނީ ފެންފުށީ ކާތިބެއްގެ ވަޒީފާ އެވެ. އޭނާގެ ނަސީބަކަށް ވީ ފެމިލީ ހެލްތު ވޯކަރުން ތަމްރީން ކުރުމުގެ ދެ ވަނަ ބެޗުގެ ބަޔަކު ފެންފުއްޓަށް އައުމެވެ.

ހުސޭނުބެ: ހެލްތު ވޯކަރެއްގެ މަސައްކަތުގައި ގިނަ ބަޔަކަށް އޭނާގެ އެހީތެރިކަން ފޯރުކޮށްދެއްވި.

"ބޭބެއަށް ތިޔަ ތަނުން ޗާންސެއް ލިބިދާނެތޯ އެހީމަ ބުނި މައްސަލައެއް ނެތޭ ލިބިދާނެއޭ. މި ބެޗު ނިމޭއިރަށް ތައްޔާރުވާށޭ. އެއް މަސްދުވަސް ފަހުން އޭނާ އަޅުގަނޑަށް ގުޅާލާފައި އަންގައިފި މާލެ އަންނަން," ހުސޭނުބެ ވިދާޅުވި އެވެ.

މި ތަމްރީނަށް ހުސޭނުބެ ފުރީ އޮފީހުން ޗުއްޓީއެއް ނަގައިގެންނެވެ. އެލައިޑް ހެލްތު ސާވިސަސް ސެންޓަރުގައި ކިޔަވަނިކޮށް ތިން މަސްވިތަނާ ޖެހުނީ އޮފީހުން އަންގައިގެން ކާތިބެއްގެ ވަޒީފާ ދޫކޮށްލާށެވެ.

މާބޮޑު މައްސަލައަކަށް ނުހަދައި ދޫކޮށްލީ އޭނާ ބޭނުންވާ ދާއިރާ ކުރިމަތީގައި އޮތުމުން ކަމަށް ވިދާޅުވި އެވެ. ހަނދާނުން ފިލުވާލަން ދަތި ގިނަ ހާދިސާތައް ހިނގި އެވެ. ރަށްރަށުގެ ސިއްހީ ކަންކަން އޮތް ދެރަވަރުކަމުން އެކަށީގެންވާ ފަރުވާ ނުލިބިގެން ހިނގި ކަންކަން ވެސް ހުއްޓެވެ.

އެކަމަކު ހުސޭނުބެ ސިފަކުރެއްވި ގޮތުގައި އެކަށީގެންވާ ފަރުވާ ލިބެން ނެތް އިރު މީހުންގެ ދުޅަހެޔޮކަން މިހާރަށް ވުރެން އެތައް ގުނައެއް ރަނގަޅެވެ. ކެއުމުގެ ބާވަތްތަކާއި ކައި އުޅުނު މިންވަރު ރަނގަޅުވެފައި ގިނަވަގުތު ހެލިފެލިވެ އުޅެ އެވެ. ދިރިއުޅުމަށް އައި ކުރިއެރުމުގައި ފެންނަ ބޮޑެތި ބަދަލުތަކުން މުޅިން ފެންނަނީ ނުރައްކާތެރި ސިގްނަލްތައް ކަމަށް ވިދާޅުވި އެވެ.

"އެ ތަފާތަކީ އަޅުގަނޑަށް ބުނެވޭނީ ތަނަވަސްވާވަރެކޭ, ކާކަށް ނޯވޭ ވަކި ވަރެއް. ކައިގެން ނިދާނީ. ކަސްރަތު ކުރުމެއް ނޯވޭ. މޫދަށް އެރި ފަތާލުމެއް ނޯވޭ. މިހެން ގޮސް ކަންކަން ގޯހުން ދަނީ," އޭނާ ވިދާޅުވި އެވެ.

ހުސޭނުބެ "މިހާރު"އާ ވާހަކަ ދައްކަވަނީ: އޭނާ ސިފަކުރެއްވި ގޮތުގައި އެކަށީގެންވާ ފަރުވާ ލިބެން ނެތް އިރު މީހުންގެ ދުޅަހެޔޮކަން މިހާރަށް ވުރެން އެތައް ގުނައެއް ރަނގަޅު.

ކުރިއާ އަޅާބަލާއިރު ސިއްހަތަށް ފައިދާ ހުރި ތަރުކާރީ އާއި މޭވާ ބޭނުންވަރަށް ލިބުނަސް ކެއުމުގައި ގިނަ ބައެއްގެ ހޮވުމަކީ ބަރުދަން އިތުރުވާ ކެއުންތައް ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

މި ރަށުގައި ސިއްހަތަށް ބަލާތީ ފަތަންދާ މީހުންނާއި ބޯޅަ ދަނޑު ވަށައިގެން ދުވެ ހަދާ މީހުންނަށް ހުސޭނުބެ ތައުރީފްކުރި އެވެ. ބަލިތަކާ ދުރުވެވޭނީ ބަލައިގެން އުޅުމުން ކަމަށް ވިދާޅުވި އެވެ.

ސިއްހީ ދާއިރާ އިން މި ފަހުން ފެންނަ ކުރިއެރުންތަކާ މެދު ހުސޭނުބެ އުފާވެ އެވެ. ކަމެއް ދިމާވެގެން ހެލްތު ސެންޓަރަށް އަންނަ އިރު ޑޮކްޓަރުންނާއި ނަރުހުން ތިބެފައި ޓެސްޓްތައް ހެދޭނެ އިންތިޒާމާއި ރަށުން ނުވެއްޖެ ނަމަ ޖެހިގެން ހުރި ރަށުން އެއަށް ވުރެން ރަނގަޅު ފަރުވާ ހޯދޭނެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފެށިއިރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް. ހުރިހާ ތާކަށް އެއްވަރަކަށް ހިދުމަތެއް ނުދެވޭނެ. އެ ތަފާތު އުޅުނަސް މި ދާއިރާއަށް ކުރިއެރުން މިއޮތީ ލިބިފައި. މި ރަށަށް ބެލިއަސް ރަނގަޅު ކަމަށް ބޭބެއަށް ފެންނަނީ," ހުސޭނުބެ ވިދާޅުވި އެވެ.

ހުސޭނުބެ: ސިއްހީ ދާއިރާއަށް އަންނަމުންދާ ކުރިއެރުމާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ.

މި ކުރިއެރުމުގައި މީހުންނާ ހިސާބަށް ތިލަނުވެ، ވަޅުލެވިފައި އޮތީ ހުސޭނުބެމެން މި ދާއިރާއަށް ވީ ގުރުބާނީ އެވެ. އެ ހަނދާންތައް ހުސޭނުބެގެ ހިތުން ވެސް ވަކިވެގެންނުދާނެ އެވެ. ސިއްހީ ދާއިރާގައި އޭނާގެ ހިދުމަތުގެ ސޮފްހާ ކިޔައިދިނީ އެހާ ގަޔާވެ އިނދެ ފަރިތަކޮށެވެ.

"ބޭބެ މިހާރު ކުރާކަމީ ފަސް ވަގުތު ނަމާދުކޮށްލައިގެން ގުރުއާން ކިޔަވައިގެން އުޅުން," ވާހަކަ ނިންމާލައްވަމުން ވިދާޅުވި އެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 9%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 82%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުވަދޫ އަހައްމަދޭ

09 April 2023

"އެ ތަފާތަކީ އަޅުގަނޑަށް ބުނެވޭނީ ތަނަވަސްވާވަރެކޭ, ކާކަށް ނޯވޭ ވަކި ވަރެއް. ކައިގެން ނިދާނީ. ކަސްރަތު ކުރުމެއް ނޯވޭ. މޫދަށް އެރި ފަތާލުމެއް ނޯވޭ"... ވަރަށް ބޮޑު ތެދެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454