ކުރީގެ ރައީސް ޔާމީން: 52 މިލިއަން ދައުލަތަށް އެމަނިކުފާނަށް ދައްކަން އެންގި އަމުރު ވަނީ ބާތިލްކޮށްފައި --- ފޮޓޯ/މިހާރު
11 އެޕްރީލް 2023 - 15:28
ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ލޯންޑާ ކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން ކަމަށް ބުނެ އެވެ.
އެ އަމުރު ހައި ކޯޓުން މިއަދު ބާތިލްކުރީ އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުންނެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރީ މައްސަލާގެ ހުކުމްކުރި ފަހުން އެ ފައިސާ ދައުލަތަށް ދައްކަން އަމުރު ނެރެފައިވާތީ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތާއި އަދި ފަހުން ފެންނަ މުދަލާއި ފައިސާއެއް ނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ.
ހުކުމުގައިވަނީ ޔާމީންގެ މައްސަލާގައި ކުށްކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުވާގައި ހިމަނާފައި ވިޔަސް، އެ މައްސަލާގައި ހުކުމްކުރި ވަގުތު އެ ފައިސާ ދައުލަތަށް ނަގަން އަމުރު ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ފަހުން ނެރުނު އަމުރެއްގެ ދަށުން އެ ފައިސާ ދައްކަން އަންގަންޖެހޭ ސަބަބެއް ނެތް ހުކުމުގައިވެ އެވެ.
އެ އަމުރު ނެރުނީ ޔާމީން ޖަލަށްލާން ހުކުމްކުރިތާ ދެ މަސް ފަހުން ދައުލަތުން ފޮނުވި ސިޓީއާ ގުޅިގެން ކަން ފާހަގަކޮށް، ހުކުމުގައިވަނީ އެއީ ގާނޫނާ ހިލާފް ކަމެއް ކަމަށް ހުކުމުގައިވެ އެވެ. އަދި އަމުރު ނެރުމުގެ ކުރިން ޔާމީނަށް އެކަމާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ދީފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
"މި މައްސަލާގައި އަމުރު ނެރެފައިވަނީ ކްރިމިނަލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފްކުރަން މުއްތަހަމަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައިވާ ހައްގަށް އުނިކަން އަންނަ ގޮތަށް، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައިވާ ކުށުން ބަރީއަވާން މަސައްކަތް ކުރުމުގެ ހައްގާއި 20 ވަނަ މާއްދާގައިވާ ގާނޫނުގެ ކުރިމަތީގަ އާއި ގާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަވުމުގެ ހައްގާ ހިލާފަށް." ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.
ޔާމީން މިއަދުގެ އަޑުއެހުމުގައި ---
ހުކުމުގައިވާ ގޮތުން ހުކުމް އިއްވުމަށްފަހު، އިމްލާ ކުށް އިސްލާހު ކުރުން ފިޔަވައި އިތުރު ބަދަލެއް ހުކުމަކަށް ނުގެނެވޭނެ އެވެ. އަދި މީގެ ކުރިން މިގޮތަށް ކޯޓަކުން އަމަލު ކޮށްފައިނުވާ ކަމަށާއި އަދި މި މައްސަލާގައި ތަފާތުކޮށް އަމަލުކުރި ސަބަބެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.
"މި މައްސަލަ ތަފާތުވި ގޮތެއް ދައުލަތުން ސާފުކޮށްދީފައި ނުވާއިރު ދައުލަތުން ފާހަގަކުރި ގޮތުގެ މަތިން އިޖްރައާތު ކުރިއަށް ގެންދަންޖެހޭ ގާނޫނީ އަސާސެއް އޮތް ކަމަކަށް ނުބެލެވޭ." ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.
ބެންޗްގައި ހިމެނިވަޑައިގަތް ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވާ ގޮތުން ދައުލަތުން އެކަމުގައި އަމަލުކުރީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ އުސޫލުންނެވެ. އަދި ފަނޑިޔާރަށް އޮޅިގެން ކުރެވޭ ކަންކަން ރަނގަޅު ކުރަން އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
"ގާއިމްވެފައިވާ ނިޒާމްގެ ބޭނުން ޕްރޮސެކިއުޝަނުން ދެވަނަ ފަހަރަށް އެ އަމުރަށް އެދުނު އެދުމަކީ ޖާއިޒް ކަމެއް ކަމުގައި ބަލައި، އެމަގުން އެކަން ކުރުމުގެ ލައިސަންސް މި ކޯޓުން ދެވިދާނެ ކަމަކަށް އަހުރެން ނުދެކެން." ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.
އެހެންވެ، އެ އަމުރު ބާތިލްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ޝަފީއުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.
އާރަށް މައްސަލާގައި ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަދިވެސް ހައި ކޯޓުގައި އެބައޮތެވެ. އެ މައްސަލާގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
13 April 2023
މިއީ ސިޔާސީ ވިސްނުމެއްގެ ތެރޭން ޔާމީންގެ ގެދޮރު ދަމައިގަތުމަށް ކުރި ޖޫރިމަނާއެއް. ނަމަވެސް މާތްﷲގެ އިރާދަފުޅުން ޔާމީން އެކަމުން ސަލާމަތްވީ.
ޙައްވަގެ ޝާކީލު
13 April 2023
ޢެކަމަކު ޝަކީލުގެ މޮޅުކަމުން އެތައް މޮޅު މީހުން ކުރިމަތިލާފަ ތިއްބާ އޭނާ އެހެރީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފައި. ތި ޝަކީލު އަކީ އަބަދުވެސް ވަރަށް ފެންވަރު ދަށް ހުކުމްކުރާ މީހެއް.
މޮޔަވެއްޖެ
12 April 2023
މިހެންވެޔޭ އަދުރޭ އެބުނަނީ ކޯޓްތަކުން ކުރަނީ ހަރާމް ހުކުމޭ.
އެކަނބާ
12 April 2023
ޔާމިނު ހިނިއައިސްސަ އިންފޮޓޯއެއް .... ހުކުމާ އެއްގޮތަށް ދޯ މިހާރު ފޮޓޯވެސް ނޫސް ތަކުގައި ޖަހަނީ.. ނޫނީ މީ މިކަލޭގެ ގެންގުޅޭ 2023 ކެމްޕޭނު އުކުޅަކީތަ
އަންްނި
12 April 2023
ސެޕްޓެމްބަރ މަހުގެ 09 ވަނަ ދުވަހު ބާއްވާ ރުޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ތަރައްޤީގެ ބާނީގެ ރައީސް ޔާމިންގެ ނަންފުޅު އޮންނާނެ އަދި އެމަނިކުފާނު އިންތިހާބު ކާމިޔާބުވެސް ކުރަށްވައި ދިވެހިރާއްޖެ ދިވެހިންނަށް އަނބުރާ ހޯއްދަވާ ދެއްވާނެ. މިސްޓަރ ސްލޯ އާ މާމިގިލީ ޓްްރަމްޕް އަށް ފުރުޞަތެއް ނެތް
ދަރެސް
12 April 2023
މިކަމުގައި ބައެއްގެ އިހުމާލު އޮތްކަން ސާފުކޮށް ފެންނަން އެބައޮތް. # ކުށްކޮށްގެން ހޯދި ފައިސާކަން އެނގޭއިރު އެ ފައިސާ ދައުލަތަށް ނަގަން ހުކުމްގައި ހިމަނަފައި ނުވުން (ގާޒިގެ އިހުމާލު) # ހުކުމް ކުރިތާ 2 މަސް ފަހުން އަލުން އެ މައްސަލަ ކޯޓަށް ވެއްދުން (ލަސްކުރުން - ޕީޖީގެ އިހުމާލު) # ޑިޢު ޕްރޮސެސް ޕީޖީއިން ފޮލޯކޮށްފައި ނެތުން މި ކަންކަމަށް ފިޔަވަޅު އެޅެން ޖެހޭނެ. ނޭޅެންޏާ އަބަދުވެސް ދާނީ މިގޮތަށް.
އިނާޔަތު
12 April 2023
މިހާރު ހުކުމާ މެދުވެސް ސުވާލު އުފެދޭ!؟
ބަޑިތަކުރު
12 April 2023
ކާމިޔާބުވާ މައްސަލަތަކަށް ބަލާއިރުވެސް އެއިން އޭނާގެ މައުސޫމްކަމެއް ސާބިތެއް ނުވެއެވެ. ހައްތަހާވެސް ފެންނަނީ ކޮންމެސް ބަޔެއްގެ އިހުމާލުން ނުވަތަ ގަސްތުގައި ވަކި ނަތީޖާއެއް ނެރެން ކަންކޮށްފައިވާގޮތަކުން މައްސަލަ އޭނާއަށް ކާމިޔާބުވާތަނެވެ. ހަނދާންކުރަންވީ މިއަދު މިލިޔަނުން ތިޔަ ހޯދާފައިސާއާމެދުގައިވެސް އިންސާފު ގާއިމުކުރެވޭނެ ދުވަހެއް އޮތްކަމެވެ. އެދުވަހުން ދެއްކޭނެ ބަހަނާއެއް ނެގޭނެ އިޖްރާއީ ނުކުތާއެއް ކިތަންމެ މޮޅު މީހަކަށްވެސް ނޯންނާނެއެވެ.
ބޯބުރާންތި
12 April 2023
ކުށްކުރިކަން ސާބިތުނުވާހާ ހިނދަކު އޭނާއަކީ ކުށުން ބަރީއަވެގެންވާ މައުސޫމް މީހެއް.. މިއީ އިސްލާމީ ޝަރީއަތުގެ މައިގަނޑު އެއް އަސާސް..
ހުމާމު،
12 April 2023
ތަރައްގީގެ ބައްޕަ
ޢަރުތަ
13 April 2023
ތަރައްގީގެ އެކަނިތަ! ތިޖޫރީގެވެސް އައްޕަ.
ވވވގގ
12 April 2023
ހެހެހެހެ. ކުއްސާބޮތުވިޔަސް ދައްކަންޖެހޭ ފައިސާއެއްނޯންނާނެ ދޯ. ހައިކޯޓުން މިތިބަ ކުރާ މޮޅު ހުކުމެއްދޯ
52މިލިއަންބަހާލީ
12 April 2023
އަބަދުވެސް ޙުކުމުގަ ނުވަތަ ދަޢުވާގަ އޮންނަ މިސްޓޭކަކުން މީހުން ސަލާމަތް މިވަނީ. ޝަރުޢީ ދާއިރާގެ މީހުންނަށް މާ ސިންގާ މުސާރަޔާ ޢިނާޔަތްތައް ދެނީ ކޮންކަމަކަށްޓަކައި. ޙުކުން ކުރިއިރު، މި ފައިސާއަކީ ކުއްކޮށްގެންހޯދާފައިވާ އަދި ޔާމީނުގެ ޙައްޤެއް ނޫންކަން ޙުކުމުން އިނގޭ. އެކަމަކު އެ ފައިސާ އޭނާ ރައްޔިތުންނަށް އަނބުރާ ދޭކަށްނުޖެހޭ. ކިހާސަޅި. ޖިނާޢީ އިޖަރާތުގެ ޤާނޫނާ ޚިލާފަށް، ކުށަށް ޙުކުން ކުރިއިރު ފައިސާ އަނބުރާ ދެއްކުން ނުހުމެނީ ޤަސްތުގައި ނޫންބާ.