ވިޔަފާރި / އެމްއެމްއޭ

ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރު، އެކަމަކު ޑޮލަރުގެ ތާށިކަން އެބަ އޮތް: ސާވޭ

ފިހާރަ އަކުން މީހަކު ވިޔަފާރި ކުރަނީ: ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވެސް މިިދިޔަ ކުއާޓަރުގައި ކުރިއަރާފައިވޭ.-- ފައިލް ފޮޓޯ: މިހާރު

މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ އިގްތިސާދި ހަރަކާތްތައް އިތުރުވި ކަމަށާއި އެކަމަކު ބޭރު ފައިސާ ލިބުމުގެ ދަތިކަމުގެ ބިރު ވިޔަފާރިތަކަށް އެބަ އޮތް ކަމަށް މަރުކަޒީ ބޭންކުން ކުރި ސާވޭ އަކުން ދައްކައިފި އެވެ.

ކޮންމެ ތިން މަހަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަދާ ކުއާޓާލީ ބިޒްނަސް ސާވޭގެ މިދިޔަ އަހަރުގެ އެންމެ ފަހު އަދަދު އިއްޔެ ނެރެފައި ވާއިރު، އޭގައިވާ ގޮތުން ޓޫރިޒަމާއި އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވެސް ވަނީ އިތުރުވެފަ އެވެ.

ޓޫރިޒަމަށް އާރޯކަން

މިދިޔަ މަހުގެ 22 އިން މި މަހުގެ 10ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސާވޭ އިން ދައްކާ ގޮތުން އޭގެ ކުރީގެ ކުއާޓަރާ އަޅާބަލާއިރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދާއި ލިބުނު އާމްދަނީ ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. ކޮޓަރީގެ އެވްރެޖު ރޭޓުތައް އެ މުއްދަތުގައި ބޮޑުވެފައިވާ ކަމަށާއި ކުންފުނިތަކުގެ މާލީ ހާލަތު ވެސް ރަނގަޅުވެފައިވާ ކަމަށް ސާވޭގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، މި ދާއިރާ އަށް އިންވެސްޓް ކުރަން ބޭނުންވާ ފައިސާ ހޯދަން ހުރި ފުރުސަތުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ސާވޭން ދައްކަ އެވެ.

މިދިޔަ ކުއާޓަރަށް ވުރެ މި ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ހަރަކާތްތައް އިތުރުވާނެ ކަމަށް ސާވޭގައި ބައިވެރިވި ގިނަ ފަރާތްތަކުން އަންދާޒާ ކުރެ އެވެ. އޭގެ ތެރޭގައި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދާއި ކޮޓަރީގެ އެވްރެޖު ރޭޓާއި ލިބޭ އާމްދަނީ އާއި ވިޔަފާރި ފުޅާކުރަން ކުރާ އިންވެސްޓްމަންޓުތައް ވެސް ހިމެނެ އެވެ. އަދި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާލީ ހާލަތު ވެސް މި ހިނގާ ކުއާޓަރުގައި ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޓޫރިޒަމް ދާއިރާގެ ހަރަކާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސާވޭގައިވާ ގޮތުން، ވާދަވެރިކަން ބޮޑުވުމެވެ. އަދި ރިސޯޓުތަކުގެ އަދަދު ގިނަވަމުން އަންނަ ވަރަށް ޑިމާންޑް ބޮޑުވުމާއި އެކަށީގެންވާ ވަރަށް ދިވެހި މުވައްޒަފުން ނުލިބުމުގެ އިތުރަށް، މުވައްޒަފުންނަށް ކުރާ ހޭދަ ބޮޑުވުމަކީ ވެސް މި ދާއިރާ އަށް ހުރި ގޮންޖެހުންތަކުގެ ގޮތުގައި ސާވޭގައި ބައިވެރިވި ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

އިމާރާތްކުރުމުގެ އަގު މައްޗަށް

އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ ކުއާޓަރުގައި އިތުރުވެފައިވާ ކަމަށް ސާވޭގައި ބައިވެރިވި 88 ވިޔަފާރީގެ ތެރޭން 40 ފަރާތުން ބުންޏަސް، ބާކީ ތިބި މީހުން ބުނެފައި ވަނީ އެ ކަމަށް މާ ބޮޑު ތަފާތެއް އައިސްފައެއް ނުވާ ކަމަށެވެ. އެކަމަކު މުވައްޒަފުންނަށް ކުރާ ހަރަދު މައްޗަށް ގޮސްފައި ނުވިޔަސް، ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން މަސައްކަތުގެ އަގު ވެސް މަތިވެފައިވާ ކަމަށް ސާވޭން ދައްކަ އެވެ. މީގެ އިތުރުން، މި ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާލީ ހާލަތު ވަނީ، ސާވޭގައިވާ ގޮތުން، ދަށަށް ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

މި ކުއާޓަރުގައި އިމާރާތްކުރުމުގެ މަސައްކަތް ލިބޭ މިންވަރު އިތުރުވެ، މުވައްޒަފުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ސާވޭގައި ބައިވެރިވި ކުންފުނިތަކުން ވަނީ ބުނެފަ އެވެ. ތަކެތީގެ އަގު މާ ބޮޑުތަން ނުއުފުލުނަސް، މަސައްކަތުގެ އަގު މިހާރަށް ވުރެ ބޮޑަށް އުފުލޭނެ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެ ކުންފުނިތަކުން ބުނެފައިވާ ގޮތުގައި، މި ކުއާޓަރުގައި ކުރާ ކެޕިޓަލް ހަރަދުތައް އިތުރުވިޔަސް، އެ ފަރާތްތަކުގެ މާލީ ހާލަތު މި ކުއާޓަރު ނިމޭއިރު ގޯސްވުމުގެ ފުރުސަތު އެބަ އޮތެވެ.

އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސާވޭގައިވާ ގޮތުން، ބޭރު ފައިސާ ލިބުމުގެ ދަތިކަމެވެ. އޭގެ އިތުރުން، މަސައްކަތަށް ފައިސާ ލިބުމުގައި ލަސްވުމާއި ތަކެތީގެ އަގުތައް އުފުލުމާއި ބޭންކުން ފައިސާ ލިބުން އުނދަގޫވުން އަދި ފަންނީ މަސައްކަތްތަކަށް މީހުން ނުލިބުން ވެސް އިމާރާތްކުރުމުގެ ދާއިރާ އަށް އޮތް ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސާވޭން ދައްކަ އެވެ.

ވިޔަފާރި އިތުރުވިޔަސް މާލީ ހާލަތު ގޯސް

މިދިޔަ ކުއާޓަރުގައި، ރާއްޖެ އެތެރެކުރި މުދަލުގެ މިންވަރާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ހަރަކާތްތައް ވެސް އިތުރުވެފައިވާ ކަމަށް ސާވޭން ދައްކަ އެވެ. ވިއްކާ މުދަލުގެ އަގަށް މިދިޔަ ކުއާޓަރުގައި ބަދަލު އައިސްފައި ނުވާ ކަމަށް ސާވޭގައި ބައިވެރިވި 81 ޕަސެންޓް ވިޔަފާރިތަކުން ބުނެފައި ވިޔަސް، 14 ޕަސެންޓް ވިޔަފާރިތަކުން ބުނީ އަގުތައް އުފުލިފައިވާ ކަމަށެވެ. މީގެ އިތުރުން، ވިޔަފާރީގެ ހަރަދުތައް މައްޗަށް ގޮސް، ކުންފުނިތަކުގެ މާލީ ހާލަތު އޭގެ ކުރީ ކުއާޓަރަށް ވުރެ ގޯސްވެފައިވާ ކަމަށް ވެސް ސާވޭން ދައްކަ އެވެ.

ސާވޭގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ރާއްޖެ އެތެރެކުރި މުދަލުގެ މިންވަރާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ހަރަކާތްތައް އިތުރުވާނެ އެވެ. އެހެންވެ، މުވައްޒަފުންގެ އަދަދާއި ވިޔަފާރި ފުޅާކުރަން ކުރާ އިންވެސްޓްމަންޓުތައް ވެސް މި ކުއާޓަރުގައި އިތުރުވާނެ ކަމަށް ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިވެރިން ވަނީ އަންދާޒާކޮށްފަ އެވެ. އަދި ކުންފުނިތަކުގެ މާލީ ހާލަތު މި ކުއާޓަރުގައި ރަނގަޅުވާނެ ކަމަށް އެ ފަރާތްތަކުން ލަފާކުރެ އެވެ.

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސާވޭގައިވާ ގޮތުން، ބޭރު ފައިސާ ލިބުމުގެ ދަތިކަމެވެ. މީގެ އިތުރުން، ވިޔަފާރިތަކުގެ މެދުގައި އޮތް ވާދަވެރިކަމާއި ތަންތަނުގެ ކުލި ބޮޑުވުމާއި މުދާ ތަންތަނަށް ގެންދިއުމުގައި ހުރި އުނދަގޫތައް ވެސް ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ވަނީ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައި ވަނީ 3.9 ޕަސެންޓުގަ އެވެ. އެއީ އެ އަހަރު ފެށުނުއިރު ސަރުކާރުން ލަފާކުރި 6.4 ޕަސެންޓަށް ވުރެ ދަށް މިންވަރެއް ކަމަށް ވިޔަސް، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.4 ޕަސެންޓުގައި ހުންނާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެެންޓަލިސްޓް

24 January 2017

ހަގީގަތުގައި ޑޮލަރތާށީކީނޫން ،،، ބޭނުންވަރަކަށް ބުލެކްމާރކެޓްއިން ޑޮލަރު ލިބޭ ،، ލިބޭރޭޓްތަފާތީ ،،، ބޭންކުތަކުގައި ޑޮލަރު ނެތީ ،،، ޑޮލަރު ލިބޭއެންމެންވެސް ވިއްކަނީ ބުލެކްމާރކެޓްގައި ،، ރިސޯޓްތަކުންވެސް ވިއްކާ ބުލެކްމާރކެޓްގައި ،، އެކަންކަން ކޮންޓްރޯލްކުރެވޭނޭ ނިޒާމެއް ގާއިމްކުރެވިއްޖިއްޔާމުން ހައްލުކުރެވިދާނެކަމަށް ފެނޭ ،،، ވަރަށްވެދުން

The name is already taken The name is available. Register?

އަބްދުއްލާ އަލީ

23 January 2017

ދިވެހިރާއްޖެ މުއްސަނދި ވެދާނެތީ އެމްޑީޕީ ން ބިރުގަނޭ، ސަރުކާރުންވެސް ބިރުގަނޭ، އެހެން ނޫންނަމަ މަނީލޯންޑްރިންގެ ގާނޫނު ނަހެދީސް ،ސިންގަޕޯރ، ސްވިޒަލޭންޑް ، އެމެރިކާ ފަދަ ގައުމުތައް މުއްސަނދިވީ މަނީލޯންޑްރިން ނުހިންގާތަ ؟ މީހަކު ކޮންމެ އަދަދެއްގެ ޑޮލަރު ދިވެހި ބޭންކަށް ޖަމާކުރި ނަމަވެސް އެފައިސާއެއް ޖަމާވާން ޖެހޭނެ.އެފައިސާ އާ ބެހޭ މައްސަލައެއް އތުވެއްޖެނަމަ ގާނޫނީ ފިޔަވަޅު އެޅޭނެ އެ ފިޔަވަޅަކަށް ވާންޖެހޭނީ އެއީ ވަގު ފައިސާއަކަށް ވެއްޖެނަމަ ފައިސާ އެއްވެސް ފަރާތަކަށް ލިބޭނީ ސަރީއަތުން ނިމޭގޮތަކަށް . އޭގެ ކުރިން ހުންނަންވާނީ ގަނޑުކުރެވިފާ. މިހާރު ވާގޮތަކީ މީހަކު ޖަމާކުރަން އުޅޭ ފައިސާއެއް ވެސް ޖަމާކޮށްދެނީކީ އެއް ނޫން. ވީމާ ޑޮލަރު ތާށިވާނެ.

The name is already taken The name is available. Register?

އަޑީބް އެންޑް ބަދީއް

23 January 2017

އެއްކޮޅަކުންވެސް ސަލާމަތެއް ނެތް.

The name is already taken The name is available. Register?

ރަފީ

23 January 2017

އިގްތިސޯދީ ހާލަތު ކިތަންމެ މައްޗަށްދިޔަސް ޑޮލަރުގެ ތާށިކަން ރާއްޖޭގައި އޮންނާނެ. ޑޮލަރަކީ ރާއްޖޭގައި އުފައްދާއެއްޗެއްނޫން. މަރުކަޒީ ބޭންކަށް މިކަން ނޭގޭތީ ހިތާމަކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454