ތިލަމާލެ ބްރިޖުގެ މަސައްކަތް ގުޅިފަޅުގައި ކުރިއަށް ދަނީ -- ފޮޓޯ: މިހާރު
12 އެޕްރީލް 2023 - 15:22
ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހުނު ޖީއެމްއާރަށް ވުރެ އެފްކޮންސް މައްސަލަ ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ، ތިލަމާލެ ބްރިޖު އަޅަން ހަވާލުކުރި އިންޑިއާގެ ކުންފުނި ބަނގުރޫޓުވި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ލިޔެފައިވާ ކަމަށެވެ.
އެފްކޮންސް ބަނގުރޫޓުވެގެން ނުއަގުގައި އެއްޗެހި ވިއްކަމުން ދާ ކަމަށް ވިދާޅުވެ، އެ ކުންފުންޏަށް ރާއްޖެއިން އެއްވެސް ފައިސާއެއް ނުދިނުމަށް ސައީދު މިއަދު ގޮވައިލެއްވި އެވެ.
އެފްކޮންސް ބަނގުރޫޓްވި ކަމަށް އޭނާ އެ ވިދާޅުވީ، އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ، އެ ކުންފުނީގެ ދަށުން ހިންގާ އެފްކޮންސް ވިއްކާލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާ އިން ރިޕޯޓް ކުރުމުންނެވެ.
އެފްކޮންސް އަކީ، ވިލިމާލެ- ތިލަފުށި- ގުޅިފަޅު- މާލެ ގުޅައިލާ ބްރިޖާއި އައްޑޫގެ މަގުތައް ހަދަން ހަވާލުކޮށްފައިވާ ކުންފުންޏެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އެސްޕީ ގްރޫޕުން އަންނަނީ އެ ކުންފުނީގެ ދެ ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި އެ ކުންފުނީގެ ދަށުން އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އެއް ޕޯޓު ކަމަށްވާ ގޯޕާލްޕޫރު ޕޯޓު ހިމެނެ އެވެ.
"މި ބްރިޖެއް ނާޅާނެ. މި ބްރިޖު އެޅޭނެ ޓެކްނޮލޮޖީއެއް ވެސް ނެތް އެފްކޮންސްއަކު. ހަމަ އެއާއެކު، ރާއްޖޭގައި މި ފަހުގެ ތާރީހުގައި ރައްޔިތުންނަށް ދިމާވާނެ އެންމެ ބޮޑު މުސީބާތް ބްރިޖުގެ މަސައްކަތް ނުނިމުން. މިއީ، ދެ ވަނަ ޖީއެމްއާރަށް ވުރެ ނުރައްކާ މައްސަލައެއް." ސައީދު ވިދާޅުވި އެވެ.
މާވަށު ދާއިރާގެ މެމްބަރު ސައީދު، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކުރި އެއްބަސްވުން، ރައީސް. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލް ކުރުމުން އެ ކުންފުންޏަށް ދިވެހި ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހުނެވެ. އެހެންވެ، ޖެހިގެން އައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުންޏަށް ވަނީ 271 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
އެފްކޮންސް އިން އަންނަނީ މި ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. އޭގެ ތެރެއިން އެންމެ ބިޔަ ޕްރޮޖެކްޓަކީ، މާލެ،ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލައިގެން އަޅާ ބްރިޖެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި އޮގަސްޓް 26، 2021 ގައި ވަނީ ސޮއިކޮށްފަ އެވެ. އެކަމަކު، މަސައްކަތް ކުރިއަށްދާ ގޮތާއި ސްޕީޑާ މެދު ވެސް އާއްމުންގެ ފާޑުކިޔުން އަމާޒުވެ އެވެ.
އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމަށާއި މަގުތައް ވެސް 1.1 ބިލިއަން ރުފިޔާއަށް ހަދަމުން އަންނަނީ އެފްކޮންސް އިންނެވެ. އެ މަސައްކަތާ މެދު ވެސް އައްޑޫގެ ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން ބައެއް ބަދަލުތައް ގެންނަން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު 2.0
13 April 2023
ޔާމީނަށްވުރެ ސައީދު މާ ނުރައްކާ ވާނެ، ޤައުމު ދަވާލަން.
ކަންގަނާ ޕާންޑޭތި
13 April 2023
އެެހެންވީމާ ބޭނުންވާނީ ޔާމީނަށްވުރެ "ކުޅަދާނަ" "ވެރިޔެއް"ތާ ދޯ؟ ސައީދުގެ އިންޓަރެސްޓު އެބަހުރިތަ؟
ކަޑަބޮއް ސައީދު
13 April 2023
ރަނގަޅު ވާހަކައެއް ތިޔަ ބުނީ، ގައުމު މިދަނީ ވިކެމުން އިންޑިއާ އަށް، ބިރުވެރި ފައްތަރެއްގައި. ބަދަލު ދީީދީ އަހަރުމެއް މަރުވެދާނެ.
ސުން
13 April 2023
މާލީ ދަތިތަކާހުރެ މުއައްޒަފުން ވަކިކޮށް ސަލާމަތްނުވެގެން ކުންފުނި ވިއްކާލަނީ. ދެން ބަނގުރޫޓްވީމައި ކިހިނެއް ހަދަނީ.
އެލޮކޮސް
13 April 2023
އެނޑީބީ ބޮޓުން ޓީއެމްއޭ މނޖ އެބަކިޔާ. ޓީއެމްޢޭއަކީ %100 ޕްރޮފިޓްގައި ހިންގާ ދުނިޔޭގެ އެންމެބޮޑު ކަނޑުޖައްސާ އދި ބޯޓު އެންމެގިނަ އޮޕަރޭޝަންސް އެންމެ ބިޔަ ކުންފުންޏެއް. ވިއްކާލަނީ 500 މިލިން ޑޮލަރުގެ ޕޮރޮފިޓްގައި އެންމެ ބޯޓަކުން ފެށި މިކުންފުނި. ހިނދޫ އެފޮކޮންއަކީ 2.8 ބިލިއަންޑޮލަރުގެ ބޮޑު ދަރަންޏެއް އޮތް ޕޮލިޓިކަލް ބަޔަކު ހިންގާ ޖަރީމާ ކުންފުންޏެއް. ތިކުންފުނިވަނީ ބަނގުރޫޓުވުމުގެ މަގުމަތީގައި. އިންޑިޔާގެ ނޫސްތައް ކިޔަންއިނގޭތަ ބޮޓުންނަށް
ކުދު ބެއްޔާގެ ރައީސު
13 April 2023
ކުރީގައި ވެސް ބުރިޖެއް ނެތް!ސަޢީދު ބެއްޔާ ކޮންކަމަކާއި ހާސްްވަނީ!! ތި އެފުކޯނަށް ނުވެއްޖެނަމަ ސީދާ އެމްޓީސީސީ އާއި ޙަވާލު ކޮށްގެން 1 ބުރުން ނިއްމުން އޮތީ
ޢެމެރިކާ
13 April 2023
އިންޑިޔާގެ ރޭވުމަ އެމްޑީޕީ ބޮޑުން ރާއްޖެ ހަލާކޮއްލަނީ.
ޢަރުތަ
13 April 2023
"މަސައްކަތާ މެދު ވެސް އައްޑޫގެ ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން ބައެއް ބަދަލުތައް ގެންނަން ޖެހުނެވެ". ވަކި މިކަމެއް ނޫން، ރަށްރަށުގަ ތިބޭނެ ވަރަށް ފުއްނާބު އުސް އިންޖިނޭރުން، ބަނދަރުހެދިއަސް ތޮށިލިއަސް ފަޅެއް ފުންކުރިއަސް ހިއްކިއަސް އެކަން ކުރަންވާ ގޮތް އެރަށްރަށުގަ ތިބޭ މީހުނަށް މާބޮޑަށް އިނގޭނެ، ނުކުމެ މަސައްކަތްވެސް ހުއްޓުވާލާނެ، އެހާވެސް މޮޅެތި އިންޖިނޭރުން ތިބޭނެ ބައެއް ރަށްރަށްރަށުގަ.
ބޮޑުމީހާ
12 April 2023
ދައުލަތް ދަރައި ވިކިގެންވެސް އިބޫސޯލިހަށް ދެވަނަ ދައުރެއް ލިބުނީމަ އެކަން އެނިމުނީ. މިގައުމުގަ ނަމުގަ ލޯނު ނަގައިގެން ހުރިހާ ފައިދާއެއް އެފްކޮންއަށް. ބްރިޖެއްވެސް ނޭޅޭނެ، އަދި މިސަރުކާރުން އެފްކޮންއަށް ލާރިވެސް ދޭން ނިންމާނެ. ވާނުވާ ނުބަލައި އެމްޑީޕީން އެެއޮތީ މިވަރުގެ ވެރިއަކަށް ދެވަނަ ދައުރެއް ދޭން ނިންމާފައި. އިގްތިސާދީ ގޮތުން ދަރިންގެ ދަރިންނަށް މިކަމުގެ އަސަރުކުރާނެ
ބެއްޔާގެ އަލިފުތު
12 April 2023
ބޭފުޅާ ހާސްވާނެ ކަމެއް ނެތް! ބުރިޖާއި އެކީ ވިއްކާލަނީ! ހުސްކުރާ ސޭލް