ކުރީގެ ރައީސް ނަޝީދު: އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފި ނަމަ ލިބޭނެ ފައިދާ ބޮޑުވެދާނެ.---ފޮޓޯ: ފަޔާޒު މޫސާ: މިހާރު
05 ޖުލައި 2025 - 23:39
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ މައި އެއާޕޯޓު ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދޫކުރި ދޫކުރުން ދިފާއު ކުރައްވައި، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ބީލަމުގެ އުސޫލުން އެތަން ހިންގާނެ ބަޔަކު ހޯދުން ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ތިއްބަވާ ގުރޫޕެއްގައި ނަޝީދު އެހެން ވިދާޅުވީ، އިންޑިއާގެ އަދާނީ ގުރޫޕަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު "ވިއްކާލަން" އުޅޭ ކަމަށް ބުނާ ވާހަކަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގުކުރައްވާފައި ވަނިކޮށެވެ. އޭނާ އެ ވާހަކަތައް ދޮގުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަނިމާދޫ އެއާޕޯޓު "ވިއްކާލުމާ ގުޅޭ މަޝްވަރާތައް" އަދާނީ ގުރޫޕާ އެކު ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ރޭ ވިދާޅުވުމުން ދެއްވި ރައްދެއްގަ އެވެ.
ނަޝީދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފި ނަމަ ލިބޭނެ ފައިދާ ބޮޑުވެދާނެ ކަމަށެވެ.
"އިތުރަށް ދަރަނިވެރި ވެގެން ލޯނުތައް ދައްކަން އުޅުމަށް ވުރެން އަތުގައި ހުރި އެއްޗެއް ކުއްޔަށް ދީގެން އެ ފައިސާ ހޯދިއްޖެ ނަމަ ރާއްޖެ އަށް ކުރާނެ ފައިދާ ވަރަށް ބޮޑު ކަމަށް ފެންނަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެއާޕޯޓުތައް ވެސް އަދި އެހެނިހެން ވިޔަފާރިތައް ވެސް އަމިއްލަ ފަރާތްތަކުން ހިންގުން ބުއްދިވެރި އެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ހާލަތުގައި ޕްރައިވެޓް ސެކްޓާއަކީ ދިވެހިންތޯ ނުވަތަ ބޭރު ބައެއްތޯ ބަލަން ރަނގަޅު ވާނީ އާންމު ބީލަމަކަށް ގޮސް ސަރުކާރަށް އެންމެ ފައިދާ ހުރި ގޮތެއް ބަލައިގެން ކަމަށެވެ.
މި މައުލޫއުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ޖީއެމްއާރު ކުންފުންޏަށް ދޫކުރި ދޫކުރުން ދިފާއު ކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ފިޔަވަޅު އޭރު އެޅި ނަމަ "ދެ ބިލިއަން ޑޮލަރުގެ ދަރަނި ނޭޅި އާ އެއާޕޯޓު އޮޕަރޭޓް ކުރާތާ 10 އަހަރު މިހާރު އޮންނާނީ ވެފައި" ކަމަށެވެ.
"އަދި ސަރުކާރަށް ވާ ފައިދާ ކުޑައެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓު ޖީއެމްއާރަށް ދިނުމުގެ އެއްބަސްވުމުގައި ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ސޮއިކުރައްވަނީ.
މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޖީއެމްއާރު ކުންފުންޏާ ހަވާލު ކުރުމަށް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ހެދި އެއްބަސްވުން ބާތިލްކުރީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެ އެއްބަސްވުން އުވައިލުމުގެ ބަދަލެއްގެ ގޮތުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ނޮވެމްބަރު 15، 2016 ގައި ޔާމީންގެ ސަރުކާރުން ދައްކައި ހަލާސްކުރި އެވެ.
އެމްޑީޕީ ސަރުކާރުން 25 އަހަރަށް ޖީއެމްއާރާ އެކު ހެދި އެއްބަސްވުން 2012 ގައި ވަހީދުގެ ސަރުކާރުން އުވައިލީ އޭގެ ސަބަބުން ދިވެހި ދައުލަތަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭތީ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މި މަހުގެ 1 ވަނަ ދުވަހު ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހަދަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ޕްރޮޖެކްޓުގެ 88.7 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.
މިނިސްޓަރު ވިދާޅުވީ، އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް މިހާރު ނިމިއްޖެ ކަމަށެވެ. އަދި ޕަސެންޖާ ޓާމިނަލުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި އެއާކްރާފްޓް މެއިންޓެއިނަންސް އަށް ހާއްސަ ސަރަހައްދާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ސެޕްޓެމްބަރު 2022 ގަ އެވެ. ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ގާއިމް ކުރުން ޕްރޮޖެކްޓުގައި ވަނީ ހިމަނައިފަ އެވެ.
އެ އެއާޕޯޓު ތަރައްގީ ކުރަނީ އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޯސް
08 July 2025
ނަޝީދުގެ ހާރިޖީ ސިޔާސަތު އޮތީ މާބޮޑަށް އިންޑިއާކޮޅަށް ބުރަވެފައި. ކުރިއަށް ފެންނަނީވެސް ނަޝިދުގެ ސިޔާސަތު ހުންނާނީ އެގޮތުގައި ކަމަށް. ވެރިކަން ކުރާކަށް ނަޝީދު ކަމަކުނުދޭ. ނަޝީދު ރަނގަޅީ ހަމައެކަނި އެކްޓިވިސްޓަކަށް. ވެރިކަންކުރަން އެމްޑީޕީއިން އަދިވެސް ރަނގަޅީ ރައީސް ޞާލިހު
މައްކުބޭ
07 July 2025
މި މީހާ އަމިއްލަ މީހާ ވެސް ހުރީ ބަޔަކަށް ދީފަ، އެހެންވީމާ މި މީހާގެ އަނގައިން އަންނަ ކޮންމެ ވާހަކައެއްވެސް އަންނާނީ 'ޒައިނިސްޓް' ވެސްޓަރން ޕޮލިޓިޝަންސް އެދޭގޮތަށް.
ރަންރީނދޫރިހަގަނޑު
07 July 2025
ބޭބެ ވާނެ ކުރިމަތިލާން މިއަންނަ އިންތިޚާބުގަ. ތިކަން ވާނީ އެމަގުން ގޮސް.
ގޮނުއަނގަ
07 July 2025
"އެ ފިޔަވަޅު އޭރު އެޅި ނަމަ "ދެ ބިލިއަން ޑޮލަރުގެ ދަރަނި ނޭޅި އާ އެއާޕޯޓު އޮޕަރޭޓް ކުރާތާ 10 އަހަރު މިހާރު އޮންނާނީ ވެފައި" މިއަދާހަމައަށް ކިތައް 2 ބިލިޔަން އެތަނަށް ލިބުނުކަން ނޭގޫނުމީހަކު ފައިދާގެ ވާހަކަދެއްކީމާ ފަކުރުގަނޭ. ކޮބައިތޯ އޭރުގެއްލުނު ވަޒީފާތަކާ ދިވެހިންގެ އެތައް ވިޔަފާރިއެއް.
ޒިރާމް
06 July 2025
ރައީސް ނަޝީދު ރައްޔިތުންނަށް ގެއްލުންްވާނެ ކަމެއް ކުރުމަށް ވާގިވެރިވާނޭ ކަމަށް ޤަބޫލު ނުކުރެވޭ. މިއަދު މިދެކޭ އިނދިކޮޅު ޕާޓީއތައް އަދި ރައްޔިތަކަށް ފެންނަ އެއްޗެއް ބުނުމުގެ ފުރުޞަތު ލިބިފައިވަނީ ރައީސް ނަޝީދުގެ ވަރަށްގިނަ މަސައްކަތުން ކަމަށް ފެނެއެވެ.
ކޮރަލް
06 July 2025
އެންމެ ފައިދާ ބޮޑީ އެފްރިކާގަ ހުރުމުންނެވެ. މީހަކު އެއްޗެކޭ ނުކިޔާނެ އެވެ. ރައީސް ކަން ކުރީމަ ލިބޭ ފައިސާ އިން އުމުރު ދުވަހު އުޅެވޭނެ އެވެ.
އަނހަ
06 July 2025
އިހަކަށް ދުވަހު މެމްބަރަކަށްވެ ސޮއިކުރެވުނީ ނުބައި ޕާޓީއަކަށް..
ދޮޅި ހުސޭނު
06 July 2025
ކުރިން ރައިސްކަން ކޮށްފަ ހުއްޓަސް މިހާރު ދެން އެއްޗެއް ވިސްނިގެން ނަޝީދު މަޑުމަޑުން ހުންނަންވެއްޖެ. ޤަބޫލުކުރަން ދަތިވިޔަސް މިހާރު ކުރިން އޮތް ތާއީދުގެ 2 ޕަސެންޓްވެސް މި ރާއްޖެއަކު ނަޝީދަކަށް ނެތް. ޒަމާން މުޅިން ބަދަލުވެއްޖެ
އަފްރާސިޔާބު
06 July 2025
ރޫޅާލާނަން. ރޫޅާލާނަން. އަނގަ ގަދަކުރަން ފެށީދޯ؟
މާމޮޅު
06 July 2025
ނަޝިދުގެ ވިސްނުމަށް ދިވެހިން އަދިވެސް ނޫންބުނާނެ... ވެލާނާ އެއާޕޯޓު މައްސަލަގައި ދިވެހިން ނޫން ބުނ ގޮތަށް.
ޑރ.ކަނޑުކޮސް
06 July 2025
ހަސަންކުރުސީ ހެދިގެން އުޅުނީ މި އަންނިއޭ ކިޔާތީ އިވޭ. ބޮޑުވަޒީރުކަން ދޭނަމޭ ބުނީމަ ކުރުސީގެ މަޤާމް ދޫކޮށް އެހުރީ އެފްރިކާއިން ރާއްޖެއަށް ވަޑައިގެން. މީނައަށް އަމިއްލަ އެދުމަކީ ކޮބައިކަން ނުވެސް އެނގޭނެ. އެހާވެސް އަމިއްލަ އެދުމާއި ދުރުގަ އެހުރީ. ސާބަސް ކުރުސީ