ކުރީގެ ރައީސް މުހައްމަދު ނަޝީދު: ހަނިމާދޫ އެއާޕޯޓް ހަދަންވީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
02 ޖެނުއަރީ 2026 - 15:06
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަންވީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި، އެ އެއާލައިނާ ގުޅިގެން އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.
"މުޅި ބޮޑު އުތުރުގެ ތަރައްގީއަށް ފަހިވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މި ޕޯސްޓް ކުރެއްްވީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން ތަރައްގީ ކުރި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އެ ގައުމުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓް ކުރުމުން އުފެދިފައިވާ ބަހުސްގެ ތެރެއިންނެވެ.
އެ ނޫހުގައި އޮތް ޚަބަރާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް, އެ ވާހަކަތައް ސަރުކާރުން މިއަދު ވަނީ ދޮގުކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވް ކޮށްފައިވާ ދިވެހި އޮޕަރޭޓަރުންނެވެ. އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް: ހަނިމާދޫ އެއާޕޯޓް ހަދަންވީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ކަމަށް ނަޝީދު ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
"ދަ ހިންދޫ" ނޫހުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ހަނިމާދޫ އާ އެއާޕޯޓް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެހެންވެ, އެކަމާ ގުޅޭ ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ އޭއޭއައި އިން އެ ގައުމުގެ 26 ސްޓޭޓެއްގައި ހިންގާ އެއާޕޯޓުތައް މެނޭޖްކުރަމުންދާއިރު އޭގެ ތެރެއިން ބައެއް އެއާޕޯޓްތައް ހިންގަނީ ޖީއެމްއާރާއި އަދާނީ ފަދަ ކުންފުނިތަކުންނެވެ. ޖީއެމްއާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި ކުންފުންޏެވެ.
ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ގަ އެވެ. އެކަމާ ގުޅިގެން ގިނަ ދިވެހިންތަކެއް އެ ސަރުކާރާ ދެކޮޅަށް ނުކުމެ އަޑު އުފުލި އެވެ.
ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހީދުގެ ސަރުކާރުން ނޮވެމްބަރު 26، 2012 ގައި ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކޮށް، ރާއްޖޭގެ މައި އެއާޕޯޓު ސަރުކާރަށް ނެގި އެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް އަލުން ހޯދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދީގެންނެވެ. ޖީއެމްއާރަށް އެއާޕޯޓް ދިނުމާ ދެކޮޅަށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމުން އިސްވެ ގިނަ މަސައްކަތްތަކެއް ވެސް ކުރި އެވެ.
"ދަ ހިންދޫ" އިން ޚަބަރު ގެނެސްދީފައިވަނީ ޖީއެމްއާރު ބޭރުކުރިތާ 10 އަހަރު ފަހުން އަނެއްކާވެސް ރާއްޖޭން އެއާޕޯޓެއް ހިންގަން އިންޑިއާގެ އެހީއަށް އެދުނު ކަމަށް ބުނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް: ހަނިމާދޫ އެއާޕޯޓް ހަދަންވީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ކަމަށް ނަޝީދު ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އަދި އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލަކާއި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއަކާ އެކު ހަނިމާދޫ އެއާޕޯޓް އަލުން ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީ ކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ.
ހަނިމާދޫ އެއާޕޯޓު އަލުން ހުޅުވީ އެއް ފަހަރާ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ޖާގަ ވެސް ލިބޭ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީއެއް ވެސް ވަނީ ހަދައިފަ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރި
02 January 2026
ގައުމުގެ ހަރުމުދާ ވެރިކަން ކޮއްލަން ލިބުނު މަދު ދުވަސް ކޮޅެއްގެ ތެރޭގައި ވިއްކާލި މީހަކީ މިއީ. ދިރާގު، ފެންކުންފުނިި އަދި ވީއައިއޭ ވިއްކާލި މީހަކީ މިއީ. ރައީސް އަބްދުﷲ ޔާމީން ގެ ބުރަމަސައްކަތުން އެއަރޕޯޓް އަތުލެވިއްޖެ އެކަމަކު މެޖޯރިޓީ ހިއްސާ އަނެއް ދެތަނުން ލިބޭ ގޮތެއްނުވި. ގައުމަށް އިޔާދަ ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ދީފަ އެވަނީ. މީނާގެ ފަރާތުން ރައްޔިތުންނަށް ލިބުނު ގެއްލުން ނިކަން ދެކިބަލަ.
އަޒީބެ
02 January 2026
މީ ދެން ކާކު ގައުމު ހިންގަންވީގޮތް ކިޔަން.. ބޮޑުތަނުން ފެއިލްވެފައިވާ، ކަންކަން ކުރަން ނޭގޭ، ދުއްޕާނެއް
ދޮޅި ހުސޭނު
02 January 2026
ބަޔަކަށް ވިކުން ނޫން ގޮތެއް ނެތީ ހަމަ؟؟ އެ ނޫން ގޮތްގޮތްވެސް ހުންނާނެ. ދިވެހިންނަށް ދިވެހިންގެ އެއާޕޯޓްތައް ހިންގޭނެ އަދި އެތަންތަނުން ފައިދާވެސް ހޯދޭނެ. މިއަދު ދިވެހިންނަކީ އެއްވެސް ފެންވަރެއް ނެތް ބައެއް ނޫން. އެހެން ބައެއްގެ ތޮއްވަރިއަށް ވަންނާކަށް ނުޖެހޭ
ރަނގަޅު
02 January 2026
ގުޑް.
އައްޕަ
02 January 2026
މިކަމާ މަ ހަމަ އެއްބަސް. މާފަރު އެއަރ ޕޯޓު ގޮތަށް ހަމަ އެކަނި ހާހަކުން ފަހަރަކު ޖެޓެއް ޖައްސާ ތަނަކަށް ވީމަ ކަމަކު ނުދާނެ. ހާދަ ބޮޑު ޚަރަދެކޭ ކޮއްފަ ތި އޮތީ. އަންނި އެބުނީ 100 ގެ ވާހަކައެއް
ހުވަދޫ ކަލޯ
02 January 2026
ދިވެހިންގެ އަތުގަ އެއްޗެއް އޮވެއްޖެއްޔާ މީނަ އަށް ލޮލުފިޔައެއް ޖަހާ ނުލެވޭނެ. ޢިންޑިއާ އިން ހިބައިން ނުދެވިގެން މީނަ ދުވެ ނަގަނީ ހަމަ ވެރިކަމަށް އަންނަން އިންޑިޔާގެ މަދަދަށް އެދުނަސް ބޮޑުވަރު