ހަނިމާދޫ އެއާޕޯޓު: ދަ ހިންދޫގެ ވާހަކަތައް ދޮގުކުރައްވައި މިނިސްޓަރު އަމީން ވިދާޅުވި އެއްވެސް އެއާޕޯޓެއް ހިންގަން ބޭރު ބަޔަކަށް ނުދޭނެ ކަމަށް. -- ފޮޓޯ: ނިޝާން އަލީ / މިހާރު
02 ޖެނުއަރީ 2026 - 13:05
ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން އެހެން ވިދާޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން ތަރައްގީ ކުރި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އެ ގައުމުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓް ކޮށްފައި ވަނިކޮށެވެ.
އެ ނޫހުގައި އޮތް ޚަބަރާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް, އެ ވާހަކަތައް ދޮގުކުރައްވައި އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކާ މި ސަރުކާރުން ހަވާލު ނުކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވް ކޮށްފައިވާ ދިވެހި އޮޕަރޭޓަރުންނެވެ. އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
All airports in the Maldives, both international and domestic, are managed and operated by Maldives Civil Aviation Authourity approved Maldivian operators.
— Mohamed Ameen (@ameen3d) January 2, 2026
The Government remains firmly committed to keeping airport operations under national institutions.
"ދަ ހިންދޫ" ނޫހުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ހަނިމާދޫ އާ އެއާޕޯޓް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެހެންވެ, އެކަމާ ގުޅޭ ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ "ދަ ހިންދޫ"ން ބުނާ ގޮތުގައި ރައީސް މުއިއްޒު, އެއާޕޯޓް މެނޭޖު ކުރަން އިންޑިއާގެ އެހީއަށް އެދިވަޑައިގަތީ ހަނިމާދޫ އެއާޕޯޓް ހުޅުވަން ވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ. ރާމް މޯހަން ނައިޑޫ ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.
ހަނިމާދޫ އެއާޕޯޓް: އިންޑިއާއަށް ހިންގަން ދޭން އުޅޭ ވާހަކަ ވަނީ ދޮގުކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
އިންޑިއާގެ އޭއޭއައި އިން އެ ގައުމުގެ 26 ސްޓޭޓެއްގައި ހިންގާ އެއާޕޯޓުތައް މެނޭޖްކުރަމުންދާއިރު އޭގެ ތެރެއިން ބައެއް އެއާޕޯޓްތައް ހިންގަނީ ޖީއެމްއާރާއި އަދާނީ ފަދަ ކުންފުނިތަކުންނެވެ. ޖީއެމްއާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި ކުންފުންޏެވެ.
ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ގަ އެވެ. އެކަމާ ގުޅިގެން ގިނަ ދިވެހިންތަކެއް އެ ސަރުކާރާ ދެކޮޅަށް ނުކުމެ އަޑު އުފުލި އެވެ.
ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހީދުގެ ސަރުކާރުން ނޮވެމްބަރު 26، 2012 ގައި ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކޮށް، ރާއްޖޭގެ މައި އެއާޕޯޓު ސަރުކާރަށް ނެގި އެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް އަލުން ހޯދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދީގެންނެވެ. ޖީއެމްއާރަށް އެއާޕޯޓް ދިނުމާ ދެކޮޅަށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމުން އިސްވެ ގިނަ މަސައްކަތްތަކެއް ވެސް ކުރި އެވެ.
"ދަ ހިންދޫ" އިން ޚަބަރު ގެނެސްދީފައިވަނީ ޖީއެމްއާރު ބޭރުކުރިތާ 10 އަހަރު ފަހުން އަނެއްކާވެސް ރާއްޖޭން އެއާޕޯޓެއް ހިންގަން އިންޑިއާގެ އެހީއަށް އެދުނު ކަމަށް ބުނެ އެވެ.
އިންޑިއާ އިން ހަނިމާދޫގައި އެއާޕޯޓް ތަރައްގީ ކުރަމުންދިޔައިރު, މި ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބަވައި ގިނަ ތުހުމަތުތަކެއް ވެސް ކުރި އެވެ. އެގޮތުން, އެތަނުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބި ކަމާއި އެ ތަން ތަރައްގީކޮށް ހަވާލުކުރާނީ އިންޑިއާއަށް ކަމަށް ބުނެ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރި އެވެ.
ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭ ކަމަށް ވެސް ވާހަކަތައް ފެތުރުނެވެ. ނަމަވެސް, އެ ހުރިހާ ތުހުމަތުތަކެއް އޭރުގެ ސަރުކާރުން ވެސް ދޮގުކުރި އެވެ.
ހަނިމާދޫ އެއާޕޯޓް: އިންޑިއާއަށް ހިންގަން ދޭން އުޅޭ ވާހަކަ ވަނީ ދޮގުކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އަދި އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލަކާއި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއަކާ އެކު ހަނިމާދޫ އެއާޕޯޓް އަލުން ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީ ކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ.
ހަނިމާދޫ އެއާޕޯޓު އަލުން ހުޅުވީ އެއް ފަހަރާ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ޖާގަ ވެސް ލިބޭ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީއެއް ވެސް ވަނީ ހަދައިފަ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިލްބާއޯ
02 January 2026
އިންޑިޔާނޫސްތަކުން ވަރަށް ދޮގުހަބަރު ފަތުރާނެ. ދޮގުޚަބަރު ފަތުރަންޏާ އެންމެ ރުޅިއަރާ ބޭފުޅަކީ ހުދު ރައީސް. މިނޫހާދެކޮޅަށް ކޯޓަށްދާން ކެރޭނެބާ؟
އަކްމެޑް
02 January 2026
އެއްކަލަ ނަޝީދު ލާފައެއް ނުދާނެ
ކިމް
02 January 2026
ނުދޭނެތަ ނޫނީ ނުދޭނަންތަ؟ ނޮޓް ޝުއަރ؟
ޙަނިމާދޫ
02 January 2026
އިންޑީޔާއިން ދުއްވާ ދޯނިޔާ ބޯޓް އަބަދު ކަލަހަ ގޮތަކަ ކޮޗިންނަ ދަތުރު ކޮއްކޮއް ހުންނަނީ. ރާއްޖެއަ ފައިދާއެއް ނެއް
ޝޮކްތެރަޕީ.
02 January 2026
ޙަނިމާދޫގަ އިންޑިޔާގެ މިލިޓަރީ ރާޑަރު ބަހައްޓާފަ ހުރީ. މިހާރު މަތިން އަންނަ ހުރިހާ ބޯޓްތަ އިންޑިޔާއައް ފެންނާނެ. ދެރަ
ޢެމެރިކާ
02 January 2026
މިސަރުކާރެއް ނުދޭނެ. ރާއްޖޭގެ އެއްވެސް ތަނެ. ޢެއްމްޑީޕީގެ އެޖެންޑުން މިކަން ކުރަން އުޅެނީ