ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު އިންޑިއާގެ ރަނގަޅު ކުންފުންޏަކަށް ދޭން ސަރުކާރުން އުޅޭ ކަމުގެ އަޑު އިވިވަޑައިގަންނަވާ ކަމަށާއި އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. 

ނަމަވެސް، އެކަމާ ކުޑަކޮށް ހިނި އަންނަ ކަމަށާއި އެއީ މި ސަރުކާރުގައި ތިބި ބޭފުޅުންނަކީ އެކަމާ ދެކޮޅަށް ވެސް ވަކާލާތު ކުރެއްވި ބޭފުޅުންނަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު، ނަޝީދު ވިދާޅުވީ، އެ މަނިކުފާނަކީ ރަނގަޅު ކަމެއް ކުރަން ބަޔަކު އުޅޭއިރު، "އޭ އުނބަށް ޖެހިއްޔޭ" ގޮވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ޕްރައިވެޓައިޒްކޮށް ސަރުކާރުން ސިޔާސަތުތައް ކަނޑައެޚުމަކީ އެންމެ ރަނގަޅު ގޮތެވެ. 

އިންޑިއާގެ ކުންފުންޏަކަށް ހަނިމާދޫ އެއާޕޯޓް ހަވާލުކުރަން އުޅޭ ކަމަށް އަޑު ފެތުރުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އެ ގައުމުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓް ކުރުމާ އެކު އެވެ. 

އެ ނޫހުގައި އޮތް ޚަބަރާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް, އެ ވާހަކަތައް ސަރުކާރުން ދޮގުކޮށްފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވް ކޮށްފައިވާ ދިވެހި އޮޕަރޭޓަރުންނެވެ. އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"ދަ ހިންދޫ" ނޫހުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ހަނިމާދޫ އާ އެއާޕޯޓް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެހެންވެ, އެކަމާ ގުޅޭ ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

އިންޑިއާގެ އޭއޭއައި އިން އެ ގައުމުގެ 26 ސްޓޭޓެއްގައި ހިންގާ އެއާޕޯޓުތައް މެނޭޖްކުރަމުންދާއިރު އޭގެ ތެރެއިން ބައެއް އެއާޕޯޓްތައް ހިންގަނީ ޖީއެމްއާރާއި އަދާނީ ފަދަ ކުންފުނިތަކުންނެވެ. ޖީއެމްއާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި ކުންފުންޏެވެ.

ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ގަ އެވެ. އެކަމާ ގުޅިގެން ގިނަ ދިވެހިންތަކެއް އެ ސަރުކާރާ ދެކޮޅަށް ނުކުމެ އަޑު އުފުލި އެވެ.

ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހީދުގެ ސަރުކާރުން ނޮވެމްބަރު 26، 2012 ގައި ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކޮށް، ރާއްޖޭގެ މައި އެއާޕޯޓު ސަރުކާރަށް ނެގި އެވެ.

ޖީއެމްއާރު އަތުން އެއާޕޯޓު އަލުން ހޯދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދީގެންނެވެ. ޖީއެމްއާރަށް އެއާޕޯޓް ދިނުމާ ދެކޮޅަށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމުން އިސްވެ ގިނަ މަސައްކަތްތަކެއް ވެސް ކުރި އެވެ.

"ދަ ހިންދޫ" އިން ޚަބަރު ގެނެސްދީފައިވަނީ ޖީއެމްއާރު ބޭރުކުރިތާ 10 އަހަރު ފަހުން އަނެއްކާވެސް ރާއްޖޭން އެއާޕޯޓެއް ހިންގަން އިންޑިއާގެ އެހީއަށް އެދުނު ކަމަށް ބުނެ އެވެ.