ރިޕޯޓް

އައްޑޫ ހަންކެޑެގެ ސޮފުހާ އަނެއްކާ ހުޅުވައިފި، ބިލާހަކަށް ވެދާނެ؟

އެމްއެފްއެމްސީން ޗައިނާގެ ކުންފުނި މެދުވެރިކޮށް ތަރއްގީކުރާ ހަންކެޑެގެ ޑިޖިޓަލް އިލުސްޓްރޭޝަނެއް.

މީގެ 18 އަހަރު ވަރަކަށް އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ. އޭރު މީޑިއާތަކުގައި އެންމެ ހިނގާ އެއް ސުރުހީއަކީ އައްޑޫ ހަންކެޑެގެ ވާހަކަ އެވެ. "ވިލިނގިލި ހަދަނީ! ހެރެތެރެ ނިމެނީ! ހަންކެޑެ ފަށަނީ!" ފަދަ ސުރުހީތަކުން އައްޑޫ މީހުންގެ ވިންދާ ކުޅެލަ އެވެ. ތަރައްގީގެ ޖަޒުބާތުތައް އުފައްދައި ދިނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށިގެން ހަންކެޑެގެ ވާހަކަތައް މީޑިއާގައި ސުރުހީ އަޅަައިގެން ކޮންމެ ސަރުކާރަކުން ވެސް އައްޑޫ މީހުންގެ ސިކުނޑިއާ ކުޅޭތާ 18 އަހަރު ވީ އެވެ.

މި ސަރުކާރުގެ ފަސް އަހަރު ނިމެން 8 މަހަށް ވެފައި އޮއްވައި އަނެއްކާ ވަނީ އެއްބަސްވުމެއްގައި ސޮޔެއް އަޅާލައިފަ އެވެ.

އެކަމަކު، މި ސަރުކާރާ ގުޅުން ހުރި ފަރާތްތަކުންނާއި ހަންކެޑެ ތަރައްގީ ކުރަން ހަވާލުވި ކުންފުނީގެ އިސްވެރިން ވިދާޅުވާ ގޮތުން މި ފަހަރު އެ ސޮއި އެޅީ ކަނޑައެޅި މުއްދަތަށް މަސައްކަތް ނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު އެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި ކުރި ސޮޔެއްގެ ސަބަބުން އައްޑޫ މީހުންގެ މާޒީގެ ތަޖުރިބާ އަށް ބަލައި ހިތު ތެރޭގައި އުފެދޭ ވަހުމުތައް މަދެއް ނޫނެވެ. ނަމަވެސް މި ފަހަރު ދެއްކި ކުންފުނި އޮތީ ދޫކުރާ ގޮތަކަށް ނޫނެވެ.

"މިހާރު މި ދަނީ ފައިނަލް ޑިޒައިންގެ މަސައްކަތް ކުރަމުން. މޭ ނުވަތަ ޖޫން ގައި ސައިޓް މޮބިލައިޒް ކުރަން ފަށާނެ. ސާމާނު ގެންދިއުމާއި އަމަލީ މަސައްކަތް އެ މުއްދަތުގައި ފެށޭނެ،" ހަންކެޑެ ހިންގުމާ ހަވާލުވި މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު "މިހާރު" އަށް ވިދާޅުވި އެވެ.

ހަންކެޑެ، އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާ ކުންފުންޏާ ހަވާލު ކުރުމަށް އެއްބަސްވުމުގައި މިދިޔަ މާޗް 30 ގައި ސޮއިކުރަނީ.--- ފޮޓޯ: އެމްއެފްއެމްސީ

ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް އެމްއެފްއެމްސީ އިން ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ އެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

"އެއްބަސްވުމުގައި އޮތް މުއްދަތަކީ ދެ އަހަރު. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މުއްދަތުގައި މަސައްކަތް ނިންމައި ތަން އޮޕަރޭޓް ކުރަން ފަށާނަން،" މަނިކު ވިދާޅުވި އެވެ.

މަސައްކަތް ހަވާލުކުރި ކުންފުނިން ވަނީ އައްޑު އަށް ގޮސް ސައިޓް ބަލައި ނިންމުންތައް ނިންމައިފަ އެވެ. ދެން އޮތީ ކުރިއަށް އޮތް ދެ މަސް ތެރޭގައި އައްޑޫގައި ސްޓޭޝަން ވެ، އަމަލީ މަސައްކަތް ފަށައިގަތުމެވެ.

ކޮންމެ ބަޔަކު ވެސް ގެއްލުނީ

އައްޑޫ މީހުންގެ އުންމީދާ ގުޅިފައިވާ ހަންކެޑެ ތަރައްގީ ކުރަން މީގެ ކުރިން ތިން ކުންފުންޏަކާ އެކިއެކި ސަރުކާރުތަކުން ހަވާލުކުރި އެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. މީގެ 18 އަހަރު ކުރިން އެ މަސައްކަތް ހަވާލުކުރީ 18 މަސް ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، އެ މީހުންނަށް އެ ކަން ނުވުމުން 2،500 ޑޮލަރުން ޖޫރިމަނާކޮށް، ތޫނޑު އަތުން ސަރުކާރަށް ހަންކެޑެ ނެގީ އެވެ.

އޭގެ ފަހުން 2008 ގައި ހަންކެޑެގެ މަސައްކަތް ހަވާލުކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނިން ސާމްޕާލް ރޫމެއް ވެސް ހެދި އެވެ. އަލިމަގެއް ނުފެނި ހާފް ޑިގްރީ ވެސް ފެއިލްވީ އެވެ.

ދެން އައީ 2013 އެވެ. ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭންތަކެއް ވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014 ގައި ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުންޏެވެ. ސިންގަޕޫރުގެ ކުންފުންޏަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ޖެހުނީ ކުރީގެ ދެ ކުންފުންޏަށް ޖެހުނު ހާލެވެ. އައްޑޫގެ މީހުންނަށް ހުވަފެން ދައްކާފައި ދިޔައީ އެވެ.

ހަންކެޑެ ސަރަހައްދަށް ޒިޔާރަތް ނުކުރާ ޓޫރިޒަމް މިނިސްޓަރެއް ނެތެވެ. ކޮންމެ ބޭފުޅަކު އެ ސައިޓުން ނުކުމެވަޑައިގަންނަވަނީ ހަންކެޑެއާ މެދު އައްޑޫ މީހުން ދެކޭ ޒަމާންވީ އުންމީދު ހަގީގަތަކަށް ހަދައި ދޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެކަމަކު، ދެން އެ ވަޒީރުގެ އެ ސަފުހާ ލައްޕައި އާ ސަފުހާއެއް ހުޅުވަނީ ދެން އަންނަ ސަރުކާރެއްގެ އާ ޓޫރިޒަމް ވަޒީރެވެ. މިހެން އައްޑޫ މީހުން "ހައްދާތާ" ލައްކަ ދުވަސް ވެއްޖެ އެވެ.

މި ފަހަރު މުޅިން ތަފާތު

އައްޑޫގެ މޭޔަރު އަލީ ނިޒާރު ހުރީ މި ސަރުކާރުން ހަންކެޑެ ތަރައްގީކޮށް ހިންގަން ހަވާލުކުރި ކުންފުންޏާ މެދު ވަަރަށް ފޮނި އުއްމީދެއްގަ އެވެ. ކޮންމެ ސަރުކާރަކުން އައްޑޫ މީހުންގެ ސިކުނޑި އަށް "ސަވާރުވެ" ކުޅޭ ކުޅި މި ފަހަރު ނިމުމަކަށް އަންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ނިޒާރު ދެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ މީގެ ކުރިން ދިމާވި މައްސަލައަކީ ފައިނޭންސްގެ މައްސަލަހެން. ފައިނޭންސް ހަމަނުޖެހުގެން އެންމެން ދިޔައީ ކަމަށް އެނގިފައި އޮތީ. އެކަމަކު، މި ފަހަރު ފައިނޭންސް ވެސް ހަމަޖައްސައިގެން، މުޅިން ތަފާތު ކޮންސެޕްޓަކަށް މިދަނީ. އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި މި މަޝްރޫއު ހިންގީމާ އޭގެ ފައިދާ މާ ބޮޑުވާނެ،" ނިޒާރު ވިދާޅުވި އެވެ.

ހަންކެޑެ ތަރައްގީ ކުރުމާ ގުޅޭ ބައެއް މައުލޫމާތު:

• މަސައްކަތް ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (އަމަލީ މަސައްކަތް ފަށާތާ ދެ އަހަރުގެ ތެރޭގައި ހަންކެޑެ އެއްކޮށް ނިންމަންޖެހޭ)

• މަސައްކަތުގެ އަގު: 2.2 ބިލިއަން ރުފިޔާ (ލޯނު ނެގީ ބޭންކް އޮފް ޗައިނާ އިން)

• އަމަލީ މަސައްކަތް މޭ ނުވަތަ ޖޫންގައި ފަށާނެ.

• މި ސަރުކާރުން ހަންކެޑެ ތަރައްގީ ކުރަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތަށް.

• ޖުމުލަ 2،082 އެނދު ހިމެނޭ ގޮތަށް 1،041 ކޮޓަރި ހަދާނެ.

• ތަފާތު ގިންތީގެ ހޮޓާތައް (2 ގްރޭންޑް، 2 ޑިލަކްސް އަދި 10 ބުޓިކް ހޮޓާ ހުންނާނެ)

• ޖުމުލަ 64 ސާވިސް އެޕާޓްމަންޓް، 17 ބީޗް ވިލާ ހަދާނެ.

• ނޮލެޖް ސެންޓަރު، މިކްސްޑް ސްޕޯޓްސް ބިލްޑިންގް، އައުޓް ޑޯ ބީޗް ސްޕޯޓްސް، ތިއޭޓަރު، ފުޑް ކޯޓްތަކާއި ތަފާތު ރެސްޓޯރަންޓްތައް ހުންނާނެ.

• ހަންކެޑެ މި ފަހަރު ތަރައްގީ ކުރަނީ ބްރިޖަކުން ގުޅާލާފައިވާ މުޅިން ވަކި ރަށެެއްގެ ގޮތަށް (ބްރިޖްގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިމޭނެ)

- ހަންކެޑެ އަށް ބޭނުންވާ ހަތަރު ހެކްޓަރުގެ ބިން ހިއްކާނެ. ހާއްސަ ބީޗެއް އޮންނާނެ.

މޭޔަރު ވެސް އަދި ހަންކެޑެއާ ހަވާލުވެފައިވާ އެމްއެފްއެމްސީގެ އެމްޑީ މަނިކު ވެސް ވިދާޅުވީ، މި ފަހަރުގެ ތަފާތަކީ ހަންކެޑެއަކީ މުޅިން ވަކި ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައި އޮތުން ކަމަށެވެ. ކުރިން ނަމަ ހަންކެޑެ ތަރައްގީ ކުރަން ނިންމީ އައްޑޫގައި އެއްފަސްކޮށް އޮތް ސަރަހައްދުތަކާ ގުޅުވައިގެންނެވެ. އެހެން ހެދުމުން ރަނގަޅު ބީޗެއް ވެސް ހަންކެޑެއަކަށް ނުލިބެ އެވެ. މީހުން ދިރިއުޅޭ ސަރަހައްދާ އޮންނަނީ ގުޅިފަ އެވެ.

ހަންކެޑެ ސަރަހައްދު: މި ފަހަރު ނިންމީ އެއީ މުޅިން ވަކި ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން.

"ކުރިން ރާވާފައި އޮތް ގޮތުން ނަމަ ހަންކެޑެގެ މެދުން ލިންކް ރޯޑް މިދަނީ. އެކަމަކު، މިހާރުގެ ކޮންސެޕްޓަކީ މުޅިން ވަކި ރަށެއްގެ ގޮތުގައޭ ހަންކެޑެ އޮންނާނީ. އޭގެ މާނައަކީ އައްޑޫގެ މެއިން ލޭންޑާ ހަންކެޑެއާ އެއްވެސް ގުޅުމެއް ނޯންނާނެއޭ. ހަންކެޑެ އޮންނާނީ ވަކި ބްރިޖަކުން ގުޅާލާފައި،" މޭޔަރު ވިދާޅުވި އެވެ.

ހަންކެޑެގެ ފުއްޓަރު ފަރާތުގައި ހަދާ އެ ބްރިޖުގެ މަސައްކަތް ދެ މަސް ތެރޭގައި ނިމޭނެ އެވެ.

އައްޑޫގެ ތަރައްގީ އަށް މިހާރު ހިންގާ މަޝްރޫއުތަކުގެ ތެރެއިން ހަންކެޑެގެ ބިމަށް ހަތަރު ހެކްޓަރު ހިއްކަން ވެސް ވަނީ ނިންމައިފަ އެވެ. އޭރުން ރަނގަޅު ބީޗެއް ހަންކެޑެ އަށް ލިބި ޓޫރިޒަމަށް ފަހިވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އެމްއެފްއެމްސީގެ އެމްޑީ ވިދާޅުވިގޮތުގައި، ވަކި ރަށެއްގެ ގޮތުގައި ހަންކެޑެ ހެދުމަކީ އެ ރަށް އިންޓެގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް ލިބޭ ހިތްވަރެކެވެ.

"ސަރުކާރުން ހިންގާ ރޯޑް ޕްރޮޖެކްޓްގެ ދަށުން ވަކި ބްރިޖަކުން ހަންކެޑެ އޮންނާނީ މުޅިން ވަކިން. އެހެންވީމާ އަދި ކިރިޔާ ހަންކެޑެ މި ވަކިވަނީ. އެއީ ކުރިއެރުމެއް،" މަރަދުއާ އިންވެގެން ހިތަދުއާ ވީ ފަޅީގައި އޮންނަ ހަންކެޑެ ސަރަހައްދާ ގުޅޭ ގޮތުން މަނިކު ވިދާޅުވި އެވެ.

މި ފަހަރު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޔަގީން ކަމަކީ ޗައިނާގެ ނަން މަޝްހޫރު ކުންފުންޏަކުން ހަންކެޑެގެ މަސައްކަތް ކުރާތީ. ޗައިނާގެ ބެންކަކުން ލޯނު ނެގީ. ކަނޑައަޅާފައިވާ މުއްދަތަށް ހަންކެޑެ ނިންމާނެ ކަމުގެ ޔަގީންކަން ޗައިނާގެ ސަރުކާރުން ވެސް ދޭ ކަމުގެ މައުލޫމާތު އަޅުގަނޑު އޮތީ ލިބިފައި،"--- މޭޔަރު

އެމްއެފްއެމްސީން ހަންކެޑެ ތަރައްގީ ކުރަނީ 1،041 ކޮޓަރި އެވެ. އެއީ 2،082 އެނދެވެ. ތަފާތު ގިންތިތަކުގެ ކޮޓަރިތައް ހިމެނޭނެ އެވެ. އެއީ 2 ގްރޭންޑް، 2 ޑިލަކްސް އަދި 10 ބުޓިކް ހޮޓަލެވެ. އެ ތަންތަނުގެ އިތުރުން 64 ސާވިސް އެޕާޓްމަންޓާއި 17 ބީޗް ވިލާ ވެސް ހަދާނެ އެވެ.

"މި ޕްރޮޖެކްޓަކީ ނޮލެޖް ސެންޓަރު، މިކްސްޑް ސްޕޯޓްސް ބިލްޑިންގް، އައުޓް ޑޯ ބީޗް ފަދަ ސްޕޯޓްސް އަދި ތިއޭޓަރު ފަދަ ރެކްރިއޭޝަނަލް ހިދުމަތްތަކާއި ފުޑް ކޯޓްތަކާއި ތަފާތު ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭ ގޮތަށް ފަރުމާ ކޮށްފައިވާ މަޝްރޫއެކެވެ،" އެމްއެފްއެމްސީގެ ބަޔާނެއްގައި ވެ އެވެ.

އައްޑޫ ސިޓީ ކައުނސިލްގެ ބައެއް މެމްބަރުންނާއި ޗައިނާގެ ކުންފުނި އަދި އެމްއެފްއެމްސީގެ ބައެއް ވެރިން ހަންކެޑެ ސަރަހައްދު މި މަހުގެ 1 ގައި ބައްލަވާލައްވަނީ---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

އެ ކުންފުނީގެ އެމްޑީ މަނިކު ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޓޫރިސްޓުން ގެންގޮސް އައްޑު އަކީ ޓޫރިސްޓް ހަބެއްގެ ގޮތަށް ހެދޭނީ ހަންކެޑެ ފަދަ ކޮންސެޕްޓްތަކާއެކު އެނދުތައް ތަރައްގީ ކޮށްގެން ކަމަށެވެ. ހާއްސަކޮށް ދުނިޔޭގެ ގިނަ ހިސާބަކުން ވެސް ސީދާ ފްލައިޓްތައް ގަން އެއާޕޯޓަށް ބޭއްވޭ ގޮތަށް މަގުފަހި ވާނީ އެނދުތައް އިތުރު ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އައްޑޫގައި ހުރި އެނދުތަކާއެކު 4،000 އެއްހާ އެނދު [ހަންކެޑެ މަޝްރޫއާއެކު] ލިބޭނެ. ބެޑް އިތުރުވި ވަރަކަށް އަދި ޓޫރިޒަމް ކުރިއެރުވުމުގެ އެހެން ވަސީލަތްތައް ގާއިމްވާ ވަރަކުން އައްޑޫގެ ޓޫރިޒަމަށް ލިބޭނީ ކުރިއެރުން،" މަނިކު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވިގޮތުގައި، ހަންކެޑެއާއެކު އައްޑޫގައި 2،000 އެއްހާ ވަޒީފާ އިތުރަށް އުފެދޭނެ އެވެ. އޭގެ ތެރޭގައި ބިދޭސީންގެ ވަޒީފާތައް ހިމެނުނަސް އައްޑޫގެ މީހުންނަށް ހުރި ވަޒީފާތައް މަދު ނުވާނެ ކަމަށް އޭނާ ޔަގީން ކުރައްވަ އެވެ.

އެއްބަސްވުމުގައި އޮތް މުއްދަތަކީ ދެ އަހަރު. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މުއްދަތުގައި މަސައްކަތް ނިންމައި ތަން އޮޕަރޭޓް ކުރަން ފަށާނަން،"--- މަނިކު

"ރާއްޖޭގައި އެންމެ ރަނގަޅަށް އިންޓެގްރޭޓެއް ޓޫރިޒަމް ހިންގާ ތަނަކަށް ހަންކެޑެއާއެކު އައްޑޫ ވާނެ. މި ފަހަރު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޔަގީން ކަމަކީ ޗައިނާގެ ނަން މަޝްހޫރު ކުންފުންޏަކުން ހަންކެޑެގެ މަސައްކަތް ކުރާތީ. ޗައިނާގެ ބެންކަކުން ލޯނު ނެގީ. ކަނޑައަޅާފައިވާ މުއްދަތަށް ހަންކެޑެ ނިންމާނެ ކަމުގެ ޔަގީންކަން ޗައިނާގެ ސަރުކާރުން ވެސް ދޭ ކަމުގެ މައުލޫމާތު އަޅުގަނޑު އޮތީ ލިބިފައި،" މޭޔަރު ވިދާޅުވި އެވެ.

"އެހެންވީމާ މި ފަހަރުގެ ޔަގީންކަން މާ ބޮޑު."

އައްޑޫގެ ކައުންސެލަރެއް ކަމަށް ޝިނާޒް އިބްރާހިމް މޫސާ ވިދާޅުވީ، ހަންކެޑެގެ އިންތިޒާރުގައި އައްޑޫ މީހުން 18 އަހަރު ހޭދަކުރަން ޖެހުނަސް އެކަމުގައި އަމަލީ ސިފަ ނުޖެހިގެން މީގެ ފަހުން ވާހަކަ ދައްކަން ނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ.

"މެނިފެސްޓޯ ހެދިއިރު އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެމްޑީޕީގެ އިސްވެރިންނަށް ވެސް ދެންނެވިން ޕްރައިވެޓް ޕާޓީތަކާ ހަވާލު ކޮށްގެންނޭ އައްޑޫގެ ޓޫރިޒަމް ކުރިއެރުވޭނީ. 8،000 އެނދު އައްޑޫގައި ގާއިމުކުރަން ލިޔުނީ އެއީ ކުރަންޖެހޭ ކަމަކަށް ވާތީ. ހަންކެޑެގައި ގާތްގަނޑަކަށް 2،000 އެނދު ހުންނާނެ. ހަންކެޑެ ތަރައްގީ ކޮށްފައި އެ ތަނުގެ ތަންތަން ހަވާލު ކުރާނީ ޕްރައިވެޓް ޕާޓީތަކާ،" ޝިނާޒް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުނސިލްގެ ބައެއް މެމްބަރުންނާއި ޗައިނާގެ ކުންފުނި އަދި އެމްއެފްއެމްސީގެ ބައެއް ވެރިން ހަންކެޑެ ސަރަހައްދު މި މަހުގެ 1 ގައި ބައްލަވައިލެއްވުމަށް ފަހު ގުރޫޕް ފޮޓޯއެއް ނަންގަވަނީ---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

ހަންކެޑެ ނިމޭއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓް ވެސް ބޮޑުކޮށް، ޖާގަ އިތުރު ކުރުމުގެ މަސައްކަތް އޮންނާނީ ނިމިފަ އެވެ.

"ކުރިއަށް އޮތް ހަތަރު އަހަރު މުޅިން ތަފާތު އައްޑޫއެއް އެހެންވީމާ ފެންނާނެ. ހަންކެޑެ ވެސް އޮންނާނީ ނިމިފައި. ޓޫރިޒަމް ޕްލޮޓްތައް ހުންނާނީ ނިމިފައި،" ޝިނާޒް ވިދާޅުވި އެވެ.

ހަންކެޑެގެ މަސައްކަތް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރުން އެެއީ އައްޑޫ މީހުންނަށް އާ ކަމެއް ނޫނެވެ. ކުރެހުންތައް ކުރަހާފައި އެ ބަޔަކު ގެއްލެނީ އެވެ. އެކަމަކު، މި ފަހަރު ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބޭތީ ކުރީގައި ވީ ގޮތަށް ނުވާނެ ކަމުގެ ޔަގީންކަން ނިޒާރު ދެއްވަނީ އެވެ. ފައިސާ ހަމަޖެހުމާއި ހަންކެޑެ ވަކި ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ އެ ޔަގީންކަން ބޮޑުވާ ސަބަބެވެ. އައްޑޫ މީހުންގެ 18 އަހަރު ވީ ހުވަފެނަށް މި ފަހަރު މި ސަރުކާރުން ހަދާނެ ގޮތެއް ބަލަމާ ހިނގާށެވެ.

51 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބަތު

23 April 2023

އަބަދުވެސް މި ފެންނަނީ އެންމެ އާބާދީ ބޮޑު އައްޑު ސިޓީއާއި އާބާދީގެ ގޮތުން 2 ވަނައިގަ އޮތް ހ ދ އަތޮޅު ރައްޔިޔުން ޓުއަރިޒަމް ގެ ފޮޓޯ ދައްކައިން ހައްދާލަން މަސައްކަތް ކުރާތީ

The name is already taken The name is available. Register?

ކުރުކޮށް

18 April 2023

ޒާތްޒާތައް އުޅޭނެ ކަމެއް ނެތް އިބުރާހީމެއް ނުހޮވޭނެ

The name is already taken The name is available. Register?

ހަކީމް އަގުދާސް

18 April 2023

އައްޑޫ މީހުން އުފާއުފަލުން އުޅެންޖެހޭ ކަމެއް ނޫން ތިއީ. އައްޑޫގެ ހީނަރު އިގްސާދަށް އެއްވެސް ދިރުމެއް ގެންނާކަށް ހިންގަން އުޅޭ މަޝްރޫޢު އެއް ނޫން. ތިއީ އައްޑޫގައި އިންޑިއާ މިލިޓަރީގެ 6000 މީހުން އާބާދުކުރަން އަޅާ މިލިޓަރީ ކެންޓޯންމެންޓެއް. އެބުުނާ ރިއަލް ސްޓޭޓް ޓުއަރިޒަމް ޕްރޮޖެކުޓެކޭ ކިޔާ ވާހަކަ އަކީ އެއީ.

The name is already taken The name is available. Register?

ހަންނުކެޑެ

17 April 2023

ތިޔަ ހަންކެޑެއަކާ ޖެހިފަ މިފަހަރު ޗައިނާގެ ދުވަސްވެސް ދާނެހެން ހީވަނީ. މިސަރުކާރުން އަނެއްކާ އަނެއް ބިޔަ ލޯނު މުޅި ގައުމުގެ ރައްޔިތުންގެ ބޮލުގަ އެއެޅުވީ މިހާރުވެސް ގައުމު ދަރާފަ އޮތްވަރު ކުޑަކަމުން.

The name is already taken The name is available. Register?

ބޮޑުމީހާ

17 April 2023

ވެރިކަމުގަ 5 އަހަރު ތެރޭ އަމީނީ މަގެއް ނުނިންމުނު ބަޔަކު ތިކަހަލަ ފޮޓޯ ދެއްކީމަ އަންނަނީ ހިނި. އެކަމަކުވެސް ރައްޔިތުންގެ ވޯޓް ލިބޭނެ. ފޮޓޯއިން މުޅި ގައުމު މެނޭޖްކޮށްލެވޭނެ

The name is already taken The name is available. Register?

މޫޗީ/މީދޫ

17 April 2023

ޝަހުސިއްޔަތެއް ނެތް މޭޔަރަކު އައްޑޫކަހަލަ ބޮޑުސިޓީއެއްގައި ހުއްނާތީ ހިތާމަކުރަން.

The name is already taken The name is available. Register?

ތުނޑުހަސަނު

17 April 2023

މިއީ މަސައްކަތް ޙަވާލުކުރާ ކުންފުނީގެ މައްސަލައެއްނޫން. މިއީ އައްޑޫގެ މައްސަލައެއް. ރާއްޖޭގައި ހިންގާ ޓޫރިޒަމް އައްޑޫގައި ނުހިނގާނެ. އެހެން ކޮންސެޕްޓަކަށް ހިންގާން ބަލާއިރު އެފަދަ މާކެޓެއްް އައްޑޫގައި އުފައްދަން ވަރަށް ވަރަށް ދުވަސް ނަގާނެ. މަސައްކަތް ނިންމާ ވަރަކުން އެބަޔަކު ބުނާއަގެއް ދައްކާގޮތަށް (ގެދޮރުހަދާ އުސޫލުން) ކުރާނަމަ މަސައްކަތް ނިންމާނެ ކޮންމެ ބަޔަކުވެސް. ކޮންމެ ފަހަރަކުވެސް ޙަގީގަތް އެގޭ ހިސާބުން މަސައްކަތް ހުއްޓެނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 April 2023

ތިރަށު އެއަރލައިނުން ހޯދާ ހޯދާ ނުފެނުނު ގޭންއެަަރޕޯޓުން ބޭރުގެ މަންޒިލަކަށް ކާމިޔާބު ކަމާއިއެކު ދަތުރުކުރެވޭނެ ހަމަ އެއްވެސް ގޮތެއް. # އަދި ސްރީލަންކަން އަމިއްލައަށް އިސްނަގައިގެން މިދެންނެވި ދަތުރު ފެއްޓުމުންވެސް މޯލްޑިވިއަންގައިތިބި ކުދިން ބުނީ ގިނަވެގެން 3 މަސް ދުވަސް ކަމަށް ވާނީ. ހުއްޓާލާނެއޭ. އެކަމަކު "މޯލްޑިވިއަންގެ ފްލީޓްގައިއޮތް A-321 ސްރީލަންކަންގައިއޮތް އެފަދަބޯޓްތަކަށް ފެނުގެ ބަަލުގައި ލޮނުއަޅާތީ" ކާމިޔާބުކަމާއިއެކު ދަތުރު އެބަކުރޭ.

The name is already taken The name is available. Register?

އާދަން.

17 April 2023

ހަވީރު ނޫހުގައި އެޙަބަރު ލިއުނު މުހައްމަދު ސައީދު މޫސާ ވަޖުދީ އެދުވަހުވެސް އަހަރެންކާރީގައި ބުނި އެކަމެއް ސަރުކާރުން ނުކުރާނެއޭ.

The name is already taken The name is available. Register?

ރަންނަ

17 April 2023

2008، 2013، 2018 އަދި 2023. އައްޑޫގަ އުޅޭނީ މާފެފަ އުޅޭ އެކަމަކު ހުސް ކޮހުން. 2023 ގަވެސް ވޯޓް ލާނެ. 2028 ގަވެސް ހަމަ މި އެއްމަހުގަ ގަންނާނެ

The name is already taken The name is available. Register?

އައްޑޫ ކޮއްޔާ

17 April 2023

ދެން ވޯޓް ނުލާ ވަކި ދައުލަތެއްތަ ހަދަން ވީތަ.. އަބަދުވެސް ރަގަޅު ގޮތެއް ވޭތޯ ވޯޓް ދެނީ.. ވޯޓް ދިނިމަކީ ކޮސް ވުން ނަމަ މުޅި ދުނިޔޭގައި ތިބީ ހުސް ކޮހުން...

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

17 April 2023

ބިލާހަކަށްވެސް ވެދާނެ. އިބިލީހުގެ ކައިވެންޏަށްވެސް ވެދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454