ވިޔަފާރި / ރިޕޯޓް

ސަބްސިޑީގެ ހަރަދުތައް ވީ އިތުރު، އަނެއްކާވެސް އިތުރު އިނާޔަތްތައް ވައުދުވާ މޫސުން ފެށުނީ!

މާރުކޭޓު ސަރަހައްދުގައި ބަޔަކު މުދާ ޕިކަޕަކަށް ލަނީ-- ފޮޓޯ:ނިޝާން އަލީ/މިހާރު

ސަބްސިޑީގެ ހަރަދު ކުޑަ ކުރުމުގެ ވާހަކަ ހުރިހާ ސިޔާސީ ލީޑަރުން ވެސް ދައްކަވަ އެވެ. ވެރިކަމަށް ވަޑައިގަންނަވަން ކުރައްވާ ކެމްޕެއިންގައި ކޮންމެ ލީޑަރަކު ވެސް އެންމެ އިސްކަން ދެއްވާ ކަންކަމުގެ ލިސްޓުގެ އެންމެ ކުރީގައި ހިމަނާ އެއް ކަމަކީ ސަރުކާރުން ދޫކުރާ ސަބްސިޑީ ހަމަޔަކަށް އެޅުވުން ނުވަތަ ހަރަދު ކުޑަކުރާ ވާހަކަ އެވެ. ނަމަވެސް ވެރިކަން ކާމިޔާބުވުމާ އެކު ދެން އެ ވާހަކަ އެ ހިސާބުން ނިމުނީ އެވެ. އެ ހަރަދު ވާނީ ބޮޑެވެ. މިކަމެއް ރިޕީޓް ވާތާ ކިތަންމެ ދުވަހެކެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ އިރު ވެސް ބައެއް ސިޔާސީ ލީޑަރުން އެ ވާހަކަ އެކި ގޮތްގޮތަށް ބަދަލު ކުރައްވައިގެން އެބަ ދައްކަވަ އެވެ. އަނެއް ބައި ލީޑަރުން ގެންދަވަނީ ދައުލަތުގެ ބަޖެޓުގެ ތެރެއިން އިތުރު އެލަވަންސްތަކާއި މިހާރު ދެމުން އަންނަ ބައެއް އެހީތައް އިތުރަށް ބޮޑު ކުރުމުގެ ވައުދު ވަމުންނެވެ. އެ ބޭފުޅުންގެ ސިކުނޑީގައި މާލީ އިދާރާތަކުގެ ކަންބޮޑުވުންތައް ނެތް ފަދަ އެވެ. މާލީ އިދާރާތަކުން ކޮންމެ އަހަރަކު ގޮވާލާ، އެ ގޮވާލުންތަކަށް އިޖާބަ ނުދީ، މި ގޮތަށް ހަރަދުތައް އިތުރު ކޮށްގެން ގައުމު ކުރިއަށް ގެންދެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟

ދައުލަތުގެ ބަޖެޓުން ސަބްސިޑީ އަށް ކުރާ ހޭދަ ކުރިއަށް ނުގެންދެވޭނެ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ މިޑްޓާމް ބަޖެޓު ރިވިއުގައި ވެސް ބުނެފައި ވެ އެވެ. ސަބްސިޑީތައް ރީސްޓްރަކްޗާ ކުރަން ވޯލްޑް ބޭންކާއި އައިއެމްއެފުން ތަރުކާރުކޮށް އަންނަނީ ގޮވާލަމުންނެވެ.

ދައުލަތުން 2018 ވަނަ އަހަރު 3.4 ބިލިއަން ރުފިޔާ ސަބްސިޑީ އަށް ހޭދަކުރި އިރު މިދިޔަ އަހަރު ސަބްސިޑީގެ ހަރަދު ވަނީ 8.2 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެހެންވެ، މިދިޔަ ފަސް އަހަރަށް އެކަނި ބެލިޔަސް ސަރުކާރުން ސަބްސިޑީ އަށް ކުރި ހަރަދު ވަނީ ދެ ގުނަ އަށް ބޮޑުވެފަ އެވެ.

އިގްތިސާދަށް ވުރެ ސިޔާސީ އެދުން މާ ބޮޑު

މިދިޔަ ފަސް އަހަރު ސަބްސިޑީގެ ހަރަދުތައް 26 ބިލިއަނަށް ވަނީ އަރައިފަ އެވެ. ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ވެސް އެ ފަސް އަހަރު ސަބްސިޑީ އަށް ހޭދަކޮށްފި އެވެ. މި އަހަރު ސަބްސިޑީ އަށް 6.6 ބިލިއަން ހަރަދު ކުރަން ކަނޑައަޅާފައިވާ އިރު، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓުން ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަހު 50 ޕަސެންޓަށް ހޭދަކޮށްފަ އެވެ. އެހެންވެ، ސަބްސިޑީ ހަރަދު މި އަހަރު ވެސް ވާނީ އިތުރެވެ.

މި މައުލޫއުގެ ގޮތުން ނަން ހާމަކުރަން އުޒުރުވެރިވާ ރާއްޖޭގެ އިކޮނިމިސްޓަކު ވިދާޅުވީ، ސަބްސިޑީގެ މައްސަލަ ހައްލު ނުވަނީ އިގްތިސާދީ މަސްލަހަތަށް ވުރެ ސިޔާސީ މަސްލަހަތު އިސްކުރާތީ ކަމަށެވެ. އޭނާ ވިދާޅުވީ، ސަބްސިޑީ ރީޕޯމް ކުރަން ގޮވާލާތާ އެތައް އަހަރެއް ވީއިރު އެކަން ހައްލު ކުރާނެ ގާބިލްކަމާއި ހިތްވަރެއް އެއްވެސް ސަރުކާރަކު ނެތް ކަމަށެވެ.

2022 ވަނަ އަހަރު ސަބްސިޑީ ބެހިފައިވާ ގޮތް. އެންމެ ބޮޑު ހޭދައެއް ކުރީ ތެލުގެ ސަބްސިޑީއަށް-- ފޮޓޯ: މިހަރު

"މިކަން ހައްލުކުރަން ވަރަށް ބޮޑަށް ބާރު އަޅަން. އެކަމަކު މިކަން ހައްލުވާން އޮތީ ސިޔާސަތުތަކަށް ބަދަލު ގެނެސްގެން. އެކަން ކުރުމުގެ ބާރު އޮތީ، ސިޔާސީ ފަރާތްތަކަށް. މިފަދަ ނިންމުމެއް ނިންމަން، ސަރުކާރެއްގެ ކެރުންތެރިކަން މުހިއްމު. އަދި ސަބްސިޑީ އަށް އާންމުން ވެސް އެބަ ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ހިލޭ އެހީ އާއި ސަބްސިޑީ ދިން ވަރަކަށް އާންމުން ވެސް ހިތްހަމަޖެހެ އެވެ. އެކަން މި ގުޅެނީ، ސަރުކާރަކަށް އޮންނަ ތާއީދާއި އާންމުންގެ ވޯޓަށެވެ. އެހެންވެ، ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް، ވެރިކަމަށް އަންނަ ބޭނުންވާ މީހުން ވާ ވައުދުތަކުގެ އެންމެ ކުރީގައި އޮންނަނީ، ކޮންމެވެސް އިނާޔަތެއް ބޮޑު ކުރުމެވެ.

ސަބްސިޑީގެ މައްސަލަ ހައްލުވާނެ އުންމީދެއް ނެތް

ބޭރުގެ މާލީ އިދާރާތަކުގެ އިތުރަށް އެމްއެމްއޭ އިން ވެސް ކޮންމެ އަހަރެއްގެ ބަޖެޓުގައި ސަބްސިޑީތައް ކުޑަ ކުރަން ބާރު އަޅަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ގަވަރުނަރު އަލީ ހާޝިމް މިދިޔަ އަހަރު އެ ވާހަކަތައް ވިދާޅުވުމުން، މެންބަރުންގެ ފަރާތުން އޭނާ އަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ، މައްސަލަ ހައްލު ނުވަނީ، މިއީ އެހާ ފަސޭހަ ހައްލެއް އޮތް ކަމަކަށް ނުވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަ ހައްލު ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެކަމަކު، ރާއްޖޭގެ ނިޒާމު މި ވަގުތު އޮތް ގޮތުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސަބްސިޑީ ވޭތުވެދިޔަ ފަސް އަހަރު ކުރި ހޭދަ-- ފޮޓޯ: މިހާރު

"އައިއެމްއެފް ވެސް މި ބުނަނީ އެންމެ މަދުވެގެން ހަ ޕަސެންޓުގެ ރިޑަކްޝަނެއް ސަބްސިޑީ އަށް ގެނެސްގެންނޭ އާމްދަނީ އާއި ހަރަދާ އެކަށީގެންވާ ވަރަށް ހަމަ ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ސަބްސިޑީ ހަމައަކަށް އަޅުވަން އާމްދަނީ ތިން ޕަސެންޓަށް އިތުރުކޮށް، ސަބްސިޑީ ހަރަދުން ތިން ޕަސެންޓު ކުޑަ ކުރަން ކަނޑައަޅައިފަ އެވެ. އާމްދަނީ އިތުރުވި ނަމަވެސް އެ އަދަދާ ނުބައްދަލު އަދަދަކަށް ކޮންމެ އަހަރަކު ސަބްސިޑީ އިތުރުވެ އެވެ. މިދިޔަ އަހަރު ވެސް ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓަށް ވުރެ، ގާތްގަނޑަކަށް ދެ ގުނަ އިތުރެވެ.

އެމްއެމްއޭގެ އޮފިޝަލް ވިދާޅުވީ، ރާއްޖޭގައި ސަބްސިޑީ އަށް ކުރާ ހޭދަ އިތުރު ކުރާ އިރު އަނެއްކާ ވެސް ޖެހޭނީ ޓެކްސް ބޮޑު ކުރާށެވެ. އެ ނޫން ގޮތަކަށް ރާއްޖޭގެ ސަބްސިޑީ ނިޒާމު ކުރިއަށް ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދު ބޮޑު ސިޔާސަތާ މެދު ވޯލްޑް ބޭންކުން ދެކޮޅު

ވޯލްޑް ބޭންކުން އާންމުކޮށްފައިވާ "ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު" ރިޕޯޓުގައިވާ ގޮތުން ދިވެހި ސަރުކާރުގެ ހޭދަ 2014 އިން 2019 އާ ހަމައަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ހަރަދުތައް ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރުގެ ދެ ގުނަ އަށް ބޮޑުވެފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ. އޭގެ ތެރޭގައި ބޮޑު ބައެއް ހޭދަކުރީ ސަބްސިޑީގެ ގޮތުގަ އެވެ.

"މިހާރު އިގްތިސާދު ކުރިއެރުވުމަށް، ހަރަދުތައް ކުޑަ ނުކޮށް ޑަބަލް ޑިޖިޓްގެ ކުރިއެރުމެއް ވެސް ހޯދިދާނެ. އެކަމަކު މޮޑެރޭޓު ލެވެލްއެއްގަިއ އިގްތިސާދީ ކުރިއެރުމަށް ވިސްނައިގެން މަސައްކަތް ކުރުމަކީ އެންމެ ދެމެހެއްޓެނިވި ގޮތް،" އޭނާ ވިދާޅުވި އެވެ.

ސަބްސިޑީ އަށް ކުރި ހޭދަ މިދިޔަ އަހަރު ވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 5.7 ޕަސެންޓަށް ބޮޑުވެފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

ރާއްޖޭގެ އިގްތިސާދީ އަޕްޑޭޓާ ގުޅޭ ގޮތުން މިދިޔަ އޭޕްރީލް މަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވޯލްޑް ބޭންކްގެ އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވީ، ސަބްސިޑީ ރީޕޯމް ކުރުމަކީ، މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާ އަށް ވުރެ މަތީގައި ހުރި އިރު އެ ހާލަތު ރަނގަޅު ކުރުމަށް "ބްލެންކެޓް ސަބްސިޑީ" ގެ ނިޒާމު ހުއްޓާލައި، ސަބްސިޑީ ބޭނުންވާ މީހުންނަށް އެ ލިބޭނެ ގޮތް ހެދުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ އެއް ދުވަހުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ. އެހެންވެ، މިހާރު ސަބްސިޑީ ދޭ އުސޫލު ބަދަލު ކުރަން ކޮންމެ އަހަރަކު ވަކި އަދަދެއް "ފޭސް އައުޓް" ކުރަމުން ދާން އޭނާ ލަފާދެއްވި އެވެ.

"އިގްތިސާދެއް ކުރިއަށް ގެންދިއުމުގެ ބޭސިކް ޕްރިންސިޕަލަކީ ސްޓެބިލިޓީ. ރާއްޖޭގެ ކަރެންޓް އެކައުންޓް ޑެފިސިޓް ހުރީ 15 ޕަސެންޓުގައި. މިއީ ވަރަށް ބޮޑު އަދަދެއް. ހަރަދުތައް ލިބޭ އާމްދަނީއާ ނުބައްދަލު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހަރަދަށް ބެލުމެއް ނެތި މަޝްރޫއުތަކާއި ސަބްސިޑީ ދޭ ނަމަ ރާއްޖެ އިން ބޭނުންވާ ތަރައްގީ ހާސިލު ނުވެ، އިގްތިސާދީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ އެވެ. ކާރެއްގެ މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ، ކާރެއް މާ ބާރަށް ދުއްވައިފި ނަމަ ދާން ބޭނުންވާ މަންޒިލަށް ނުވެދި އަހަވަށް ތެޔޮ ހުސްވާނެ ކަމަށެވެ. މަޑުން ދުއްވައިގެން، ގިނަ ވަގުތު ނެގި ނަމަވެސް ދާން ބޭނުންވާ މަންޒިލަށް ފޯރުމުގެ ފުރުސަތު އޮންނާނެ ކަމަށް މިސާލު ދައްކަވަމުން އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމުގައި "ސްލޯ އެންޑް ސްޓެޑީ" ނިޒާމެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިކަލަކަށް ތެޔޮ އަޅަނީ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިހާރު އިގްތިސާދު ކުރިއެރުވުމަށް، ހަރަދުތައް ކުޑަ ނުކޮށް ޑަބަލް ޑިޖިޓްގެ ކުރިއެރުމެއް ވެސް ހޯދިދާނެ. އެކަމަކު މޮޑެރޭޓް ލެވެލްއެއްގަިއ އިގްތިސާދީ ކުރިއެރުމަށް ވިސްނައިގެން މަސައްކަތް ކުރުމަކީ އެންމެ ދެމެހެއްޓެނިވި ގޮތް،" އިކޮނޮމިސްޓް ވިދާޅުވި އެވެ.

އާޑަމް ވިދާޅުވީ، އާދަޔާ ހިލާފު ސްޕީޑެއްގައި އިގްތިސާދު ކުރިއެރުވުމުގެ ވިސްނުމަކީ "އިލިއުޝަން" އެއް ނުވަތަ އަވާމެދުންރެއް ކަމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި މެދު މިންވަރެއްގެ އިގްތިސާދީ ކުރިއެރުމެއް ހާސިލު ކުރުމަކީ ދުނިޔޭގެ ނަމޫނާ އިގްތިސާދުތައް ކުރި އެރުވި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އާޑަމް ވިދާޅުވިގޮތުގައި، ސަބްސިޑީގެ މަގްސަދަކީ ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވާއިރު، އޭގެ ފައިދާ މުއްސަނދިން ވެސް ހޯދަ އެވެ. އެހެންވެ، ސަބްސިޑީ ދިނުމުގެ މަގްސަދުތައް ރާއްޖޭގައި ހާސިލުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުއްސަނދިން ފަގީރުންނަށް ވުރެ އިތުރަށް އެބަ ކަރަންޓް ބޭނުން ކުރޭ ގާތްގަނޑަކަށް 10 ޕަސެންޓް. އެހެންވެ އެ މީހުންނަށް ސަބްސިޑީގެ ފައިދާ މާ ބޮޑަށް އެބަ ކުރޭ. އެންމެންނަށް މިފަދަ ސަބްސިޑީ ދިނުމުގެ ބަދަލުގައި އެންމެ ބޭނުން ޖެހިފައި ތިބި އާބާދީ އަށް އެބަ އަމާޒު ކުރަން ޖެހޭ،" އާޑަމް ވިދާޅުވި އެވެ.

ސަބްސިޑީ ކުޑަ ކުރުން ހުވަފެނަކަށް

ސަބްސިޑީ ކުޑަ ކުރުމުގެ ވާހަކަ މިދިޔަ ތިން އަހަރު ވެސް ދައުލަތުގެ ބަޖެޓު ފޮތުގައި ވަރަށް ފުޅާކޮށް، ލިޔެފައި ހުއްޓެވެ. އެކަން ހައްލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމި ނަމަވެސް އެ ފިޔަވަޅުތަކުގައި އަމަލީ ސިފައެއް ޖެއްސޭ ވަރެއް ނުވެ އެވެ.

ސަބްސިޑީ އާއި ހަރަދުތައް ކުރުމަށް އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި މެޑިކަލް ރީޓެއިލް ޕްރައިޒް (އެމްއާރްޕީ) އެއް ކަނޑައެޅުމަށް ގަވައިދެއް އެކުލަވައިލައި ނޮވެމްބަރު 15، 2021 ގައި ނެރުމަށް ފަހު އަނެއްކާ ވެސް އެ އަށް އަމަލު ކުރުން ވަނީ ޖެނުއަރީ 24، 2022 އަށް ފަސްކުރި އެވެ. ދެން ފެނުނީ އެމްއާރްޕީ އަށް އަމަލު ކުރުން މިދިޔަ އަހަރުގެ މާޗްމަހާ ހަމައަށް ފަސްކުރި ތަނެވެ. އެންމެ ހައިރާންވި ކަމަކީ އެހާ ވަރުން ހެދި އެ ގަވާއިދު މިހާރު "ވަޅުޖެހިފައި" ވާތީ އެވެ. އަމަލު ކުރާނެ އިރެއް ވެސް މިހާރު ނޭނގެނީ އެވެ.

ފުއް ބަސްތާތަކެއް ލޮރީޢަކަށް ބަރު ކުރަނީ. ހަނޑޫ، ހަކުރު ފުށަށް އަންނަނީ ސަބްސިޑީ ދެމުން. އޭގެ ބޮޑު ބައެއް ބޭނުން ކުރަނީ ވިޔަފާރިތަކުން -- ފޮޓޯ: މިހާރު

އެމްއާރްޕީ އަށް އަމަލު ކުރުން ހުއްޓިފައި އޮތް ނަމަވެސް ދާދި ފަހުން ސަރުކާރުން ވަނީ ބޭސް ގަތުމުގައި ބަލްކް ޕްރޮކިއުމަންޓް ނިޒާމެއް ގާއިމް ކުރަން ޔޫއެންޑީޕީއާ އެކު ސޮއިކޮށްފަ އެވެ. އޭގެ ސަބަބުން ބޭހަށް ކުރާ ހޭދައިން ކޮންމެވެސް ވަރެއް ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ.

ކުރިއަށް އޮތީ ރިޔާސީ އިންތިހާބަށް ވެފައި، އަނެއްކާ ވެސް އާންމުންނާ ހަމައަށް ވައުދުތަކާ އެކު ދާން ޖެހޭ އިރު، މިހާތަނަށް ޝައުގުވެރިކަން ފާޅުކުރެއްވި ކެންޑިޑޭޓުންގެ ހުވަފެނީ ވާހަކަތަކުގެ ތެރޭގައި ސަރުކާރުން އިތުރު އެހީތަކާއި އިނާޔަތްތައް ދޭނެ ވައުދު ވަނީ އިތުރެވެ. ނަމަވެސް އެ ފައިސާ ހޯދަނީ ކިހިނެއް ކަން އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް މި ސަރުކާރުން މިހާރު ވަނީ ބޮޑުކޮށްފަ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ވެސް ބޮޑު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވާފަ އެވެ. އެހެންވެ، މި އަހަރު ވެސް ހަރަދުތައް ކުޑަ ކުރުމުގެ ބަދަލުގައި، މިހާރު ކުރަމުން ދާ ހަރަދުތައް ވާނީ ބޮޑެވެ.

ރާއްޖެ އިން މަސައްކަތް ކުރަނީ، ކުރު މުއްދަތެއްގައި އަވަސް ތަރައްގީއެއް ހާސިލު ކުރުމުގެ ވިސްނުމެވެ. އެހެންވެ، ކުރަން ޖެހޭ ހޭދަތައް ބޮޑުވެ، އެ އިރެއްގައި އޮންނަ ސަރުކާރަކަށް ވެސް، ގިނަ ހަރަދުތަކެއް ކުރަން ޖެހުމުގެ ޕްރެޝަރު އާންމުން ވެސް ކުރެ އެވެ. އެ ކަން ހާސިލު ކުރަން ސަބްސިޑީ އިތުރުކޮށް، ހަރަދުތައް ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކުރާ ނަމަ ދަރަނި އަނެއްކާ ވެސް ދާނީ ބޮޑުވަމުންނެވެ. ރައްޔިތުން އަތުން ނަގާ ޓެކްސް ޖެހޭނީ ބޮޑު ކުރާށެވެ.

ރާއްޖޭގެ ސަބްސިޑީ ނިޒާމުން އިސްރާފުވާ ބައި ކުޑަކޮށް، ރަނގަޅު ނިޒާމެއް ގެނެވޭނެ ސިޔާސީ ލީޑަރެއް ނެތި މިކަމަށް ހައްލެއް ނުގެނެވޭނެ ކަމަށް އިގްތިސާދު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެ އެވެ. މިހާރު މުޅި ނިޒާމު ކުރިއަށްދާ ގޮތުން، މި މައްސަލަ އަށް ހައްލެއް ގެނެވޭނެ، ސާފު މަގެއް ނެތެވެ. ސިޔާސީ ލީޑަރުންގެ ކަމަކީ ދައުލަތުގެ ހަރަދު ބޮޑުވާނެ ހުރިހާ ގޮތެއް ބައްލަވައިގެން ވައުދުތައް ވުމެވެ.

17 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 8%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާކިރު

19 June 2023

ދޮންދޫނިމޫސުންއައީ ބަބުކެއޮކިރުތިއާގިވާނެ

The name is already taken The name is available. Register?

ލޮލްް

19 June 2023

އަވައްޓެރި ގައުމުތަކަށް ބިރުން، ދައުލަތަށް އާމްދަނީ އިތުރުކުރަން ސަރުކާރަށް އިތުރުކަމެއް ކުރާކަށް ނުކެރޭ. އަދި އާމްދަނީ އިތުރު ކުރުމަށް ކުރެވޭނީ އިތުރަށް ކޮންކަމެއްތޯވެސް ސަރުކާރުގެވެރިންގެ ބޮލަކަށް ނުވަދޭ. ޖޫރިމަނާ ފައިސާއާއި ޓެކްސް ނޫންގޮތެއް ހޯދަން ޖެހޭ!

The name is already taken The name is available. Register?

ހިމާރުލްގައުމު

19 June 2023

ރައީސް ސާލިހު މަނިކުފާނު ލައްކަ މެގަ ޕްރޮޖެކްޓް ހިންގައިފި. މިސާލކަށް ތަކަންދޫ ސްކޫލަށް ތިން ފޮތް މޮނީޓަރު، ބެރިންމަދޫ ހެލްތް ސެންޓަރަށް ވީލް ބަރޯއެއް، ކޮމަންޑޫ ކޮންމެ ފިރހެނަކަށް ފަޓުލޫނެއް، ގުރައިދޫ ކޮންމެ އަންހެނަކަށް ކަނޑިއްކެއް، މާރަންދޫ ރަށު އޮފީހަށް ފަނިގިރާ ޖަގެއް. މިކަހަލަ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް އެމަނިކުފާނު ހިންގާތީވެ އަޅުގަނޑުމެން ލޮލާ ބޮލުން ރުހި ތައީދު ކޮށްގެން މިތިބީ. ދެންވެސް ހޮވާނި އެ މަނިކުފާނު ބޮޑު ތަނުން.

The name is already taken The name is available. Register?

މީދޫ ދާއިރާގެ ޑަކައިތަ

19 June 2023

ކިހާ ބޮޑު ޕްރޮޖެކްޓްތަކެއްތޯ އެއީ

The name is already taken The name is available. Register?

ށަހާ

19 June 2023

މި މޫސުމް އައީކީ މިއަދެއް ނޫން، ކޮންމެ ފަސްއަހަރަކުން އަންނަ މޫސުމެއް.

The name is already taken The name is available. Register?

އިސްމާލި

19 June 2023

މި ރާއްޖެއަކީ މިހާރު ގެއްލި ހަލާކުވެފައިވާ ތަނެއް. ކޮންމެ މީހަކުވެސް ބޭނުްންވަނީ ލިބުނު ގޮތަކަށް ކާން. ވިޔަފާރިވެރިން ސަރުކާރު ތެރެއިންނާއި ރައްޔިތުން ފެލައިގެން، ސިޔާސީ މީހުން ސަރުކާރު ތެރެއިން، ސިވިލް ސަރވަންޓުން ޕްރޮޖެކްޓުތައް ތެރެއިން، ގިނަ ޒުވާނުން ޑްރަގު ވިއްކައިގެން، އާންމުމީހާ ސަބްސިޑީ ތެރެއިން. ގާސިމު، ޗަންޕާ ސަން ސިޔާމު، ރީކޯ ވެސް ކާޑު ސަބްސިޑީއާއި ކަރަންޓު ސަބްސިޑީ ނަގަނީ. ބިދޭސީން ސަބްސިޑައިޒްޑް މުދަލުން ވިޔަފާރިކޮށް ފައިދާ ރަށަށް.

The name is already taken The name is available. Register?

1206

19 June 2023

ބަޖެޓުގެ ތިންބައިންބައި ސަބްސިޑއަށް ހޭދަކުރީމާ މި ސަރުކާރުގެ އިންއެފިޝަންސީ ވަރަށް ބޮޑަށް ކަށަވަރުވޭ. ފަތުރުވެރިކަމުގެ ސިނާއަތުން ޓެކްސް ފައިސާ ލީކުވާ ކަން މިއީ އެންމެން ދަންނަ ބޮޑު ސިއްރެއް. ނަމުގައި މުއްސަނދިން ގިނައިން ޓެކްސް ދައްކަނީ. އެކަމަކު ހަގީގަތުގައި އާންމުން ދައްކާ ޓެކުހާއި މުއްސަނދިން ދައްކާ ޓެކުހުގައި މާ ބޮޑު ފަރަގެއް ނެތް. ސޭލު އަގުން ދައުލަތަށް ޓެކުސް ދައްކާފައި ރިސޯޓުތަކުން ކުޅެނީ ދަށުން ދަމާ.

The name is already taken The name is available. Register?

ފިރުއައުނު

19 June 2023

އަހަރުމެން މިހާރު މިއުޅެނީ ސިޔާސީ ވެރިންގެ ފޮތުން ކިޔަވައިގެން. ގައުމަކަށް، މުސަތަގުބަލަކަށް ނުވިސްނަން. އެމީހުންވެސް ދައުލަތުގެ ބައިތުލްމާލުން ބޭނުންވަރަކަށްކަނީ. އެހެންވީމާ ރައްޔިތުންނަށް ލިބޭ މިފަދަ ސަބަސިޑީއާއި އިނާޔަތާއި ދެހުރި އެއްޗެއް ކުޑަކޮށްގެންނުވާނެ. ވިޔަކަ ނުވެސްދޭނަން. އެކަމާއުޅެފިއްޔާދެން ޖެހޭނީ ވޯޓުންތަޅާ ބާލަން. ވޯޓުވެސް ވިއްކާނީ. އަހަރުމެންގެ ލާރިން ކަލޭމެން ބޭނުންވަރަކަށް ހަމަ ކަނީ. އަހަރުމެންނަށްވެސް ޖެހޭނީދޭން

The name is already taken The name is available. Register?

އުދުހޭ

19 June 2023

މި މޫސުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުންގެ ސީއެސްއާރު ވަރަށް ތިޔާގި.

The name is already taken The name is available. Register?

ނުވާވައުދު

19 June 2023

އެއްވެސް ކެންޑިޑޭޓަކު ނުވާ ވައުދެއް އޮންނާނެ. އެއީ ރާއްޖޭގެ އޮންލައިން ވިޔަފާރިތައް ކުރިއަރުވަން ޕޯސްޓުގެ ޚިދުމަތް ދިނުން. ޕޯސްޓްގެ ޚިދުމަތަކީ އެންމެ ފެންވަރު ދަށް ޚިދުމަތަށްވިޔަސް އެ ޚިދުމަތް މެދުވެރިކޮށް ވިޔަފާރި ކުރިއަރުވާން ކުރާނެ އެއްވެސް ކަމެއް އަދި ހާމަކޮށްފައި ނެތް. މިޒަމާނުގައި އޮންލައިން ވިޔަފާރިއަކީ އެންމެ ފުޅާ ވިޔަފާރިއަށް ވިޔަސް ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތުގެ ފެންވަރު ދަށްކަމުން އެ ވިޔަފާރި މިވަނީ ވަރަށް ދަށު ދަރަޖައެއްގައި.

The name is already taken The name is available. Register?

ގެވެސް ފްލެޓްވެސް ކުއްޔަށްދީފަ މެލޭސިޔާގައި އުޅޭ މާލޭމީހާ

19 June 2023

"ސިޔާސީ މީހުން ބާރުގަދަ މަގާމުތަކަށް ތަޅާފޮޅަނީ ކީއްވެ؟" މި ސުރުޚީގެ އާޓިކަލެއް ކިޔާލާ ހިތްވޭ.

The name is already taken The name is available. Register?

ހޮޅުއަށީގައި ނިދާސޮރު

19 June 2023

ބޯހިޔަލެއް ނެތިގެން ލިބޭ ފުލެޓް ކުއްޔަށް ދީފައި ގޮސް ބޭރުގައި އުޅެނީ ކީއްވެ؟ މިވެސް ހަމަ ފައްކާ ސުރުޚީއެއް ނޫންތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454