މިއަންމާގެ އަސްކަރީގެ ވެރިޔާ: އާ އަހަރާ ދިމާކޮށް 3،000 ގައިދީންނަށް ވަނީ މައާފް ދީފައި ---
17 އެޕްރީލް 2023 - 13:31
މިއަންމާގެ އާ އަހަރުގެ މުނާސަބަތުގައި 3،000 އަށް ވުރެ ގިނަ ގައިދީންނަށް މައާފް ދޭން އެ ގައުމުގެ އަސްކަރީ ސަރުކާރުން ނިންމައިފި އެވެ.
މިއަންމާގެ ކުރީގެ ލީޑަރު އަން ސަންގް ސޫކީއާ ދެކޮޅަށް 2021 ވަނަ އަހަރު ގެނައި އަސްކަރީ ބަޣާވާތާ ދެކޮޅަށް ނިކުތް އެތައް ހާސް ބަޔަކު މަރާލައި އަދި އެތައް ހާސް ބަޔަކު އަސްކަރިއްޔާއިން ހައްޔަރު ވެސް ކުރި އެވެ.
އަސްކަރީ ސަރުކާރުގެ އިސްވެރިން ބުނިގޮތުގައި މިއަންމާގެ އާ އަހަރުގެ މުނާސަބަތުގައި މައާފްދީ ދޫކޮށްލަން ނިންމި 3،000 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި 98 ބިދޭސީއަކު ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަސްކަރިއްޔާއިން ހާމައެެއް ނުކުރެ އެވެ.
އެހެން ނަމަވެސް މިއީ އަސްކަރީ ބަޣާވާތުގެ ކުރިން އެކި މުނާސަބަތުތަކުގައި މިއަންމާގައި ގައިދީން މިނިވަން ކުރާ މިންވަރަށް ވުރެ މަދު އަދަދެކެވެ. ކުރިން ބައެއް މުނާސަބަތުތަކުގައި 23،000 އަށް ވުރެ ގިނަ ގައިދީން މިނިވަން ކޮށްފައިވެ އެވެ.
މިއަންމާގައި ތިބި ސިޔާސީ ހުރިހާ ކުށްވެރިން މިނިވަން ކުރަމުން އެކި ގައުމުތަކުން ގޮވާލަމުން ދިޔަޔަސް، އިދިކޮޅު ލީޑަރު ސޫކީ އަދިވެސް ހުންނެވީ ބަންދުގަ އެވެ. އޭނާގެ މައްޗަށް އެތައް އަހަރެއްގެ ޖަލު ހުކުމްތައް އިއްވާފައިވާއިރު، އިތުރު ދައުވާތައް ވެސް ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
17 April 2023
އެއްވެސް މީހަކަށް މަޢާފް ނުދިނަސް ހެޔޮ، ރާއްޖޭގަވެސް ރ ޔާމީނަށް މަޢާފް ދެނިކޮށް ހެޔޮ، އޭރުން އިންސާފު ގާއިމު ކުރެވުނު ކަމަށް ގަބޫލުކުރެވޭނީ، ރ ޔާމީނަކީ މައުސޫމު ބޭފުޅެއް.
ކާއްޑަ
17 April 2023
ތިއުޅެނީ އަންނިހެދޭން.