ނަޝީދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ: ސެކިއުރިޓީ ދަށްކުރަން ދައްކާ ވާހަކަތަކުން އެމަނިކުފާނަށް ބިރު އޮތް ކަަމަށް އިންތި ތުހުމަތުކުރައްވާ.
20 އެޕްރީލް 2023 - 14:04
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށް، އެކަމާ ދެކޮޅަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާހަކަ ދެއްކެވުމަކީ އިތުރު ހަމަލާއެއްގެ ބިރު އޮތް ކަމެއް ކަމަށް ބުނެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.
ނަޝީދަށް އިތުރު ހަމަލާއެއް ދޭން ދުރާލައި ރާވަމުންދާ ކަމަށް ތުހުމަތު ކުރައްވައި މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
އެ ސިޓީގައި އިންތި ވިދާޅުވީ ބޮމެއް ގޮއްވާލައި ފުރާނަ ނުރައްކަލަކަށް ހުށަހެޅުނު ނަޝީދަށް ދައުލަތުން ފޯރުކޮށްދޭން މަޖުބޫރުވި ސެކިއުރިޓީ ހުއްޓާލަން ބާރުއަޅައި ރޮޒައިނާ އާއި އަނދުން ހުސެއިން ތަކުރާރުކޮށް ގެންދަވަނީ ވާހަކަ ދައްކަވަމުން ކަމަށެވެ.
އޭނާ އިޝާރާތް ކުރެއްވީ ދައުލަތުން ބޮޑު ހޭދައެއްކުރައްވާ ވެރިއަކު ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަމަލުކުރައްވާ ކަމަށް ވިދާޅުވެ، މަޖިލީހުގައި ރޮޒައިނާ އާއި އަނދުން ހުސެއިން ދައްކަވާ ވާހަކަތަކަށެވެ. ދައުލަތުން ނަޝީދަށް ހޭދަކުރައްވާ ފައިސާގެ އަދަދުގެ ތަފްސީލްތަކާ ހަވާލާދެއްވައި އަނދުން ހުސެއިން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނަޝީދުގެ ސެކިއުރިޓީއާ ހަމައަށް ބަހުގެ ހަމަލާތައް ބަދަލުވީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެމްބަރުންނާއި ނަޝީދުގެ އަރިސް މެމްބަރުން، ހިމެނޭ "ފިކުރެއްގެ ދިރުމުގެ" އަރައިރުންވުންތަކުގެ ތެރޭގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމްއާ ވާހަކަދައްކަވަނީ.
ފުލުުހަށް ހުށަހެޅި މައްސަލާގައި އިންތި ވިދާޅުވީ ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލައާ ގުޅިގެން މިހާތަނަށް އިންސާފު ނުލިބި ވަނިކޮށް، ނުފޫޒުގަދަ އެ ދެ މެމްބަރުން އެގޮތަށް ވާހަކަ ދެއްކެވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެ މައްސަލަ މޮނިޓާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވި މަންދޫބު، އައްބާސް ފާއިޒް ވެސް މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވިދާޅުވި އެވެ.
"އެ ނުރައްކާތެރި ހަމަލާ ރައްދުކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ނުރައްކާ އޮތް މިންވަރު "ކްރިޓިކަލް" ލެވެލްގައި ވަނިކޮށް އެ ހަމަލާއިން ރައްކާތެރިކަން ފޯރުކޮށްނުދެވުމުންކަން އިންކުއަރީ ރިޕޯޓުން އެނގެ އެވެ،" ފުލުސް އޮފީހަށް އިންތި ހުށަހެޅުއްވި ސިޓީގައި ވެ އެވެ.
މިހެން އޮއްވައި ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމާ ދެކޮޅަށް 241 ކޮމިޓީގެ ނައިބު މުގައްރިރު، އަނދުން ހުސެއިނާއި ރޮޒައިނާ އެކި ފޯރަމްތަކުގައި ވާހަކަ ދެއްކެވުމަކީ ނުބައި ރޭވުމެއް އޮތް ކަމެއް ކަމަށް އިންތި ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ރޮޒައިނާ ވާހަކަ ދައްކަވާއިރު ނަޝީދާއި އެހެން މެމްބަރުން އަޑުއައްސަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ސިޓީގައި އިންތި ވިދާޅުވީ ސަރުކާރާ ގުޅުން އޮންނަ އަދި ނުފޫޒު ގަދަ މަގާމްތަކުގައި ތިއްބެވި ދެ ބޭފުޅުންނަކީ ނަޝީދާ މެދު މަތީ ދަރަޖައެއްގެ ރުޅިވެރިކަމާއި ނަފްރަތު އޮންނަކަން އެނގޭ ގޮތަށް ބަސްތައް ރައްދުކުރައްވަމުން ގެންދަވާ ދެ ބޭފުޅުން ކަމަށެވެ.
"... އަދި އެގޮތަށް ވާހަކަފުޅު އެ ދައްކަވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކުރެއްވުމުގެ ބޭނުންފުޅުގައި ކަމަށް ގަބޫލުކުރެވެ އެވެ. އަދި އެ މަގުން މަސައްކަތް ކުރައްވައި، ސެކިއުރިޓީ ދަށްކުރުން އެ ބޭފުޅުންނަށް ކާމިޔާބުވެއްޖެ ނަމަ އެމަނިކުފާނު އިތުރު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަން އެ ބޭފުޅުންނަށް ޔަގީންވާތީ ކަމަށް ގަބޫލުކުރެވެ އެވެ،" ސިޓީގައިވެ އެވެ.
އިންތި އެދިވަޑައިގަތީ އެކަމުގެ ހަގީގަތް ބައްލަވައި ޖިނާއީ އަމަލެއް އެކުލެވޭ ނަމަ އެކަން ތަހުގީގު ކޮށްދެއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީގެރައީސް
21 April 2023
ރައީސް ކަންކޮށްފަ ތިއްބަވާ ބޭފުންނަށް ބޮޑު ޚަރަދު ކުރަންޖެހުމާއި ދެކޮޅަށް ރައީސް ނަޝީދު ވާހަކަ ދައްކަވާފައި އެމަނިކުފާނު އަމިއްލަ ޚަރަދު ހައްދުން ނެއްޓޭ މިންވަރަށް ބޮޑުކޮށް ހުރެމެ، އަދި އޮޑިޓް އިން އެކަންކަން ފާހަގަ ކުރެވުމުންވެސް އެކަމަކީ ރަގަޅު ކަމެއް ގޮތަށް ދައްކަވަން ކުރައްވާ ކަންކަމަކީ ދެރަވަރު ކަންކަން ދެއްތޯ. ރ.މައުމޫނުގެ ޚަރަދު ބޮޑުވީމާ ގޯސްވެފައި ތިމަންމަނިކުފާނުގެ ޚަރަދު އަތްނުފޯރާ ހިސާބުގައި ހުރުން އެއީ ހަމަ ގޯހެއް ދެއްތޯ
ކުރުސީ
21 April 2023
މީޑިއާގައި ގަދައަށް "ހަސަން ކުރުސީ" ގެ ވާހަކަ ދެކެވެންޖެހޭނެ. އެހެން ނޫނީ ސިޔާސީ މައިދާނުން އެކަހެރިވެ ގެއްލިގެން ހިނގައިދާނެކަން ޚުދު ކުރުސީގެ ބްލައިންޑް ފޮލޯވާރސް އަށް ޔަޤީންވާތީވެ ޕެޓިޝަނާއި ދެންނެވުމާއި އިލްތިމާސާއި ނަސޭހަތާއި ޝަކުވާތަކާއި ސިޓީތަކުން މީޑިއާ ބަންޑުން ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެތާ
ކުރުސީ
21 April 2023
ޑިމޮކުރަސީގެ ބައްފަ އޯ ހަހަހަ
މަތީނު
21 April 2023
މިކަމަކާ ޑިމޮކްރަސީއަކާ ކޮން ގުޅުމެއް ހުރީ؟
އަސްލު...
20 April 2023
އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައިގެން އެންޑީޕީ އަށް ގެއްލުންދެމުން ދާއިރު އަޅާވެސްނުލާ ބެހެއްޓީމަ މިހާރު އެމްޑީޕީ މެމްބަރުންނަށް ގެއްލުމެއްދެވޭތޯ މިހާރު އެފަތުރާ ދޮގު ބަލާލާ. 25 މިލިއަން އަހަރަކަށް އެއްފަރުދަކަށް ޚަރަދު ކުރުމުގެ ގާބިލުކަމެއް ދައުލަތުގަ ނެތް...
ކޮއްތު މީ
20 April 2023
އެ ދެ މީހުންނަކީ އެއްކަހަލަ ދެ މީހުން! އަދި ވަރަށް ބޭކާރު ވާހަކަ ދައްކާ އަނގަ ވަރަށް ގަދަވާނެ@ މަ ވެސް ވަރަށް ފޫހި
އެކަލޯ
20 April 2023
އެމްޑީޕީ ހަމަ މަގަށް އެޅުވުމަށްޓަކައި ރުޒޭނާމެންފަދަ ޑީއާރުޕީ ފިކުރު މެންބަރުން ބޭރުކުރަންޖެހޭ. އެމަޑީޕީ އަށް ޖެހިގެން އުޅޭ ހުރިހާވެސް ވަބާއަކީ ކުރީގެ ޑީއާރުޕީ ފިކުރު.
އ
20 April 2023
މަތީ ދަރަޖައިގެ ރުޅިވެރިކަމާ ހަސަދައާއި ނަފްރަތު އޮތީވެސް ނަޝީދުގެ ހިތުގައި.... މިހިސާބައް ކަންކަން އަންނަން ޖެހުނީވެސް ނަޝީދާހުރެ... ޕާޓީގެ ވެރިކަން ދެވަނަ ފަހަރައް ގެއްލެން މިދަނީވެސް ނަޝީދާހުރެ....
ކުރުސީ ލައިޓް
20 April 2023
އިގިރޭސި ވިލާތުން މީނަގެ ފޯނު ގެއްލުނު ހިސާބުން މީނަ އަށް ކުރާ އިތުބާރު ގެއްލިއްޖެ.
ޣގއގ
20 April 2023
ތި ރޮޒޭނާ ބޭރުކުރޭ އެމްޑީޕީން.
ވިކިލީކްސް
20 April 2023
ވެރިކަންކުރިއެކޭ ކިޔާފަ ބަޔަކުމީހުން އަމިއްލައަށް ގާނޫނެއް ހަދައިގެން ވެރިންނަށް ކޮންމެ މަހަކު އިނާޔަތްތަކޭ ކިޔައި މުޅި އާއިލާގެ ކެއިންބުއިމާ ޔުޓިލިޓީ ބިލްތަކާ ރާއްޖޭން ބޭރުން ބޭސްފަރުވާ ދޭކަށް ނުޖެހޭނެ. ޓެކުހުގެ ނަމުގަ ރައްޔިތުން ފެލައިގެން ގަދަބަރުން ގާނުނެއްގެ ދަށުން މަޖުބޫރު ތިކުރުވަނީ ކަލޭމެންގެ ހަރަދުތައް ބަލަހައްޓަން އެމީހުންގެ އަތުން ޓެކުސް ދައްކަން. ބަލަ ރައްޔިތުންގެ ފައިސާއިން ވައްކަމެ ތިޔަކުރަނީ. އެކަން ނުވެދާނެތީ ހެޑްލައިން ހަދަނިތަ؟