ދުނިޔެ / ރޭޕް

ޓްރަމްޕުގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ވ) އާއި އޭނާ ރޭޕްކުރި ކަމަށް ބުނާ އެމެރިކާގެ އެލް މަޖައްލާގެ ކުރީގެ ކޮލަމިސްޓެއް ކަމަށްވާ އީ ޖޭން ކެރޯލް

27 އެޕްރީލް 2023 - 12:04

4 comments

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އެމެރިކާގެ ކުރީގެ މަޝްހޫރު ކޮލަމިސްޓެއް ރޭޕްކުރި ކަމަށް ބުނެ، އޭނާގެ ފަރާތުން ޓްރަމްޕާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މަދަނީ މައްސަލައިގެ ޝަރީއަތް، މެންހަޓަންގެ ފެޑެރަލް ކޯޓުގައި އިއްޔެ ފަށައިފި އެވެ.

އެމެރިކާގެ އެލް މަޖައްލާގެ ކުރީގެ ކޮލަމިސްޓެއް ކަމަށްވާ އީ ޖޭން ކެރޯލް، 79، ތުހުމަތުކުރާ ގޮތުގައި ރައީސް ޓްރަމްޕު އޭނާ ރޭޕްކުރީ 1990ގެ މެދުތެރޭ އަހަރެއްގަ އެވެ. ކެރޯލް ބުނާ ގޮތުގައި ޓްރަމްޕު އޭނާ ރޭޕްކުރީ، މެންހަޓަންގެ ފިފްތު އެވެނިއު ކިޔާ މަގުގައި ހުންނަ ޑިޕާޓްމަންޓް ސްޓޯރެއް ކަމަށްވާ ލަގްޒަރީ ބާގްޑޯފް ގުޑްމަންގައި ހުންނަ، ހެދުން ހެޔޮވަރުކުރާ ކޮޓަރީގެ ތެރޭގަ އެވެ.

ކޯޓުގައި އިއްޔެ އޮތް ފުރަތަމަ އަޑު އެހުމުގައި އެ މައްސަލައިގައި ގޮތް ނިންމަން ތިއްބެވި ޖޫރީންގެ ހާޒިރުގައި، ކެރޯލް ވަނީ އޭނާ އަށް ޓްރަމްޕުގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާގެ އަމަލުތައް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

އެޕްރީލް 25، 2023؛ އެމެރިކާގެ އެލް މަޖައްލާގެ ކުރީގެ ކޮލަމިސްޓެއް ކަމަށްވާ އީ ޖޭން ކެރޯލް، 79 (މ)، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ހުށަހަޅާފައިވާ ރޭޕްގެ ދައުވާގެ އަޑުއެހުމަށް މެންހަޓަންގެ ފެޑެރަލް ކޯޓަށް ހާޒިރުވުމަށް ފަހު އޭނާގެ ވަކީލުންނާއެކު ކޯޓުން ނުކުންނަނީ. --އޭއެފްޕީ

"އަހަރެން މިއަދު މިތަނުގައި ހުއްޓި މިހުރީ، ޑޮނަލްޑް ޓްރަމްޕު އަހަރެން ރޭޕްކޮށްފައިވާތީ، އަދި އަހަރެން އެކަމާ ބެހޭ ގޮތުން ލިޔުމުން، އޭނާ އެކަމަށް ދޮގު ހަދައި، އެއީ ނުހިނގާ ކަމެއް ކަމަށް ބުނެފައިވާތީ. އޭނާ ދޮގުހަދައި އަހަރެންގެ އަބުރު ކަތިލައިފި. އަހަރެން މިއަދު މިތަނުގައި މި ހުރީ އެ މައްސަލައިގައި ދައުވާކޮށް، އަހަރެންގެ ދިރިއުޅުން އަނބުރާ ހޯދަން ބޭނުންވާތީ،" ޖޫރީންގެ ކުރިމަތީގައި ކެރޯލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓްރަމްޕުގެ ޖިންސީ ހަމަލާތައް އޭނާއާ ކުރިމަތިވީ، ޓްރަމްޕު އެ ފިހާރައިން ގަންނަން އުޅުނު އެއްޗަކާ ބެހޭ ގޮތުން އޭނާއާ ސުވާލުކުރުމުގެ ބަހަނާގައި، އޭނާއާ ގާތްވުމަށް ފަހު އެވެ. މިހާރު އުމުރުން 79 އަހަރުގެ ކެރޯލް ބުނާ ގޮތުގައި ޓްރަމްޕު އޭނާ ރޭޕްކުރުމުން، އޭގެ އަހަރުތަކެއް ފަހުން އޭނާ އެ ހާދިސާގެ ވާހަކަ އާންމު ކުރުމާއެކު، ޓްރަމްޕު ވަނީ އެކަމަށް އިންކާރުކޮށް އޭނާގެ އަބުރު ނަގާލައިފަ އެވެ.

ކެރޯލް ބުނި ގޮތުގައި އެ ފިހާރައިގެ ތެރެއިން ޓްރަމްޕާ ދިމާވި އިރު، ޓްރަމްޕު އުޅުނީ ކޮންމެވެސް އެހެން އަންހެނަކަށް ލިންގެރީއެއް (އަޑިން ލާ އަންނައުނު ޖޯޑެއް) ގަތުމަށް، އޭގެ ޖޯޑެއް ނަގައިގެންނެވެ. އަދި އެއީ އަންހެނަކަށް ދޭން ކަމުދާ ހަދިޔާއެއްތޯ ޓްރަމްޕު އަހައި، އޭނާގެ ލަފާ ހޯދި ކަމަށް ކެރޯލް ބުންޏެވެ.

އެމެރިކާގެ އެލް މަޖައްލާގެ ކުރީގެ ކޮލަމިސްޓެއް ކަމަށްވާ އީ ޖޭން ކެރޯލް

އެއަށް ފަހު އެ ލިންގެރީ ހެޔޮވަރުތޯ ބަލައިދިނުމަށް އެދެމުން، ޓްރަމްޕު އޭނާ ގޮވައިގެން ފިހާރައިގެ ހެދުން ހެޔޮވަރުކުރާ ކޮޓަރި ކައިރިއަށް ގެންގޮސް އެ ކޮޓަރި ތެރެއަށް ވަނީ އެވެ. ދެން އެ ކޮޓަރީގެ ދޮރު ލައްޕައި ތަޅުލުމަށް ފަހު، ފާރުގައި ޖައްސައި ފިއްތައިލުމަށް ފަހު، ގަދަ ހަދަހަދާ ހުއްޓައި އޭނާ ރޭޕްކުރީ ކަމަށާއި، ޓްރަމްޕުގެ ކިބައިން ސަލާމަތް ވެގެން އެ ކޮޓަރިން ނުކުމެވުނީ ދެތިން މިނެޓް ފަހުން ކަމަށް ވެސް ކެރޯލް ބުންޏެވެ.

"މިއަދު އަހަރެން މިތަނުގައި އިންނަ އިރު، އެ ވޭން މިއަދު ވެސް އަހަރެންނަށް އެބަ އިހްސާސް ކުރެވޭ. އެ ހާދިސާގެ ފަހުން، އަހަރެންނަށް ލޯބީގެ ހަޔާތެއް ދުވަހަކު ވެސް ލިބިފައެއް ނެތް."

ކެރޯލްގެ އެ ވާހަކަތަކަށް ފަހު އޭނާގެ އެ ދައުވާ ސާބިތުކޮށްދިނުމުގެ ގޮތުން އޭނާގެ ވަކީލުން އޭނާއާ ސުވާލުތަކެއް ކުރި އެވެ. އެ ކޮޓަރި ތެރެއަށް ވެއްދުމަށް ފަހު ޓްރަމްޕު އެ އަމަލު ހިންގަން އުޅެން ފެށުމުން، އެ ކަމަށް ދެކޮޅު ހަދައި ނޫނެކޭ ބުނިންތޯ ސުވާލު ކުރުމުން، ކެރޯލް ބުނީ އެ ގޮތަށް ބުނެވިފައި ވެދާނެ ކަމަށާއި މުޅިން ޔަގީން ނުވާ ކަމަށެވެ.

ކެރޯލް ބުނި ގޮތުގައި ޖިންސީ ގޯނާގެ އިތުރުން، އޭނާގެ އަބުރަށް ވެސް އަރައިގަނެ ޓްރަމްޕު ވަނީ މާއްދީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް އޭނާ އަށް ދީފަ އެވެ.

"އަހަރެން މިތަނުގައި މިއިނީ ސިޔާސީ މަންފާއެއް ހޯދާކަށް ނޫން. އަހަރެން މިއިނީ އަހަރެންގެ އަމިއްލަ ކަމެއްގައި. ސަބަބަކީ އަހަންނަކީ ދޮގުވެރިއެއް ކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވާތީ. އޭނާގެ އެ ބުނުންތަކުގެ ސަބަބުން ހަގީގަތުގައި ވެސް އަހަރެންގެ އަބުރު ގެއްލިއްޖެ."

ކެރޯލް ބުނި ގޮތުގައި އޭނާއަކީ ދޮގުވެރިއެއް ކަމަށް ޓްރަމްޕު ބުނުމާ ގުޅިގެން، އޭނާ މަސައްކަތް ކުރަމުން އައި އެލް މަޖައްލާ އިން އޭނާ ވަޒީފާ އިން ވަކިކުރި އެވެ. އޭގެ ސަބަބުން އަށް މިލިއަން ކިޔުންތެރިން އޭނާ އަށް ގެއްލުނު ކަމަށާއި، އަދި އޭނާއަކީ ހަގީގަތުގައި ވެސް ދޮގުވެރިއެއް ކަމަށް އެހެން މީހުން ވެސް ގަބޫލުކުރަން ފެށި ކަމަށް ކެރޯލް ބުންޏެވެ.

މި މައްސަލަ ސާބިތުކުރުމަށް ކެރޯލްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި، އެ ހާދިސާ ކުރިމަތިވި ދުވަސްވަރު އޭނާ އެ ވާހަކަތައް ކިޔައިދިން އޭނާގެ ދެ ރަހުމަތްތެރިއަކު ހިމެނެ އެވެ. އޭގެ އިތުރުން ދެން ހުށަހަޅާފައިވަނީ، ޓްރަމްޕުގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިވެފައިވާ އެހެން ދެ އަންހެނެކެވެ.

މި ހާދިސާއާ ގުޅިގެން ކެރޯލްގެ ފަރާތުން ހުށަހަޅާފައިވަނީ މަދަނީ ދައުވާއަކަށް ވާތީ، މަދަނީ ދައުވާތަކުގައި ދައުވާ ލިބޭ މީހާ ހާޒިރުވާން ނުޖެހޭތީ، އިއްޔެގެ އަޑުއެހުމަށް ޓްރަމްޕު ހާޒިރެއް ނުވެ އެވެ. ކޯޓަށް ހާޒިރުނުވި ނަމަވެސް، ކެރޯލްއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިއްޔެ ވެސް ޓްރަމްޕު ވަނީ ވާހަކަ ދައްކައިފަ އެވެ.

"އޭނާ ހަޅޭކެއް ނުލަވާ. އެކަމަށް ހެކިވާނެ އެކަކު ވެސް ނެތް. އެމަންޒަރު ފެނުނު ހެކިވެރިއަކު ނެތް،" ޓްރަމްޕު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައި އިއްޔެ ލިޔުއްވި އެވެ.

ކޯޓަށް ވަޑައިނުގެން އެ މައްސަލައާ ބެހޭ ގޮތުން ޓްރަމްޕު ވާހަކަ ދައްކަވާތީ، މި މައްސަލަ ބައްލަވާ ފަނޑިޔާރު ލުއިސް ކެޕްލަން އިއްޔެ ވަނީ، ޓްރަމްޕު އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވާ ނަމަ، ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ، ޓްރަމްޕުގެ ގާނޫނީ ވަކީލުންނަށް އިންޒާރު ކުރައްވައިފަ އެވެ.

ކެރޯލްގެ މި ދައުވާގައި ގޮތެއް ނިންމުމަށް މިހާރު ވަނީ ނުވަ ޖޫރީންގެ މައްޗަށް އެކުލެވޭ ޕެނަލްއެއް ކަނޑައަޅައިފަ އެވެ. އެއީ ހަ ފިރިހެނުންނާއި ތިން އަންހެނުންނެވެ. ގާތްގަނޑަކަށް ދެ ހަފުތާއަށް ދެމިގެންދާނެ ކަމަށް ބެލެވޭ މި މައްސަލައިގައި، ޓްރަމްޕު ކުށްވެރިވާކަން ނުވަތަ ނުވާކަން އަދި ކެރޯލް އަށް ލިބުނު ގެއްލުމުގެ ބަދަލަށް ދޭންޖެހޭނީ ކިހާ މިންވަރެއްކަން ވެސް ކަނޑައަޅާނީ ޖޫރީންނެވެ.

4 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޥަޓް

29 April 2023

އެމެރިކާގަ މިހާ ދުވަސްވެފަ ހުންނަ މިކަހަލަ މައްސަލަވެެސް ކުރިޔަށްދޭދޯ. ރާއްޖޭގަ ނަމަ މިއީ މިހާރު ދެން ނުވާ ކަމަކަށް ބަލާފާނެ. އެމެރިކާއަށް ވުރެ ވެެސް ކުރީގަ ރާއްޖެ އުޅެނީ.

The name is already taken The name is available. Register?

2000

29 April 2023

ރާއްޖޭގައި ކުރާ ކަހަލަ ރޯޔަލް ރޭޕެއް ނޫންތަ ކުރީކީ

The name is already taken The name is available. Register?

ޓުރިމްކޯލް

27 April 2023

ޓްރަންޕަކީ ރަނގަޅު މީހެއްނޫން، އެކަމަކު ޓޮރަމްޕް ކައިރިން ސަލަމަތްވެގެން ޗޭންޖިން ރޫމުން ތިމަންނައަށް ނިކުމެވުނީ 2 މިނިޓުން ކަމަށާއި އޭރު ތިމަންނަ ރޭޕްކޮށްފިކަމަށް ކޯލް ބުނާވާހަކައަކީވެސް ސުވާލު އުފެދޭގޮތައް ދައްވާ ވާހަތައެއް.

The name is already taken The name is available. Register?

2 މިނެޓު

29 April 2023

2 މިނެޓުން ރޭޕް ނުކުރެވެންވީ ކީއްވެ. 5 ސިކުންތު ވިޔަސް ރޭޕް ވާނީ ރޭޕަށް. ސިކުނޑީގަ ތެއްކަމެއް ނެތަސް ކޮމެންޓް ކުރާތި. މިމީހުންނަށް ރޭޕް ދަސްވެފަވަނީ ފިލްމް ތަކުގަ ދައްކާ ގޮތަށް ކަންނޭގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454