ކުޅިވަރު / ވޮލީބޯޅަ

ސިފައިން ސެމީއާ ގާތަށް، އެމްޕީއެލް އަށް ފުރަތަމަ މޮޅު

މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ސިފައިން އޮތީ ގުރުޕް ބީގެ އެއްވަނައިގައި.-- ފޮޓޯ: ވީއޭއެމް

06 މެއި 2023 - 14:13

އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ ސިފައިން) ދެވަނަ މެޗުން ވެސް މޮޅުވެ ސެމީގެ ފުރުސަތު ބޮޑުކުރި އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ހުޅުމާލޭ އާބަންކޯ ވޮލީ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގުރޫޕް ބީގެ ސިފައިން ވަނީ ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-20، 25-20 އަދި 25-19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމަށް ކުޅޭ ސްރީލަންކާގެ ސްޕައިކަރު ކަވިޝްކާ މަދުޝަންކަ އެވެ.

ހަތަރު ޓީމު ހިމެނޭ ގުރޫޕް ބީގެ ސިފަން ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށްފަ އެވެ. މިއާ އެކު އެޓީމު އޮތީ ހަ ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނައިގަ އެވެ. ސިފަިން އަތުން ބަލިވި ވެމްކޯ ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި 3-1 ސެޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޓީމު ބަލިކޮށްފަ އެވެ.

އެމްއޭސީއެލް ބަލިކޮށް އެމްޕީއެލް ވަނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފައި.-- ފޮޓޯ: ވީއޭއެމް

ފަސް ޓީމު ހިމެނޭ ގުރޫޕް އޭ ގައި ވާދަކުރާ އެމްޕީއެލް ކުޅުނު ފުރަތަމަ ދެ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. ރޭ ކުޅުނު މެޗުން އެމްޕީއެލް މޮޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ވާދަކޮށް 3-1 ސެޓުންނެވެ. އެމްއޭސީއެލް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

ފުރަތަމަ ދެ ސެޓު އެމްޕީއެލް ގެންދިޔައީ 25-20 އަދި 25-14 އިންނެވެ. ފޯރި ގަދަ ކުޅުމަކަށް ފަހު ވަރަށް ހިތްވަރުން ތިންވަނަ ސެޓް އެމްއޭސީއެލް އިން 29-27 އިން ގެންދިޔަ ނަމަވެސް އެމްޕީއެލް އިން ވަނީ ހަތަރުވަނަ ސެޓް 25-19 އިން ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ އަލީ އާމިރު (ދިގު އައްޔަ) އެވެ.

ގުރޫޕް އޭގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ އާބަންކޯ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާބަންކޯގެ ތިންވަނަ މެޗުގައި މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އާ ވާދަކުރަން އޮތް ނަމަވެސް ވިއްސާރައިގެ ސަބަބުން އެ މެޗު ވަނީ ފަސްކޮށްފަ އެވެ. ފަސްކުރި މެޗު ކުޅެން މިހާރު ތާވަލް ކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރަށެވެ.

މި ގުރޫޕްގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފައިވާ ސްޓެލްކޯ އަށް ވެސް އާބަންކޯއާ އެއްވަރަށް ހަ ޕޮއިންޓް ލިބިފައި ވާއިރު، ތިންވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަމައެކަނި މެޗު ވެސް ކާމިޔާބު ކޮށްފައިވާ ޕޮލިސް ޓީމެވެ. ރޭގެ މެޗު ކާމިޔާބު ކުރި އެމްޕީއެލް އޮތީ ހަތަރުވަނައިގަ އެވެ.

މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ސްޓެލްކޯ އާއި އާބަންކޯ އެވެ. އަދި މިރޭ 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ އެފްއެސްއެމް އާއި ކަރެކްޝަންސް އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454