ކުޅިވަރު / ވޮލީބޯޅަ

ޕޮލިހާއި ވެމްކޯ ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފި

ޕޮލިހާއި ވެމްކޯ ވަނީ ރޭގެ މެޗުތައް ކާމިޔާބު ކޮށްގެން ސެމީ ފައިނަލުން ޖާގަ ހޯދާފައި.-- ފޮޓޯ: ވީއޭއެމް

09 މެއި 2023 - 09:46

މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް/ ޕޮލިސް) އާއި ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޓީމް، "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަތުން ވެމްކޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުން ކޮންމެ ޓީމެއް މޮޅުވިއަސް، އެޓީމަކަށް ގުރޫޕް ބީގެ ދެވަނަ ޔަގީން ވާނެ އެވެ. އެފްއެެސްއެމްގެ ޓީމުން ރަނގަޅު ވާދައެއް ކުރި މި މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-22، 25-22 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯ ޓީމަށް ކުޅޭ، ރާއްޖޭގެ ވޮލީބޯޅައިގެ ތަޖުރިބާ ހޯދާފައިވާ އިންޑިއާގެ ވިނީތު ކުމާރެވެ.

ޕޮލިހާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވަނީ ފުރަތަމަ ދެ ސެޓުގައި ރަނގަޅު ވާދައެއް ކޮށްފަ އެވެ. ނަމަވެސް ޕޮލިހުން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ދެ ސެޓް ގެންދިޔައީ 28-26 އަދި 25-21 އިންނެވެ. ތިންވަނަ ސެޓް ގެންދިޔައީ ފަސޭހަ ކަމާއެކު 25-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ޓީމަށް ކުޅޭ އިންޑިއާގެ ހިމާންޝޫ ތިޔާގީ އެވެ.

އެމްޕީއެލް މި މެޗު ކާމިޔާބު ކުރި ނަމަ އެޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ ކުޑަ އުންމީދެއް ލިބުނީހެވެ. ނަމަވެސް މެޗުން ބަލިވެ، އެޓީމަށް ގުރޫޕް ސްޓޭޖު ނިންމާލަން ޖެހުނީ ހަތަރުވަނައިގަ އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކަށް ފަހު ވަނީ ގުރޫޕް ސްޓޭޖު ފަހަނައަޅައި، ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ހޯދި ޓީމުތައް ޔަގީން ވެފަ އެވެ. ފަސް ޓީމު ހިމެނޭ ގުރޫޕް އޭ އިން ޕޮލިސް ޓީމު ސެމީގެ ޖާގަ ޔަގީން ކުރީ މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. މި ގުރޫޕުގައި ހިމެނޭ އާބަންކޯ ވެސް ވަނީ ކުޅުނު ތިން މެޗު ކާމިޔާބު ކޮށް ސެމީގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.

ނަމަވެސް ގުރޫޕްގެ އެއްވަނަ ޓިމެއް ކަނޑައެޅޭނީ މިރޭ 8 ޖަހާއިރު އާބަންކޯ އާއި ޕޮލިސް ބައްދަލުކުރާ މެޗަށް ފަހު އެވެ. މިއީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅެން ބާކީ އޮތް ހަމައެކަނި މެޗެވެ.

ގުރޫޕް އޭގައި ދެން ވާދަކުރި ސްޓެލްކޯ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފައި ވާއިރު އެމްޕީއެލް އަށް ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ. އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.

ވެމްކޯ ސެމީ އަށް ދަތުރުކުރީ ހަތަރު ޓީމު ހިމެނޭ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ބަލިވެފައި ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން އެއްވަނަ ހޯދި މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ ސިފައިން)ގެ ޓީމު އަތުންނެވެ. މި ގުރޫޕުގައި ހިމެނޭ އެފްއެސްއެމް އަށް އެންމެ މެޗެއް ކާމިޔާބު ކުރެވުނުއިރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454